ރިޕޯޓް / ޖިނާއީ އަދުލުގެ ނިޒާމު

މުއްދަތު ހިނގަނީ ދައުވާ ކުރުމަށް އެކަނިތަ؟

ރާއްޖެ ޓީވީ އިމާރާތުގައި ރޯކޮށްލައިފައި: ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާ ކުރިޔަސް، މުއްދަތުތަކާ އެއްގޮތަށް ޝަރީއަތްތައް ކުރިއަށް ނުދާކަމުގެ ޝަކުވާ ބޮޑު --- ފޮޓޯ/ މިހާރު

އެތައް އަހަރެއްގެ މަސައްކަތަށްފަހު ޖިނާއީ އިޖްރައާތުގެ ގާނޫނެއް ވުޖޫދަށް ގެނައި އެއް ބޭނުމަކީ ޖިނާއީ މައްސަލަތަކުގެ ޝަރުއީ މަރުހަލާއިން އިންސާފު ލިބުން އަވަސް ކުރުމެވެ. އެކަމަށްޓަކައި ތަހުގީގާއި ދައުވާ ކުރުމާއި ޝަރީއަތްތައް ހިންގަންޖެހޭ މުއްދަތުތައް ތަފްސީލުކޮށް އެ ގާނޫނުގައި ލިޔުމުން ތަހުގީގުތަކުގެ ސްޕީޑް އަވަސް ކުރަން ޖެހުނެވެ. ދައުވާ ކުރަންޖެހޭ މުއްދަތުގައި ދައުވާ ނުކޮށްފި ނަމަ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެތީ އެ މަރުހަލާ ވެސް އަވަސް ކުރަން ޖެހުނެވެ.

ގާނޫނުގައި ބުނާ މުއްދަތަށް ވުރެ އެންމެ ދުވަހެއް ލަހުން ދައުވާ ކުރިޔަސް، އެ މައްސަލައެއް ކޯޓުތަކުން ބަލައެއް ނުގަނެ އެވެ. ކިތަންމެ ބޮޑު މައްސަލައަކަށް ވިޔަސް، ޖިނާއީ އިޖްރައާތުގެ ގާނޫނު އައިފަހުން ކޯޓުތަކުން އަމަލުކުރާ އުސޫލަކީ މިއީ އެވެ. އޭގެ ސަބަބުން ދައުވާ ކުރުމުގެ މަރުހަލާ ކިތަންމެ އަވަސްވެގެން ދިޔަ އެވެ. އެކަމަކު އެ ގާނޫނު ތަސައްވުރުކުރި އަވަސް މިނެއްގައި ކޯޓުތަކުން އެ މައްސަލަ ނިމިގެން ގޮސްފައިވޭތޯ މިއީ އުފެދޭ ސުވާލެކެވެ.

ދައުވާ ކުރުމުގެ އިތުރަށް ޝަރީއަތްތައް ވެސް ހަމަ އެހާ އަވަހަށް ކުރިއަށް ގެންގޮސް ނިންމަންޖެހޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ހިމަނާފައި އެބައޮތެވެ. އެގޮތުން ކޯޓަށް މައްސަލަ ހުށަހެޅޭތާ ފަސް ދުވަސް ތެރޭގައި ލިޔުންތައް ހަވާލުކޮށް، މައްސަލަ އަށް ތައްޔާރުވާން ފަށަން ޖެހޭނެ އެވެ. އަދި އިބްތިދާއީ މަރުހަލާ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ފެށުމަށް ފަހު ޝަރީއަތުގެ މަރުހަލާ ވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ޖެހޭނެ އެވެ. ހަމައެހެންމެ، ޝަރީއަތް ހިންގާނެ ގޮތުގެ ތާވަލެއް ވެސް ދުރާލާ ދޭންޖެހެ އެވެ.

އެކަމަކު ގާނޫނުގައި ބުނާ މި މުއްދަތުތަކެއް ކޯޓުތަކުގެ މައްޗަށް ހިނގާ ތަނެއް ނުފެނެ އެވެ. ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ކުރިޔަސް، ޝަރީއަތްތައް އެ މުއްދަތަކަށް ނުނިންމެ އެވެ. ކުށަށް އިއުތިރާފްވާ މައްސަލަތަކުގައި އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ފަސް ދުވަސް ތެރޭގައި މައްސަލަ ނިންމަން ގާނޫނުގައި އޮންނާތީ އެ މުއްދަތަށް މައްސަލަ ނިންމަ އެވެ. އެކަމަކު އިއުތިރާފް ނުވާ މައްސަލަތަކުގައި ގާނޫނުގައި ބުނާ މުއްދަތުތަކާ އެއްގޮތަށް ޝަރީއަތްތައް ހިންގަނީ މަދު ފަހަރެއްގަ އެވެ.

ޝަރީއަތްތައް ކުރިއަށް ގެންދިއުން އެކަންޏެއް ނޫނެވެ. ގާނޫނު ބުނާގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަސް ތެރޭގައި ކޮންމެ މައްސަލައެއްގައި ވެސް ހުކުމް ކުރަން ޖެހޭނެ އެވެ. ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ނިންމަން މިދިޔަ އަހަރުން ފެށިގެން އެކިގޮތަށް ތާވަލް ކަނޑައަޅަމުން ދިއުމަށްފަހު މައްސަލާގެ އަޑުއެހުންތައް ނިންމާލެވުނީ މިދިޔަ މަހު އެވެ. ހުކުމް އިއްވަންޖެހޭ މުއްދަތު މިދިޔަ ހަފުތާގައި ހަމަވިއިރު ވެސް، ހުކުމެއް ނީއްވަ އެވެ.

ކުށުގެ ތުހުމަތުކުރެވޭ މީހުން ބައިތިއްބާ ތަނެއް --- ފޮޓޯ /މިހާރު

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި އަޑުއެހުންތައް ނިންމާލެވުނީ އެ ހާދިސާ ހިނގިތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ އޮގަސްޓް މަހު އެވެ. މިދިޔަ ހަފުތާގައި މައްސަލާގެ ހުކުމް އިއްވީ އެ މުއްދަތު ހަމަވިތާ ތިން މަސް ފަހުންނެވެ. މި ފާހަގަކޮށްލީ އާންމުންނަށް އެނގޭ މައްސަލަތަކެވެ. އާދައިގެ ކުދިކުދި ވައްކަމާއި އެ ނޫން ބާވަތުގެ މައްސަލަތައް ވެސް މިގޮތަށް އެބަހުއްޓެވެ. މުއްދަތާ އެއްގޮތަށް ޝަރީއަތް ކުރިއަށް ނުދާކަމުގެ ޝަކުވާ އަދިވެސް ހައްލެއް ނުވެ އެވެ.

މަރުގެ މައްސަލަތަކުގައި އެންމެ ގިނައިން ދައުވާކުރާ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު އޮންނަ ގޮތުން އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތައް ކޯޓަށް ހުށަހަޅާތާ އެއް މަސް ތެރޭގައި ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިންމައިި، ހުކުމް އިއްވަން ޖެހޭނެ އެވެ. އެކަމަކު އެ ގާނޫނުގެ ދަށުން ދައުވާކުރި މަރުގެ އެއްވެސް މައްސަލައެއް އެ މުއްދަތުގެ ތެރޭގައި މިހާތަނަށް ނިންމައި، ހުކުމްކޮށްފައެއް ނުވެ އެވެ.

މިގޮތަށް މުއްދަތުތަކާ އެއްގޮތަށް ޝަރީއަތްތައް ކުރިއަށް ނުދިއުމުން ދެން ކުރިމަތިވާ މައްސަލަ ވެސް އެހާ ބޮޑެވެ. މައްސަލަ ނުނިމިގެން އެތައް އަހަރަކު ބަންދުގައި ތިބުމަށްފަހު މައްސަލަ ނިމޭއިރު، ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތު ވިޔަސް ތަންފީޒު ކުރަންޖެހޭ ހުކުމެއް ނޯވެ އެވެ. މާނައަކީ މިސާލަކަށް ދެ މަހަށް ޖަލަށްލާން ހުކުމް ކުރެވެނީ ފަސް މަހެއްހާ ދުވަސް ޖަލުގައި ހޭދަކުރާ ފަހުންނެވެ. އާހިރުގައި، އެ މީހާ ކުރި ކުށަށް ވުރެ ބޮޑު އަދަބެއް ލިބެނީ އެވެ.

ގާނޫނުގައި ބުނާ މުއްދަތަށް ކޯޓުތަކުން އަމަލު ނުކުރާ މައްސަލަ ބޮޑުވެ، އެފަދަ މައްސަލައެއް މިދިޔަ އަހަރު ސުޕްރީމް ކޯޓާ ހިސާބަށް ވެސް ދިޔަ އެވެ. ބަންދު އަމުރު މުރާޖާކުރަންޖެހޭ މުއްދަތުގައި އެކަން ކޯޓުތަކުން ނުކުރި މައްސަލައެއް ސުޕްރީމް ކޯޓާ ހަމައަށް ދިއުމުން އެ ކޯޓުން އޭރު ނިންމާފައި އޮތީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ މުއްދަތުތަކަށް އަމަލު ނުކުރާ ނަމަ، އެކަމެއް ބަލައި ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ. އެކަމުގައި ކޯޓުތަކަށް ވެސް ވަކި އިސްތިސްނާއެއް ދީފަައެއް ނެތެވެ.

އެކަމަކު މިފަދަ އެއްވެސް ކަމެއްގައި މިހާތަނަށް އެޅި ފިޔަވަޅެއް ނެތެވެ. ހަމައެހެންމެ، ދަށު ކޯޓުތަކުގެ އިތުރުން މަތީ މަރުހަލާގެ ކޯޓުތަކުގައި ވެސް ޖިނާއީ ބޮޑެތި މައްސަލަތައް ހުރީ އެވެ. އެގޮތުން 15 އަހަރުވެފައި ހުރި ބައެއް މައްސަލަތައް ވެސް އިސްތިއުނާފް މަރުހަލާގައި މިހާރު ކުރިއަށް ދާއިރު، ދަށު ކޯޓުތަކުގައި ހުރި މިފަދަ މައްސަލަތައް ނިމެމުންދާ ވަރަކުން އިސްތިއުނާފް މަރުހަލާއަށް އަދިިވެސް ގިނަ ދުވަސްވީ މައްސަލަަތައް އަންނާނެ ކަމަށް ބެލެވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނާ މުއްދަތުތަކާ އެއްގޮތަށް ދައުވާ ކުރިޔަސް، ޝަރީއަތްތައް ގާނޫނުގައި ބުުނާ މުއްދަތުތަކާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ ކަންބޮޑުވުމެވެ. އަދި މުއްދަތުތަކާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދަން ކޯޓުތަކަށް ދަތިތަކެއް ހުއްޓަސް، އެކަމަށް ކޯޓުތަކުން މަސައްކަތް ކުރާ ނަމަ އެކަން ކުރެވޭނެ ކަމަށާއި ގާނޫނުގައި ބުނާ މުއްދަތުގައި އެ އޮފީހުން ދައުވާ ކުރަނީ ވެސް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޓުތަކުން މައްސަލަ ނިންމަންޖެހޭ މުއްދަތަށް މައްސަލަ ނިންމުމަށްޓަކައި މަސައްކަތް ކުރީމަ ކުރެވޭނެ. ދެން އެކަމުގައި ދަތިތަކެއް ހުރިއްޔާ ވެސް އެކަމަށް މަސައްކަތްކޮށްގެން ހައްލު ލިބޭނީ. -- ޝަމީމް

"ދައުވާ ކުރަންޖެހޭ މުއްދަތެއް ގާނޫނުގައި ލިޔުނީމަ އަޅުގަނޑުމެން ވެސް ގެންނަންޖެހޭ ބަދަލުތައް ގެނައީ އެ މުއްދަތަށް ދައުވާކުރަން. އެހެންވީމަ ކޯޓުތަކުން މައްސަލަ ނިންމަންޖެހޭ މުއްދަތަށް މައްސަލަ ނިންމުމަށްޓަކައި މަސައްކަތް ކުރީމަ ކުރެވޭނެ. ދެން އެކަމުގައި ދަތިތަކެއް ހުރިއްޔާ ވެސް އެކަމަށް މަސައްކަތްކޮށްގެން ހައްލު ލިބޭނީ. މުއްދަތުތަކާ އެއްގޮތަށް މައްސަލަ ނުނިމި ލަސްވުމަކީ އަޅުގަނޑުމެންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުން. އޭގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް އެބަ ނިކުމޭ." ޝަމީިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުއްދަތުތަކާ އެއްގޮތަށް ޝަރީއަތްތައް ކުރިއަށް ނުދާ މައްސަލަތަކުގައިި ހެކިބަސް ބަދަލު ކުރުމާއި ހެއްކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. އެކަމަކު އަވަހަށް ކުރިއަށް ގެންދިޔަ މައްސަލަތަކުގައި އެފަދަ ކަމެއް މެދުވެރިނުވެ، މައްސަލަ ކާމިޔާބު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިނާޢީ އިޖްރައާތުގެ ގާނޫނުގެ ދަށުން މުއްދަތުތަކެއް ކަނޑައެޅިޔަސް، އެ ގާނޫނަށް ފަސް އަހަރުވާން ގާތްވިއިރު ވެސް އެދެވޭ ނަތީޖާއެއް ނުފެނުނެވެ. ސަބަބަކީ ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާ ކިތަންމެ ބާރަށް ކުރިއަށް ގެންދިޔަޔަސް، ޝަރީއަތްތައް ނިންމަންޖެހޭ މުއްދަތުތަކާ އެއްގޮތަށް ކޯޓުތަކުން ގިނަ ފަހަރަށް މައްސަލަތައް ނުނިންމުމެވެ. ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާ އަވަސްވުމުން ކިތަންމެ ބޮޑު ކުރިއެރުމެއް ލިބުނަސް، ކޯޓުތަކުގައި ގާނޫނުގައި ބުނާ މުއްދަތުތަކަށް އަމަލުނުކުރާ ނަމަ އޭގެ ނަތީޖާއެއް ނުފެންނާނެ އެވެ.

8 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަމީމުއަށް

22 December 2021

ކޯޓުތަކުން ކުރަން އުޅުނީމަ ކުރެވޭނެ ބުނީމަ ނިމުނީތަ ޝަމީމް، އަދި ދަޢުވާ ކުރަން ބުނާ މުއްދަތުގައި ތިމަންމެން ދަޢުވާ ކުރަމޭ ބުނީމަ ނިމުނީތަ ޝަމީމް، ކޮބާ ލަދު. ކޯޓަށް ގިނަ ދަޢުވާތައް ވައްދަނީ ލިޔެކިޔުންތައް ހަމަނުކޮށް، ދެން އިބްތިދާޢީ އަޑުއެހުމުގައި ދަޢުލަތުގެ ވަކީލުން ރޮއެ ހޭރިގަންނަނީ ތިމަންނަމެން އަދި އެވެނި މިވެނި ރިޕޯރޓެއް ނިންމަން މުހުލަތު ދޭށޭ ކިޔާފަ.އިބްތިދާޢީ އަޑުއެހުން ބޭއްވެނީ ތުހުމަތު ކުރެވުނު މީހާ ބަންދުގައި ހުންނަތާ 6 މަސްފަހުން. ލަދު

The name is already taken The name is available. Register?

ކުރެވޭ

22 December 2021

ކުރަން އުޅޭނަމަ އަވަހަށް ކުރެވޭކަން ޔާމީންގެ ޝަރީއަތްތަކުން ފެނުނު. އެހެންވީމަ ކުރަން އުޅޭނަމަ ކުރެވޭނެ.

The name is already taken The name is available. Register?

އެމްސް

22 December 2021

ވަކީލުންނާއި ފަނޑިޔާރުން އުޅޭ މުއްސަނދި ދިރިއުޅުމަށް ރިޢާޔަތް ކޮއްލީމަ ތި ސުވާލުގެ ޖަވާބު ލިބޭނެ!

The name is already taken The name is available. Register?

ގެންޓިއަން

22 December 2021

އަހަރެން ހިތަށް އަރަނީ ކޯޓުތަކުން ޝަރީއަތްތައް ލަސްކުރަނީ އެމީހުންނަށް އޭގެން ފައިދާތަކެއް ނުވަތަ މަންފާތަކެއް ވާތީބާއޭ ދިގުދަންމާލީމާ މައްސަލަގައި ހިމެނޭ ދެފަރާތުން ފަނޑިޔާރުންނަށް ތަފާތު ހުށަހެޅުންތައް ހުށަހަޅަން ވަގުތު ދެނިއްޔޭ އޭރަށް ފަނޑިޔާރަށް އެންމެ ފައިދާބޮޑު ހުށަހެޅުމެއް ލިބޭފަރާތަކަށް މައްސަލަ ނިންމާލަދެނިއްޔޭ

The name is already taken The name is available. Register?

ކިޔު

22 December 2021

ކޯޓުތަކަށް ބޭނުންވާ ފަނޑިޔާރުންނާއި މުވައްޒަފުންނާ ވަސީލަތްތައް ހޯދުމުގެ ބާރު ކޯޓުތަކަށް ނެތް.

The name is already taken The name is available. Register?

ސްމޭޝް-ފުވައްމުލައް

22 December 2021

ކޯޓުތައް އަދިވެސް އޮތީ ފިނިހަކަ ދުވެލީގައި! އިނސާފު ގާއިމެއް ނުކުރެވޭ! އަވަސް ވާން ޖެހޭ!

The name is already taken The name is available. Register?

އެމްސް

22 December 2021

ކޮން ސަރުކާރުއްގެ ކޮންތަނެއްގަތޯ ދުވެއްޔެއް ހުރީ؟

The name is already taken The name is available. Register?

ޢާދަނުބެ

22 December 2021

މި ގައުމުގެ ކޯޓުތަށް އެބަޖަހޭ އިސްލާހު ކު ރަން ޒަމާނަށް ނުފެތޭ މުސްކުޅި ފަނޑިޔާ ރުން ބައިތިއްބައިގެން ހަމަ ތިބެންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454