މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މީގެ ކުރިން އެޅި ފިޔަފަޅުތަކާ ދެކޮޅަށް ނޫސްވެރިން މުޒަހާރާ ކުރަނީ. މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތް މާއްްދާ އާ ދެކޮޅަށް ވެސް މަސައްކަތްކުރާނެ. ފައިލް ފޮޓޯ/މިހާރު.
25 ޑިސެމްބަރ 2021 - 07:59
"މިހާރު" ނޫސް ބައިވެރި ވާތީ ބައެއް ފުޓްބޯޅަ ކުލަބުތަކުންް ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރަން ނިންމި ނިންމުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށާއި މިކަމުން ދެވެނީ ވަރަށް ނުރަނގަޅު މެސެޖެއް ކަމަށް އެޑިޓާސް ގިލްޑުން ރޭ ބުނެފި އެވެ.
ރާއްޖޭގެ މީޑިއާތަކުގެ އެންމެ އިސް ބޭފުޅުން، ނުވަތަ އެޑިޓަރުން ހިމެނޭ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ "މިހާރު" ބޮއިކޮޓް ކުރަން ކްލަބުތަކުން ނިންމުމަކީ ކުޅިވަރަށް އިތުރު ބަނަކަމެއް ގެނުވާނެ ފަދަ ވިސްނުމެއް ކަމަށެވެ.
ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކުން "މިހާރު" އާ އެކު ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވާނެ ސަބަބެއް ކަމަށް ބުނެފައި ވަނީ، ރާއްޖޭގެ ފުޓްބޯޅަ އަށް ގެއްލުންވާ ގޮތަށް، ހަގީގަތާ ހިލާފަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމެވެ. އެހެންވެ، މިހާރު ކުރިއަށް ގެންދާ ޕްރެޒިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތުގެ ޕްރެސް ކޮންފަރެންސްތައް ބައެއް ކްލަބްތަކުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބޮއިކޮޓް ކޮށްފަ އެވެ.
ފުޓްބޯޅައަކީ ކްލަބްތަކާއި އެ އަށް ލޯބިކުރާ ސަޕޯޓަރުންގެ މަސްލަހަތު ހިމެނޭ ކުޅިވަރަކަށް ވާއިރު، އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުރި ނަމަ، އެކަން ފާހަގަކޮށް ފާޑުކިޔުމަކީ ކުޅިވަރުގެ ކުރިމަގަކަށްޓަކައި ބޭނުންތެރި އަދި މީޑިއާގެ ޒިންމާ އަދާކުރުމުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ގިލްޑްގެ ބަޔާނުގައިވެ އެވެ.
"މިފަދަ ފާޑުކިޔުންތަކަކީ ބައިނަލްއަގްވާމީ މުޖުތަމައު ބަލައިގެންފައިވާ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި ހިމެނޭ ބައެއްކަން ވެސް ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.
ނުފޫޒުތަކާއި ޖަޒުބާތުތަކުން ކުލަބުތަކާއި އެފްއޭއެމް ދުރުވެ، މީޑިއާތަކުގެ ފާޑުކިޔުން ޒިންމާދާރުކަމާ އެކު ބަލައިގަންނަން ވަނީ ގޮވާލައިފަ އެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މެޗުތަކުގެ ޕްރީ މެޗު އަދި ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސަށް ހާޒިރުވެ މީޑިއާ އަށް މައުލޫމާތު ދިނުމަކީ ކްލަބްތަކުން ކުރަން ޖެހޭނެ ކަމެކެވެ. އެހެންވެ، ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިނުވުމަކީ އެ ކްލަބްތަކުން ގަވާއިދާ ހިލާފުވުމެވެ.
ފުޓުބޯޅަ އަށް ގެއްލުންވާ ގޮތަށް "މިހާރު" ގައި ލިޔާ ކަމަށް ބުނެ "މިހާރު" ބައިވެރިވާ ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރަން ބައެއް ކްލަބްތަކުން ނިންމިއިރު، އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ކުޅިވަރުގެ ދާއިރާ އިން ކިޔަވައި ވިދާޅުވެފައިވާ ހާމިދު އަބްދުލްޣަފޫރު "މިހާރު" ގައި މިހާރު ލިޔުއްވާ ކޮލަމާ މެދު ވެސް އެ ކްލަބްތަކުން ހިތްހަމައެއް ނުޖެހޭ ކަމަށް ވެ އެވެ.
ހާމިދު ގެންދަވަނީ ދިވެހި ފުޓުބޯޅަ އާއި އެފްއޭއެމްގެ ހުރި މައްސަލަތަކަށް އަލިއަޅުވާލައްވައި ކޮންމެ ބުދަ ދުވަހެއްގައި "މިހާރު" ގައި ކޮލަމެއް ލިޔުއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެނީލާ
26 December 2021
ތި ވައްތަރަށް އުޅޭތީއޭ ކުޅިވަރު ވެސް ވައިގައި ނުހިފައިގެން މިއުޅެނީ. ވަކި ބަޔަކު ކޮންޓުރޯލް ކުރާ އެއްޗަކަށް މިވެސް ވެފައި މިއޮންނަނީ. ކޮރަޕްޓުވެގެން ގޮސް ހައްދުން ނައްޓަފައި ހުރިހާ ކަމެއްވެސް.
ހެހެހެ
26 December 2021
މާޒިޔާ ކަހަލަ ޓީމެއް ބައްސާމުގެ މި "ޖަރީމާ" ގައި އިސްވެ ބައިވަރިވާތީ ވަރަށް ހަޑި!
ބަގަޓު
25 December 2021
ވާގޮތެއް ބަލަން "މިހާރު" ނޫހުން އަދި ތިހުރިހާ ނޫސްވެރިން ތިބުނާ ކްލަބްތަކާއި އެފްއޭއެމް ބޯއިކޮޓްކޮށް އެމީހުންގެ ޚަބަރު ނުގެންނަން ވީނު؟
ސަފޯޓަރ
25 December 2021
ނިއުރޭޑިޔަންޓް ވިކުޓްރީ ނުލައި ކޮން ދިވެހި ފުޓްބޯޅައެއް ކުޅޭކަން.
އިއްސެ.
25 December 2021
ޑީއެންސީ އާއި އޭއެންސީ، ހުރައާއި ފޯކައިދޫ އަދި އައްޑޫ އެފްސީ އާއި ކުޅުދުއްފުށި މަޤުލަސް ވެސް ގެންނާން ވާނެ. ކީއްވެ ވަކި ވިކްޓަރީ އަކާއި ނިއުރޭޑިއަންޓް ގެންނާޏް ޖެހެނީ؟
އާރީ
25 December 2021
މިހާރު 6 ގިޔަރު ކުރިޔަށް ޖަންސާލާނެ ކަމަށް އުއްމީދުކުރަށް
ހަސަންފުޅުބެ
25 December 2021
ބޮއިކަޓްކުރާވަރަކަށް ކުރަންވީ. މިހާރަކީ މިވަގުތު މިރާއްޖޭގައި އެންމެކުރީގައިތިބެގެން ނޫސްވެރިކަން ކުރާމީހުން. ބޮއިކަޓުކުރިއަސް ދައްކަންޖެހޭވާހަކަ ދެއްކުމަކީ ނޫސްވެރިކަން ކުރުންކަން ނޭގޭ މީހުންގެ ތަހުޒީބު ލެވެލްއާއި މެދު އެއްޗެއްބުނުމުގެ ބޭނުމެއްނެތް. މިވަރަށް އެކިއެކި ބޭރުގެ ލީގުތައް ބަލާއިރުވެސް ފުޓުބޯޅައި އަހުލާގު ކިޔާއެއްޗެއްއޮންނަކަން ނޭގެވިއްޔާ.
ގިއްލްޑާރސް އެވާރޑް
25 December 2021
ކަލޭމެން ހާދަހާ ޚުދުމުހުތާރުކަން ބޮޑޭ. ކުލަބުތަކުން ބައިވެރި ނުވާން ނިއްމެވި ނިއްމުމަށް މަރުޚަބާ. ކޮން އެޑިޓާރސް ގިޢްލްޑޭ ކިޔާކަށް
ކޮރަޕްޓްފުޓްބޯޅަ
25 December 2021
ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކުގެ ފެންވަރު މިފެންނަނީ. މުޅި ސާފް ޗެމްޕިއަންޝިޕް އަތަށްގޮވީމަ އެހިސާބުން ފެށިގެންވެސް މިހާރު ނޫސް ގޯސްވެގެން އުޅުނު މީހުންމީ. ސޯޝަލް މީޑިއާގަ ފެނުނު އެފްއޭއެމްގެ ބޮޑު މުސާރަ ނަގާ ލިސްޓެއްވެސް.
ސައިޚް
25 December 2021
ނޫސް ބޮއިކޮޓް ކުރުމަކީ ވަރަށް ނާތަހުޒީބު ދަށުދަރައިގެ އަމަލެއް، ނޫހަކުން މީހަކަށް، ބަޔަކަށް، ނުވަތަ މުޖުތަމައަށް ނުރަނގަޅު އަސަރެއްކުރާ ލިޔުމެއް ލިޔާނަމަ، ފުރަތަމަ ބޮއިކޮޓު ކުރުމުގެ ކުރިން އެ ނޫހަކާ ވާހަކަ ދައްކާލުން މުހިންމު، ނުވަތަ ނޫސްވެރިކަމުގެ ބަލަދުވެރި ފަރާތަށް ޝަކުވާއެއް ކޮއްލުން ރަނގަޅު، މިހެން ގޮތެއް ނެތި ބޮއިކޮޓު ކުރުމަކީ އެބޮއިކޮޓު ކުރިބައެއްގެ ނާތަހުޒީބުކަން،
އޮނަރަބަރު
25 December 2021
ނޫހެއްގައި ލިޔާ އެއްޗެއް ހަޖަމް ނުވުމަކީ ނޫސް ނުވަތަ ނޫސްލިޔާމީހާ ބޮއިކޮޓް ކުރަންޖެހޭކަމެއް ނޫން. މިފަދަ ކަންކަމަކީ ވަރަށް ނާތަހުޒީބު އަމަލުތަކެއް. ދިވެހި ފުޓުބޯޅަ ކުރިނާރަނީ ނާތަހުޒީބު ބަޔަކު ފުޓުބޯޅައިގައި ބަގުޑި ބައްދައިގެން އުޅޭތީކަން ވަރަށްބޮޑަށް ހާމަވަމުން މިދަނީ.