ރިޔާސީ ކޮމިޝަންގެ މަގްސަދާ މެދު ޝައްކެއް ނެތް، އިންސާފަށް ދެވޭނެ: ރައީސް

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ މަގްސަދާ މެދު ޝައްކު ނުކުރައްވާ ކަމަށާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އިންސާފާ ހަމައަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރިލްވާން "ގެއްލުވާލި" މައްސަލަ ތަހުގީގު ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނުން ވަނީ ދެ ޑްރާފްޓް ރިޕޯޓެއް ރައީސަށް އަރުވައިފަ އެވެ. އަދި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޑްރާފްޓްގެ ތަފްސީލު ރިޕޯޓާއި ހުލާސާ ރިޕޯޓް އަރުވައިފަ އެވެ.

އޭގައި ހުރި ބައެއް މައުލޫމާތުތައް ނޫސްވެރިންގެ ބައްދަލުވުމެއް ގައި، ކޮމިޝަންގެ ރައީސް ހުސްނުއްސުދޫއު ވަނީ ކުރިން ހާމަކުރައްވައިފަ އެވެ. އަދި އެ ރިޕޯޓުގައި ތުހުމަތު ކުރެވޭ ބައެއް މީހުންނާ ދެކޮޅަށް ދައުވާނުކޮށް އުޅެނިކޮށް، އެ މީހުންގެ މައުލޫމާތުތައް ވަނީ ބޭޒާރުވެފަ އެވެ. އެހެންވެ، މިއީ ރިޔާސީ ކޮމިޝަން އުފެއްދި މަގްސަދާ މުޅިން ހިލާފު ކަމެއް ކަމަށް ބުނެ، ބައެއް މީހުން ވަނީ ސަރުކާރަށާއި ކޮމިޝަނަށް ފާޑު ކިޔައިފަ އެވެ.

ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނަށް ދައްކާލައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި ނިއުސް ބްރީފިންގައި، އެކަމާ ގުޅިގެން "މިހާރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ ރިލްވާނަށް ވީ ގޮތެއް ހޯދައި، އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގިޔަ ނުދިނުމަށް މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތުން މިކަމުގެ އިންސާފާ ހިސާބަށް ދެވޭނެ ކަމުގެ އުންމީދު އަޅުގަނޑަށް އެބައޮތް،" ރިލްވާންގެ މައްސަލައިގައި ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ކުރީ ވަރަށް ބުރަ، ވަރަށް އުނދަގޫ މަސައްކަތްތަކެކެވެ. އަދި އެ ބުރަ މަސައްކަތް ރިޔާސީ ކޮމިޝަނުން މިހާރު ވެސް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރާ ގޮތް ވަރަށް ރަނގަޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން. އޭނާ ގެއްލުނީ މީގެ ފަސް އަހަރު ކުރިން.

ނަމަވެސް، ރައީސް ވިދާޅުވީ ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭނީ ގާނޫނުގައި އޮތް ގޮތަށް ކަމަށާއި ގާނޫނުން ބޭރަށް ނުދެވޭނެ ކަމަށެވެ.

ތަހުގީގީ އިދާރާއަކަށް ލިބޭ ހުރިހާ ބާރެއް ރިޔާސީ ކޮމިޝަނަށް ލިބިދީފައި އޮތް އިރު، ކޮމިޝަން އުފެއްދި މަގްސަދު ހާސިލްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކޮމިޝަން އުފެއްދި ބޭނުން ފުރިހަމަ ކުރައްވާނެ ކަމަށާއި އެކަމުގެ ގާބިލްކަން ކޮމިޝަންގައި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެން އޮތީ ހުރިހާ މުއައްސަސާއަކުން އެއްބާރުލުން ދިނުން. އަޅުގަނޑު ޔަގީން ކުރާނަން، އެހެން މުއައްސަސާތަކުން އެ އެއްބާރުލުން ކޮމިޝަނަށް ހޯދުމުގައި. އަޅުގަނޑު އިއްޔެއްސުރެ ފަށައިގެން އެ މަސައްކަތް ފަށައިފިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް އައި އިރު، ކޮމިޝަނަށް އެއްބާރުލުން ނުލިބިގެން އެކަމުގެ ޝަކުވާއެއް އައިސްފައި ނެތެވެ. އަދި ރިލްވާން މައްސަލައިގައި އިންސާފު ހޯދަން ދަތިވާ ފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. މަރާލައިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް އެމަނިކުފާނު ތައުރީފު ކުރެއްވި އިރު، ރިލްވާންގެ މައްސަލާގައި ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ދީފައި ވަނީ އެމަނިކުފާނުގެ ހުއްދަ ނެތި އެވެ. އެހެންވެ، އެތައް ބައެއްގެ ފާޑުކިޔުން ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދަށް ވަނީ އަމާޒުވެފަ އެވެ.