އައިއެސް އިން ގައުމުން ބޭރުގައި ދޭ ގިނަ ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅޭ އަލް ހަކީމް
11 ޑިސެމްބަރ 2016 - 15:30
ވޮޝިންޓަން (ޑިސެމްބަރު 11) - ސީރިއާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ލީޑަރު ބައުބަކާ އަލް ހަކީމަށް އަމާޒުކޮށް އެމެރިކާ ކޯލީޝަނުން ދިން ވައިގެ ހަމަލާތަކުގައި އޭނާ މަރާލާފައިވާ ކަމަށް ޕެންޓަގަނުން މިއަދު ބުނެފި އެވެ.
ޕެންޓަގަންގެ ތަރުޖަމާން ބެން ސަކްރިސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އަލް ހަކީމް މަރާލާފައި ވަނީ މިދިޔަ މަހު 26 ވަނަ ދުވަހު ރައްގާ އަށް ދިން ވައިގެ ހަމަލާތަކުގައި ކަމަށެވެ. އުމުރުން 33 އަހަރުގެ އަލް ހަކީމަކީ ޓިއުނީޝިއާ އާއި ފްރާންސްގެ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކާ ގުޅުން އޮންނަ މީހެއް ކަމަށް ވެސް ޕެންޓަގަނުން ބުނެފައިވެ އެވެ. އަލް ހަކީމް މަރާލުމަކީ އައިއެސް އިން އެކި ގައުމުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
ޕެރިހަށް އުފަން އަލް ހަކީމް އައިއެސްއާ ގުޅުމުގެ ކުރިން 2003 -2004 އަށް ހަރަކާތްތެރިވީ އަލްގައިދާއާ ގުޅިގެން އިރާގުގަ އެވެ.
އަލް ހަކީމް މަރާލަފައި މިވަނީ އަރަބި ހަނގުރާމަވެރިންނާއި ކުރުދީ ހަނގުރާމަވެރިން ގުޅިގެން ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ ހިފުމުގެ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ. މި މަސައްކަތަށް އެއްބާރުލުން ދިނުމަށް އެމެރިކާ އިން ވަނީ އިތުރު 200 ސިފައިން ސީރިއާ އަށް ފޮނުވަން ނިންމައިފަ އެވެ. ރައްގާ ހިފުމުގެ އޮޕަރޭޝަން ކުރިއަށްދާ އިރު އިރާގުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ މޫސަލް ހިފުމުގެ ހަނގުރާމަ ވެސް ކުރިއަށް ދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ ގުބާދު
11 December 2016
އަލްހަމްދު ލިﷲ، ތި ނުބައި ޓެރަސްރިސްޓުން އަދި މުސްލިމުންގެ ނަން ކިލަނބުކުރަމުންދާ މީހުންގެ ވަސްވެސް މި ދުނިޔެއިން ފުހެލަންވީ. މުސްލިމުންނަކީ އަނިޔާވެރިކަމަށް ލޯބިކުރާ ބައެއް ކަމަށް ޓެގް އަޅުވަނީ މިކަހަލަ މީހުންގެ ސަބަބުން