ރޯހިތު، ބަންސާލީ އަދި ހިރާނީ.
20 ޑިސެމްބަރ 2021 - 05:42
ފިލްމެއްގެ އަސްލު މޭސްތިރި އަކީ އޭގެ ޑައިރެކްޓަރު ނަމަވެސް އާންމުކޮށް، ހުރިހާ ކްރެޑިޓެއް ލިބޭ ބަޔަކީ ސްކްރީނުން ފެންނަ މީހުންނެވެ. ހާއްސަކޮށް މަޝްހޫރު ތަރިން އުޅޭ ފިލްމެއް ނަމަ، އޭގެ ކާމިޔާބީގެ ހުރިހާ ކްރެޑިޓެއް ގިނަ ފަހަރަށް "ކާލަނީ" ތަރިންނެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ޑައިރެކްޓަރަކާ ނުލައި ފިލްމެއް ސްކްރީނަކާ ހަމައަށް ނާންނާނެ ކަމެވެ. އެހެންވެ ހަގީގަތުގައި ފިލްމެއްގެ އަސްލު "ހީރޯ" އަކީ ޑައިރެކްޓަރެވެ. ކަނޑުގައި ދުއްވާ އުޅަނދެއްގެ ހުރިހާ ޒިންމާއެއް އޭގެ ކެޕްޓަން ކޮނޑުގައި އޮންނަ ގޮތަށެވެ.
އިންޑިއާގެ ޑައިރެކްޓަރުންނަށް ބަލާ އިރު، ޑައިރެކްޓަރުންނަށް ލިބޭ އާމްދަނީ އޭ-ލިސްޓް ތަރިންނާ އަޅާކިޔާ ނަމަ މާ ބޮޑެއް ނޫނެވެ. މި ލިސްޓްގައި މި ބަލާލަނީ މި ވަގުތު ފިލްމުތަކުން އެންމެ ބޮޑު އަގެއް ލިބޭ ޑައިރެކްޓަރުންނަށެވެ.
އެސްއެސް ރާޖަމޯލީ އަކީ މި ވަގުތު އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރެވެ. އާންމުކޮށް ތެލެގޫ ފިލްމުތައް ހަދާ މި ޑައިރެކްޓަރު މުޅި ދުނިޔޭގައި ވެސް ވިދައިލީ އޭނާ ގެނެސްދިން "ބާހްބަލީ" ގެ ދެ ފިލްމުންނެވެ. އެ ދެ ފިލްމަކީ އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ވެސް ހެދި ދެ ފިލްމެވެ.
"ބާހްބަލީ" ގެ ކުރިން ވެސް ރާޖަމޯލީ، 48، އަކީ ތެލެގޫ ސިނަމާ އަށް ވަރުގަދަ އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރެއިން އެއް ފިކްމަކީ "މަގަދީރާ" އެވެ. އަންނަ މަހުގެ 7 ގައި ބޮޑު ބަޖެޓަކުން ހަދާފައިވާ "އާރްއާރްއާރް" ގެނެސްދޭ ޑައިރެކްޓަރަށް އެވްރެޖްކޮށް ފިލްމަކުން 100 ކްރޯޑް ރުޕީސް (19.73 މިލިއަން ޑޮލަރު) ލިބެ އެވެ.
ރޯހިތަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން 100 ކްރޯޑް ކުލަބްގެ ފިލްމުތައް އެންމެ ގިނަ ޑައިރެކްޓަރެވެ. އޭނަ މިދިޔަ މަހު ގެނެސްދިން "ސޫރިޔަވަންޝީ" އާ އެކު އެ އަދަދު މިހާރު ނުވައަކަށް އަރަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރޯހިތު، 48، އެވްރެޖްކޮށް، ފިލްމެއް ޑައިރެކްޓްކުރަނީ ފީއަކަށް 25-30 ކްރޯޑް ރުޕީސް (3.29-3.95 މިލިއަން ޑޮލަރު) އަށެވެ.
"ގޯލްމާލް" ފްރެންޗައިޒާއި "ސިންގަމް" ފްރެންޗައިޒް ވެސް ގެނެސްދޭ ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ސާކަސް" އެވެ. ރޯހިތަކީ، ރޯހިތު ޝެޓީ ޕިކްޗާޒްގެ ނަމުގައި އަމިއްލަ ކުންފުންޏެއް ހިންގައި ފިލްމު ޕްރޮޑިއުސް ވެސް ކުރާ މީހެކެވެ.
ރާޖްކުމާރު ހިރާނީ އަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ޑައިރެކްޓަރެވެ. "މުންނާބާއީ" ސީރީޒް އާއި "3 އިޑިއަޓްސް" އަދި "ޕީކޭ" އާއި "ސަންޖޫ" ވެސް ގެނެސްދިން ހިރާނީ އެވްރެޖްކޮށް ފިލްމަކުން ނަގަނީ ފީއެއްގެ ގޮތުގައި 24 ކްރޯޑް ރުޕީސް (3.16 މިލިއަން ޑޮލަރު) އެވެ.
ޑައިރެކްޓްކުރާ ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ހިރާނީ، 59، މިހާރު އަންނަނީ ޝާހްރުކް ޚާނާ އެކު ސޯޝަލް ކޮމެޑީއެއް ހެދުމަށް ތައްޔާރުވަމުންނެވެ.
ކަރަން ޖޯހަރަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ދަރުމާ ޕްރޮޑަކްޝަންގެ ވެރިޔާ އެވެ. ދޭތެރެ ވަރަށް ދުރުކޮށް ފިލްމުތައް ޑައިރެކްޓްކުރާ ކަރަން، ޑައިރެކްޓްކުރާ ފިލްމަކުން އެވްރެޖްކޮށް އާމްދަނީއަކަށް ނަގަނީ 12 ކްރޯޑް ރުޕީސް (1.56 މިލިއަން ޑޮލަރު) އެވެ.
ފިލްމެއް ޑައިރެކްޓްކޮށްގެން ލިބޭ އާމްދަނީ ކުޑަޔަސް، އޭނާގެ ޖީބަށް ފިލްމު ޕްރޮޑިއުސް ކޮށްގެން ވަންނަ އާމްދަނީ އެތައް ގުނަ ބޮޑެވެ. ކަރަން، 49، މިހާރު އަންނަނީ އޭނަގެ 8 ވަނަ ޑައިރެކްޝަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ކުރަމުންނެވެ.
އާންމުކޮށް އިންޑިއާގެ ދެކުނުގެ ފިލްމުތައް ހަދާ އޭއާރް މުރުގަދޯސް، 47، އަކީ އާމިރު ޚާންގެ "ގަޖުނީ" އާއި އަކްޝޭ ކުމާރުގެ "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވަ އޮފް ޑިއުޓީ" ގެ އިތުރުން ސޮނާކްޝީ ސިންހާގެ "އަކީރާ" ގެނެސްދިން ޑައިރެކްޓަރެވެ.
އޭނާ އާންމުކޮށް ފިލްމެއް ޑައިރެޓްކޮށް ދެނީ 12-15 ކްރޯޑް ރުޕީސް (1.56-1.97 މިލިއަން ޑޮލަރު) އަށެވެ.
"ދިލް ސޭ" އާއި "ބޮމްބޭ" އާއި "ގުރޫ" އަދި "ރޯޖާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މަނީ ރަތުނަމް، 65، އަކީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ.
އާންމުކޮށް ތަމަަޅަ ފިލްމުތައް ހަދާ ޑައިރެކްޓަރު ފިލްމެއްގެ ޑައިރެކްޝަނުން ފީއެއްގެ ގޮތުގައި ނަގަނީ 9 ކްރޯޑް ރުޕީސް (1.18 މިލިއަން ޑޮލަރު) އެވެ. ރަތުނަމްގެ ކުރިއަށް އޮތް ފިލްމަކީ އައިޝްވާރިއާ ރާއީއާ އެކު ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ ޕޮނިޔިން ސެލްވަލް (ޕީއެސް) ގެ ފުރަތަމަ ބައެވެ.
ސަންޖޭ ލީލާ ބަންސާލީ އަކީ ހިންދީ ސިނަމާ އަށް ޗާލު ފިލްމުތައް ގެނެސްދިނުމުގެ ނަމޫނާއެކެވެ. އޭނަގެ ކޮންމެ ފިލްމަކީ ވެސް ބެލުންތެރިންނަށް "ޖާދޫ" އެކެވެ. "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" އާއި "ރާމް-ލީލާ" އާއި "ބަޖިރާއޯ މަސްތާނީ" އަދި "ޕަދުމާވަތު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ފިލްމަކުން ނަގާ އަގެއް މުޅިން ސާފެއް ނުވެ އެވެ.
ބަންސާލީ އަކީ ޑައިރެކްޓްކުރާ ފިލްމުތައް ޕްރޮޑިއުސް ވެސް ކުރާ މީހެކެވެ. އެހެންވެ އޭނަ ހަދާ ކޮންމެ ފިލްމަކުން ވެސް އަމިއްލަ އެކައުންޓަށް ބޮޑު އަދަދެއް ވަދެ އެވެ. އެކަމަކު ސާފު ނުވަނީ އެއީ އެވްރެޖްކޮށް ކިހާ ވަރެއް ކަމެވެ.
ބަންސާލީ 58، ގެ ކުރިއަށް އޮތް ފިލްމަކީ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy