ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ކެރިކްގެ ފަހު މެޗުގައި ޔުނައިޓެޑުން އާސެނަލް ބަލިކޮށް، ރޮނާލްޑޯ އަށް ރެކޯޑެއް

މައިކަލް ކެރިކް ރޭގެ މެޗުގައި. ރޭގެ މެޗަށް ފަހު އޭނާ ވަނީ ޔުނައިޓެޑް ދޫކޮށްލައިފަ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ޑިސެމްބަރު 3) - މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ މައިކަލް ކެރިކުގެ ފަހު މެޗުގައި އާސެނަލްގެ މައްޗަށް ކުރި ހޯދައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި 800 ގޯލު ހަމަކޮށްފި އެވެ.

ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޕްރިމިއާ ލީގު މެޗުގައި އާސެނަލްގެ މައްޗަށް ކުރި ހޯދީ، ފަހަތުން އަރައި 3-2 އިންނެވެ. މި ނަތީޖާއާއެކު 21 ޕޮއިންޓާ އެކު ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވަނީ ޓޭބަލްގެ ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުހޯދި އޮތް ވެސްޓް ހޭމަށް ވުރެ އެއް ޕޮއިންޓް މަދުން، 23 ޕޮއިންޓާ އެކު ފަސަވަނައިގައި އޮތީ އާސެނަލް އެވެ.

އެންމެ ފަހުން ޔުނައިޓެޑުން ލީގުގައި ޗެލްސީއާ އެއްވަރު ކުރި މެޗުގައި ސަސްޕެންޝަނުގައި ހުރި ކެޕްޓަން ހެރީ މެގުއާ ވަނީ، ރޭގެ މެޗުގައި ފުރަތަމަ 11 ގައި ކުޅެފަ އެވެ.

ސްމިތުރޯ އާސެނަލް އަށް ލީޑު ނަގައިދިން ގޯލު ޖެހިއިރު ޔުނައިޓެޑުގެ ކީޕަރު ޑެހެއާ ވެއްޓިފައި.-- ފޮޓޯ: އޭއެފްޕީ

އާސެނަލް އަށް މެޗުގެ 13 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ އެމީލް ސްމިތުރޯ އެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ފޮނުވާލިއިރު ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ އޮތީ ގޯލު ލައިން މަތީ ވެއްޓިފަ އެވެ. އެހެން ނަމަވެސް އޭނާ ވެއްޓުނީ އާސެނަލް ނެގި ކޯނަރަކަށް އެރި ގަޑީގައި، ޔުނައިޓެޑުގެ ފްރެޑް ގައިގައި ޖެހިފައިކަމުން، ވީއޭއާރު ބެލުމަށް ފަހު މެޗުގެ ރެފްރީ މާޓިން އެޓްކިންސަން ވަނީ އެއީ ގޯލެއް ކަމަށް ނިންމައިފަ އެވެ.

ލީޑުގައި ފުރަތަމަ ހާފު ނިމެން ދަނިކޮށް ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ، ފްރެޑްގެ ޕާހަކުން ބްރޫނޯ ފެނާންޑޭޒް އެވެ. އަދި ދެވަނަ ހާފު ފެށިގެން ހަތް މިނިޓު ތެރޭ ރަޝްފޯޑުގެ ޕާހެއް ގޯލު ތެރަށް ފޮނުވާލައިގެން ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި 800 ލަނޑު ހަމަކޮށް، ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ.

ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ރޮނާލްޑޯ ލީޑު ނަގައިދިންތާ ދެ މިނިޓު ފަހުން އާސެނަލް އަށް ނަތީޖާ އެއްވަރު ކޮށްދިނީ މާޓިން އޮޑެގާޑެވެ. ޔުނައިޓެޑު މޮޅުވި ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ރޮނާލްޑޯ އެވެ. މި ޕެނަލްޓީއަކީ އޮޑެގާޑް އޭރިއާ ތެރެއިން ޔުނައިޓެޑުގެ ފްރެޑަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ.

ރޮނާލްޑޯ (ވ)، ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު ޖޭޑަން ސަންޗޯ (ކ) އާއެކު.-- ފޮޓޯ: އޭއެފްޕީ

މި ލަނޑާ އެކު ރޮނާލްޑޯ ވަނީ 801 ލަނޑު ސީނިއާ ފުޓުބޯޅަ ކެރިއަރުގައި ކުލަބަށާއި ގައުމީ ޓީމަށް ޖަހައިދީފަ އެވެ. އޭނާގެ ކެރިއަރު ފެށީ ސްޕޯޓިން އަށް ފަސް ލަނޑު ޖަހައިގެންނެވެ. އެންމެ ފުރަތަމަ ޔުނައިޓެޑުގައި ހޭދަކުރި ހަ ސީޒަނުގައި އޭނާ ވަނީ 118 ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން ރެއާލް މެޑްރިޑަށް 450 ލަނޑު ޖަހައިދީ، ޔުވެންޓަސް އަށް 101 ލަނޑު ޖަހައިދީ، މި ސީޒަނުގައި އަލުން ޔުނައިޓެޑަށް ބަދަލުވެ، މިހާތަނަށް ވަނީ 12 ލަނޑު ޖަހައިފަ އެވެ. އަދި ޕޯޗުގަލްގެ ސީނިއާ ގައުމީ ޓީމަށް މިހާތަނަށް 115 ލަނޑު ޖަހައިދީފައިވާ ރޮނާލްޑޯ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާ އެވެ.

މި މެޗަށް ފަހު ވަގުތީ ކޯޗު މައިކަލް ކެރިކް ވަނީ 2006 ވަނަ އަހަރުން ފެށިގެން އޭނާ އުޅެމުން އައި މެޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފަ އެވެ.

"ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި މި ނިންމީ، އަހަރެން ދެކޭ ގޮތުގައި މިއީ ޓީމު ދޫކޮށްލަން އެންމެ ރަނގަޅު ވަގުތު،" ކެރިކް ބުންޏެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު، ހޯސޭ މޮރީނިއޯ އާއި އޮލެ ގުނަ ސޯލްޝެއާގެ އެސިސްޓެންޓެއް ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ޔުނައިޓެޑްގެ އާ ކޯޗު ރަންގްނިކް ސްޓޭޑިއަމްގެ ޑިރެކްޓާސް ބޮކްސްގައި ރޭގެ މެޗު ބަލާލަނީ. އާދިއްތަ ދުވަހު ޔުނައިޓެޑުން ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނުކުންނަ މެޗަކީ އޭނާ ޓީމަށް އިރުޝާދު ދޭނެ ފުރަތަމަ މެޗު. -- ފޮޓޯ: އޭއެފްޕީ

ކެރިކާ އެކު ފުރަތަމަ މެޗުގައި ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ވިޔަރެއާލް ބަލިކުރިއިރު، ދެވަނަ މެޗުގައި، ޗެލްސީ މޮޅުވިޔަނުދީ ވަނީ ހިފަހައްޓައިފަ އެވެ.

ޔުނައިޓެޑުގެ އާ ވަގުތީ ކޯޗަކަށް ޖަރުމަންގެ ރާލްފް ރަންގްނިކް ހަމަޖައްސާފައިވާއިރު، އޭނާގެ މަސައްކަތް ނުފެށި ލަސްވަނީ ވޯކް ވިސާ ލިބުމުގައި ލަސްތަކެއް ދިމާވެގެންނެވެ. ރޭގެ މެޗު ބަލަން ރަންގްނިކް ދަނޑަށް ހާޒިރުވިއިރު، އޭނާ އެންމެ ފުރަތަމަ މީޑިއާއާ ވާހަކަ ދެއްކުން އޮތީ އެޓީމު ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ކުޅޭ މެޗުގެ ޕްރީ މެޗް ޕްރެސްގައި ހުކުރު ދުވަހު އެވެ.

ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ވެސް ވަނީ ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗް 2-0 އިން ކާމިޔާބުކޮށްފަ އެވެ. ޓޮޓެންހަމްގެ ފުރަތަމަ ލަނޑަކީ ބްރެންޓްފޯޑް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ލަނޑު ޖަހައިދިނީ ސޮން ހެއުން މިން އެވެ. ނޮވެމްބަރު މަހު ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގުގައި އަދި ބައްޔެއް ނުވެ އެވެ. ޔުނައިޓެޑަށް ވުރެ އެއް މެޗު މަދުން ކުޅެގެން ޓޮޓެންހަމް އޮތީ 22 ޕޮއިންޓާ އެކު ޓޭބަލްގެ ހަވަނައިގަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

03 December 2021

މެންޔޫ ފޭނުންނަށް މަރުހަބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454