ދުނިޔެ / ސޫދާން

ސޫދާން ސަރުކާރަށް އެހީވެގެން ނުވާނެ: މުޒާހަރާގެ ބައިވެރިން

12 ޑިސެމްބަރ 2021 - 19:42

ސޫދާންގެ އަސްކަރިއްޔާ އިސްވެ އޮވެ އެކުލަވާލާފައިވާ ސަރުކާރަށް ބޭރު ގައުމުތަކުން އެއްވެސް އެހީތެރިކަމެއް ނުދިނުމަށް، އަސްކަރީ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ގޮވާލައިފި އެވެ.

ސޫދާންގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭރު ގައުމުތަކުން ދެމުން އައި އެހީތައް މެދުކަނޑައިލީ، އެ ގައުމުގައި އޮތް އިންތިގާލީ ސަރުކާރު އުވާލައި، އަސްކަރިއްޔާ އިން ވެރިކަމުގެ ހުރިހާ ބާރުތަކެއް އަތުލުމާ ގުޅިގެންނެވެ. މިދިޔަ އޮކްޓޫބަރު 25 ގައި ސިފައިން ގެނައި އިންގިލާބުގައި ސަރުކާރު އުވައިލުމާ ގުޅިގެން، އާންމު ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރަމުންނެވެ.

އެތެރޭގެ މުޒާހަރާތަކާއި ބައިނަލްއަގުވާމީ ފިއްތުންތައް އިތުރުވުމާ ގުޅިގެން، އަސްކަރިއްޔާ އިން މިހާރު ވަނީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު އަލުން މަގާމަށް އައްޔަންކޮށް، ވަގުތީ ސަރުކާރެއް އަލުން އެކުލަވައިލާފަ އެވެ. ސަރުކާރު އުވައިލުމަށް ފަހު ސިފައިންގެ ބެލުމުގެ ދަށުން ގޭގައި ބަންދުކޮށްފައި ހުންނެވި އަބްދުﷲ ހަމްދޫކު އަލުން މަގާމަށް އައްޔަން ކުރެއްވީ، އޭނާ އާއި ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާނީއާ ދެމެދު، ނޮވެމްބަރު 22 ގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އަބްދުﷲ ހަމްދޫކު، ސިފައިންގެ ވެރިންނާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ، ގޭ ބަންދުން މިނިވަންވުމުގެ ބޭނުމުގަ އެވެ. އަދި ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައި އޮންނަ ސަރުކާރަކީ، ގާނޫނީ ހައިސިއްޔަތެއް ލިބިގެންނުވާ ސަރުކާރެއް ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

ވެރިރަށް ސޫދާންގެ މަގުތަކުގައި އިއްޔެ މުޒާހަރާ ކުރި މީހުން އަޑު އުފުލަމުން ދިޔައީ، ބޭރު ގައުމުތަކުން ސޫދާންގެ ތަރައްގީއަށް މިވަގުތު އެއްވެސް އެހީތެރިކަމެއް ދިނުމާ ދެކޮޅަށެވެ. މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި، އަސްކަރިއްޔާ އަޑީގައި އޮވެގެން ބޭރު ފުށަށް މަދަނީ ސަރުކާރެއް ދެއްކި ކަމުގައި ވިޔަސް، ހަގީގަތުގައި ވެރިކަމުގެ ހުރިހާ ކަމެއް ކުރަނީ ސިފައިންނެވެ.

އެހެންކަމުން، މި ހާލަތުގައި ތަރައްގީގެ މަޝްރޫއުތަކަށް އެހީ ދޭން ފަށައިފި ނަމަ، ޑިމޮކްރެސީ ގާއިމުކުރުމަށްޓަކައި މިހާރު ހޭދަކުރަމުންދާ އިންތިގާލީ މަރުހަލާ ގަޑުބަޑުވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އޮކްޓޫބަރު 25 ގައި ސިފައިން ގެނައި އިންގިލާބަކީ، ގާނޫނީ ގޮތުން ހުއްދަ ކަމަކަށް ހެދުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އޮކްޓޫބަރު 25 ގައި ސިފައިން ގެނައި އިންގިލާބުގައި، އޭރު އޮތް އިންތިގާލީ ސަރުކާރު އުވާލައި ބޮޑުވަޒީރު އަބްދުﷲ އާއި ބައެއް ވަޒީރުން ހައްޔަރު ކުރުމުން، ބޮޑުވަޒީރު ވެސް ވަރަށް ބޮޑަށް އެކަމަށް ފާޑުވިދާޅުވި އެވެ. ނަމަވެސް ސިފައިންނާ އެކުގައި އެއްބަސްވުމެއް ގާއިމުކުރުމުން، ސިފައިން ގެނައި އިންގިލާބަށް އޭނާ ވެސް ތާއީދުކުރައްވަނީ ކަމަށް، މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454