ދުނިޔެ / އެމެރިކާގެ އަސްކަރިއްޔާ

އެމެރިކާގެ ދިފާއީ ހޭދައިގެ ބިލް ފާސްކޮށް، ތަސްދީގު ކުރަން ރައީސްގެ މޭޒަށް

16 ޑިސެމްބަރ 2021 - 13:35

އެމެރިކާގެ ދިފާއީ ހަރަދުތަކަށް ސަރުކާރުން ހުށަހެޅި 777 ބިލިއަން ޑޮލަރުގެ ބިލް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓުން އިއްޔެ ފާސްކޮށް ތަސްދީގު ކުރެއްވުމަށްޓަކައި ރައީސް ޖޯ ބައިޑެންގެ އަރިހަށް ފޮނުވައިފި އެވެ.

ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓުގެ ނަން ދީފައިވާ މި ބިލް ސެނެޓުން ފާސްކުރީ 88 މެންބަރުންގެ ވޯޓުންނެވެ. ދެ ޕާޓީ އަށް ހަމަހަމަ ގޮތެއްގައި ބައިވެފައި އޮތް ސެނެޓުގައި މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވުން މިދިޔަ ހަފުތާގައި މި ބިލް ފާސްކުރީ 363 ވޯޓުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. ތިރިގޭގައި މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 70 މެންބަރުންނެވެ.

ގާނޫނު ހަދާ މަޖިލީހުން މި ބިލް ފާސްކޮށްދިނީ، ދިފާއީ ހަރަދުތަކަށް ސަރުކާރުން ހުށަހެޅި މިންވަރަށް ވުރެ ވެސް، 25 ބިލިއަން ޑޮލަރު އިތުރުކޮށްދީފަ އެވެ. އެހެންކަމުން ރައީސް ބައިޑެން މިއަދުގެ ވަގުތެއްގައި މި ބިލް ތަސްދީގު ކުރައްވާނެ ކަމަށް ބެލެވެ އެވެ.

މި ބިލްގައި ހިމެނޭ 777 ބިލިއަން ޑޮލަރުގެ ތެރެއިން، 740 ބިލިއަން ޑޮލަރު ދާނީ ސީދާ، ދިފާއީ ވުޒާރާ، ޕެންޓަގަންގެ ބަޖެޓަށެވެ. އަދި 27 ބިލިއަން ޑޮލަރު ހަކަތައާ ބެހޭ ވުޒާރާ އަށެވެ. އަދި ބާކީ ހުރި ފައިސާ ދާނީ، ގައުމީ ދިފާއާ ގުޅޭ އެހެން އިދާރާތަކަށެވެ.

މި ބިލް ފާސްކުރުމަށް ފަހު، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ސެނެޓް މެމްބަރުން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، މި ބިލަކީ އެމެރިކާގެ ބައިވެރިންނަށާއި އެމެރިކާގެ ވާދަވެރިންނަށް ވެސް ދިން ވަރަށް ސާފު މެސެޖެކެވެ.

މި ބިލުން އެމެރިކާގެ ބައިވެރިންނަށް ދޭ މެސެޖަކީ، އެމެރިކާއަކީ އަދިވެސް އިތުބާރުކުރެވޭ އަދި ބަރޯސާ ކުރެވޭ ގައުމެއް ކަމާއި، އެމެރިކާގެ ވާދަވެރިންނަށް ދޭ މެސެޖަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ މަސްލަހަތުތައް ރައްކާތެރިކުރުމަށް އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމެވެ.

ނަމަވެސް އެމެރިކާގައި އިންސާނީ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކާއި، ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، ގައުމީ ދިފާއުގެ ނަމުގައި، ނެތް ނުރައްކާތަކަކަށް ބޮޑެތި ހަރަދުތަކެއް ކުރުމަށް ވުރެ، އެމެރިކާ ރައްޔިތުންނަށް ބޭނުންޖެހިފައިވާ އިޖްތިމާއީ ރައްކާތެރިކަމާ ގުޅުން ހުރި ކަންކަމަށް މި ފައިސާ ހަރަދުކުރުން މާ ރަނގަޅުވާނެ އެވެ.

ކޮންގްރެސްގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެމެރިކާގެ ތާރީހުގައި ވެސް ކުރި އެންމެ ދިގު ދެމިގެން ދިޔަ (އަފްގާނު) ހަނގުރާމަ ވެސް މިހާރު ނިމިފައިވާ އިރު، ގާނޫނު ހަދާ މަޖިލީހުން މިހާ ބޮޑު ދިފާއީ ބަޖެޓެއް ފާސްކުރުމުގެ ބޭނުމާ މެދު ސުވާލު އުފެދެ އެވެ. މި ބަޖެޓަކީ ކުރިއަރާފައިވާ އެހެން ގައުމުތަކުގެ ތެރެއިން 11 ގައުމެއްގެ ދިފާއީ ބަޖެޓްތަކަށް ވުރެ ވެސް ބޮޑު ބަޖެޓެއް ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

އިއްޔެ މި ފާސްކުރި ބޮޑު ބަޖެޓުން، އެމެރިކާ ސިފައިންގެ މުސާރައަށް 2.7 ޕަސެންޓް ހޭދަކުރާނެ އެވެ. އަދި ހަނގުރާމަމަތީ އިތުރު މަތިންދާބޯޓުތަކާއި މަނަވަރުތައް ގަތުމަށް ވެސް މި ބަޖެޓްގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ރަޝިޔާއާ މެދު އަރައިރުން އުފެދިފައިވާ ޔޫކްރޭންގެ ސަލާމަތީ ކަންކަމަށް 300 މިލިއަން ޑޮލަރާއި ވިލާތުގެ ގައުމުތަކުގެ ދިފާއީ ކަންކަމަށް ހަތަރު ބިލިއަން ޑޮލަރާއި ބޯލްޓިކް ސަރަހައްދުގެ ގައުމުތަކުގެ ދިފާއީ ކަންކަމަށް 150 މިލިއަން ޑޮލަރު ހިމަނާފައިވެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454