ރިސޯޓުތަކެކޭ އެއްގޮތަށް "ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް، ވިއްކާ ތަކެތި" މީހުން ދިރިއުޅޭ ރަށްރަށުގެ ހޮޓާތަކުން ސަރުކާރުން ވިއްކުން މަނާކޮށްފައި އޮންނަ އޮތުމަކީ ބޭއިންސާފެއް ކަމަށް ވިދާޅުވި މައްސަލަ ހޫނުވެ، ފާޑުކިޔުން އަމާޒުވުމުން އެ މަނިކުފާނު މިއަދު ރައްދު ދެއްވައިފި އެވެ.
މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފުތިތާހު ކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގެ ބޮޑެތި ހޮޓާތަކުގައި އެ ތަކެތި ނުވިއްކޭ މައްސަލައަަކީ އެ "ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ" ކަމެއް ކަމަށެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ނުދޭނެ ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެފައި ވަނިކޮށް، ނަޝީދު ވެސް "އެކްސް"ގައި ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ހުއްދަ ކުރަން ނުޖެހޭ ކަމަށެވެ.
ލޯކަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރެއްވި ނަޝީދަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި ތަކެއްޗަކީ ބަނގުރަލާއި އޫރުމަސް ނޫން ކަމަށާއި އެ ރަށްރަށުގައި ބަނގުރާ ހުއްދަ ކުރަން ނުޖެހޭ ކަމަށެވެ.
"ދައްކާ ވާހަކަ، ސާފު ސީދާ މަށްދިވެހި ބަހުން ދައްކާއިރު ވެސް ކަނޑައެޅިގެން އިދިފުށަށް، ދޮގު މާނަ އާއި ތަރުޖަމާ އިޔާދަކޮށްގެން މީހުންނަށް ގެއްލުންދޭން އުޅޭ ކަމީ ކަންބޮޑުވުން ހުރި ކަމެއް، ނުރައްކާތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް މާފުށީގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި، ރިސޯޓުތަކުން ލިބޭ އެކަމަކު، މީހުން ދިރިއުޅޭ ރަށްރަށުގެ ބޮޑެތި ހޮޓާތަކުން ނުލިބޭ އެއްޗެއްގެ ނަމެއް އެކްސްގައި ނަޝީދު މިރޭ ވިދާޅެއް ނުވެ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ ހޮޓާތަކުގައި ބަނގުރާ ވިއްކަން ހުއްދަ ކުރަން 2009 އަދި 2010 ގައި ނަޝީދުގެ ވެރިކަމުގައި ކަމާ ގުޅޭ ގަވާއިދަށް އިސްލާހު ގެނެސްގެން ނިންމެވި އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަ ކުރާނެ ދެ ތާރީހެއް އޭރު ދިން ނަމަވެސް އިސްލާމިކް މިނިސްޓްރީ އާއި ދީނީ އިލްމުވެރިންނާއި އާންމުންނާއި ސިޔާސީ މީހުންގެ ބޮޑެތި ފިއްތުންތައް ކުރިމަތިކޮށް ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން ނަޝީދުގެ ސަރުކާރުގެ ނިންމުން ފެބްރުއަރީ 2010 ގައި ބަދަލުކުރީ އެވެ.
ރަލުގެ ގަވާއިދާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ނަޝީދުގެ ވެރިކަމުގައި 100 ވަރަކަށް ޖަމިއްޔާ ގުޅިގެން "މަދަނީ އިއްތިހާދު" ގެ ނަމުގައި ބޮޑު ހަރަކާތެއް ވެސް ހިންގި އެވެ.
މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނަކީ އަބަދު ރަނގަޅު ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި "އުނދަގޫ ވާހަކަ ވަރަށް ގިނައިން އަޅުގަނޑު ދައްކަން" ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ރިސޯޓުތަކުގައި ހުއްދަ އެކަމަކު މީހުން ދިރިއުޅޭ ރަށްރަށުގެ ބޮޑެތި ހޮޓާތަކުގައި މަނާތަކެތި ވިއްކަން ހުއްދަ ދިނުމާ މެދު ވިސްނަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ރާއްޖެ އަށް މިހާރު އަހަރަކު ދެ މިލިއަން ޓޫރިސްޓުން އަންނައިރު، އޭގެ ތެރެއިން 200،000 ޓޫރިސްޓުން މާފުއްޓަށް އެކަނި ޒިޔާރަތް ކުރާތީ އެވެ.