ކުޅިވަރު / ވޮލީބޯޅަ

މުހިންމު ވަގުތެއްގައިި ރާއްޖެއިން ލަންކާއާ ދެކޮޅަށް، ކޯޗު އެދެނީ ދިވެހިންގެ ސަޕޯޓަށް

ގައުމީ ވޮލީ ޓީމުގެ ޓްރޭނިންގައި ކާއްޓޭ ޓީމަށް އިރުޝާދު ދެނީ --- ފައިލް ފޮޓޯ

މިއީ ރާއްޖެ އާއި ލަންކާގެ ވޮލީގައި ވެސް މުހިންމު ވަގުތެކެވެ. ލަންކާގެ ޓީމުގެ މައުލޫމާތުތައް އެއްކުރަވައި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވިގޮތުގައި، ލަންކާ އޮތީ އެ ގައުމުގެ ވޮލީގައި ޓްރާންސިޝަނަލް ޕީރިއަޑެއްގަ އެވެ. މާނައަކީ ޒުވާން ކުޅުންތެރިންނަށް ގައުމީ ވޮލީ ޓީމުން ހަވާލުކޮށް ފުރުސަތު ދިނުމުގެ މަރުހަލާގައި ކަމެވެ.

"އަޅުގަނޑުމެންގެ ދިވެހި ޓީމު ވެސް އޮތީ ހަމަ އެ ޕީރިއަޑްގައި،" ކުރީގެ ސެޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މިއީ ދެ ގައުމުގެ ވޮލީގައި ވެސް މުހިންމު ވަގުތެކެވެ. ކޮވިޑް-19 އާ ގުޅިގެން ގާތްގަނޑަކަށް ދެ އަހަރުގެ މުއްދަތެއް، ދެ ގައުމުން ވެސް ވޭތު ކުރީ އިންޓަނޭޝަނަލް އެއްވެސް މެޗެއް ނެތި އެވެ. ރަނޭ ވިދާޅުވި ގޮތުގައި މިރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ދިވެހި ޓީމާ ދެކޮޅަށް ކުޅެން ލަންކާގެ ޓީމު މާލެ އައީ އެ ގައުމުގެ ވޮލީގައި ވެސް އިންޓަނޭޝަނަލް އެކްސްޕޯޝާ ނެތި މުއްދަތެއް ފާއިތުވުމުން އެކަން ފަޅު ފިލުވުމަށެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މި މަހު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގައި، ކަންދިމާކުރި ގޮތުން ލަންކާ ވެސް ލައްވާލީ ރާއްޖެއާ އެއް ޒޯނެއްގަ އެވެ. މިއީ ރާއްޖެއާ އެކު ލަންކާ މެޗަށް ނުކުންނަ ފުރަތަމަ ސެންޓްރަލް ޒޯން މުބާރާތެވެ. ދެ ޓީމު އެއް މުބާރާތެއްގައި ވާދަކުރަން ޖެހިފައި އޮތުމަކީ ވެސް ރާއްޖޭގެ ފެންވަރު ދެނެގަތުމަށް ލަންކާއިން ބޭނުން ވެފައި އޮތް ކަމެކެވެ.

ރާއްޖެ އިން އެކުލަވާލާފައިވާ ސީނިއާ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ. މިއީ މި ފަހުގެ ތާރީހުގައި ސީނިއާ ގައުމީ ޓީމުން މިހާ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ. ތަޖުރިބާކާރު ކޯޗު އިސްމާއީލް ސާޖިދު (ކާއްޓޭ) ގެ ބެލުމުގެ ދަށުން އެކުލަވާލި ޓީމުން، އުމުރުން 17 އަހަރުގެ މާއިޝް އަހުމަދު އަށް ވަނީ ފުރުސަތު ދީފަ އެވެ. ސީނިއާ ޓީމުން މުޅިން އަލަށް ފުރުސަތު ދިން ޒުވާން އެހެން ކުޅުންތެރިންނަކީ ޝާމިލް މުހައްމަދު އަދި އަހްމަދު ނާފިއު އެވެ.

ކުރިން ކުޅުނު އެގްޒިބިޝަން މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ

ގައުމީ ބީޗު ވޮލީގެ ތާރީހުގައި ޗެމްޕިއަން މެޑަލް ކަރުގައި އަޅުވާލި އެންމެ ޒުވާން ކުޅުންތެރިޔަކީ މާއިޝް އެވެ. އޮކްޓޯބަރު މަހު ބޭއްވި ގައުމީ ބީޗު ވޮލީބޯޅަ މުބާރާތުގައި، އޭނާގެ ދެބެންގެދެދަރި ބޭބެ، ހައިލަމް ހަސަންއާ އެކު ހިއްސާވެ ފިރިހެން ޑިވިޝަންގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އެވެ. ޝާމިލް އާއި ނާފިއު އަކީ ބީޗު ވޮލީ މުބާރާތުގެ 23 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ޕެއާ އެވެ.

ލަންކާގެ ވޮލީ ޓީމު އެކުލަވާލާފައި އޮތީ ވެސް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމަނައިގެން ކޮށްގެންނެވެ. ރަނޭ ވިދާޅުވިގޮތުގައި ލަންކާ އާއި ރާއްޖެ ކުޅެން ހަމަޖެހިފައިވާ ތިން މެޗަކީ ދެ ގައުމުގެ ވޮލީގައި ވެސް ގިނަ ކަންތައްތަކެއް ދަސްކުރުމަށް ފުރުސަތު ލިބޭނެ ތިން މެޗެވެ.

"މި ތިން މެޗުން ދިވެހި ޓީމަށް ވެސް ދެނެގަނެވޭނެ ކުރިއަށް އޮތް ތަނުގައި ލަންކާއާ ދެކޮޅަށް ކުޅެން އަޅުގަނޑުމެންގެ ޓީމު ކުރަން ޖެހޭނެ ކަންތައްތަކަކީ ކޮބައިކަން،" ރަނޭ ވިދާޅުވި އެވެ. "ހަމަ އެގޮތަށް ލަންކާއިން ވެސް އެކަންކަން ދެނެގަންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ."

ގައުމީ ޓީމުގެ ވަގުތީ ކޯޗެއްގެ ހައިސިއްޔަތުން ކުރިއަށް އޮތް ތިން މެޗާއި ސެންޓްރަލް ޒޯން މުބާރާތުގައި ޓީމަށް އިރުޝާދު ދޭ ކޯޗު، ކާއްޓޭ ބުނީ ވޮލީގައި ލަންކާ އާއި ރާއްޖެ އަކީ ތާރީހީ ގޮތުން ވެސް ބޮޑު ވާދަވެރި ކަމެއް އުފެދިފައި އޮތް ދެ ގައުމު ކަމަށެވެ.

ގައުމީ ވޮލީ ޓީމުގެ މިހާރުގެ ސްކޮޑް --- ފޮޓޯ: ވީއޭއެމް

"އެއީ ދުވަހަކު ވެސް ލަންކާ އަށް ބަލައިގަނެވޭ ކަމެއް ނޫން ދިވެހިން އަތުން ބަލިވުމަކީ،" ކާއްޓޭ ބުންޏެވެ.

"އެކަމަކު ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލަ ފަސްގަނޑުގައި މި ކުޅޭ ތިން މެޗުގެ ތެރެއިން ކޮންމެ ވެސް އެއް މެޗަކުން އަޅުގަނޑުމެންނަށް ލަންކާ ބަލި ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް. އެކަމަށް އަޅުގަނޑުމެން ބޭނުންވޭ ދިވެހިންގެ ސަޕޯޓް. އެހެން ކުޅިވަރުތަކަށް ދިވެހިން އެދޭ ސަޕޯޓާއެކީގައި އަޅުގަނޑު ވެސް އުންމީދު ކުރަން މިރޭ އިންޑޯ ސްޓޭޑިއަމް އަށް އައިސް އެތަން ފުރާލުން."

ލަންކާއާ ދެކޮޅަށް ކުޅޭ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ މިރޭ 9 ޖަހާއިރު ސޯޝަލް ސެންޓަރު އިންޑޯގަ އެވެ. ދެވަނަ މެޗު މާދަމާ ރޭ ކުޅޭނެ އެވެ. ތިން ވަނަ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރެ އެވެ. ސީރީޒެއްގެ ގޮތަށް ކުޅޭ މި ތިން މެޗުގެ ރަސްމީ މެޗަކަށް ވާނީ އާދިއްތަ ދުވަހުގެ ރޭ ކުޅޭ މެޗެވެ. މިރޭގެ މެޗު ބައްލަވާ ލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރަނޭ ވިދާޅުވި އެވެ.

ލަންކާގެ ގައުމީ ވޮލީ ޓީމުން 2019 ވަނަ އަހަރު ވެސް މާލެ އައިސް ވަނީ، ގައުމީ ވޮލީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެފަ އެވެ.

ސެންޓަރަލް ޒޯންގައި ރާއްޖެ ހިމެނޭ ފަޅީގައި މުޅިން އަލަށް ވާދަކުރަނީ ލަންކާ އާއި އުޒްބެކިސްތާނެވެ. ދެން އޮތް ދެ ގައުމު، ނޭޕާލާއި ބަންގްލަދޭޝް އަކީ ސެންޓްރަލް ޒޯން މުބާރާތުގައި މީގެ ކުރިން ރާއްޖެ ކުޅެފައިވާ ދެ ގައުމެވެ. ރާއްޖެ ވާދަކުރާ ސެންޓްރަލް ޒޯންގެ ބީ ގުރޫޕް ނުވަތަ ސައުތު އޭޝިއާ މެންސް ޗެލެންޖް ކަޕުގެ ނަމުގައި ބާއްވާ މުބާރާތް އޮންނާނީ މި މަހު 21-29 އަށެވެ. ސެންޓްރަލް ޒޯން ފިރިހެން މުބާރާތަށް ފަހު އަންހެން މުބާރާތް ވެސް ބަންގްލަދޭޝްގައި އޮންނާނެ އެވެ. އެ މުބާރާތުގެ ތާރީހު އަދި ފައިނަލެއް ނުވެ އެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުރޮޅިއޭ

09 December 2021

ގޭދޮށު ޓީމެއް. އަައްކަޅޭ މިއަންނަ މުބާރާތަކަށް ސެޓަރަކަށް. ދެން އަންނަ މުބާރާތަކަށް މިޑަކަށް. ކޮންމެހެނެވެސް އޭނަ ޓީމަށް ނަގާނެތާ ކާއްޓޭމެން ތިބެންޏާ

The name is already taken The name is available. Register?

ޝދ×ފފ

09 December 2021

ޙެހެހެ

The name is already taken The name is available. Register?

އެޝްލީ

09 December 2021

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވިގޮތުގައި، ލަންކާ އޮތީ އެ ގައުމުގެ ވޮލީގައި ޓްރާންސިޝަނަލް ޕީރިއަޑެއްގަ އެވެ. މާނައަކީ ޒުވާން ކުޅުންތެރިންނަށް ގައުމީ ވޮލީ ޓީމުން ހަވާލުކޮށް ފުރުސަތު ދިނުމުގެ މަރުހަލާގައި ކަމެވެ. ހެހެހެހެ ހަމަ ހިނި އަންނަނީ. 35 އަހަރުގެ އައްކަޅޭ ޓީމަށް ނެގީ ޒުވާންކަމުތޯ؟ ލޮލް

The name is already taken The name is available. Register?

ފަހުމީބެ

09 December 2021

ގައުމީ ޓީމަކަށް ވުރެ ގޭ ދޮށު ޓީމޭ ކިޔަސް ރަނގަޅުވާނޭ. އުމުރުން 35 އަހަރުން މައްޗަށް ގޮސްތިބި ކުޅުންތެރިން ލައިގެން ނުވާނެ ތިޔަ ޓީމެެއް މޮޅެއް. ސެޓެއް ވެސް ނުލިބޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454