ރިލްވާން ގެއްލުވާލި މައްސަލައިގައި އާއިލާ އާއި ރަހުމަތްތެރިން އަޑު އުފުލަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
04 ޖެނުއަރީ 2022 - 11:01
ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގައި އެތައް ހައްގުތަކެއް ގެއްލިފައިވާތީ އެކަމުގައި މުއައްސަސާތަކުން އިހުމާލުވިތޯ ބެލުމުގެ ތަހުގީގެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފަށައިފި އެވެ.
އެޗްއާރުސީއެމުން މި ތަހުގީގު ކުރާކަން ހާމަކޮށްފައި އޮތީ އެ ކޮމިޝަނުން އިއްޔެ އާއްމުކުރި ރިޕޯޓުގަ އެވެ.
ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމެންޓުން އޮގަސްޓް، 2014 ގައި އޭނާ ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަ މައްސަލައިގެ ތަހުގީގުގައި އަށް އަހަރު ވެފައިވިޔަސް އިންސާފާ ހަމައަށް އަދި ވާސިލެއް ނުވެވެ އެވެ. މި މައްސަލަ ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށްފައި ނުވާތީ މި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުން ވެސް މިކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަގެންދެ އެވެ.
އެކަމަކު މިހާތަނަށް ހޯދުނު ކަންކަމުގެ ތަފްސީލެއް އާއްމެއް ނުކުރެ އެވެ.
އެޗްއާރުސީއެމުން ނެރުނު ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ 2020 ވަނަ އަހަރުގެ ރިޕޯޓުގައި ބުނެފައި ވަނީ ކަމާ ގުޅޭ އިދާރާތަކުން މި މައްސަލައިގައި އަމަލުކުރަމުން ދިޔަ ގޮތް މޮނިޓަކުރި ކަމަށެވެ. މިހާތަނަށް އެނގެން އޮތް ގޮތުގައި މި މައްސަލައިގައި ވަރަށް ގިނަ އިންސާނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން.
އެހެންވެ ކޮމިޝަނުން ނިންމީ މި މައްސަލައިގައި ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި އިހުމާލުވެފައިވޭތޯ ދެނެގަތުމަށް ތަހުގީގެއް ކުރުމަށެވެ. މި މައްސަލަ މޮނިޓަރިން އިން ތަހުގީގަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.
ރިލްވާންގެ ތަހުގީގާ ގުޅޭ ގޮތުން މަރު ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއަކީ މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެ ވަޅި ބޭރަށް ފޮނުވައިގެން ވަނީ ތަހުލީލުތަކެއް ހަދައިފަ އެވެ.
ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.
މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.
ރިލްވާން ގެއްލުވާލުމުގެ ތުހުމަތުކުރާ އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ އެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ.
ސުއައިދަކީ ރިލްވާން ވަގަށް ނެގުމަށް އޭނާ އަށް ފާރަލުމުގައި އިސްކޮށް ހުރި މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތަށް ސުއައިދު ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލީ އެވެ. އަދި އޭގެ ފަހުން ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރިލްވާން ވަގަށް ނެގި ރޭ ހުޅުމާލޭގައި، އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވާތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.
މި މައްސަލައިގައި އިންސާފު ލަސްވެފައި ވަނީ މައްސަލާގައި އާއިލާ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއިފުއިދުރީސް
04 January 2022
ތިޔަ މައްސަލަ އަވަސް ކުރުމަށް ކުރެވުނީ ކޮންކަމެއް ކޮމިސަނުން ބޮޑުމުސާރަ ނަގައިގެން ދައުރު ހަމަކުރަންތިބެނީ އިބްރާހީމް މުޙައްމަދުސޯލިހައް މާބޮޑު ކަމަކަށް ނުވޭ. ހައްޔަރު ކުރިމީހުން ވެސް މިނިވަންކޮށް ބޭރަށް ފުރުވާލީމަ ހުންނާނީ ރަނގަޅަށް މައްސަލަބެލިފަ .މިވަރު ގެ ބޮޑުކަމެއް ބެލުމުގެ ޒިންމާދާރުކަމެއް އެމްޑީޕީގެ ވެސްނެތް މާދަމާވޯޓާ ޖެހުނީމަ އަންނާނެ . އިންސާފުލިބޭނެގޮތެއް މިއަދާ ހަމައަށްވެސް ނެތް .ހަމަ އަޖައިބު އަންތަރީސް ވެއްޖެ.
ސައިޚް
04 January 2022
ދެން ކޮން ތަހުގީގެއް، ރިލުވާނު ވަގަށް ނެގިރޭ އެތަންފެނުނު މީހުން ،އެތަނުން ފެނުނު ވަޅިއާއި އެކު ފުލުހުންނަށް ދައްކާ ކިއައިދިން، އެމައްސަލަ ނުބަލާ އޮއްބާލީކޮން ބައެއް.؟ ރަތްކާރުގެ މައްސަލަ ނުބަލާ އޮއްބާލީ ކޮންބައެއް.ކީއްވެ.؟ ކާކު އިހުމާލުވަނީ.؟
ސަސި
04 January 2022
އެޗްއާރްސީއެމްގަ މަގާމުތަކުގަ ތިބިމީހުންގެ މައްސަލަ ބަލަން ވީނުު އެތަށް އަހަރެއްވީއިރު މިކަން ކުރަން ނުވިސްނުނީމަ
ރަދީފްއޮފިޝިއަލް
04 January 2022
ގިނަ މީހުންގެ ޓްވިޓާ ބަޔޯގަ ''ސުވާލު މާކް'' ޖަހައިގެން ތިބީމަ ރިލްވާން ފެންނާނެ.މިއީ ރީނދޫގަބީލާގެ ލޮޖިކް.
ބިލާލް އެންޑް ސަމީޢު
04 January 2022
ކޮބާ ޑރ. އަފްރާޝިމުގެ ގަތުލުގެ އިހުމާލު. މަގަބޫލުކުރާގޮތުގާ އޭރުގެ ޕޮލިސްކޮމިޝަނަރު އޭނާގެ ޒިންމާ ފުރަހަމައަށް އަދާނުކުރޭ ފަންޑުކުރިމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާކަށް. މޮޔަސޮރެެއް ހިފާހައްޔަރުކޮށްގެން އެތަޅުވަނީ ޖަލުގާ. އެކަމުގާ އުޅެނު އެތައްބަޔަކު ފިލާރައްކާވެސްވި. އެއްކަމެއްވެސްނުކުރެވުނު.
ދިއްދޫމީހާ
04 January 2022
ރިޔާސީ ކެމްޕޭނުގާ އެއްމެ ގަދަޔައަ ދެއްކީ ރިލްވާންގެ ވާހަކަ، ވެރިކަމަށް އަރާދުވަހު ރިލްވާނަށް ވީގޮތް ހޯދާނެކަމަށް ބުނީ، ފަހުން ބުނީ މިއަހަރު ނިމޭނީ ރިލްވާންއަ ވީގޮތުގެ ތަފްސީލް ރިޕޯޓް ނެރެފައޭ، ބަންދު ދުވަސްތައް ކަނޑާފަ އަދިވެސް މިއަހަރު ނުނިމޭތޯ؟؟
ރަދީފްއޮފިޝިއަލް
04 January 2022
ރިލްވާން އަދި ޔާމީން ރަޝީދުގެ މައްސަލައެއީ އެމްޑީޕީން ވޯޓް ހޯދަން ގެންގުޅޭ ކެމްޕެއިން ޓޫލެއް.2023 ވަނަ އަހަރުގެ މެދުތެރޭގަ އަނެއްކާވެސް މި ދެނަން ވަރަށް އަޑުގަދަކޮށް ކިޔާނެ.ބައެއްގެ މަރު މިގެން ގުޅެނީ ކެޕްމެއިން ޓޫލަކަށް.ދެރަ ދޯ މިހެންވީމަ.