ލައިފްސްޓައިލް / ހާޓް އެޓޭކް

ފަރުވާ: އެ ހުއްޓުނީ ހިތް! ސަބަބުތައް ބައިވަރު

ޑރ. މުހައްމަދު ޒިޔާދު

13 ޑިސެމްބަރ 2016 - 10:15

3 comments

އެންމެން ވެސް ބުނަނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. އޭނާ މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކަނާތް މުއްކަވައިގެން ވާތް ފަރާތު މޭގައި އަތް އަޅައިގެން ހުރެ އެހީއަށް އެދި ގޮވީ މެއަށް ތަދުވާތީ ކެތްނުކުރެވިގެންނެވެ. ނޭވާ ނުލެވިގެންނެވެ. މުޅި މީހާ ހުރީ ދާހިތްލާ ފޯވެފަ އެވެ. އޯކާދެމިދެމި އެފަކީރު މި ދުނިޔެ ދޫކުރީ ހަމަ ކުއްލިއަކަށެވެ. މުޅި ރަށް މަންމަން ކޮށްލާފަ އެވެ. ޅަނދޮޅު ޅަބާޅަ އަދި ގަބުޅި ކާށިވެފައިވާ ހިތްތަކަށް އިންޒާރުދީފަ އެވެ.

އާދޭހެވެ. ތިޔަ ވިދާޅުވީ އެކެއްގެ ހަޔާތުގެ ފަހު ސަފުހާ އެވެ. އެކަމަކު އެއީ ވަރަށް ބައިވަރު ވާހަކަ އެވެ. މި ކުޑަކުޑަ ރާއްޖެ ހިތުގައި ޖެހި، ހިތުގެ ބައްޔަށް ޖެހިފައިވާ ވާހަކަ އެވެ. އާބާދީގެ އެތައް ބައެއް މިވަނީ މިދެންނެވި ބަލީގެ ޝިކާރައަކަށް ވެފަ އެވެ. އަހަރަކު އެތައް ބައެއް މި ދުނިޔެ ދޫކުރަނީ ހިތުގެ ބަލީގަ އެވެ. ހާޓު އެޓޭކުގަ އެވެ.

އިސްކީމިކް ހާޓް ޑިސީސް އަކީ އެކަށީގެންވާ މިންވަރަށް ލެޔާއި އޮކްސިޖަން ހިތުގެ މަސްގަނޑަށް ނުލިބުމުން ދިމާވާ ހާލަތަށް ކިޔާ ނަމެކެވެ. މި ހާލަތު މެދުވެރިވާން އެންމެ އާންމުކޮށް ދިމާވާ ސަބަބަކީ ހިތަށް ލޭ ފޮނުވައިދޭ ލޭ ހޮޅިއެއް ނުވަތަ ލޭ ހޮޅިތަކުގައި ސަރުބީ ޖެހުމެވެ. ނަތީޖާއެއްގެ ގޮތުން ލޭ ހޮޅި ހިމަވެ ނުވަތަ ބެދި ހިތަށް ކާނާ ނުލިބުމުން ހިތުގެ މަސްގަނޑުން ބައެއް މަރުވެ ކުއްލިއަކަށް ހިތް ހުއްޓޭ ގޮތްވެ އެވެ. މިއީ އިންސާނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ވަރަށް ނުރައްކާތެރި ހާލަތެކެވެ. މި ހާލަތު ދެނެގަނެ މިބަލިން ސަލާމަތްވުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ.

އިސްކީމިކް ހާޓް ޑިސީސް ނުވަތަ އެކިއުޓް ކޮރޮނަރީ ސިންޑްރޯމް އެންމެ ގިނައިން ޖެހެނީ ލޭ މައްޗަށްދާ މީހުންނަށެވެ. ލޭގެ ޕްރެޝަރު 140/90 މިލިމީޓަރު މާކިއުރީއަށް ވުރެ މަތީގައި ހުންނަ މީހުންނަށެވެ. ނަމަވެސް މި ބަލި ޖެހުމަށް އޮތް އެންމެ ނުރައްކާތެރި ބިރަކީ ހަކުރު ބައްޔެވެ. ހަކުރުބަލީގައި ގިނަ ދުވަސް ވުމެވެ. ގާތްގަނޑަކަށް 10 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލް ކުރުމާއި ސަރުބީ މައްޗަށް ދިއުމާއި އުމުރާއި އާއިލާ އަކީ ވެސް މިކަމަށް މަގުފަހިކުރުވާ ސަބަބުތަކެވެ.

ފިރިހެނުންގެ އުމުރުން 45 އަހަރު އަދި އަންހެނެއްގެ އުމުރުން 55 އަހަރަށް ވުރެ މައްޗަށް ދިއުމުން ހިތުގެ ބައްޔަށް ފަސޭހައިން ހުށަހެޅިގެންދެ އެވެ. އަދި އެމީހެއްގެ އާއިލާ ތެރޭ ހިތުގެ ބަލީގައި މީހަކު ނުވަތަ ބަޔަކު ނިޔާވެފައިވާ ނަމަ ހިތުގެ ބަލީގެ ކޮޅިގަނޑުގައި އެމީހަކު ޖެހި ތެމި ފޯވެގެން ދާލެއް އަވަސްވެ އެވެ. މިތާގައި އާއިލާ މާނަކުރެވޭ ގޮތަކީ އެމީހެއްގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުންނެވެ. އޭގެ ތެރޭގައި އެމީހެއްގެ މާމައިންނާއި ކާފައިންނާއި ބޮޑުބޭބެއިންނާއި ބޮޑުދާތައިންނާއި، ދެބެންގެ ދެދަރިން ނުހިމެނެ އެވެ. އަދި ދޮންބައްޕައިންނާއި ދޮންމަންމައިންނާއި ،ދޮންދަރީންނާއި ދަނބިދަރީންނާއި ޅީދަރިންނެއް ވެސް ނުހިމެނެ އެވެ.

އޭ އަޚާއެވެ! ތިބާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް ހާޓު އެޓޭކެއް ޖެހިފައިވާ ނަމަ ތިބާއަށް ވެސް ހާޓު އެޓޭކެއް ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް އެއީ ތިބާގެ މަންމައަށް ނުވަތަ އުޚުތަށް އެމީހުންގެ އުމުރުން 65 އަހަރު ފުރުމުގެ ކުރިން ހާޓުއެޓޭކެއް ޖެހިފައިވާ ނަމަ އެވެ. ތިބާގެ ބައްޕައަށް ނުވަތަ އަޚަށް އެމީހުންގެ އުމުރުން 55 އަހަރު ފުރުމުގެ ކުރިން ހާޓު އެޓޭކެއް ޖެހިފައިވާ ނަމަ އެވެ.

ހިނގުމާއި ދުވުން ފަދަ ކަސްރަތުން ސިއްހަތަށް ފައިދާ ކުރޭ

ވިސްނާލާކަށް ނުވޭތޯ އެވެ! އީސްޓް އަޅައި ފިހަން ލާފައި އޮތް ބަނަހެއްހެން ފުފިދާއިރު ވެޑުވިފައި ތިޔަ އިންނެވި ގޮނޑިން ތެދުވާކަށް ނުވޭތޯ އެވެ؟ ބައިސްކޯފުތަކަށް ވަދެ އަރުތެރެއަށް ތިޔަ އެތެރެކުރާ އެނާޖީ ބުއިންތަކާއި ދަމާ ސިނގިރޭޓްތަކާއި، ސިއްރުން ތިޔަ ބޭނުންކުރާ ރަލާއި މަސްތުވާތަކެއްޗާއި، އަންބަރާކުރުންތަކަކީ ތިބާމެން ހަލާކުކުރާ ކަންކަމާއި ތަކެތިކަން ހަމަ ނޭނގެނީ ހެއްޔެވެ؟ ޒުވާން އުމުރުގައި ޒުވާން ހިތަށް ޓެކްލްކޮށްލާނެ އެޓޭކެއް ނާންނާނެކަމަށް ހީކުރަނީ ހެއްޔެވެ؟

ކަނުލައި އަޑުއަހާށެވެ. ކުއްލި މަރުގައި މަރުވެފައިވާ އެތައް ބައެއްގެ ޕޯސްޓްމޯޓަމް ރިޕޯޓްތަކުން ދައްކާ ގޮތުގައި އެބައި މީހުންގެ އުމުރުން އެންމެ 20 އަހަރު ނުވަނީސް ހިތަށް ލޭ ފޮނުވައިދޭ ލޭ ހޮޅިތަކުގައި ސަރުބީ ޖަހާފައިވާކަމުގެ ހެކި ވަނީ ފެނިފަ އެވެ. އަދި 20 އަހަރާއި 30 އަހަރު ދެމެދުގެ، ދިވެހި ޒުވާނުން ހިތުގެ ބަލީގައި ދުވަސްތައް ގުނަމުންދާކަން އެއީ މިދެންނެވި ބަހަށް ބާރު ލިބިދޭ ފެންނަން ހުރި ދިރިހުރި މިސާލެވެ. ކިހާ ދެރަ ހެއްޔެވެ؟

ތިބާމެންގެ ރަހުމެއް ނެތްކަމުންނެވެ. އަމިއްލަ ނަފްޞަށް ރަހުމް ނުކުރާތީ އެވެ. އެހެން މީހުންނަށް އޯގާތެރި ނުވާތީ އެވެ. ތިބާގެ ގެވެށި އަނިޔާގެ ސަބަބުން މާޔޫސްވެ ހަތަރު އުދަރެސް ފެނުޖެހިފައި ތިބި މީހުން އެދަނީ ހިތުގެ ބައްޔަށް ބޭސްފަރުވާކުރަމުންނެވެ. ތިބާގެ ގޮށްމުށުގެ ބާރުންނާއި ނުފޫޒުން ހިތާމަޔާއި ދެރަދިން މީހުންގެ ހާލަކީ ކޮބައިތޯއެވެ؟ ތިޔަދިނީ ހަމައެކަނި ފުންހިތާމައެއްނޫނެވެ. ކަރުނައެއްނޫނެވެ. އެހެނެއްކަމަކު ތިޔަދިނީ ހާޓު އެޓޭކެއްގެ އެލާމެވެ. ސިގްނަލެވެ.

ފެއްސެއް ނޫނެވެ. ރަތެވެ. އެހެނީ މާޔޫސްކަމާއި ހިތްތަދިކަމާއި، ބަރުހެލިކަމާއި ،ރާބުއިމާއި، މަސްތުވާތަކެއްޗާއި ފައިދާހުރި ކާނާ ބޭނުން ނުކުރުމަކީ ހިތުގެ ބައްޔަށް ހުށަހަޅާ ރަތް ސިގުނަލެވެ. އިންޒާރެވެ. މިކަންކަމުން ސަލާމަތްވުމަށް އަތުކުރި އޮޅާލަމާތޯއެވެ. ގަވައިދުން ކަސްރަތު ކުރައްވާށެވެ. ބަރުދަން އެކަށީގެންވާ މިންވަރަކަށް ބަހައްޓަވާށެވެ. ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި ސަރުބީ މަތިވުމުން ރައްކާތެރިވުމަށް ގަވައިދުން ޓެސްޓުތައް ހައްދަވައި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވާށެވެ. ފައިދާ ހުރި ރަނގަޅު މޭވާ އާއި ތަރުކާރީ ކެއުމުގައި ބޭނުންކުރައްވާށެވެ. އަނެކުންނަށް ދެރަ އާއި ހިތާމަ ދިނުން ހުއްޓާލަމާތޯ އެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި ރާބުއިމާއި ޒިނޭކުރުމާއި ބަދުއަހުލާގީ އަމަލުތަކުން ދުރުވެ ތައުބާވަމާތޯ އެވެ. ހިތް ސާފުކޮށް، ރީތިކުރަމާ ހިނގާށެވެ. ހިތް ހުއްޓުނު އަޚާ އަށް ހެޔޮ ރަހުމަތް ލެއްވުން އެދި މާތް ﷲގެ ހަޟުރަތުގައި ދުއާ ދަންނަވަމާ ހިނގާށެވެ. އަޅުގަނޑުމެން އެންމެން އެނބުރި ދިއުން ވަނީ އެކަލާނގެ ހަޟުރަތަށެވެ.

3 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 91%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާގިލާރު

13 December 2016

ޖެނެޓިކަލީ މޮޑިފައިކޮއްފައި ހުންނަ ތަރުކާރީ އާއި މޭވާ އަދި އެހެނިހެން ގޮތްނޭގޭ ކާނާގެ ބާވަތްތައް ރައްޔިތުންނަށް ކާންދިނީމަ ނިކަން ރައްޔިތުންގެ ސިއްހަތު ރަގަޅުވާނެ. މޮޅެތި ލިޔުންތައް ނުލިޔެ މިނިސްޓްރީއިން އަދާކުރަންޖެހޭ ޒިންމާ އަދާކުރެވޭތޯ ބަލާ. ގައުމުގެ ރައްޔިތުންނަށް ކާން މިލިބެނީ އެއްވެސް ވަރަކަށް އޭގެ ކޮލިޓީ ބެލުމެއް ނުވަތަ ސިއްހީގޮތުން ކެއުމަށް އެކަށީގެންވާ ތަކެތިތޯ ތިޔަ މިނިސްޓްރީއިން ބަލަނީ ކިހާވަރަކަށްތޯ؟ ގައުމު ވަށައިގެން ކަނޑު އޮތް އިރު ތާޒާމަސް ގައުމުން ބޭރަށް އެކްސްޕޯޓުކޮށްފައި ފެންވަރު ދަށް މަހުގެ ބާވަތްތައް ރައްޔިތުންނަށޤ މިލިބެނީ ކީއްވެތޯ؟ ޒިންމާ އަދާކުރެވޭތޯ؟ ވަރަށް ސަލާމް.

The name is already taken The name is available. Register?

ފާގަތި

13 December 2016

ޑރ.ޒިޔާދުގެ މިއީ ސަތޭކައިގެ އާޓިކަލެއް؟ މިކަމާ ވިސްނާނީ ކާކު؟ ހުރިހާ ޒުވާނުންހެން އެނަރޖީ ޑްރިންކް ބޭނުންކުރެއެވެ. ސްކޫލު ދައުރުއްސުރެއެވެ. މައިންބަފައިންގެ އިހުމާލު ވަރަށް ބޮޑެވެ. ހަކުރު ވަރަށް ގިނައިން އެކުލެވޭ މައިލޯ ޕެކެޓުގައިވެސް ހަކުރުގެ މިންވަރު ވަރަށް މައްޗެވެ. ދުވާލަކު އެތައް ޕެކެޓެއްގެ މައިލޯ ބޯލާ ކުދިން ބައިވަރެވެ. މީގަ ދެން ދެރައީ، މައިލޯގެ ނަމުގައި ކުދިވެރިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތަކާ އިވެންޓް ތަކެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ އިހުމާލުވެސް މިކަމުގަ ވަރަށް ބޮޑެެވެ. ޑރ. ވަރަށް ރަނގަޅުވީސް ވަކިވަކި އެއްޗެހީގެ ނަންވެސް ލިޔުއްވައިލެއްވިނަމަ. ފަހަރެއްގަ ޑރ.ދެކެ ރުޅިއައިސް ތިމަންނަމެންގެ ވިޔަފާރިއަށް ގެއްލުންދޭން މަސައްކަތްކުރާކަމަށް ބޯޑު އަޅުވަފާނެއެވެ. ފަރުވާލެއް ނުބަހައްޓަވާށެވެ! ތިމާގެ ޢާއިލާ ސަލާމަތްކުރަން ކޮންމެ މީހަކުވެސް ވިސްނާނެކަމަށް ހީކުރަމެވެ. އަދިވެސް އިތުރަށް މިކޮލަމް ކުރިއަށް ގެންގޮސްދެއްވާށެވެ!

The name is already taken The name is available. Register?

ކުރިބޯށި

13 December 2016

ވަރަށް މުހިންމު ލިޔުމެއް ... ލޯހުޅުވާލި ލިޔމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454