މީގެ ހަތް އަހަރު ކުރިން ވަގަށް ނަގައި ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވީ ގޮތާ ގުޅޭ ފުރިހަމަ ރިޕޯޓެއް ތައްޔާރުކުރަން މަރު ކޮމިޝަނަށް އަދި އަހަރެއްހާ ދުވަސް ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ހުވާ ކުރައްވައި 2018ގައި ކޮމިޝަނެއް އެކުލަވާލައި އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ރިލްވާނަށް ވީ ގޮތް ހޯދުން ހިމެނުނު ނަމަވެސް މި ވެރިކަމަށް ދެ އަހަރު ވި އިރު ވެސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވެ އެވެ. ދީނީ ހަރުކަށި ފިކުރުގެ ބަޔަކު އަޑީގައި ތިބެ ރިލްވާން މަރާލީ ކަަމަށް މަރު ކޮމިޝަނުން ފުރަތަމަ އެކުލަވާލައި އާއްމުވި ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގައި ބަޔަކަށް ތުހުމަތުކޮށްފައި ވިޔަސް ފުރިހަމަ ރިޕޯޓަކަށް ނުވާތީ އެޅުނު ފިޔަވަޅެއް ނެތެވެ. އެ މީހުން ތިބީ ދޫވެފަ އެވެ.

އާއިލާ އިން މި ކަންބޮޑުވުމާ އެކު ބޭރުގެ އިންވެސްޓިގޭޓަރަކު ތަހުގީގުގައި ބައިވެރިކޮށްދޭން އެދުމުން ސަރުކާރުން ވަނީ އެ ފުރުސަތު ފަހިކޮށްދީފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްތައް އާއިލާއާ ހިއްސާކުރަމުން އަންނަ ކަމަށެވެ. ބޭރުގެ އިންވެސްޓިގޭޓަރަކު ގެނެސްގެން މިހާތަނަށް ބައެއް މަސައްކަތްތައް ކޮށްފައިވާ އިރު ފުރިހަމަ ރިޕޯޓަކަށް އޭނާ އެއް އަހަރު ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަރާ ގުޅޭ ފުރިހަމަ ރިޕޯޓެއް ނިންމަން ސަރުކާރުން ވަނީ އޭނާ އަށް އެ ފުރުސަތުދީފައި ކަމަށެވެ.

"އެއީ ބުރަ މަސައްކަތެއް، އުނދަގޫ ވެސް މަސައްކަތެއް. ދުވަސްތަކެއް ވެސް ވެފައި އޮތް މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.

ރިލްވާންގެ ތަހުގީގާ ގުޅޭ ގޮތުން މަރު ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއަކީ މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެ ވަޅި ބޭރަށް ފޮނުވައިގެން ވަނީ ތަހުލީލުތަކެއް ހަދައިފަ އެވެ.

އެ ވަޅިއާ ގުޅޭ ނުވަތަ ގަދަކަމުން ކާރަށް އަރުވައިގެން ރިލްވާން ގެންދިއުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިއްސާކޮށްދޭން ކޮމިޝަނުން ވަނީ އެދިފަ އެވެ. ކޮމިޝަނުން ވަނީ އެ ވަޅިއާ ގުޅޭ ގޮތުން ޝަރީއަތަށް ސާބިތުކުރެވޭ ފަދަ ސައްހަ މައުލޫމާތެއް ފޯރުކޮށްދޭ މީހަކަށް 500،000ރ.ގެ އިނާމެއް ހުށަހަޅައިފަ އެވެ.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

ރިލްވާން ގެއްލުވާލުމުގެ ތުހުމަތުކުރާ އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ އެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ.

ސުއައިދަކީ ރިލްވާން ވަގަށް ނެގުމަށް އޭނާ އަށް ފާރަލުމުގައި އިސްކޮށް ހުރި މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. މިދިޔަ އަހަރު ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތަށް ސުއައިދު ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލީ އެވެ. އަދި އޭގެ ފަހުން ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިލްވާން ވަގަށް ނެގި ރޭ ހުޅުމާލޭގައި، އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވާތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.