ރިޕޯޓް

ވަކި ބަޔަކަށް ގަނެވޭ ގޮތަށް ބިން ވިއްކުން: ތަފާތު ކުރުމެއްތަ؟

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ވަކި ރަށެއްގެ ބަޔަކަށް އެކަނި ބިން ގަނެވޭ ނިންމުމަކީި ގާނޫނު އަސާސީއާ ހިލާފްު ކަމެއް. ސަބަބަކީ އެއްވެސް ކަމަކަށް ބަލައިގެން ރައްޔިތުންގެ މެދުގައި ތަފާތު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތުން.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގެއް: ދެވަނަ ފިޔަވަހިން ވަކި ބަޔަކަށް އެކަނި ގަނެވޭ ގޮތަށް ބިން ވިއްކަން ނިންމުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި --- ފޮޓޯ/މިހާރު

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އެއްވެސް ސަރުކާރަކަށް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ. ސޯޝަލް ހައުސިން މަޝްރޫއުތައް އިތުރުވެގެން ދިޔަޔަސް، ބޯހިޔާވަހިކަމުގެ މައްސަލަ އޮތްގޮތް މާލެ ސަރަހައްދަށް އެކަނި ބެލިޔަސް، ފެންނާނެ އެވެ. އެކަން އެގޮތަށް އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބޮޑު އަގުގައި ބިން ވިއްކަން އަނެއްކާވެސް ނިންމީ އެވެ. މައްސަލަ އިތުރަށް ބޮޑުވީ އުސޫލު ބަދަލު ކުރުމަށްފަހު ހަމައެކަނި މާލޭ މީހުންނަށް ބިން ވިއްކަން ނިންމުމުންނެވެ.

މީގެކުރިން ވެސް ހުޅުމާލޭގެ ބިންތައް ވިއްކިޔަސް، މިފަހަރު ބިން ވިއްކަން އިއުލާން ކުރުމާ އެކު ގިނަ ބަޔަކު އުފައްދަން ފެށި ސުވާލަކީ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރަން ހިއްކި ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބޭނުން ގޮތަކަށް ވިއްކިދާނެ ކަމާ މެދު އެވެ. ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެޗްޑީސީއަށް އޮތުމުން އެ ބިން ވިއްކޭނެ ކަމާ މެދު ސުވާލު އުފެއްދޭކަށް ނެތެވެ. އެކަމަކު މިފަހަރު ބިން ވިއްކަން ނިންމުމުގައި ހަމަޖެއްސި އުސޫލަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.

ނިންމުން ދެކޮޅެއް ނުޖެހޭ

ހުޅުމާލެއިން ބިން ގަނެވޭނީ މާލޭ ރައްޔިތުންނަށް އެކަނި ކަމަށް ނިންމީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ހައްލެއް ހޯދައި ދިނުމަށް ކަމަށް ވިޔަސް، އެ ނިންމުން ދެކޮޅެއް ނުޖެހެ އެވެ. ސަބަބަކީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ބިން ވިއްކުމުން އެ ހުރިހާ ބިމެއް ގަތުމުގެ ގާބިލްކަން ލިބޭނީ މާލޭގެ ބޮޑެތި ވިޔަފާރިވެރިންނަށެވެ. މީގެކުރިން ވަކި ބައެއް އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ހުޅުވާލައިގެން ބިން ވިއްކިއިރު ވެސް ހުރިހާ ބިމެއް ގަތީ ތަނަވަސްކަން ހުރި މީހުންނެވެ.

ހަމައެހެންމެ، ހުޅުމާލެ ތަރައްގީ ކުރަން ފެށީ މާލެ ސަރަހައްދުގައި އޮތް ބިމުގެ ދަތިކަން ހައްލުކުރަން ކަމަށް ވިޔަސް، ޒަމާނުއްސުރެން ފެށިގެން ހުރިހާ ހިދުމަތެއް މާލެ ސަރަހައްދަށް ޖަމާ ކުރުމުގެ ސަގާފަތުގެ ސަބަބުން ރަށްރަށުން މާލެ އައިސް، މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާ އެތައް ބަޔަކު ވެސް އެބަތިއްބެވެ. އެ މީހުންނަށް މާލެ ސަރަހައްދުން ފްލެޓް ހޯދައި، މިލްކު ކުރުމުގެ ފުރުސަތު އޮންނައިރު ބިން ގަތުމުގެ ފުރުސަތު ނުލިބޭ ގޮތަށް ހަމަޖެއްސުން ވެސް ދެކޮޅެއް ނުޖެހެ އެވެ.

އަނެއްކޮޅުން ވަކި ބަޔަކަށް އެކަނި ބިން ވިއްކަން ނިންމުމުން ވިޔަފާރީގެ އުސޫލުން ބެލިޔަސް، މިކަން ދެކޮޅެއް ނުޖެހެ އެވެ. ބީލަމުގެ އުސޫލުން ބިން ވިއްކާއިރު އާންމު އުސޫލަކީ ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދީގެން ބޮޑު އާމްދަނީއެއް ލިބޭ ގޮތަށް ބިން ވިއްކުމެވެ. މީގެކުރިން ހުޅުމާލެއިން ބިން ވިއްކީ ވެސް އެގޮތަށެވެ. އެކަމަކު އެއާ ޚިލާފަށް މިފަހަރު މާލޭ މީހުންނަށް އެކަނި ބިން ގަނެވޭ ގޮތަށް ހަމަޖެއްސުމުން އެޗްޑީސީއަށް ލިބެން އޮތް ފައިދާ ވެސް ކުޑަވެ އެވެ.

ވަކި ބަޔަކަށް ވިއްކުމަކީ ތަފާތު ކުރުން

ދެން އޮތީ ބިން ވިއްކުމުގައި ވަކި ބަޔަކަށް އެކަނި އެ ބިން ގަނެވޭ ގޮތަށް އެޗްޑީސީން ނިންމި ނިންމުމެވެ. ބޯހިޔާވަހިކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގެކެވެ. އަދި މުދާ ހޯދުމާއި މިލްކު ކުރުމުގެ ހައްގަކީ ވެސް ކޮންމެ މީހަކަށް ގާނޫނުއަސާސީން ދީފައިވާ ހައްގެކެވެ. މިއިން އެއްވެސް ހައްގެއް ލިބުމުގައި އެ މީހަކު ނިސްބަތްވާ ރަށަކަށް ނުވަތަ އާއިލާއަކަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ބަލައިގެން ތަފާތު ކުރުން ގާނޫނު އަސާސީން އޮތީ ކަނޑައެޅިގެން މަނާކޮށްފަ އެވެ.

ހުޅުމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/މިހާރު

ހަމައެހެންމެ، ދަތުރުފަތުރު ކުރުމާއި މީހުން ރަށްރަށަށް ހިޖްރަކޮށް އަދި ވަޒަންވެރިވުމުގެ ހައްގު ލިބިދިނުމާ އެކު، އެރަށެއްގެ މީހުންނަށް ލިބޭ ހިދުމަތްތައް އެރަށެއްގައި ވަޒަންވެރިިވާ މީހުންނަށް ހަމަހަމަކަމާ އެކު ލިބެންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އަދި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު ބުނާގޮތުން މުދަލެއް ވިއްކާއިރު، އަގު އަދާކުރުން ފިޔަވައި އިތުރު ޝަރުތެއް ހިމަނައިގެން ނުވާނެ އެވެ. އެހެންކަމުން ވަކި ބަޔަކަށް އެކަނި ބިން ވިއްކުމަކީ ތަފާތު ކުރުމެކެވެ.

އެހެން ރަށްރަށުން ބިން ނުދިނުމުގެ މައްސަލަަ

މީގެ އަނެއްކޮޅަށް ވިސްނާއިރު، ރަށްރަށުން ބިން ނުދިނުމުގެ މައްސަލަ ވެސް އެބައޮތެވެ. މިހާތަނަށް ވެސް ގިނަ ކައުންސިލްތަކުން އަމަލުކުރާ އުސޫލަކީ ދިރިއުޅުމަށް ގޯތި ދޫކުރުމުގައި ވެސް، އެހެން ރަށެއްގެ މީހަކަށް ބިން ދޫ ނުކުރުމެވެ. ބައެއް ރަށްރަށުގެ ބިން ހިއްކައިގެން ގޯތި ދޫކުރަމުން ދިޔަޔަސް، އެހެން ރަށެއްގެ ބަޔަކަށް އެ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތެއް ނުދެ އެވެ. އެގޮތަށް އަމަލުކުރަނީ އެރަށެއްގެ މީހުންނަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ދެކިގެންނެވެ.

ލާ މަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން ބިމާބެހޭ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވާ ނަމަ، ރާއްޖޭގެ ކޮންމެ ތަނަކުން ބިމެއް ނުވަތަ ފްލެޓެއް ދޫކުރިޔަސް، އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހި ރައްޔިތުންނަށް އެތަނަކަށް ކުރިމަތިލުމުގެ ފުރުސަތު ދޭންޖެހޭނެ.

އެކަމަކު ރާއްޖޭގެ އިދާރީ ދާއިރާތައް ލާ މަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން ބިމާބެހޭ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވާ ނަމަ، ރާއްޖޭގެ ކޮންމެ ތަނަކުން ބިމެއް ނުވަތަ ފްލެޓެއް ދޫކުރިޔަސް، އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހި ރައްޔިތުންނަށް އެތަނަކަށް ކުރިމަތިލުމުގެ ފުރުސަތު ދޭންޖެހޭނެ އެވެ. އެކަމަކު މި އުސޫލާ ޚިލާފަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުން އަމަލު ކުރާއިރު ވެސް، އެކަން ކަމާބެހޭ ފަރާތްތަކަށް ހުއްޓުވިފައެއް ނެތެވެ.

ނަތީޖާއަކަށް ވަނީ ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކޮށްގެން ރަށްރަށުގެ ބިން ހިއްކިޔަސް، ބޯހިޔާވަހިކަމާއި ބިމުގެ ދަތިކަމުގެ މައްސަލަ ކުރިމަތިވެފައި އޮންނަ އެހެން ރަށެއްގެ ބަޔަކަށް އެކަމުން ފައިދާއެއް ނުލިބުމުން ބިމުގެ މައްސަލަ އިތުރަށް ބޮޑުވަމުން ދިއުމެވެ. އަދި ރާއްޖޭގެ ބޮޑު އާބާދީއަކާއި އަސާސީ ގިނަ ހިދުމަތްތައް މާލެ ސަރަހައްދަށް ޖަމާވެ، ތޮއްޖެހިފައި އޮންނަ އެއް ސަބަބަކީ ވެސް އެއީ އެވެ. އެހެންވުމުން ބިމުގެ މައްސަލަ ހައްލު ކުރާ ނަމަ، މި ތަފާތު ކުރުން ވެސް ނައްތާލައިގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ އެއްވެސް ބިމެއް ވަކި ރަށެއްގެ ބަޔަކަށް އެކަނި ގަނެވޭ ގޮތަކަށް ހެދުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެކެވެ.

"ދައުލަތުގެ ޓެކްސް ފައިސާ ހަރަދު ކޮށްގެން ހިއްކާފައި އޮންނަ އެއްވެސް ބިމަކުން ވަކި ރަށެއްގެ ބަޔަކަށް އެކަނި ބިން ވިއްކުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފް ކަމެކެވެ."

"ދައުލަތުގެ ޓެކްސް ފައިސާ ހަރަދު ކޮށްގެން ހިއްކާފައި އޮންނަ އެއްވެސް ބިމަކުން ވަކި ރަށެއްގެ ބަޔަކަށް އެކަނި ބިން ވިއްކުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފް ކަމެކެވެ." އޭނާ ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ވަކި ރަށެއްގެ ބަޔަކަށް އެކަނި ބިން ގަނެވޭ ނިންމުމަކީި ގާނޫނު އަސާސީއާ ހިލާފްު ކަމެކެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވެސް ވިދާޅުވަނީ އެއްވެސް ކަމަކަށް ބަލައިގެން ރައްޔިތުންގެ މެދުގައި ތަފާތު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތުމުންނެވެ. އެހެންވެ، ބިން ވިއްކޭނީ އެއްވެސް ބަޔަކު ތަފާތު ނުކޮށް ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ބައިވެރިވެވޭ ގޮތަށް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މާލޭ މީހުންނަށް ވެސް ބިން ގަތުމުގެ ފުރުސަތު އޮންނަން ޖެހޭނެ. އެކަމަކު އެހެން މީހުންނަށް ވެސް އެ ފުރުސަތު އޮންނަ ގޮތަށް އެކަން ކުރެވޭނީ. ހުޅުމާލޭގެ ބިން ގަނެވޭނީ މާލޭ މީހުންނަށް އެކަނި ކަމަށް އެޗްޑީސީއަށް ހަމަޖެއްސޭ ނަމަ، ވަކި އާއިލާއެއްގެ ބަޔަކަށް އެކަނި ބިން ގަނެވޭ ގޮތަށް ވެސް ހަމަޖެއްސޭނެ. އެކަމަކު އެގޮތަކަށް ތަފާތު ކުރުން ނުގެނެވޭނެ." މަދަނީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ އެ ވަކީލް ވިދާޅުވި އެވެ.

ކޮންމެ ސަރަހައްދެއްގައި ވެސް ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައި ތިބި މީހުންނަށް އިސްކަން ދިނުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަން ކުރަން ޖެހެނީީ އެތަނެއްގައި ދިރިއުޅޭ އެންމެންނަށް ވެސް ހަމަހަމަ އުސޫލަކުންނެވެ. އެކަމަކު ހުޅުމާލޭގެ ބިން މާލޭ މީހުންނަށް އެކަނި ވިއްކަން ނިންމި ނިންމުމުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބުމުގެ އިތުރަށް އެއީ ވަކި ބަޔަކާ މެދު ތަފާތު ކުރުމުގެ އަމަލަކަށް ނޫނީ ނުވެ އެވެ.

31 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 63%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދުގުދާބެއްޔާ

07 January 2022

ޤާނޫނު އަސާސީގައި އެބަބުނޭ އެންމެން ހަމަހަމަކަން އެހަމަހަމަކަން މާލޭ މީހުންނަށް ނޯވޭ! މިސާލަކަށް ވަރަށްފަހުން ހިއްކި މާފުށީގެ ބިމުން އެންމެ އިންޗިއެއްވެސް މާލޭ މީހުން ގަންނަން ދޭބަލަ ނުވިއްކާނެ! ބުނާނީ ރަށުމީހުންނަށޭ ލިބޭނީ! މިއުސޫލު މާލޭގަވެސްއޮންނަންޖެހޭނީ! ހުޅުމާލެއިންބިން މާލޭމީހުންނަށްއެކަނި ގަންނަގޮތައްހެދީމަ ގާނޫނުގެ މާޢްދާމިހާރުފެންނަނީ! ބަލަ ހުރިހާށަކުންވެސް އެދޭމީހާއަށްބިންދޭއުސޫލު އާއްމުކޮއްބަލަ!

The name is already taken The name is available. Register?

ހަމަހަމަކަން ގެއްލިފައިވާ ގައުމެއް

06 January 2022

ކޮންމެ ކަމަކަށް ބެލިޔަސް ތިޔަހެން. ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކުގައިވެސް ތިބޭނީހުސް ޕްރެޒެންޓަރުގެ އާއިލީ މީހުން. އަޑުއަޅަން އުޅޭނީ ކުރީގެ އެމަގާމުގައި ހުރި މީހާގެ ދަރިފުޅު.

The name is already taken The name is available. Register?

ޕިސްޕިސް

06 January 2022

ވަޒީފާ އެއް ނެތުމެއްނު ބޮޑު ކަމަކީ . ދެން ހުރި އެއެން ކަނކަމަށް ތާއީދު ނުކުރަންވީ ސަބަބެއް ނޭނވުނު . ސަރުކާރު ހުރިހާ މިނިސްޓްރީ ތަކާ އޮފިސްތައް މާލޭގަ ހުރީމަ ރަށުގަ ތިބެ އެތަންތާ ވަޒީފާ އަދާކުރާނެ ގޮތެއް ނޭނގެ . ރާއްޖެތެރޭ މީހުންގެ ދަރިން މޮޅަށް ކިޔަވައިގެން ދާންވީ ރަށަށް މަހަށްދާން މާލޭ ބޭފުޅުން ނުކިޔެވިޔަސް މިހާރު މިނިސްޓަރކަނ ް ވެސް ލިބޭ ވިއްޔަ . މީ މާލޭ މީހުން އެކަނި ސަރުކާރެއްތަ

The name is already taken The name is available. Register?

ކޮމެންޓަރު

06 January 2022

މިތާ މާލެ ރާއްޖެތެރޭ ކިޔާފަ ވާހަކަ ދައްކާ އެކަކަށްވެސް ހިޔެއް ނުވޭ މިލިޔަނުން 03 ދުވްސް ތެރޭ ފައިސާ ދެއްކޭނެ ހެނެއް!!! އެހެންވީމާ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނީ ދިވެހިން ސަރުކާރު ގެނެސްފައި މިއޮތީ ލާ މަރުކަޒީ ކުރަން، މަރުކަޒު ކުރާކަށް ނޫނެއްނު ދޯ؟؟؟ މާލެއަށް މީހުން ޖަމާ ނުކުރަން ވިސަނަންވީ، ޕޯޓުވެސް ދެން ހުރި ތަންތަންވެސް ބިންބޮޑު ރަށަކަށް ގެންގޮސް އެތަން އާބާދު ކުރަންވީ!!

The name is already taken The name is available. Register?

120687

06 January 2022

..މާލޭ މީހުން ބޭނުންހާ ގޮތެއް އަތޮޅު ތެރޭ މީހުންނަކަށް ނުހެދޭނެ. ދިވެހިރާއްޖެ ދިވެހިރާއްޖެ އަށް ވެފައި މި އޮތީ ހަމަ އެކަނި މާލެޔަކުންނެއް ނޫން. އަތޮޅު ތެރޭ މީހުންވެސް ހިމަނައިގެން. މާލޭ މީހުންނަކަށް ސައިޒު އޮޅިގެން ނުވާނެ. އަތޮޅު ތެރޭ މީހުންނަށް ހައްގު މިންވަރު ލިބިދީފައި ނެތް ކަން ވ ވ ސާފު. 2/2

The name is already taken The name is available. Register?

120687

06 January 2022

ރާއްޖޭގެ އެހެން ރަށްރަށާއި މާލެ އެއް މީޒާނަކުން ނުކިރޭނެ. ސަބަބަކީ އަޅާ ނުކިޔޭނެ ގިނަ ކަންކަމާއި ފުރުސަތު މާލެ އިން ފަހިވެފައި އޮތުމާއި ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާއި ދެމެދު "ނިޒާމީ ގޮތެއްގައި ގާއިމުކޮށްފައި އޮތް ފަރަގު" އެވެ. މާލޭގެ މުއްސަނދިން އަތޮޅު ތެރެއިން ކިތަންމެ ބިމެއް މިލްކު ކޮށްފައި އެބަ އޮތްމެ. މާލޭ މީހުންނަށް އަތޮޅު ތެރެއިން ބިން ނުލިބޭ ވާހަކައަކީ ބުހުތާނު ބަންޑާރަ ބޮޑު ދޮގު. މާލޭ މީހުން ހިތު ހުރިހާ ގޮތެއް އަތޮޅު ތެރޭ .. 1/2

The name is already taken The name is available. Register?

Happy 123

05 January 2022

ބަރާބަރު ނިންމުމެއް???

The name is already taken The name is available. Register?

ޒިންމާ

05 January 2022

މާލޭގަ ހުރި ސަރުކާރު އޮފީސްތައްވެސް ރަށްރަށަށް ހަމަހަމަ އަށް ބަހަން ޖެހެ . ހޮސްޕިޓަލް ތައްވެސް. ޢޭރުން މާލޭ މީހުން ވެސް ރަށްރަށަށް ދާން މަޖްބޫރް ވާނެ . ރައްޔިތުން މަޖިލިސް ވެސް ބަހަން ޖެހެ . މާލޭގަ ތިބެން ޖެހޭނީ މާލޭ މެންބަރުން . ޢާނ އެހެންނާ. އަހަރެމެން މިތަނަށް އައިސް މިއުޅެނީ މާ ރީތި ތަނަކަށް ވެގެނެއް ނޫނޭ . ވަޒީފާ ގަނޑެއް ވެސް ރަށްފުށުން ނުލިބޭތީ .

The name is already taken The name is available. Register?

ނިޒާމު

05 January 2022

ތިވާހަކައިގެ ވަޒީފާގަނެޑެއް ނުލިބޭވާހަކައަށް ސައްތައިން ސައްތަ ތާއީދުކުރާނަމެވެ. އެކަމަކު މިއަދު މާލެއަރައިތިބި އެންމެނަކީ އެހެންވެގެން އައިސްތިބި ބައެއްނޫނެވެ. ކަންނެތްކަމާއި ޒިންމާދާރުކަން ކުޑަކަމުން ހިހޫތަނުން ކާންވެގެން އައިސް އަޗާތަޅަންއުޅޭ މީހުނެވެ. މީގެތެރޭގައި ޕަސެންޓު އެންމެގިނައީ ޒުވާނުންނެވެ. އިނގިލިވަތަށްޖަހާނެޢަދަދު ގިނަވާނެކަން ޔަޤީނެވެ. އެކަންކުރާނީ ޕަސެންޓުގިނަމީހުންކަމުގަވެސްވާނެއެވެ.

The name is already taken The name is available. Register?

ޙަބަރޭ

05 January 2022

ސައުތު އެފުރިކާގައި ނަސްލީ ތަފާތުކުރުން ބޮޑު ދުވަސްވަރު، ދަނޑުބިން އަދި މުހިއްމު ސަރަހައްދުތަކުގެ ބިންތައް އޮންނަނީ ދޮން މީހުންނަށް. އެމީހުންނަށް ބަރޯސާވެގެން އެހެން މީހުން ދިރިއުޅުން ބިނާކުރަންޖެހޭގޮތަށް ކަންތައްތައް ހަމަޖައްސާފައި. ރާއްޖޭގައިވެސް ދަނީ ދާދިއެއްކަހަލަ ގޮތަކަށް. ހުރިހާ ކަމެއް މާލޭ ރައްވެހިންނަށް. ރާއްޖެތެރޭގެ މީހުން ދިރިއުޅެންޖައްސާފައިވަނީ މާލޭ މީހުންނަށް މަންފާކުރުވާ ގޮތަށް

The name is already taken The name is available. Register?

ޑުރެކިއުލާ

05 January 2022

ކޮބާތަ މިދޭތެރެއަކުން ދަރީގެ އެޕާޓުމަންޓު ކުލިދައްކަން ދަތިވެގެން ހެޔޮއެދޭމީހުންއަތުން ފައިސާއަތުލައިގެން އުޅުނު ނިކަމެތި މާލޭގޮލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454