ވ. ވަށުގިރި: އީއައިއޭއާ ހިލާފަށް މި ރިސޯޓް ހަދާތީ ބޮޑު ޖޫރިމަނާއެއް ވަނީ ކޮށްފައި.
04 ޖެނުއަރީ 2022 - 11:58
ވ. ވަށުގިރި ރިސޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކޮށްފައިވާތީ އެ ރިސޯޓު ހަދާ ކުންފުނި ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަށުގިރި ޕްރައިވެޓް ލިމިޓަޑް އިން ހިންގާ އެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ކޮށްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ކުންފުނި 593،750ރ. އިން ޖޫރިމަނާ ކުރަން އިއްޔެ ނިންމާފައިވާ ކަމަށެވެ.
މި ފައިސާ 30 ދުވަސް ތެރޭގައި ދައްކަން ވެސް ރިސޯޓް ހިންގާ ކުންފުންޏަށް އީޕީއޭ އިން ވަނީ އަންގައިފަ އެވެ.
އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް "މިހާރު" އަށް ވިދާޅުވީ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ބައެއް ކަންކަން ކޮށްފައިވާ ކަން ފާހަގަވެފައި ވަނީ ޓޫރިޒަމް މިނިސްޓްރީން ހިންގި އިންސްޕެކްޝަނެއް ތެރެއިން ކަމަށެވެ. އެކަމަކު އެ ތަފްސީލުތަކެއް ނައީމް ހިއްސާއެއް ނުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރިސޯޓު ތަރައްގީ ކުރުމަށް ހެދި އީއައިއޭ ރިޕޯޓާ ހިލާފަށް ގިނަަ ކަންކަން ވަނީ ކޮށްފަ އެވެ.
އީޕީއޭ އިން ދާދި ފަހުން ވަނީ އދ. މާފުށިވަރު ރިސޯޓުގެ މަސައްކަތް ވެސް އީއައިއޭ ރިޕޯޓާ ހިލާފަށް ކޮށްފައިވާތީ 400،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައީމްބެ
05 January 2022
ޖޫރިމަނާ ކޮށްފައި އޮތީ ދިން ހުއްދައާއި ޚިލާފަށް ކަންކަން ކުރީމައި. އެއީ އީއައިއޭ ގަވާއިދުގެ ދަށުން. އަދި އެބައޮތް ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާއެއް. އެ ގަވާއިދާ ޚިލާފް ވެފައިވާނަމަ ބޮޑެ އަދަދުތަކުން ޖޫރުމަނާ ކުރެވޭ.. ބޯޓު ފަރަށް އެރީމައި ޖޫރިމަނާ ކުރަނީ އެގަވާއިދުގެ ދަށުން. 5ލައްކަ ރުފިޔާއަކީ ރިސޯޓް ޕްރޮޖެކްޓަކަށް ބޮޑު އަދަދެއް ނޫން.
ބޮކިއަލި
04 January 2022
ޗޮއް ޗޮއް.. ތިމާވެއްޓަށް ގެއްލުންވާގޮތަށް ކަންކަންގެންދާނަމަ ޖެހޭނީ ކޮންޓްރެކްޓް ޓާމިނޭޓުކޮށް ރަށްއަތުލަން. ފަސްލައްކައަކީ ކިއްލިއެއް. އަނެއްކާ ބޭނުންވަރަކަށް ގެއްލުންދީފަ ދިހަލައްކަ. މިއީބަ ހައްލަކީ..
މެނޭޖަރު
04 January 2022
1 ރުފިޔާއަކީވެސް ބޮޑު ޖޫރިމަނާއެކޭ ކިޔާފަ ސުރުޚީ ޖެހިދާނެ.
ޖަމަލު
04 January 2022
ތީ ބޮޑު ޖޫރިމަނާއެއް ނޫން
ފުތާބެ
04 January 2022
ތިމާވެށި ހިމާޔަށް ކުރުމުގެ ނަމުގަ ހަދާފަ ހުންނަ ގަވައިދުތައް މިހުންނަނީ ތިމާވެއްޓަށް ގެއްލުން ލިބުނަސް ދައުލަތާ ގެއްލުންދިން ފަރާތަށް ވިން-ވިން ގޮތަށް. ދައުލަތުން ބޭނުން ވަނީ ލާރިކޮޅު އަނެއް ފަރާތުން ބޭނުންވަނީ އެކަމެއް ކޮށްގެންވެސް ލާރި ހޯދޭނެ ގޮތެއް.
ކޮރަލް
04 January 2022
ބޮޑު ފަޅެއް ހިއްކާ ފަ 5 ލައްކަ ރުފިޔާ ދެއްކީމަ އެއީ ވ ކުޑަ އެއްޗެކެވެ. 5 ލައްކަ އެއް މަހުންވެސް ލިބިދާނެ އެވެ. އެއީ 40 ހާހަކަށް ޑޯލަރެވެ. އެހެން ކުރާ މަސައްކަތް ތައް ފުރަތަމަ ހުއްޓުވަ ބަލާށެވެ.
ސަސި
04 January 2022
މިއީ ހަމަ ގަސްތުގަ ކުރާކަމެއް، އެނގޭ ވިއްޔާ 5 ލައްކަ އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރީމަ ނިމޭނެކަން. މިއީ ރާވައިގެން ކުރާކަމެއް، އަސްލު މައްސަލަ ހުއްޓުވަން ބޭނުންނަމަ 5 ވަރަކަށް މިލިއަނުން ޖޫރިމަނާ ކުރުން އޮތީ
ހިތަދޫ 2
04 January 2022
ތިހަމަ މެޓާ... 5މިލިއަނުން މަދުވެގެން ޖެހޭނެ ޖުރިމަނާ ކުރަން އަދި ގަވާއިދާ ހިލާފަށް އެޅިތަނެއް ތަޅާލަން ޖެހޭނެ.. އެހެންވެ މިބުނަނީ މިތާ މިހަދާ ގަވާއިދަކީ ޖޯކެކޭ!