ޚަބަރު / މަސްތުވާތަކެތި

ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރު ބޭނުން ނުކުރެވި، ދިގުލައިގެން ދާތީ ފުލުހުން ކަންބޮޑުވެއްޖެ

ކާނިވާ ސްޓޭޖުގައި ބަޔަކު ނިދާފައި: މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށް، ނިދާ އުޅޭ މީހުން ވަނީ އިތުރުވެފައި.-- ފޮޓޯ: ނިޝާން އަލީ/މިހާރު

މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރުގައި ބަންދު ކުރެވޭނެ ގޮތެއް ނެތި، ދޫވަމުންދާތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މީގެ ނުވަ އަހަރު ކުރިން އަމަލުކުރަން ފެށި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 103 ވަނަ މާއްދާ ބުނާގޮތުން، މަސްތުވާތަކެތި ބޭނުންކޮށްގެން ހައްޔަރު ކުރެވޭ މީހަކީ ފަރުވާ ދޭންޖެހޭ މީހެއް ކަމަށް ފުލުހުންނަށް ގަބޫލު ކުރެވިއްޖެ ނަމަ، އޭނާ ޖަލުގައި ބަންދު ކުރުމުގެ ބަދަލުގައި ބަންދު ކުރަން ޖެހޭނީ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރެއްގަ އެވެ.

މަސްތުވާތަކެއްޗަށް ފަރުވާ ދޭ މަރުކަޒުތަކުގައި ބައިިތިއްބަން ޖެހޭ މީހުންގެ ބަންދާ މެދު މިހާތަނަށް ގޮތް ނިންމަމުން ދިޔައީ ކްރިމިނަލް ކޯޓުންނެވެ. ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ އޮގަސްޓް މަހު ބޭއްވި ބައްދަލުވުމެއްގައި ނިންމީ ފަރުވާ ދޭ މަރުކަޒުތަކުގައި ބައިިތިއްބަންޖެހޭ މީހުންގެ ބަންދާ މެދު ގޮތް ނިންމުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އޭރު އޮފެންޑާ ރިމާންޑު ސެންޓަރަށް ގެންދިއުމަށް ބަންދުގެ މުއްދަތު ޖަހާތާ ހައެއްކަ މަސް ވެއްޖެ އެވެ.

އެހެންވެ، ދައުލަތުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ހެދި ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރު އޭގެ ފަހުން ބޭނުމެއް ނުކުރެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓު (ޑީއީޑީ) ގެ ޑެޕިއުޓީ ހެޑް، އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ޝަރީފް "މިހާރު" އަށް އިއްޔެ ވިދާޅުވީ މަސްތުވެގެން ތިބޭ ކަމަށް ތުހުމަތު ކުރެވޭ މީހުން އޮފެންޑާ ރިމާންޑު ސެންޓަރުގައި ބަންދު ނުކުރެވޭތީ ގޮންޖެހުންތައް ދިމާވާ ކަމަށެވެ. ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ގާނޫނީ ގޮތުން އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ އަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ސަބަބުން ދިމާވާ މައްސަލައަކީ މަސްތުވާތަކެތި ބޭނުންކޮށްގެން މަގުތަކުގައި މި އުޅޭ މީހުން ހަމަ މަގުތަކުގައި އުޅެމުންދޭ. އޭގެ ސަބަބުން މުޖުތަމައަށް އޭގެ ނޭދެވޭ އަސަރުތައް ކުރޭ. އެފަދަ ކަންކަން ހުއްޓުވެން އަންނަނީ އަޅުގަނޑުމެންނަށް ވެސް ގާނޫނީ ގޮތުން ކުރަންޖެހޭ ބައެއް ކަންތައްތައް ފުރިހަމަ ކުރެވިގެން،" ޝަރީފް ވިދާޅުވި އެވެ.

"ވަކި ހިސާބަކުން އެކަންކަން ހުއްޓިގެން ދިއުމާ ގުޅިގެން އެކަންކަން ވެސް އެންމެ ރަނގަޅަށް ނުކުރެވި މި އޮތީ،"

ޝަރީފް ވިދާޅުވީ ފަރުވާގެ ތެރެއަށް ވަންނަން ޖެހޭ ބަޔަކު، ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ރިމާންޑު ސެންޓަރަކީ މަސްތުން ސަލާމަތްވުމުގެ ފަރުވާ އަށް ދިއުމުގެ ކަންކަން ފެށޭ ހިސާބެވެ. އެކަމަކު އެ ހިސާބަށް ވެސް ނުދެވޭތީ މިހާރު އެކަން ހިނގަނީ ފަރުވާގެ ފުރުސަތުތައް ގެއްލިގެންދާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެެ.

"ސިސްޓަމެއްގެ ތެރޭގައި ހިފެހެއްޓިފައި މި ތިބެން ޖެހޭ ޖެހުމެއް އޮތްއިރު ސިސްޓަމް ތެރެއިން ދޫވާ ކަހަލަ ގޮތަކަށް ރިމާންޑު ސެންޓަރު ނެތުމުގެ ސަބަބުން މިހާރު މިހެން ވަނީ. އެކަން އެބަ ހިނގާ. އެކިއެކި ސީންތަކުން ނެގޭ މީހުން އަޅުގަނޑުމެން މި ޖެހެނީ، ކޯޓުން ދެ ދުވަސް ނޫނީ ތިން ދުވަސް ވެސް ދީފާނެ، އެ ހާލަތުގައި އަޅުގަނޑުމެން ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓާފައި ދެން އޭނާގެ މުއްދަތު ހަމަވެގެން އަނެއްކާ ވެސް ދޫކޮށްލަން. އަނެއްކާ މި ނުކުންނަނީ މަގުމައްޗަށް. އަނެއްކާ ވެސް މަސްތުވެފައި މި ހުންނަނީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރު ބޭނުން ކުރެވޭ ނަމަ މަސްތުގެ ހާލަތުގައި މިހާރު މަގުމަތިން ފެންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވާނެ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރ

03 December 2021

ކަންބޮޑުވާނެކަމެއްނެތް. އަދިވެސް އެމްޑީޕީއަށް ތަބައުވެ ރ ޔާމީނު ހުރަގެއަށް ލެވޭތޯ ބައްލަވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454