ލޯކަލް ޓޫރިޒަމްގައި ކ. މާފުއްޓަށް ލިބިފައިވާ އިންގިލާބީ ކުރިއެރުމާ އެކު، އެ ރަށުގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ތަރައްގީ ގެންނަން ޖެހިފައި ވިޔަސް، އެ މަގުސަދު ހާސިލްކުރުމުގައި ޖަޒީރާ ވަންތައް، ރީތި ރަށެއްގެ ސިފަ ގެއްލުވާ ނުލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އިލްތިމާސްކުރައްވައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކުރުމަށް އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ މާފުށީގެ ބްރޭންޑަކަށް ހަގީގަތުގައި ވާން ޖެހޭނީ އެ ރަށުގެ ވަށައިގެންވާ ގުދުރަތީ ނިޒާމުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފާ ރަށަކަށް ވުން ކަމަށެވެ.
"މާފުށީގެ ބްރޭންޑަކީ، މި ރަށަކީ ގުދުރަތީ ވަސީލަތްތަކަށް އެހީތެރިވެދޭ ރަށަކަށް ވުން. ފިތުރަތުގެ އުސޫލާ ހިލާފުވާ ބިނާތަކާއި އިމާރާތްތަކާއި އާދަތަކާއި އުސޫލުތައް އަޅުގަނޑުމެންގެ ތެރޭގައި ނުހިންގުން،" ނަޝީދު ވިދާޅުވި އެވެ.
"ތިބޭފުޅުންގެ ވަސީލަތްތައް، ހާއްސަކޮށް ގުދުރަތީ ވަސީލަތްތައް އެއީ އިތުރު ދިރުން، މި ރަށް ވަށައިގެން ގެނެސްދޭނެ ވަސީލަތްތަކަކަށް ހައްދަވާ."
ނަޝީދު ވިދާޅުވީ މާފުށީގެ ވަށައިގެން އޮތް ފަރު އާލާކޮށް، އެއީ ދިރުންތަކުން މުއްސަނދި ތަނަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު، އެ އިން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކާ "މިޓިގޭޝަން"ގެ މި ކަހަލަ ފިޔަވަޅުތައް އަވަހަށް އަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިޓިގޭޝަން އައުޓްކަމަކީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދުނިޔެ އަށް މި ވާ ގެއްލުން ހުއްޓުވައިދޭ ކަންތައްތަކެއް ހިންގާ، ނަތީޖާ ނެރޭ ރަށެކޭ މިއީ. މިޓިގޭޝަން އައުޓްކަމަކީ އެ ނަތީޖާ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މާފުށީގައި ހަކަތަ އުފައްދާ ކެޕޭސިޓީ އިތުރުކުރާއިރު، އިޔާދަކުރަނިވި ހަކަތަ އުފައްދަން އިސްކަން ދޭން ޖެހޭ ކަމަށެވެ. އެ ރަށުން ދުވާލަކު 12 ޓަނުގެ ކުނި އުކާލާއިރު، އެ ކުންޏަކީ ވެސް މުޅިން ރިސައިކަލް ކުރެވޭނެ އެއްޗަކަށް ބަދަލުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ނަޖިސް ފެން ރަށުގެ ފަރު މައްޗަށް ބޭރުކުރުމުގެ ބަދަލުގައި ޓްރީޓްކުރެވޭ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިއީ ވިލެޖެއް. ޓޫރިސްޓު ރަށެއް. މި ރަށުގައި ޓްރޮޕިކަލް ގޮތް ނުވަތަ ޖަރީޒާ ގައުމެއްގެ ސިފަ ގެއްލޭ ގޮތަށް އެއް ކަމެއް ވެސް ކުރާކަށް ނުވާނެ. އެކަން ވެސް ކުރަންވީ ރާއްޖޭގެ އެހެން ހުރިހާ ރަށަކަށް ވެސް މިސާލަކަށް ވާ ގޮތަށް: ނަޝީދު
މާފުށީގެ މަގުތައް ހަދަން ޖެހިފައިވާއިރު، ރާއްޖޭގެ އެހެން ރަށްރަށުގައި މިހާރު އެކަން ކުރާ ގޮތަށް ތާރު އަޅައިގެން މަގުތައް ނުހަދަން ނަޝީދު އިލްތިމާސްކުރެއްވި އެވެ.
"ނަމަނަމަ މިހިރަ ރަށްރަށުގައި އަޅާ ތާރުގަނޑު ގެނެސް މިތާ އަޅަން، ތިބޭފުޅުންގެ ހިތަށް އެ މަންޒަރު ނުގެންނަވާތީ. ތަރައްގީއަކީ ކޮންކްރީޓެއް ނޫން. ތަރައްގީއަކީ ތިމަންނާ އަށް ވާ ގޮތެއް. ތިމަންނާ އަށް އަންނަ ބަދަލެއް. އެއީ ބޮޑު ހިލައެއް ނޫން. އެއްގަމު ތޮއްޓެއް ނޫން. ތާރު މަގެއް ނޫން. ބިއްލޫރިއެއް ނޫން. ދަގަނޑެއް ނޫން. އެލްމިނިއަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
"މިއީ ވިލެޖެއް. ޓޫރިސްޓު ރަށެއް. މި ރަށުގައި ޓްރޮޕިކަލް ގޮތް ނުވަތަ ޖަރީޒާ ގައުމެއްގެ ސިފަ ގެއްލޭ ގޮތަށް އެއް ކަމެއް ވެސް ކުރާކަށް ނުވާނެ. އެކަން ވެސް ކުރަންވީ ރާއްޖޭގެ އެހެން ހުރިހާ ރަށަކަށް ވެސް މިސާލަކަށް ވާ ގޮތަށް."
މިވަގުތު މާފުއްޓަށް ރަނގަޅު ސްކޫލެއް ބޭނުންވި ނަމަވެސް، 530 ދަރިވަރުން މިހާރު ކިޔަވާ އެ ރަށުގެ ސްކޫލުގައި މަތީ ސާނަވީ އަށް އަދިވެސް ކިޔަވާ ނުދޭތީ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، ޓޫރިޒަމްގައި ފައްކާވެފައި އޮތް އެ ރަށަށް ހާއްސަ ދާއިރާތަކަށް އިސްކަންދީގެން ރަށުގެ ތައުލީމީ ނިޒާމު ކުރިއަރުވަން ޖެހެ އެވެ.
"ލޯންޗު ދުއްވާ ކުއްޖަކަށް މިއަދު އެބަ ލިބޭ ވިހި، ބާވިސް ހާސް ރުފިޔާ. ފަޅުވެރިޔަކަށް އެބަ ލިބޭ ސޯޅަ، ސަތާރަ ހާސް ރުފިޔާ. ކޮންކަމެއްތޯ ސަރުކާރުގެ ފާޑެއްގެ ވަޒީފާއެއްގައި ގަނަތެޅެންވީ؟ އެކަން ކުރާނެ ކަމެއް ވެސް ނެތް. އިށީންނާނެ މޭޒެއް ވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.
"މިތަނުގައި އެބަހުރި، ރާއްޖޭގައި އެބަހުރި ކުރެވޭނެ ކަންތައްތައް. އެ މަސައްކަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފަހިކޮށްދިނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާފުށިން މުޅި ރާއްޖެއަށް ދައްކައިދޭންވީ މިސާލަކީ."
ރިސޯޓުން ލިބޭ ހިދުމަތްތައް ޓޫރިސްޓު ރަށަކުން ލިބެން ޖެހޭ
ނަޝީދުގެ ވެރިކަމުގައި 2010 ގައި މާފުށީގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފެށި ދުވަސްވަރުގެ ބައެއް ހަނދާންތައް އާކުރައްވައި އެ މަނިކުފާނު ވިދާޅުވީ ލޯކަލް ޓޫރިޒަމާ އެކު މާފުށީގެ އިގުތިސާދު އެތައް ގުނައަކަށް އުފުލިގެން ހިނގައްޖެ ކަމަށެވެ. މިހާރު އެންމެ ބޮޑަށް ބޭނުންވަނީ މާފުށީގެ އުފެއްދުންތެރިކަމުގެ އަދަދު އެނގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިއަދު ކުރާން ޖެހޭ ކަމަކީ މާފުށީގެ ހިސާބު ވަކިން އެނގުން. މާފުށީގެ ޖީޑީޕީ އާއި ކުރިއަރަމުން އަންނަ ވަރު ބަލަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓަކާ އަޅާ ކިޔާއިރު، ހުރިހާ ރަށެއްގައި ވެސް އޮތީ ހަމަ އެއް ކަހަލަ ގޮނޑުދޮށްތަކާއި މޫދާއި ގަސްކަރަޔާއި ފަސްގަނޑެކެވެ. އެހެންވީމާ، ރިސޯޓެއްގައި ނަގާ ނަފާ، މީހުން ދިރިއުޅޭ ރަށެއްގައި ނުނެގޭންވީ އެއްވެސް ސަބަބެއް ނެތެވެ. ނަޝީދުގެ ވެރިކަމުގައި ރަށްރަށުގައި ޓޫރިޒަމްގެ ވިޔަފާރިކުރަން ހުއްދަ ދިނީ އެ ސަބަބަށްޓަކާ އެވެ.
ސަރުކާރުން ކޮށްދޭން ޖެހޭ ކަމަކީ ރަށްރަށުގައި މި ވިޔަފާރި ފުޅާކުރަން ވަސީލަތްތައް ފޯރުކޮށްދީ، އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުން ކަމަށާއި އެ ވިޔަފާރިގެ ތެރެއަށް ވަނުން ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އެގޮތަށް ވިސްނަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ރާއްޖެ އަށް މިހާރު އަހަރަކު ދެ މިލިއަން ޓޫރިސްޓުން އަންނައިރު، އޭގެ ތެރެއިން 200،000 ޓޫރިސްޓުން މާފުއްޓަށް އެކަނި ޒިޔާރަތް ކުރާތީ އެވެ.