05 ޖެނުއަރީ 2022 - 13:05
މި ކައުނު އުފެދިގެން އައި ގޮތުގެ ހަގީގަތްތައް ދެނެގަތުމުގެ ދިރާސާތަކެއް ކުރުމަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ކެނެޑާގެ ޖައްވީ އިދާރާގެ އިތުރުން ޔޫރަޕްގެ ޖައްވީ އިދާރާ ގުޅިގެން އުފެއްދި ޖައްވީ ދުރުމި އޭގެ އެންމެ މުހިންމު އަދި އެންމެ ނާޒުކު މަރުހަލާ ކަޑައްތުކޮށްފި އެވެ.
އެއީ، އިރުގެ ދޯދިތަކުން ހިމާޔަތްކޮށްދިނުމަށް އޭގެ އެއް ފަރާތުގައި ހަރުކޮށްފައިވާ ބިތްގަނޑު އެކުގައި ހުޅުވައިލުމެވެ.
ދިގުމިނުގައި 70 ފޫޓު (ޓެނިސް ކޯޓެއްގެ ދިގުމިން) ހުންނަ ބިތްގަނޑު އެކުގައި ހުޅުވާލައި، އޭގެ އެއްބައި އަނެއް ބަޔާ އެކުގައި ތަޅުއެޅުވިގެން ދިޔައީ، އެމެރިކާ ގަޑިން އިއްޔެ މެންދުރު 12 ޖަހަނިކޮށެވެ. މިޖައްވީ ދުރުމީގެ މަސައްކަތްތައް ފެށުމަށްޓަކައި، މިބިތްގަނޑު އެކުގައި ހުޅުވާލައި، އިރުގެ ދޯދިތަކުން ޖައްވީ ދުރުމި ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ފަސް ފަށަލައަކުން ހަދާފައިވާ މި ބިތްގަނޑުގެ ކޮންމެ ފަށަލައެއްގެ ބޯމިނަކީ އިންސާނެއްގެ ބޮލުގެ އިސްތައްޓެއްގެ ފަލަމިނެވެ. އަދި މިއިން ކޮންމެ ފަށަލައެއް އުފައްދާފައިވަނީ، އޭގައި ޖެހޭ އައްޔާއި ދޯދިތައް އޭގެ ތެރެއަށް ނުވަދެ އެނބުރި ދާ ފަދަ މައުދަނަކުން ގިރިޓީކޮށްގެންނެވެ.
ޖައްވުގެ ތެރޭގައިވާ އަލިތަކާއި ދޯދިތައް ޖަމާކުރުމަށް، ޖައްވީ ދުރުމީގައި ހަރުކޮށްފައިވާ ލޯގަނޑުތަކާއި އިލެކްޓްރޯނިކް އެހެން ސާމާނުތައް، އިރުގެ ހޫނުން ހިމާޔަތްކުރެވޭނީ މި ބިތްގަނޑު އެކުގައި ހުޅުވިގެންނެވެ. ލޯގަނޑުތަކާއި އެހެން އާލާތްތައް ފުރިހަމައަށް މަސައްކަތް ކުރުމަށްޓަކައި، އެތަކެތީގެ ފިނިހޫނުމިން ހުންނަންޖެހެނީ މައިނަސް 188 ޑިގްރީ ސެލްސިއެސްގަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، އާރިއާން ރޮކެޓެއްގެ ކުރީގައި ލާފައި ޖައްވީ ދުރުމި ޖައްވުގެ ތެރެއަށް އުދުއްސައިލި އިރު، މި ބިތްގަނޑު އޮތީ އާރިއާން ރޮކެޓްގެ ކުރީކޮޅުގެ ތެރޭގައި ފަތް ޖަހާލައިފަ އެވެ. ބިތްގަނޑު އެކުގައި ނިއުޅުވުމުގެ މަސައްކަތް ފެށީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ބިތްގަނޑު ހިފަހައްޓައިދިނުމަށް އޭގެ ދެކޮޅުގައިވާ މުޑިތަކާއި ކައްތިރިތައް އެކުގައި ހުޅުވާލައި، އެކަތި އަނެއްކައްޗާ ތަޅުއެޅުވުމަށް ފަހު، ބިތްގަނޑުގެ ފަސް ފަށަލަ ހުޅުވާލައި މުޑިތަކަށް ވާންކޮށް ހަރުކުރުމުގެ މަސައްކަތަށް އަށް ދުވަސް ހޭދަވި އެވެ.
ބިތްގަނޑު ހުޅުވުމަށްޓަކައި، އެ ބިތްގަނޑާ ގުޅާފައި ހުރި ހުޅުތަކާއި ވާތަކަށް ވާންކުރާ މޯޓަރުތަކާއި އެހެން ބައިތައް ކޮންޓްރޯލް ކުރަމުން ދިޔައީ، ނާސާގެ ކޮންޓްރޯލް ރޫމްގައި ތިބި އިންޖިނޭރުންނެވެ. ޖައްވީ އުޅަނދުގެ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ކަންތަކުގެ ތެރެއިން، ބިމުގައި ތިބޭ ކޮންޓްރޯލަރުންނަށް ގޮންޖެހުން އެންމެ ބޮޑު މަސައްކަތަކީ މި ބިތްގަނޑު ހުޅުވައިލުމެވެ.
ކޮންޓްރޯލް ރޫމްގައި އިންޖިނޭރުން މަސައްކަތް ކުރަމުން ދިޔައީ، ދެ ޓީމަކަށް ބަހާލައިގެން ކޮންމެ ޓީމެއް 12 ގަޑިއިރު މަސައްކަތް ކުރާ ގޮތަށެވެ.
ޖައްވީ ދުރުމީގެ ބިތްގަނޑު ހުޅުވައިލުމާ ގުޅިގެން، މި މަޝްރޫއުގެ މެނޭޖަރު ބިލް އޮކްސް ވިދާޅުވީ، ޖައްވީ ދުރުމީގެ މަސައްކަތަށް ހުރަސްއެޅިދާނެ ކަމަށް ބެލެވޭ 300 ވަރަކަށް ހަލާތުގެ ތެރެއިން ގާތްގަނޑަކަށް 75 ޕަސެންޓް ކާމިޔާބުކަމާއެކު މިހާރު ކަޑައްތުކުރެވުނީ ކަމަށެވެ. މިއީ އެތައް ހާސް އިންޖިނޭރުންނާއި ސައެންސްވެރިންނާއި ފަންނީ މީހުންގެ ވަރަށް ގިނަ ދުވަސްތަކެއްގެ ވަރަށް ބުރަ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާސާ އިން ބުނާ ގޮތުގައި މި ޖައްވީ ދުރުމީގެ މައިގަނޑު މަސައްކަތަކީ މި ކައުނުގެ ފަސްމަގު ބެލުމެވެ. އެ ގޮތުން މި ކައުނު އުފެދުމަށް މެދުވެރިކަމަށް ބުނާ ބިޔަ ގޮވުން (ބިގް ބޭންގް) ގޮވުމަށް ފަހު އެންމެ ފުރަތަމަ ވުޖޫދުވި މަޑިކިލަނބުތަކާއި ތަރިތަކާއި ޕްލެނެޓްތައް އުފެދިގެން ދިޔަ ގޮތް ދެނެގަތުން ހިމެނެ އެވެ. ވެބް ސްޕޭސް ޓެލެސްކޯޕަކީ އިންސާނުން ޖައްވުގެ ތެރެއަށް އުޅަނދުތައް ފޮނުވަން ފެށި ފަހުން، މިހާތަނަށް ޖައްވަށް ފޮނުވި އެންމެ ބޮޑު ޖައްވީ އުޅަނދެވެ.
ވެބް ޓެލެސްކޯޕް ޖައްވުގެ ތެރޭގައި ބުރުޖެހުމަށް، މި ބިމުން ފެށިގެން 1.5 މިލިއަން މޭލު ދުރުން ކަނޑައަޅާފައިވާ ފަލަކާ ހަމައަށް ފޯރުމަށް 29 ދުވަސް ނަގާނެ އެވެ. ކުރިއަށް އޮތް 19 ދުވަހުގެ ތެރޭގައި ވެސް ޖައްވީ ދުރުމީގެ ބައިތައް އެކުގައި ހުޅުވި މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، މުހިންމު ކަންތައްތަކެއް ފުރިހަމަކުރާނެ އެވެ.
އެ ގޮތުން އެންމެ ގޮންޖެހުން ބޮޑު ކަމަކަށް ދެން އޮންނާނީ، ޖައްވީ ދުރުމީގައިވާ ލޯގަނޑު އެކުގައި ހުޅުވާލައި އޭގެ ބައިތައް ގުޅުވައިލުމެވެ. މި ލޯގަނޑު ތައްޔާރުކޮށްފައިވަނީ ހަކަން ބައްޓަމަށް ހުންނަ ކުދިކުދި ލޯކޮޅުތަކަކުންނެވެ. ތިން ބަޔަށް ވާގޮތަށް ފަތްޖަހާލާފައި އޮންނަ މި ލޯގަނޑު އެކުގައި ހުޅުވާލައި އޭގެ ބައިތައް ގުޅުވައިލުމުން، މުޅި ލޯގަނޑުގެ ދިގުމިނުގައި 21 ފޫޓު ހަތަރު އިންޗި ހުންނާނެ އެވެ.
މިލޯގަނޑަށް އަލި އެޅޭ މިންވަރު އިތުރުވާ ވަރަކަށް، ޖައްވީ ދުރުމިއަށް އެއްކުރެވޭ މައުލޫމާތު ގިނަވާނެ އެވެ. ޖައްވުގައި ބޭނުންކުރުމަށް ނާސާއިން މިހާތަނަށް އުފެއްދި އެންމެ ބިޔަ ލޯގަނޑު، ޖައްވަށް ފޮނުވައިލުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ރޮކެޓްގެ ތެރެއަށް މި ލޯގަނޑު ފެއްތުމެވެ.
އެކަން ހައްލުކުރީ 16 ފޫޓުގެ ޖާގައަކަށް ފެތޭ ގޮތަށް، ލޯގަނޑު ތިން ބައިކޮށްލައި ފަތްޖަހާލައިގެންނެވެ. އެހެންކަމުން ޖައްވީ ދުރުމި އޭގެ ފަލަކާ ހަމައަށް ފޯރުމުގެ ކުރިން ދެން ކަޑައްތުކުރަންޖެހޭ އެންމެ ނާޒުކު މަރުހަލާއަކީ، މި ލޯގަނޑުގައި ހިމެނޭ ހަ ކަނަށް އޮންނަ، ރަން ގިރިޓީކޮށްފައިވާ 18 އެތިކޮޅު އެކައްޗެއްގެ ގޮތުގައި ގުޅުވާލައި، ތަޅު އެޅުވުމެވެ.
ޖައްވީ ދުރުމި އޭގެ ފަލަކުގައި ބުރުޖަހަން ފެށުމަށް ފަހު، އޭގެ ހަގީގީ މަސައްކަތްތައް ފެށުމަށް ގާތްގަނޑަކަށް ހަ މަސްދުވަސް ހޭދަވާނެ އެވެ. އެ މުއްދަތުގެ ތެރޭގައި، އެއް ކަމަކަށް އޮންނާނީ ޖައްވީ ދުރުމީގެ ބައިތައް ފިނިކުރުމެވެ. އެ މުއްދަތުގައި، ބިމުގައި ތިބޭ އިންޖިނޭރުން މަސައްކަތް ކުރާނީ، ޖައްވީ ދުރުމީގައިވާ ވަކިވަކި ބައިތައް މަސައްކަތް ކުރޭތޯ ބެލުމެވެ.
އޭގެ ފަހުން ޖައްވީ ދުރުމީގެ މަސައްކަތްތައް ފަށާނީ މި އަހަރުގެ ފަހުކޮޅުގެ ތެރޭގަ އެވެ. އެ ގޮތުން ކައުނުގެ ތެރެއިން މައުލޫމާތުތައް އެއްކޮށް، އޭގައިވާ ބާރުގަދަ ކެމެރާތަކުން ނަގާ ފޮޓޯތައް މިބިމަށް ފޮނުވަން ފަށާނެ އެވެ. އެ މައުލޫމާތުތަކާއި ފޮޓޯތައް ބަލައި ތަހުލީލުކޮށްގެން، މި ކައުނު އުފެދުނު ގޮތުގެ ހަގީގަތް ދެނެގަތުމަށް ފަލަކީ އިލްމުވެރިން މަސައްކަތް ފަށާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހުމާނު.
05 January 2022
ތިއަ ފައިސާ ތިއަނޫން އެހެންކަމަކަށް ހޭދަކުރިނަމަ. ބަނޑުހައިހޫނުކަމުގަ ދިރިއުޅޭ އެތައް މިލިއަން ބަޔަކު ދުނިޔޭގަ އެބައުޅޭ. ކައުނު އުފެދުނު ގޮތާ ކައުނަށް ވާނޭގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަނި މާތް ﷲ. ކަލޭމެން ބޭކާރު މަސައްކަތް ނުކުރޭ.
ކޮރަލް
05 January 2022
ޖައްވުގަ ކުނި ވ ގިނަ ވެއްޖެ އެވެ. ކުނި ކަހާނެ ބަޔަކު ނެތެވެ. ބައެއް ފަހަރު ޖައްވުގަ ހުންނަ ހަލާކުވެ ފަ ހުރި ސްޓެލައިޓް ފަދަ ތަކެތި ބިމައްވެއްޓޭއިރު ދުނިޔެ އެލާޓް އަށް އެބަ ދެއެވެ.
ބިންތިމަރިޔަމު
05 January 2022
ކާފަރުން ދައްކާ ފުލޯކުތިއީ. އަހަރެމެން ތިއެއް ގަބޫލެއް ނުކުރާނަން.
ކަތްދައްތަ
05 January 2022
އެއީ ތިފަރާތުގެ ކަމެއް. ގަބޫލް ކުރިޔަސް އަދި ނުކުރިޔަސް އެއީ ހަމަ ހަގީގަތް
ޖަހަންގީރު
05 January 2022
ވަރަށް މުހިއްމު މައުލޫމާތުތަކެއް ލިބިއްޖެ. އެންމެ ހިތްހަމަ ޖެހުނީ މިފަދަަ ޚަބަރެއްގައި ދިވެހި ބަސްތައް އާދައާ ޚިލާފަށް ގިނައިން ބޭނުން ކޮށްފައި ވާތީ. ލިޔުންތެރިޔާއަށް ފަށްފަށުން ޝުކުރިއްޔާ. ދެންފަހަރަކުން ޕްލެނެޓް ލިޔަން ޖެހޭ ތަންތަނުގައި ގުރަހަ ލިޔުއްވުމަށް ވެސް ދަންނަވަން. ދިވެހި ރަދީފުގައި ވާ ގޮތުން ޕްލެނެޓަށް ދިވެހި ބަހުން ކިޔަނީ ގުރަހަ.