ޚަބަރު / ކ. މާފުށި

މާފުށީގައި އަހަރަކު 73 މިލިއަން ޑޮލަރު ދައުރުވޭ

ލޯކަލް ޓޫރިޒަމް ފެށީ މާފުށިން. މިހާރު އެ ރަށުގައި 46 ގެސްޓްހައުސް އެބަ ހިންގާ.

މާފުށީ: ޓޫރިޒަމް ވިޔަފާރިން ބޮޑު އާމްދަނީއެއް ލިބޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ލޯކަލް ޓޫރިޒަމްގައި ރާއްޖޭގެ އެންމެ ވަރުގަދަ ބްރޭންޑް، ކ. މާފުށީގައި އަހަރަކު 73 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ދައުރުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2009 ވަނަ އަހަރު ލޯކަލް ޓޫރިޒަމް ފެށީ މާފުށީގައި ހުޅުވި "ވައިޓް ޝެލް" ގެސްޓްހައުސްއިންނެވެ. އޭގެ 12 އަހަރު ފަހުން މިހާރު މާފުށީގައި 46 ގެސްޓް ހައުސްއެއްގައި 840 ކޮޓަރި އެބަހުއްޓެވެ. މި ތަންތަނުގައި އިއްޔެ ރެއާ ހަމައަށް 1،600 ޓޫރިސްޓުން ތިއްބެވެ.

މިއީ، އެއް ރަށެއްގައި އެންމެ ގިނަ ގެސްޓްހައުސް ހިންގާ ތަނެވެ.

މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު ވިދާޅުވީ އަހަރަކު 73 މިލިއަން ޑޮލަރު ދައުރުވާކަން އެނގުނީ މީގެ ކުރިން ހެދި ސާވޭއެއްގައި ޓޫރިސްޓުން ކުރާ ހޭދައަށް ބެލުމުން ކަމަށެވެ. އެ ފައިސާ ހަރަދުކުރަނީ މާފުށީގެ ގެސްޓްހައުސާއި ކެފޭ/ރެސްޓޯރެންޓް، ފިހާރަ އަދި ވޯޓަ ސްޕޯޓްސް ފަދަ ކަންކަމަށެވެ.

އާމްދަނީގެ ގޮތުގައި އެ ރަށު ކައުންސިލަށް އަހަރެއްގެ މައްޗަށް ދެ މިލިއަނެއްހާ ރުފިޔާ ލިބެ އެވެ.

މާފުށީ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: މާފުށީ ކައުންސިލް

ދައުލަތަށް ބޮޑު އާމްދަނީއެއް، މިއަށްވުރެ ރަނގަޅުވާންޖެހޭނެ

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އެއް ރަށަކީ މާފުއްޓެވެ. އެކަމަކު، ފާއިތުވި އަހަރުތަކުގައި މާފުއްޓަށް އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި އަޅާނުލެވި އެވެ. ނަމަވެސް ކައުންސިލަށް މިހާރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ސަރުކާރު މާފުއްޓަށް އަޅާލާނެ ކަމުގެ ޔަގީން އޮތުމެވެ.

ނަޝީދުގެ ވެރިކަމުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރި ނަމަވެެސް އޭގެ ފަހުން މާފުއްޓަށް މާ ބޮޑެތި ބަދަލުތަކެއް ނާދެ އެވެ.

"މާފުށީގެ ހާލަތު މިއަށްވުރެ ރަނގަޅުވާންޖެހޭ. އިންޑަސްޓްރީއަށް ވަރަށް ބޮޑު ކުރިއެރުމެއް މި ހޯދައިދެވުނީ،" އޭނާ ވިދާޅުވި އެވެ.

މާފުށީގެ މަގެއް: އެ ރަށުގައި 40 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ހިސާބުތަކުން މާފުއްޓަށް އެތައް ޓޫރިސްޓުންނެއް ދާއިރު ރަށުގެ މަގުތަކުގެ ހާލަތު ރަނގަޅެއް ނޫނެވެ. ލަފައިފުރުމަށް އޮތް ބަނދަރު ކުޑަ އެވެ.

ސަލާހު ވިދާޅުވީ މަގުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ރަށުގެ މަގު ހަދާނެ ގޮތަކާ މެދު ހިޔާލު ތަފާތުވުމެއް އެބަ އޮތެވެ. އެއީ ދިވެހިވަންތަ ގޮތް ގެއްލިދާނެތީ އެވެ.

"ވީހާ ވެސް ދިވެހިވަންތަ ގޮތަކަށް މަގު ހެދުމުގެ ޑިޒައިނާ މެދު ހިޔާލުތަފާތުވުމެއް މި އުޅެނީ. އެކަމާ މެދު ގޮތެއް ނިންމާފައި ސަރުކާރަށް ހުށަހެޅީމާ އެކަން ކޮށްދޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް،" ސަލާހު ވިދާޅުވި އެވެ.

މާފުށީގައި ހުންނަނީ ހެލްތު ސެންޓަރެކެވެ. ހަމުގެ ޑޮކްޓަރަކާއި އެތެރެހަށީގެ ޑޮކްޓަރެއްގެ އިތުރުން ޖެނެރަލް ދެ ޑޮކްޓަރުން އެތަނުގައި އެބަތިއްބެވެ. މި ސަރުކާރުން ވަނީ އެކްސްރޭ އަދި ދަތުގެ ހިދުމަތް އެ ހެލްތު ސެންޓަރުގައި ފަށައިދީފަ އެވެ.

ސަލާހު ވިދާޅުވީ ޕީކް ސީޒަންގައި ދުވާލެއްގެ މައްޗަށް 300 ޕީސީއާރު ޓެސްޓް މާފުށީ ހެލްތު ސެންޓަރުގައި ހަދާ ކަމަށެވެ. ނޯމަލް ސީޒަންގައި އެ އަދަދު އުޅެނީ 120-150 ގަ އެވެ.

ބިން ހިއްކުމުން މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ

ގާތްގަނޑަކަށް 36 ހެކްޓަރުގެ މާފުށި މި ވަގުތު އޮތީ ފުރިފަ އެވެ. ދިރިއުޅުމަށް އެ ރަށުން ގޯތި ދޫނުކުރާތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށް ސަލާހު ވިދާޅުވި އެވެ. އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ވަނީ މާފުށީ ކައިރިން، ވަކި ރަށެއްގެ ގޮތުގައި 25 ހެކްޓަރު ހިއްކައިދީފަ އެވެ.

އަލަށް ހިއްކި ބިމާ މާފުށީ ގުޅާލުމަށް 137 މީޓަރުގެ ދިގު ބްރިޖެއް އެޅުމަށް ވެސް އެމްޓީސީސީއަށް 35.4 މިލިއަން ރުފިޔާއަށް މިިދިޔަ އަންގާރަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.

ބިން ހިއްކުމާއި މާފުށީގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހަދާފައިވާ ޕިކްނިކް އައިލެންޑު އަދި ބްރިޖު އެޅުމަށް ދައުލަތުން 163.4 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

ސަލާހު ވިދާޅުވީ ލެމިއާ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހިއްކި ބިމުގެ ލޭންޑް ޔޫސް ޕްލޭން ހަދަމުން އަންނަ ކަމަށެވެ. އެ ތަނުން 500 ގޯތި ދޫކުރެވޭނެ ކަމަށާއި އެއީ، މިހާރު އޮތް ކަންބޮޑުވުމަށް ލިބޭނެ ވަރަށް ބޮޑު ލުއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަށް މާފުށީގައި" އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، މާފުއްޓަށް އަލަށް އިތުރުކުރި ބިމުގެ ކުރެހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ގޯތި ދޭން ފެށީމާ ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ މިހާރު އޮތް މައްސަލައަށް. ނަމަވެސް އަންނަން އޮތް ޖީލަށް ބައެއް ބިންތައް ކައުންސިލުން ރިޒާވްކޮށްފައި ބަހައްޓާނަން،" ފަސް ހާހެއްހާ މީހުން އުޅޭ ރަށުގެ ކައުންސިލް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޯތި ދިނުމުން އާމްދަނީ ލިބޭނެ ގޮތް އެ ތަންތަން ލިބޭ މީހުން ހަމަޖައްސާނެ ކަމަށެވެ. މާފުއްޓަކީ ބްރޭންޑަކަށް ވުމުން އެ މަސައްކަތްކުރަން ދައްޗެއް ކުރިމަތިނުވާނެ ކަމަށް ސަލާހު ވިދާޅުވި އެވެ.

31 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިސާބު

30 December 2021

73 މިލިއަން 360 ދުވަހަށް ބަހާލީމަ ދުވާލަކަށް 2 ލައްކަ ޑޮލަރު ޖެހޭ. މިހިސާބުގަ މައްސަލައެބައުޅޭ. މިހުރިހާ ލާރިއެއް ލިބެނީ މާލެ މަހުޖަނުންނަށް. އެމީހުން މާފުށިން ބިން ގަނެ އެރަށު މީހުން މާލޭ މީހުންގެ އަޅުންނަށް ހަދައިފި.

The name is already taken The name is available. Register?

ރިސޯޓް

31 December 2021

75 މިލިޔަން ޑޮލަރު އަހަރަކު.ކާކު ހެދި ހިސާބެއްތީ. ރިސޯޓް ތަކަށްވެސް ތިވަރު ނުލިބޭނެ.

The name is already taken The name is available. Register?

.ރރރދފ

30 December 2021

.ތިއައްވުރެ މާ ގިނަ ފައިސާ ހަރަދު ކުރަންޖެހޭނެ މުޖުތަމައު ރަގަޅު ކުރަން. .ފައިސާ އަކީ ހުރިހާ މޮޅެއްނޫން.

The name is already taken The name is available. Register?

ހަސަންކާރި

30 December 2021

މީ ތޯ ރާއްޖޭގެ ރަށްރަށް އޮންނަންޖެހޭ ގޮތްކަމަށް ތި ދައްކާ މޮޑެލްއަކީ.؟؟؟ މަދު ލާރިކޮޅަކަށް މުޅި ރަށް އެފުއް މިފުށަށްޖަހާލާފަ

The name is already taken The name is available. Register?

އަލީ

30 December 2021

ހުޅުމާލެއަށް ކިހާވަރެއް ވަދޭތޯ؟

The name is already taken The name is available. Register?

ހުވަދޫ އަލިބެއްޔާ

30 December 2021

މާފުށީގެ އިޖްތިމާޢީ ފޭރާން ވީދި، އިސްލާމީ ރިވެތި އުޞޫލު ނެތި ހިނގައްޖެ..

The name is already taken The name is available. Register?

1212

30 December 2021

ތީކަނޑައެޅިގެން ބުހުތާން ދޮގު ތިބުނާ ފޭރާން ރަނގަޅު ރައްރަށުގެ ނަމާދުގަޑިތަކުގައި މިސްކިތްތަކާއި މާފުށި މިސްކިތްތައް ބެލީމަ އެނގޭނީ ފޭރާން ވީދިފަހުރީ ކޮންތަނެއްތޯ

The name is already taken The name is available. Register?

ކޮރަލް

30 December 2021

ކ. މާފުށީގައި އަހަރަކު 73 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ދައުރުވެ އެވެ. އެކަމު އެފައިސާ ރަށަކަށް ނުލިބެ އެވެ. އެދަނީ އިންވެސްޓަރުން ގެ ޖީބަށެވެ. މަޝްހޫރުވަނީ މާފުއްޓެވެ. ރައްޔިތުން އަދިވެސް ހާލުގަ އެވެ. ސާވޭ ކޮށްލަ ބަލާށެވެ.

The name is already taken The name is available. Register?

ީހުތޭ

30 December 2021

ކަލޭމެން ކަހަލަ މީހުންނަކަށް އެއްކަމެއްވެސް ރަނގަޅެއް ނުވާނެ.

The name is already taken The name is available. Register?

ކޮރަލާ

31 December 2021

ބަޔަކު އެމީހުންގެ ގެދޮރު ކުއްޔަށް ނަގައިގެން ގޭގެ ވެރިންނަށްވެސް ބޮޑެތި ކުލި ލިބޭ ކަހަލަ ހާލުގަޖެހިގެން އުޅޭ ވާހަކަތަ ތި ދައްކަނީ؟

The name is already taken The name is available. Register?

ަހިނި

30 December 2021

މާފުށި ގުދުރަތީ ރީރިކަން ދަމަހައްޓަންޖެހޭ، 1600 އެންދު އެއީ އެންމެ ބޮޑެތި ރިސޯޓުތަކާ އެއް ހަމައިގެ އަދަދެއް. ކައުންސިލުން ޓުވަރިސްޓު ޢެރައިވަލް މައުލޫމާތާ އެއްކުރެވޭނެ ނިޒާމެއް، ހިދުމަތުގެ ކޮލިޓީ ހިފެހެއްޓޭނެ ނިޒާމެއް އަދި ރައް މަކެޓު ކުރެވޭނެ ނިޒާމެއް ގާއިމްކުރަންޖެހޭ.

The name is already taken The name is available. Register?

ނެކްސްޓް

30 December 2021

ޑޮލަރު ދައުރުވެ ދީނާއި އަޙުލާގު ނެތިދަނީ. ޙުރިހާ އެއްޗަކީ މުދަލާއި ފައިސާތަ؟

The name is already taken The name is available. Register?

ހަސަނުު

30 December 2021

ތި ލާރި ދައުރުވެގެން ރައްޔިތުންނަށް ވީ ކޮންފައިދާއެއް. ރަށުން ބޭރުން އައިސްގެން އުޅޭ ގެސްޓް ހައުސް މަހުޖަނުންތައް ތި ލާރި މި ރަށުން ބޭރުކުރަނީ.. ރަށުގެ ބިން ހުރި މީހުން ކުއްޔައްދީފައި ލަންކާގައި.. ހުރިހާ ލާރިއެއް ލަންކާގައި ތަޅާބުރުވަނީ. މަސައްކަތް ކުރަނީ ހުސް ބޭރުމީހުން. އެހުރިހާ އެއްޗެއްވެސް ބޭރަށް.

The name is already taken The name is available. Register?

2010

30 December 2021

2010 ވަނައަހަރު އަޅުގަނޑުވެސް އެއްވެސް ވިޔަފާރިއެއްނުކުރާ ރަތްއިތެއް އެހެންނަމަވެސް ގެސްޓު ހައުސްގެ ވިޔަފާރީގެތެރެއިން ތަނަވަސްކަން ލިބެއްޖެ ކުރުކޮށް މިކިޔާލަދިނީ ރަތްއިތުންނައްވީ ފައިދާ

The name is already taken The name is available. Register?

ނަނަނަ

30 December 2021

އިހަވަންދޫ، ފަރެސްމާތޮަޑާ، ގެމަނަފުށި މިކަހަލަ މަސްވެރި ރަށްރަށުގަ ތިއަދަދުގެ ފައިސާ ދައުރުވަނީކީ ނޫން ހަނައެކަނި.. އެރަށުގެ މީހުން ކުރާ މަސައްކަތުން ތި އަދަދަށް ފައިސާ ރަށު މީހުންނަށް ސީދާ ލިބޭތީ ސަރުކާރުން އެކަމަށް މިހާރު ހުރަސް އަޅަނީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454