ދުނިޔެ / ކޮވިޑް-19

ކޮވިޑްގެ ނުރައްކާ އެންމެ ބޮޑު ލިސްޓަށް ހަތް ސަރަހައްދެއް

07 ޑިސެމްބަރ 2021 - 12:23

ދަތުރުފަތުރުކުރާ މީހުންނަށް ކޮވިޑް-19ގެ ނުރައްކާތެރިކަން އެންމެ ބޮޑު ކަމަށް އެމެރިކާ އިން ކަނޑައަޅާފައިވާ ލިސްޓުގައި ދުނިޔޭގެ ހަތް ސަރަހައްދެއް ހިމަނައި އިއްޔެ އާންމުކޮށްފި އެވެ.

އޭގެ ތެރެއިން ފަސް ސަރަހައްދަކީ ޔޫރަޕްގެ ގައުމުތަކުގައިވާ ތަންތަނެވެ. އޭގެ އިތުރުން ހިމެނެނީ މެދުއިރުމަތީގެ ގައުމަކާއި އުތުރު އެފްރިކާގެ ގައުމެކެވެ.

ދަތުރުވެރިންނަށް ކޮވިޑްގެ ނުރައްކާ އެންމެ ބޮޑު ކަމަށް އެމެރިކާ އިން ކަނޑައެޅި ޔޫރަޕްގެ ފަސް ސަރަހައްދަކީ ފަރަންސޭސި ވިލާތާއި އެ ގައުމާ އިންވެގެން އޮތް ހަތަރު ގައުމެކެވެ. އެއީ، އެންޑޯރާ، ސައިޕްރަސް، ލެއިޗްޓެންސްޓެއިން އަދި ޕޯޗުގަލް އެވެ. އޭގެ އިތުރުން މެދުއިރުމަތީން ޖޯޑަން އާއި އިރުމަތީ އެފްރިކާ އިން ޓޭންޒޭނިއާ އެވެ.

ކޮވިޑް-19 ފެތުރުމުގެ ނުރައްކާތެރިކަން ވަޒަންކުރާ މިންގަނޑުގެ އެންމެ މަތީ ފަންތި ކަމަށްވާ ހަތަރު ވަނަ ލެވެލްގައި މި ހަތް ގައުމު ހިމެނުމުން، މި ހަތް ގައުމާއި އެމެރިކާއާ ދެމެދު ކުރާ ދަތުރުތައް ވަރަށް ބޮޑަށް ދަށްވެގެންދާނެ އެވެ. މި ހަތް ގައުމުގެ ތެރެއިން ފަރަންސޭސި ވިލާތަކީ، ކޮވިޑް ފެށުމުގެ ކުރިން، މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އެންމެ ގިނަ ޓޫރިސްޓުން ދަތުރުކުރާ ގައުމެވެ.

ހަތަރު ވަނަ ލެވެލްގައި މި ގައުމުތައް ހިމެނީ، ވޭތުވެ ދިޔަ 28 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު، ކޮންމެ 100،000 މީހުންގެ ތެރެއިން 500 މީހުންގެ ނިސްބަތަށް މަތިވެފައިވާތީ އެވެ. މި ލެވެލްގައި އެއްވެސް ގައުމެއް ހިމަނައިފި ނަމަ އެ ގައުމަކަށް ދަތުރު ނުކުރުމަށް އެދެވިގެންވެ އެވެ. އަދި ދަތުރުކުރާ ނަމަ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަންޖެހެ އެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްގެން ހުއްޓަސް، ކޮވިޑް ޖައްސާ ބައެއް ބާވަތުގެ ވައިރަހުން ކޮވިޑް ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން، ނުރައްކާތެރިކަމުގެ ލެވެލް ހަތަރެއްގައި ހިމެނޭ ގައުމުތަކަށް ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން އަންގަ އެވެ.

ލިސްޓުގެ ހަތަރު ވަނަ ލެވެލްގައި އިއްޔެ ހިމެނި ހަތް ސަރަހައްދަކީ ވެސް، މީގެ ކުރިން އެ ލިސްޓުގެ ތިން ވަނަ ލެވެލްގައި ހިމަނާފައި އޮތް ސަރަހައްދުތަކެވެ. ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެމެރިކާގައި މި ހަރުކަށި ކުރަން ފެށީ، އެ ގައުމުގައި ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ފިނި މޫސުމުގެ ތެރޭގައި އިތުރުވާން ފެށުމާ ގުޅިގެންނެވެ.

އޭގެ އިތުރުން ދެކުނު އެފްރިކާ އިން ފެނި، ދުނިޔޭގެ އިތުރު 40 ގައުމެއްގައި މިހާރު ފެތުރެމުންދާ، ކޮވިޑް ޖައްސާ ވައިރަހުގެ އޮމިކްރޯން ކިޔާ ބާވަތުގެ ވައިރަސް އެމެރިކާގައި ވެސް ފެތުރެން ފެށުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަންނަނީ ވަރުގަދަ ކުރަމުންނެވެ.

ލެވެލް ހަތަރެއްގައި އިއްޔެ ހިމެނި ހަތް ގައުމުގެ އިތުރުން އެ ލެވެލްގައި ހިމެނޭ ބައެއް އެހެން ގައުމުތަކަކީ، ބާބެޑޯސް، ސައިމަން އައިލޭންޑް، މެލޭޝިޔާ، ސިންގަޕޫރު އަދި ތުރުކީ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454