މީހުން ހޯދަން ހޭދަވި ވަގުތު އެކަށީގެންވާ ވަރަށް ވުރެ މާ ދިގު ކަމަށް އާންމުން ބުނާއިރު ތަޖުރިބާކާރުން ބުނަނީ އެހެން ދިމާވަނީ ސަލާމަތީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަ ނުވާތީ ކަމަށް
އަލަމާ-5 ދޯނި އަޑިއަށް ދިޔަ ކަމަށް ބެލެވޭ ހިސާބާއި ދޯނިން ގެއްލުނު ދެ މީހަކު ފެނުނު ހިސާބު
05 ޖެނުއަރީ 2022 - 15:24
ތިން މީހުންނާ އެކު "އަލަމާ-5" ދޯނި އަޑިއަށް ދާ ކަމާއި ސަލާމަތްކުރަން ވީހާ ވެސް އަވަހަށް ކަމާބެހޭ ފަރާތަށް އަންގަން ދޯނިން އެދުނީ ހޯމަ ދުވަހުގެ ރޭ 10 ޖަހަން އުޅެނިކޮށެވެ. މާލެ އާ މާ ދުރު ނޫން ހިސާބަކުން ދެ މީހުން ހޯދައި، ކޯސްޓް ގާޑަށް އެ މީހުން ފެނުނީ މިއަދު ހެނދުނު 6:50 ގަ އެވެ. އެއީ ބަރާބަރު 33 ގަޑިއިރު ފަހެވެ.
ކަނޑުވި މީހުން ތިބީ ރީނދޫ ހަންތަކެއް ބަނދެ، އޭގައި ހިފަހައްޓައިގެންނެވެ. ކޯސްޓުގާޑުގެ އިންތިޒާރުގައި ގާތްގަނޑަކަށް 33 ގަޑިއިރު ދެ މީހުން ހޭދަކުރަން ޖެހުނެވެ. އޭގެ ތެރެއިން ދިވެހި މީހާ އަދިވެސް ހޯދައި ނުފެނެ އެވެ. އޭނާ އަށް ވީގޮތެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު އޭނާ ވެސް 23 ގަޑިއިރު ކަނޑުމަތީގައި ފަޅުވެރިންނާ އެކު އޮތް ކަމަށް، ފަޅުވެރިން ބުނެ އެވެ.
ކަނޑުމަތީގައި ތިބި ބަޔަކު ހޯދައި، އެ މީހުން ސަލާމަތް ކުރަން އެހާ ގިނައިރު ހޭދަވި މައްސަލައިގައި އާންމުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެ މީހުންގެ ސުވާލަކީ މިވަރުގެ ހާދިސާއެއްގައި މީހުން ހޯދަން އެހާ ގިނަ އިރު ނެގީ ކީއްވެ ހެއްޔޭ އެވެ؟ ސާޗް އެންޑް ރެސްކިއު އަށް އެ މީހުންނާ ސީދާ ގުޅުނު ފަހުން ވެސް، ސަލާމަތްކުރަން އެތައް ގަޑިއިރެއް ހޭދަވީ ކީއްވެ ހެއްޔޭ އެވެ؟ މިކަމަށް އެމްއެންޑީއެފުން ޖަވާބު ދިނެވެ؛
ފާނައިގެ މަސްވެރިކަމުގައި ފ. ފީއަލިން މާލެ އަށް ފުރި އެ ދޯނި އަޑިއަށް ދާން ފެށީ އޭގައި ތިބި މީހުން ބުނި ގޮތުގައި ވ. ފުއްސަރާ ހަތަރު މޭލު ބޭރުންނެވެ. އެ މީހުން ގުޅި ދޯނީގެ ވެރިފަރާތުން އެކަން ކޯސްޓްގާޑަށް ވަގުތުން އެންގި އެވެ.
ކޯސްޓްގާޑަށް އެ މައުލޫމާތު ލިބުމުން ފުރަތަމަ ވެސް އެ ސަރަހައްދަށް ނައްޓާލީ އެ ލޮކޭޝަނާ އެންމެ ކައިރީގައި އޮތް، އެމްއެމްޑީއެފްގެ ކުޑަ ސީއެމްބިއުލާންސް އެކެވެ.
"އެ ވަގުތު ވަރަށް މުހިންމު އަވަހަށް އެޓެންޑުވާން. އެހެންވެ އެންމެ ކައިރީ އޮތް ކުޑަ ސީއެމްބިއުލާންސް ސާޗް އަށް ނައްޓައިލި. ހަމަ އެއާ އެކު އެހެން ހިސާބެއްގައި އޮތް ބޮޑު ސީއެމްބިއުލާންސް ވެސް އެ ސަރަހައްދަށް ދާން ތައްޔާރުވި،" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަލިމަަނިކު ވިދާޅުވި އެވެ.
އަލަމާ-5 ދޯނީގެ ކައްޕި: އޭނަ އަދިވެސް ނުފެނޭ--
އެ ރެއާއި އޭގެ އަނެއް ދުވަހު ދުވަހު ކޯސްޓްގާޑުން އެ މީހުން ހޯދަން ހަރަކާތްތެރިވީ ސީއެމްބިއުލާންސް ބޭނުން ކޮށްގެނެވެ. ކަނޑުމަތިން ނުފެނިގެން އެ މީހުން ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށަން ޑޯނިއާ ނައްޓާލީ އިއްޔެ މެންދުރުފަހު 2:45 ގަ އެވެ. އެއީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 15 ވަރަަކަށް ގަޑިއިރު ފަހެވެ.
"އަޅުގަނޑުމެން ރިކުއެސްޓް ކުރިން އެ ސަރަހައްދުން ދުއްވި އެއާ ޓެކްސީތަކަށް ވެސް މަތިން ދާއިރު ފެނިއްޖެ އާ އަޅުގަނޑުމެންނަށް ރިޕޯޓްކުރަން،" އަލިމަނިކު ވިދާޅުވި އެވެ.
އެކަމަކު ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެތެރޭގެ އުދުހުންތަކުގައި އާންމު ދަތުރުތައް ކުރާ އެއާ ޓެކްސީތަކާއި ޑޯނިއާ ބޯޓުތަކަށް އެހެން އެންގިޔަސް، ކަނޑުވެގެން އުޅޭ ބަޔަކު ފެންނާނީ ސީދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއްގައި ވަކި ލެވެލްއެއްގައި ތިރިން ދުއްވައިގެންނެވެ.
ފުއްސަރު ކައިރިން ގެއްލުން ނަމަވެސް ކަނޑުވި މީހުން އޮޔާ ގޮސް ތިބީ އދ. އަތޮޅު ކައިރީގަ އެވެ. އެ މީހުންގެ ފޯނަށް ރޭންޖު ލިބިގެން އާއިލާ އަށް ރޭ 10:00 ހާއިރު ގުޅުނެވެ.
އަލިމަނިކު ވިދާޅުވި ގޮތުގައި ކަނޑުވި ދެ މީހުންނާ ގުޅޭ ކަމުގެ މައުލޫމާތު ރޭ 10:12 ގައި ސިފައިންނަށް ލިބުނެވެ. އޭގެ ވިއްސަކަށް މިނެޓު ފަހުން ސިފައިންނަށް ވެސް ސީދާ އެ މީހުންނާ ގުޅުނެވެ.
ނަމަވެސް އެ މީހުންނާ ގުޅުނު ފަހުން ވެސް އެ މީހުން ކަނޑުމަތިން ސަލާމަތް ކުރުމާ ދޭތެރޭ ނުވަ ގަޑިއިރު ހޭދަވި އެވެ. އެއީ ކީއްވެތޯ ސުވާލު ކުރުމުން އެމްއެންޑީއެފުން ބުނީ "ހަމަ ނުފެނުނީ" ކަމަށާއި ކަނޑުމައްޗަށް ސާޗް ލައިޓު އަޅުވައިގެން ހޯދަން މަސައްކަތް ކުރި ކަމަށެވެ.
ގެއްލުނު ބިދޭސީއެއްގެ އާއިލާ މީހަކު "މިހާރު" އަށް ބުނި ގޮތުގައި އެ މީހުންނަށް ގުޅުން ނަމަވެސް ރޭންޖު ނެތުމުން އިރު އިރުކޮޅާ ފޯނު ކެނޑެ އެވެ. އެންމެ ފަހުން ގުޅުނީ ރޭ މެންދަމު 2:00 ހާއިރެވެ. އޭރު ކޯސްޓުގާޑުން އެ މީހުން ހޯދުމަށް އަލި އަޅުވައިގެން އުޅޭ ތަން ވަރަށް ކައިރިން ފެންނަ ކަމަށް އެ މީހުން ބުންޏެވެ.
ފެތުނު ދޯނިން ކަނޑުވި ތިން މީހުންގެ ތެރެއިން ދެ މީހުން ހަންތަކެއްގައި އެލިގެން ކަނޑުގައި
"ސީދާ ކޯސްޓްގާޑަކާ ނޫން އެ ގަޑީގައި ގުޅުނީ. އެހެންވެ ކިޔައިދޭކަށް ނޭނގުނު. އެކަމަކު އެ މީހުން ތިބިތަނާ ވަރަށް ކައިރީ ސިފައިން ތިބީ، ދެން ކުއްލިއަކަށް ފޯނުގެ ޗާޖު ހުސް ވެގެން ނިވުނީ،" އާއިލާ އިން ބުންޏެވެ.
އެމްއެންޑީއެފުން ވެސް ބުނި ގޮތުގައި ކޯސްޓްގާޑުން އެ މީހުން ތިބި ލޮކޭޝަން ބެލުމަށް ހަމައެކަނި ކުރި މަސައްކަތަކީ އަލި އަޅުވައިގެން ކަނޑުމަތި ބެލުމެވެ. ފޯނުގެ ލޮކޭޝަން ޓްރޭސް ކުރަން މަސައްކަތް ކުރިތޯ ސުވާލު ކުރުމުން ބުނީ ހަމައެކަނި މަސައްކަތް ކުރީ ކަނޑުމަތީގައި ތިބެގެން ހޯދޭތޯ ކަމަށެވެ.
"ރޭގަނޑުވީމަ ނުއެއް ފެނޭ. ސާޗް ލައިޓު އަޅުވައިގެން އަޅުގަނޑުމެން ބެލީ. އެކަމަކު އަލިވިލުނުތާ ގަޑިއެއް ހާއިރުގެ ތެރޭގައި އެ މީހުން ފެނިގެން ނަގައިފިން،" އަލިމަނިކު ވިދާޅުވި އެވެ.
މިހާތަނަށް ކަނޑުމަތީގައި މީހުން ގެއްލުމުގެ ބޮޑެތި ހާދިސާތައް ހިނގާފައި ހުރީ ކަނޑުގަދަ ދުވަސްތަކުގަ އެވެ. ނަމަވެސް އިއްޔެ މޫސުން ވެސް ރަނގަޅަށެވެ.
މި މައްސަލާގައި ބައެއް ތަޖުރިބާކާރުންގެ ވާހަކަތައް ތަފާތެވެ.
މެރިޓައިމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން މަސައްކަތްކުރީ ވަރަށް ރަނގަޅަށް ކަމަށާއި އެންމެ ބޮޑު މައްސަލަ އަކީ ދޯނީގައި ސަލާމަތީ ގޮތުން ހުންނަން ޖެހޭ ކަންކަން ފުރިހަމަވެފައި ނެތުން ކަމަށެވެ.
އޭނާ ވިދާޅުވީ ފެންނަން ހުރި ފޮޓޯތަކަށް ބަލާއިރު، ދޯނީގައި ތިބި މީހުން، ރީނދޫ ހަންތަކަކާއި ފިންސަކީ ސަލާމަތްވާން އެކަށީގެންވާ ތަކެތީގެ ގޮތުގައި ބަލާފައިވާ ކަމަށާއި އެންމެ ކުޑަމިނުން ލައިފް ބޯއިއެއް ލައިފް ޖެކެޓެއް ވެސް ނެތް ކަމަށެވެ. ކަނޑުމަތީގައި އޮންނަ މީހަކު ރާޅުތަކުގެ ތެރޭގައި އޮންނައިރު ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ލައިފްޖެކެޓާއި ލައިފް ބޯއި ފަދަ، އަލި އެޅުމުން ދިއްލޭ ގޮތަށް ހުންނަ އެއްޗެހި ބޭނުންކުރުމާއި ލޮކޭޝަން އަންގައިދޭ ޑިވައިސްތައް ބޭނުންކުރުން މުހިންމުވަނީ މިފަދަ ކަންކަން ދިމާވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުންނަނީ ވަރަށް ކުޑަ ހަރަދަކުން ވަރަށް ބޮޑު ރައްކާތެރިކަން ހޯދައިދޭ އެއްޗެހި،" އޭނާ ވިދާޅުވި އެވެ.
މީހަކު ކަނޑުވުމުން ވައިގެ މަގުން ހޯދަން ޑޯނިއާއެއްގައި އުދުއްސާލާ ވަގުތުން ވެސް އެއީ އެތައް ލައްކަ ރުފިޔާއެއްގެ ހަރަދު ކަމަށާއި އެކަމަކު ފަނަރަ ވަރަކަށް ހާސް ނުވަތަ އެއަށްވުރެ ކުޑަ ހަރަދަކުން ލިބޭ ސަލާމަތީ ޑިވައިސްތަކުން ރައްކާތެރިކަން ކަށަވަރުކުރުން މާ ބުއްދިވެރި ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.
ކަނޑުމަތީ ހަމެއް ނުވަތަ ފުޅިމަދު ފޮއްޓެއް ހިފައިގެން އޮންނަ މީހާ ރާޑަރުތަކަށް ނުފެންނާނެ ކަމަށާއި އެކަމަކު ޕާސަނަލް ލޮކޭޓާ ބީކަން (ޕީއެލްބީ) ފަދަ އެއްޗެހިން މީހާ އޮތް ތަން ސީދާ ޔަގީންކަމާ އެކު ދެނެގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީއެލްބީ އަކީ އެ އެކްޓިވޭޓް ވުމުން، އެއިން ފޮނުވާ ސިގްނަލަކުން އެހީ އަށް އެލާޓްކޮށްދީ އެ މީހާ އޮތް ލޮކޭޝަން އަންގައިދޭ އެއްޗެކެވެ.
ޖުމްލަ ގޮތެއްގައި އޭނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު މާބޮޑަށް ފަރުވާ ކުޑަކޮށްލެވެނީ ކަމަށާއި ގެއްލޭ މީހުން ހޯދުން މި ޒަމާނުގައި ބިނާވަނީ މިހާރު ޓެކްނޮލޮޖީ އަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނސރ
06 January 2022
ދެ ހާދިސާ އެއް ހިގައިފިޔާ އެމް.އެން.ޑީ.ފް ގެ ނެ ފެންވަރެއް އެންމެ ފުރިހަމަ ގޮތުގައި ރިއެއްކުޓް ކުރުމުގެ.
ސީއެމްބުލާންސު
06 January 2022
ކަނޑުވި އުޅަނދު ހޯދަން ސީއެމްބުލާންސު؟! މި ކަމަށް ޚާއްސަކޮށް ގެނެސް ހުރި ކޯސްޓުގާޑު އުޅަނދުތައް އޭރު ކޮބާ ހޭ؟!
ސަލީމު އިދުރީސް
06 January 2022
ދައުލަތުން އެއްމެ ގިނަ ފައިސާ ހޭކުރަނީ ސިފައިންގެ ހިމަތައް އެކަމަކު ދެކޮނޑައް މަހުމަލާ ތަރިތައް އަރުވައިގެން ތިބޭމީހުނައް ވާކަމެއްނެއް! ފަޅުންނުކުމެ އިންޖީނު ހުއްޓުނަސް ނުހޯދޭ! ތީހާ ބައިވަރު ފައިސާއިން ތި ހިދުމަތް ދޭންބޭރު ބަޔަކާ ހަވާލު ކޮއްފިނަ ވަރައް ފުރިހަޔައް ތިކަން ކުރެވޭނެ ކަމުގަ ދެކެން
ޑޮކްޓާރ. ބަނާނާ
05 January 2022
ރާއްޖޭގައި ދިމާވާ މިބާތުގެ ކަނޑުގެ ހާދިސާތަކުގެ ސާރޗް އެންޑް ރެސްކިއު ގައި ހުރި މައްސަލަތައް މިއާރޓިކަލް އިން ވަރަށް ރަގަޅަށް ދޭހަވޭ. ޙަމަ ބޮޑެތި ފާއިތުވި އަލިފާނުގެ ހަދިސާ އަށް ބެލިޔަސް މިމައްސަލަތައް ހަމަ މިގޮތަށް ފާހަގަ ކުރެވިފައިވޭ.. މިމައްސަލަތައް ހައްލު ކުރެވޭނީ އެމް އެން ޑީއެފް ގެ ބެލެނިވެރިކަމުގެ ދަށުން ކޯސްޓްގާރޑް އަދި ފަޔާރ އެންޑް ރެސްކިއު ވަކިކޮށް މިދެތަން މިނިވަން ކުރެވިގެން. ޝުކުރިއްޔާ މޫސަ!
ކުޑަދޮންބެ
05 January 2022
ކޯސްޓްގާޑް އުޅަނދުތަކުގައި ޑްރޯންސް ބޭނުންކޮށްގެން މާ ބޮޑު ސަރަހައްދެއް ހަލުވިކަމާ އެކު ބެލޭނެ ނޫންބާ؟ ކޮންމެ ކޯސްޓްގާޑް އުޅަނދެއްގައި ރިޒޮލިއުޝަން ރަނގަޅު ކެމެރާ ހުރި ޑްރޯންއެއް ގެންގުޅެންވީއެއްނުން.
ނޫން65435
05 January 2022
ތިއަށް ވުރެ އަގުހެޔޮވާނެ ސަލާމަަތީ ވަސީލަތްތައް ހަމަކުރަން! ޒިންމާ އަދާކުރާށޭ!
ސަމްސިއްޔާ
05 January 2022
މިކަލޭގެ ބޯހަމަ ޖެހޭތަ؟؟ ތިޔަބުނާލާރި ދަނީ ދޯނީގެ ވެރިފަރާތަކުންނޫނޭ. ގަވާއިދު ބަދަލުކޮށްބަލަ. ވެރިމީހާ ޒިންމާވާގޮތަށް ސަލާމަތީ ކަންކަން ފުރިހަމަ ނުވައްނާޏާ. ކީއްވެ ފޯނުގެ ލޮކޭޝަން ކޯސްޓްގާޑަށް ނުހޯދޭންވީ؟؟ ޓެލެކޮމް އޮޕަރޭޓަރުން އެކަންކޮށްދޭކަން އިނގޭ. ރޭގަނޑުވީމަ އެކަން ނުވީތަ؟؟ ކޮންމެ ވާހަކައެއްދެއްކިއަސް ކޯސްޓްގާރޑް ތިއޮތީ ތިކަމުގައި ފެއިލްވެފަ. ސީއެންބިއުއިންސަކީ ސާރޗްއެންޑް ރެސްކިއުއަށް ފަރުމާކޮށްފައި ހުރި އެއްޗެއްތަ؟؟
ފޯން65
05 January 2022
ފޯނު ސިގްނަލް ކެޑި ކެޑިފަ ލިބޭ އިރު ލިބޭނީ އެންމެ ޓަވަރެއްގެ ސިގްނަލް. "ޓްރޭންގުއުލޭޓެއް" ނުކުރަވޭނެ! ބޮޑު ސާކަލް އެއް ލިބޭނީ. # އެކަމަކު މިހެން ބުންޏަސް ޓްރެކް ކޮށްގެން ހޯދޭނެ މައުލޫމާތު ހުންނާނެ - #ގީއެސްއެމް ޓައިމިނގް އެޑްވާންސް# ކުރިބާ؟
ޓްރައިންގިއުލޭޓް
05 January 2022
ލޮކޭށަން އިނގޭނީ ތިން ބޭސްސްޓޭށަނަށް ފެނިގެން. ކަނޑުމަތީ އޮންނައިރު ގިނަ ފަހަރު ކިރިޔާ އެންމެ ބޭސްސްޓޭށަނަކަށް ކަނެކްޓްވާނީ.
ހެކް
05 January 2022
މީގަ މަގޭ ސުވާލަކީ ގެއްލިގެން ބަޔަކު ހޯދާއިރު ކީއްވެހޭ އިރު އެރުމާއެކު ސިފައިންގެ ޑޯނިޔާ އާއި ހެލިކޮޕްޓަރުން އެ މީހުން ހޯދުގެ މަސައްކަތް ނުފެށީ! އިންސާނެއްގެ ފުރާނައަށްވުރެ ޚަރަދަށް ބަލާކަށް ނުޖެހޭ! އެ ކަމަކު އެމަސައްކަތް ފެށީ 15 ގަޑިއިރު ފަހުން
ދިވް1779
05 January 2022
ކީއްވެތަ ދޯނީގެ މީހާ ސަލާމަތީ އެއްޗެއްސައް ޚަރަދު ނުކުރީ؟
ޑެބީ
05 January 2022
މަތިންދާ ބޯޓާ ހެލިކޮޕްޓަރަކީ އަހަރެމެން ދުއްވަން ގެންގުޅޭ ސައިކަލު ކަހަލަ އެއްޗެއްތަ ހަމަ ވަގުތުން އަރައިގެން ނައްޓާލަން.
ކޮއްކޮއްލާ
06 January 2022
ދިވެއްސަކު ގެއްލިގެން އިންޑިއާގެ އަސްކަރީން ދިވެހި ކަނޑުތައް ހޯދާ ބަލާނެ ކަމަށް ބަޔަކަށް ވިސްނުމަކީ އިންޑިއާ މީހުންގެ މަކަރުވެރިކަމާއި ޔަހޫދީކަން ނޭނގޭތީ..
ޙައިރާން
05 January 2022
އަބަދުވެސް އެމްއެންޑީއެފް ނޫނީ ޕޮލިސް ގޯސް ވާނީ ކަލޭމެން ބޭނުން ގޮތަށް ކަންތައްނުވީމަ.ރައްޔިތުމީހާގެ ޒިންމާއެއްނޯވެ ދޯ؟
ކޮބައިހޭ ލަދު
05 January 2022
ކޮބައިތޯ މި ގައުމާއި މި ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް "ވެދުންކޮށްފަ" އޮތް ޑޯނިޔާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރ؟ މިތަކެއްޗަށް ބާރެއް ނުފޯރުވި، ބޭނުންނުކޮށް، 15000-19000 ފޫޓް މަތިން ދަތުރުކުރާ ކޮމާޝަލް ފްލައިޓްތައް ސާރޗް އެންޑް ރެސްކިއުއަށް ބޭނުންކުރުމަކީ ބޮޑު ލަދެއް. ބައިކޮޅުގެ ސިޔާސީއަކާ ދެކޮޅަށް ޓްވީޓެއް ކޮށްލާ އިރަށްވެެސް ފޯނު ލޮކޭޓް ކޮށްލެވޭ. އާއްމު ރައްޔިތުމީހާގެ ފުރާނަ ދާއިރުވެސް ސާރޗް ލައިޓް. ލަދު ކޮބައިތޯ؟
އާރޓިކަލް
05 January 2022
އާރޓިކަލް ނުކިޔަންތަ؟ އޭގަ އެ އޮތީ ހޯދަން ޖެހޭ ސަލާާމަތީ އެއްޗެހި. އޭރުން ސާރޗް ލައިޓް ނޫން އެއްޗެހިން ފެންނާނީ!
ޕިއްޒާބޯއި
05 January 2022
ޕިއްޒާ ޑެލިވަރީ ކުރާހެން ކުރާކަމެއްކަން އަދި މިއެގުނީ. އިރުއިރު ކޮޅާ ކަނޑުވި މީހުންނަށް ގުޅަމުން ބައްތި އަލިފެނެޔޭ ބުނުމުން އަނެއްކާ ހޯދަމުން 9 ގަޑިއިރު
ކީބޯޑް ވޮރިއަރ
05 January 2022
ސަލާމަތީ އެއްޗެހި ހަމަކޮށްބަލަ ފުރަތަމައިނުން. #އާްންމުންގެއިހުމާލުކޮބާ