ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ގްރާންޑޭގެ މައްޗަށް ބޮޑު މޮޅެއް ހޯދައި މާޒިޔާ އެއްވަނަ އަށް

މާޒިޔާގެ ހަމްޒާ (ވ) އާއި ހައިޝަމް އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

04 ޖެނުއަރީ 2022 - 00:22

1 comments

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލީގު އޫސޫލުން ގުރޫޕް ސްޓޭޖު ކުރިއަށްދާ ޕްރޒިޑެންޓްސް ކަޕުގެ އެއްވަނަ އަށް މާޒިޔާ ޖެހިލައިފި އެވެ.

ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ހަމްޒާ މުހައްމަދު އަދި އިބްރާހިމް ވަހީދު ހަސަން ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަމްޒާ އެވެ.

މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ ވެލެންސިއާ އެވެ. އެޓީމަށް ތިން މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި ޖެހީ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. އޭރިއާގެ ބޭރުން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގްރާންޑޭގެ ކީޕަރު އިސްމާއީލް ޝިހާމް އަތުގައި ޖެހިފަ އެވެ.

މެޗުގެ ފަސްވަނަ މިނެޓްގައި މާޒިޔާގެ ހުސައިން ނިހާން (ނިހާޓް) ނަގައިދިން ހުރަހެއް އަހްމަދު އަބްދުﷲ (ލިލީ) ބޮލުން ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަ އެވެ. އެ ބޯޅަ ބޭރުވީ ގޯލްގެ ދަނޑިއާ ފޫޓެއްހައި ދުރުންނެވެ. މެޗުގެ ދެވަނަ މިނެޓްގައި ކޯނޭ އޭރިއާ އަތިމަތިން ގޯލްގެ ތެރެއަށް އޮއްސާލަން ފޮނުވާލި ބޯޅަ ކީޕަރު ޝިހާމް ވަނީ ދިފާއުކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު އިބްރާހިމް ވަހީދު ހަސަން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ މިހާރު

ފުރަތަމަ ހާފުގައި މާޒިޔާ ޕްރެޝަރު ކޮށްލެވޭ ވަރުގެ ދެ ހަމަލާއެއް ގްރާންޑޭއިން އުފެއްދި އެވެ. އެކަމަކު އެކަށީގެންވާ ގޮތަށް ފޮނުވައި ނުލެވުމުން ނުރައްކާ ކުރެވޭ ގޮތެއް ނުވި އެވެ. ގިނަ ފުރުސަތުތަކެއް މާޒިޔާ އަށް ތަނަވަސް ކުރެވުނު ނަމަވެސް ގިނަ ވަގުތުތަކެއް އިތުރު ލަނޑެއް ނުޖެހި ދިއުމުން، އެއްވަރެއްގައި ގޭމް ހިފަހައްޓަން މާޒިޔާ އަށް އުނދަގޫވި އެވެ.

އެތައް ފުރުސަތުތަކެއް ބޭކާރުވި ފަހުން މެޗުގެ 65 ވަނަ މިނެޓްގައި ހަމްޒާ، މާޒިޔާ އަށް ދެވަނަ ލަނޑު ޖަހައި ދިނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުތް އިބްރާހިމް ވަހީދު މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ގްރާންޑޭގެ އޭރިއާގެ ތެރެއަށް ނެގި ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

މެޗުގައި ގްރާންޑޭގެ ހަމައެކަނި ލަނޑު 73 ވަނަ މިނެޓްގައި މުހައްމަދު ލަޔާން އަހްމަދު ޖެހީ ކައުންޓަ އެޓޭކް ފުރުސަތުގަ އެވެ. ކައުންޓަ އެޓޭކްގައި އުފެއްދި ހަމަލާގައި ލަޔާން އަށް ލިބުނު ބޯޅަ ހިފައިގެން ބާރު ސްޕީޑްގައި ދުވެފައި ގޮސް އޭރިއާ ތެރެއަށް ވަދެ އޭނާ ގޯލަށް ފޮނުވާލީ މާޒިޔާގެ ކީޕަރު ނޭޕާލްގެ ކިރަން ޝެމޮޝަން އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. ބޯޅަ އަށް ކިރަން އެރި ނަމަވެސް އޭނާ އަށް ބޯޅަ ސަލާމަތެއް ނުކުރެވުނެވެ. ލަނޑު ޖެހުމަށް ފަހު ލަޔާން އާއި ގްރާންޑޭގެ ބެންޗުން ވެސް ވަރަށް ބޮޑަށް އުފާފާޅުކުރިތަން ފެނުނެވެ.

މާޒިޔާގެ ހަތަރު ވަނަ ލަނޑު އިބްރާހިމް ވަހީދު ޖެހީ އޭރިއާ ތެރެއަށް ހުސްކޮށް އަރައި ގްރާންޑޭގެ ކީޕަރު ޝިހާމް ކައިރިން ނައްޓާލުމަށް ފަހު އެވެ. މާޒިޔާގެ ފަސް ވަނަ ލަނޑު ޖެހީ މުހައްމަދު އުމޭރު އެވެ. ހަވަނަ ލަނޑު ޖެހީ ހަމްޒާ އެވެ.

މެޗުގެ 90 ވަނަ މިނިޓްގައި ވެސް ލަޔާން އަށް ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު މިފަހަރު އޭނާ އަށް ގޯލަކަށް ހަދާ ލެވޭ ގޮތެއް ނުވި އެވެ. އޭނާ ޖެހި ބޯޅަ ކީޕަރު ކިރަން ދިފާއު ކުރި އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޯ ބޯއި

04 January 2022

ފުޓްބޯޅަ މާކެޓް ފޯސްއަށް ދޫކޮަށްލައިގެން ކުޅުންތެރިންގެ ސެލަރީ ކެޕެއްނެތި، އެންމެ މުއްސަދިޓީމަށް ހުރިހާ މޮޅުކުޅުންތެރިން ގަނެވޭގޮތަށް އޮވެގެން މިކަހަލަ ކުޑައާބާދީއެއްގައި އެހާ މަދުކުދިންކޮޅެއް ފުޓްބޯޅަކުޅެން ތިބިއިރު ފުޓްބޯޅައެއް ކުރިނައަރާނެ، ބަލާނެ ބަޔަކުވެސްނުވާނެ. އެފްއޭއެމްގެ ވެރިންނަށް މިކަމާމެދު ނުވިސްނެނީބާ! ހަމައެކަނި ފުޓްސެލް ދަނޑުއެޅިއަކަސް ނުވާނެ. މިހާރަކަށްއަސް މެޗެއް އޮންނަކަމެއްވެސްނޭގޭ، މިކަމަށްވެސް ހައްލެއް ނުލިބުނު،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454