"އާރްއާރްއާރް" ގެ ޕޯސްޓަރެއް.
10 ޑިސެމްބަރ 2021 - 07:28
އަންނަ އަހަރު އިންޑިއާގެ ސިނަމާތަކަށް އަންނާނެ އެންމެ ބޮޑު ފިލްމު ކަމަށްވާ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ މި އިއުލާންކުރި ފަހުން ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާ ކުރަމުން އަންނަ ފިލްމެކެވެ. މައިގަނޑު ސަބަބަކީ "އާރްއާރްއާރް" އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދައި، ބައިނަލްއަގްވާމީ މައިދާނުގައި ވެސް އިންޑިއާގެ ސިނަމާގެ ވަރުގަދަކަން ދައްކުވައި ދިން ފިލްމު "ބާހްބަލީ" ގެ ޑައިރެކްޓަރުގެ ފިލްމަކަށް ވުމެވެ. ރާޖަމޯލީ އެ ފިލްމު ގެނެސްދިނީ ދެ ބަޔަކަށެވެ.
އެގޮތުން "ބާހްބަލީ: ދަ ބިގިނިން" 2015 ގައި ގެނެސްދިނުމަށް ފަހު "ބާހްބަލީ: ދަ ކޮންކްލޫޝަން" ގެނެސްދިނީ 2017 ގަ އެވެ.
އެ ދެ ފިލްމުގެ ބޮޑު ކާމިޔާބީ އާއި ޑައިރެކްޓަރެއްގެ ގޮތުގައި ރާޖަމޯލީ ފަތަހަ ކޮށްފައިވާ ވަރުގަދަ މަގާމާ އެކު އޭނާ ގެނެސްދޭ އާ ފިލްމު "އާރްއާރްއާރް" އަކީ ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ. މީގައި ކިޔައިދޭނީ އިނގިރޭސިންގެ އަޅުވެތިކަމުގައި އިންޑިއާ އޮތް ދުވަސްވަރުގެ ތެރެއިން 1920 ގެ ހިޔާލީ ހާދިސާތަކެކެވެ. އެގޮތުން ވަރުގަދަ ހަނގުރާމައެއް ފެނިގެން ދާނެ ފިލްމުގެ ލީޑް އެކްޓަރުންނަކީ އިންޑިއާގެ ދެކުނުގެ މަޝްހޫރު ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. މީގެ ކާސްޓްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓާއި އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ.
The moment we've all been waiting for is finally here!
— Ajay Devgn (@ajaydevgn) December 9, 2021
Presenting #RRRTrailerhttps://t.co/nooxXMZX2e
In cinemas on 7th Jan 2022. #BraceYourselvesForRRR #RRRMovie@ssrajamouli @tarak9999 @AlwaysRamCharan @mmkeeravaani @aliaa08 @PenMovies @jayantilalgada
"ބާހްބަލީ" ގެ ފިލްމުތައް ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ގޮތަށް "އާރްއާރްއާރް" އަކީ ވެސް ހުރިހާ ރަހައެއް ހެޔޮވަރުކޮށް ހެނެސްދޭނެ ވަރަށް ފުރިހަމަ، މޮޅު ފިލްމަކަށްވާނެ ކަމާ ދޭތެރޭ ބެލުންތެރިން އެއްވެސް ޝައްކެއް ނުކުރެ އެވެ. މި ހަދާފައި ވަނީ 400 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
"އާރްއާރްއާރް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުންނެވެ.
މީގެ ޓްރެއިލާ ދައްކައިލުމާ އެކު ބެލުންތެރިން މިހާރު ތިބީ ބޮޑު ސްކްރީނުގައި ރާޖަމޯލީގެ ޖާދޫ ތަޖުރިބާކުރަން ވެސް ކެތްމަދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy