06 ޑިސެމްބަރ 2021 - 11:39
އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން، އެ ގައުމުގެ ކުރީގެ ސިފައިންނާއި ސަލާމަތީ ބާރުތަކުގެ އެހެން މީހުންނަށް ހަމަލާދީ މަރަމުން ދާތީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ 20 ގައުމަކުން އެކަން ކުށްވެރިކޮށްފި އެވެ.
އެ ގައުމުތަކުން މިކަން ކުށްވެރިކުރީ، އަފްގާނިސްތާނުގައި ތާލިބާނުން މިހާރު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކުގެ މައްޗަށް ބިނާކޮށް، ހިއުމަން ރައިޓްސް ވޮޗްގެ ފަރާތުން ނެރުނު ރިޕޯޓާ ގުޅިގެންނެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މިދިޔަ އޮގަސްޓް 15 ގައި ތާލިބާނުން އެ ގައުމު ހިފި ފަހުން، ތާލިބާނުންގެ ހަނގުރާމަވެރިން ވަނީ އެ ގައުމުގެ ކުރީގެ ސިފައިންނާއި ޖާސޫސީ އިދާރާގެ އޮފިސަރުންގެ ތެރެއިން މަދުވެގެން 47 މީހަކު މަރާލައި ނުވަތަ ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލައިފަ އެވެ.
ތާލިބާނުންގެ މި އަމަލުތައް ކުށްވެރިކޮށް ދުނިޔޭގެ ގައުމުތަކުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ތާލިބާނުންގެ މި އަމަލަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިއީ، އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން އެ ގައުމުން ފޭބުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ތާލިބާން ޖަމާއަތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ތާލިބާނުން ވެފައިވާ ވައުދާ ވެސް ހިލާފު އަމަލުތަކެއް ކަމަށް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ބުނެ އެވެ.
ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު، އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ޖަމާއަތުން ބުނެފައިވަނީ، އެމެރިކާ ސިފައިން އަފްގާނުގައި ތިބި 20 އަހަރުގެ ތެރޭގައި، ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރި އަފްގާނު ސިފައިންނަށާއި، އެމެރިކާ ސިފައިންނަށް އެހީތެރިވެދިން އަފްގާނުގެ އެންމެނަށް މައާފް ދީފައިވާ ކަމަށެވެ. އަދި މިދިޔަ 20 އަހަރުގެ ތެރޭގައި ހިނގައި ދިޔަ އެއްވެސް ކަމަކާ ދެކޮޅަށް ބަދަލު ނުހިފާނެ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.
އަފްގާނު ސިފައިން އަމާންދީ، ތާލިބާނުން ވެރިކަން އަތުލުމާ ގުޅިގެން، ދުނިޔޭގެ މަދު ގައުމެއް ފިޔަވައި ހުރިހާ ގައުމުތަކުން ވަނީ އަފްގާނިސްތާނާ ގުޅުން ކަނޑާލައިފަ އެވެ. އަދި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
މިހާތަނަށް ވެސް އެއްވެސް ގައުމަކުން ރަސްމީ ސިފައެއްގެ ތާލިބާނުންގެ ސަރުކާރު ބަލައެއް ނުގަނެ އެވެ. އެހެންކަމުން ބައިނަލްއަގުވާމީ މުޖްތަމައުގެ އެއްވެސް އެހީތެރިކަމެއް ތާލިބާނުންގެ ސަރުކާރަކަށް ނުލިބެ އެވެ.
ތާލިބާނުން އަފްގާނިސްތާނުގައި ސަރުކާރެއް އެކުލަވައިލުމަށް ފަހު، ބައިނަލްއަގުވާ މުޖްތަމައުން އެ ސަރުކާރު ބަލައިގަތުމަށް ތާލިބާނުން އަންނަނީ ތަކުރާރުކޮށް ގޮވައިލަމުންނެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުން ބުނެފައިވަނީ، ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ގޮތެއް ނިންމޭނީ، އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމުގައި ތާލިބާނުންގެ އަމަލުތައް ހުންނަ ގޮތެއް ބެލުމަށް ފަހު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
06 December 2021
އިޒުރޭލުން އެއްވެސް ހައްގަކާނުލާ ފަލަސްތީނު މީހުން ޝަހީދު ކޮއްލާތީ ވިލާތުގެ ގައުމުތަކާ އެމެރިކާ އެކަންކުއްވެރި ނުކުރަނީ ކީއްވެތޯ
ޙިނި
06 December 2021
މީހުން މެރުން އެއީ އެމީހިންގެ ކުޅިވަރެއް
ކަބީރު
06 December 2021
އަފްގާނުރައްޔިތުން އަފްގާނުރައްޔިތުން މަރާފާނެކަމަކަށް ނުބެލެވޭ.
އަފްރާސިޔާބު
06 December 2021
ތާލިބާނުންނަކީ އަރަބި ގައުމުތަކުގެ އެހީގައި ޕާކިސްތާނުގެ ދީނީ މަދަރުސާ ތަކުގައި ކިޔަވަމުންދިޔަ އެކިގައުމުތަކުގެ ދަރިވަރުންނާއި ޕާކިސްތާނުގެ ފަގީރުންގެ ދަރިން. ރާއްޖޭގެ ބަޔަކުވެސް ޕާކިސްތާނުގައި އެވެރިން ކިޔެވި ސްކޫލްތަކުގައި ކިޔަވާފައިވޭ. ރޫސީންނާއި ހަނގުރާމަ ކޮށް އެމީހުން ބޭރުކޮށްލީ އެދަރިވަރުންނަށް އެމެރިކާގެ ހަތިޔާރާއި އަރަބީންގެ ފައިސާ އޮސާމާ ބިން ލާދިން މެދުވެރިކޮށް ލިބިގެން. ފަހުން މިކުދިން އެމެރިކާއާ ދެކޮޅަށް ނުކުމެ އެމީހުންވެސް ބޭރުކޮށްލީ
3222
06 December 2021
ތީ ޕުރޮޕެގެންޑާ.