އެމްޑަބްލިއުއެސްސީގެ އިސްވެރިން ފެރިފޫ ފެނުގެ ނިޒާމުގެ މަސައަކަތް ފައްޓަވައިދެއްވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ
11 ޑިސެމްބަރ 2021 - 18:55
އއ. ފެރިދު އާއި އެ އަތޮޅު ހިމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.
ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތްތައް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އެ ކުންފުނީގެ ބޯޑު މެންބަރު އިބްރާހިމް އަންވަރާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. މި ރަސްމިއްޔާތު ތަކުގައި ހިމަންދޫ ކައުންސިލުގެ ރައީސް ހުޝާމް އިސްމާއީލާއި ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ދެ ރަށަށް ވެސް ގެންގޮސްފައިވާއިރު މިހާރު ކުރަނީ ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެނުގެ ނިޒާމުގެ ދަށުން އާރުއޯ ފެސިލިޓީ އިމާރާތް ކުރުމުގެ މަސައްކަތެވެ.
ފެރިދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 6.77 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި ތިންތާންގީ ބަހައްޓާނެ އެވެ. އަދި ގޭގޭގައި ފެން މީޓަރު ހަރުކޮށް، ފެނުގެ ކަނެކަޝަން ވެސް ގުޅައިދޭނެ އެވެ.
އެ ރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 5.05 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި، 1.07 ކިލޯމީޓަރުގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ގެތަކުގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެ އެވެ.
މިއީ 69.33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހިމަންދޫ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހް ވާހަކަދައްކަވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ
ހިމަންދޫ ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގައި 35 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެ އެވެ. އަދި ގޭގޭގައި ފެންމީޓަރު ހަރުކޮށް، ފެނުގެ ކަނެކްޝަން ގުޅައިދޭނެ އެވެ.
އެ ރަށުގެ ނަރުދަމާ ނިޒާމުގެ ދަށުން 31 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމުކޮށް 956 މީޓަރުގެ ޕަންޕިން ލައިނެއް އަޅާނެ އެވެ. އަދި ތިން ޕަންޕިން ސްޓޭޝަން ގާއިމުކޮށް، ސީ އައުޓްފޯލްއެއް ގާއިމްކޮށް ގޭގޭގައި ޖަންކްޝަން ބަހައްޓާނެ އެވެ.
މީގެ އިތުރުން ދެ ރަށުގެ ފެނާއި ނަރުދަމަ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.
ހިމަންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައި ވަނީ 65.83 މިލިއަން ރުފިޔާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޒަބް
12 December 2021
ތިތަތުން ކިތައް ވަޒީފާ އުފެދުނުތޯ އަދި ކިހާ އިންސާފުވެރިކޮށްތޯ ވަޒީފާތައް ދިނީ؟