ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޕްރިމިއާ ލީގު: ޗެލްސީ، ލިވަޕޫލް އަދި ސިޓީގެ ވާދަވެރިކަށް ކުރިއަށް

ހާޓްފޯޑްޝަޔާ، އިންގްލެންޑް، (ޑިސެމްބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް ވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ތާވަލުގެ ކުރީގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ޕްރިމިއާ ލީގު ޓޭބަލްގެ އެންމެ ކުރީގައި މި ތިން ޓީމުގެ ވެސް ތަފާތަކީ އެންމެ ޕޮއިންޓެކެވެ. އެއްވަނައިގައި 33 ޕޮއިންޓާ އެކު ޗެލްސީ ލީޑު ކުރާއިރު، 32 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ސިޓީ އެވެ. އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް 31 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ޗެލްސީން ރަށުން ބޭރުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-1 ގެ ހަނި ތަފާތަކުންނެވެ.

އެންޓޯނިއޯ ރުޑިގާ އާއި މާކޮސް އޮލޮންސޯ އަދި ކައި ހަވާޓްޒް ގުޅިގެން އުފެއްދި އެޓޭކެއްގައި ޗެލްސީއަށް ލީޑު ނަގައިދިނީ 32 ވަނަ މިނިޓުގައި މޭސަން މައުންޓެވެ. ނަމަވެސް ޗެލްސީގެ މެދުތެރޭން ގެއްލުނު ބޯޅައެއް ވަޓްފޯޑުގެ މޫސާ ސިސޯކޯ، ކުރިޔަށް ދުވެ އެމަނުއެލް ޑެނިސް އަށް ޖައްސާލުމުން އޭނާ ވަނީ އޭރިއާ ތެރެއަށް ވަދެ، ވަޓްފޯޑަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ޗެލްސީއަށް އަލުން ލީޑު ލިބުނީ 72 ވަނަ މިނިޓުގައި މައުންޓް ހުރަސްކޮށްލި ބޯޅައެއް ހަކީމް ޒިޔެޝް ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެންނެވެ. މިއީ ޕްރިމިއާ ލީގުގައި ޒިޔެޝް މި ސީޒަނުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ، މޮޅުވީ ނަސީބު ވެސް ރަނގަޅު ވުމުން ކަމަށެވެ. އޭނާ ބުނީ ޗެލްސީއަށް ރޭގެ މެޗަށް ރަނގަޅަށް ތައްޔާރު ނުވެވޭ ކަމަށެވެ.

މިއީ ޗެލްސީ ލީގުގައި ވިދިވިދިގެން ރަށުން ބޭރުގައި މޮޅުވި ފަސްވަނަ މެޗެވެ. އެންމެ ފަހުން ޗެލްސީ ލީގުގައި މޮޅު ނުވެ ނިންމާލަން ޖެހުނު ތިން މެޗަކީ ވެސް އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗެވެ. ސިޓީ އަތުން ބަލިވި އެވެ. ބާންލީ އާއި މެންޗެސްޓާ ޔުނައިޓެޑާ ކުޅެ، ވީ އެއްވަރެވެ.

އެސްޓަން ވިލާގެ ވިލާ ޕާކުގައި ރޭ މެންޗެސްޓާ ސިޓީން މޮޅުވީ 2-1 އިންނެވެ. ރުބެން ޑިއާސް އާއި ބެނާޑޯ ސިލްވާގެ ގޯލްތަކުން ސިޓީ ފުރަތަމަ ހާފު ނިންމާލި އެވެ. ފަހު ހާފު ފެށިގެން ދެވަނަ މިނިޓުގައި ވިލާއަށް ފަރަގު ކުޑަކޮށްދިނީ އޮލީ ވަޓްކިންސް އެވެ.

މި ސީޒަނުގައި ވިލާއިން 100 މިލިއަން ޕައުންޑަށް ސިޓީއަށް ބަދަލުވި ޖެކް ގްރީލިޝް ކުޅެން އެރުވީ މެޗުގެ ފަހު ތިން މިނިޓަށެވެ.

އެސްޓަން ވިލާގެ އާ ކޯޗު ޖެރާޑާ އެކު އެޓީމު ބަލިވި މިއީ ފުރަތަމަ ފަހަރެވެ. ޖެރާޑުގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި މިއީ ޕްރިމިއާ ލީގުގެ 204 މެޗުގެ ތެރޭން ގާޑިއޯލާ ސިޓީއާ އެކު މޮޅުވި 150 ވަނަ މެޗެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު "މާސީސައިޑް ޑާބީ" މެޗު ލިވަޕޫލް ކާމިޔާބު ކުރީ 4-1 އިންނެވެ. ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. މީގެ އިތުރުން މުހައްމަދު ސަލާހު ދެ ގޯލު ޖެހިއިރު، ޑިއޯގޯ ޖޮޓާ ވެސް ވަނީ ލިވަޕޫލަށް ގޯލު ޖަހައިފަ އެވެ. އެވަޓަންގެ ހަމައެކަނި ލަނޑު ޖެހީ ޑެމަރާރީ ގްރޭ އެވެ.

މިއީ ލިވަޕޫލްގެ ކުރީގެ ކޯޗު ރަފައޭލް ބެނިޓޭޒް އެވަޓަން ގޮވައިގެން ލިވަޕޫލާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. ލިވަޕޫލް ދޫކޮށްލުމަށް ފަހު ޗެލްސީ އާއި ނިއު ކާސަލް ޔުނައިޓެޑް ގޮވައިގެން ވެސް ބެނިތޭޒް ލިވަޕޫލާ ދެކޮޅަށް ނުކުތް އެންމެ މެޗަކުން ވެސް އޭނާއަށް ކާމިޔާބު ހޯދިފައެއް ނުވެ އެވެ.

ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ވަޓްފޯޑް ބައްދަލުކުރި މެޗާއި ލެސްޓާ ސިޓީ އަދި ސައުތެމްޓަން ކުޅުނު މެޗުގެ ތެރެއިން ކުޅިބަލަން އިން ސަޕޯޓަރެއްގެ ހާލު ކުއްލިއަކަށް ގޯސްވެގެން ވަނީ ދެ މެޗު ވެސް ކުޑައިރުކޮޅަކަށް މެދުކަނޑާލަން ޖެހިފަ އެވެ. އަލުން ކުޅުން ފެށީ، އެ މީހުނަށް އަވަސް ފަރުވާ ދީ، ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު އެވެ.

ރޭ ސައުތެމްޓަންއާ ވާދަކޮށް 2-2 އިން އެއްވަރުވެ ލެސްޓާ ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ވެސް ބްރައިޓަންއާ ވާދަކޮށް 1-1 އިން އެއްވަރުވިއިރު، ވުލްވްސް އާއި ބާންލީ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރާނީ މިރޭ ރާއްޖެ ގަޑިން 1:15 ގަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑް

02 December 2021

ސަލާހު ހާދަ ތަފާތޭ މިހާރު. ރޭގަ ވެސް އެ ޖަހާލި ގޯލުތަކެއް. ސަޅި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454