ލައިފްސްޓައިލް / އާޓްސް

ސައީދުބެ ނެތިއްޔާ "ލާހިންގުން" ނޯންނާނެ!

"ރާއްޖޭގައި މިހާރު ދެން މިކަން މި ދަނީ. އަޅުގަނޑު ނެތިއްޔާ މި ގާދޫކޮލުން ބޭރުވާނެ. އެހެން އެބަހުރި ރާއްޖޭގައި ކަންތައް ގޮސްފައި ވެސް."

އަބްދުﷲ ސައީދު (ސައީދުބެ) އެންމެ މާޔޫސް ވަނީ އޭނާ ނެތް ދުނިޔެއެއްގައި، ރާއްޖެއިން މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ "ލާހިންގުމު"ގެ މަސައްކަތް އުވި، ގާދޫކޮލުން ބޭރުވެދާނެތީ އެވެ. ވ. ފެލިދު އަށް އުފަން ސައިދުބޭ ނޫނީ މި މަސައްކަތް ދަންނަ އިތުރު މީހަކު ރާއްޖޭގައި ހުރި ކަމެއް ޚުދު އޭނާ އަކަށް ވެސް ނޭނގެ އެވެ.

ފެލިދޫގެ ކަތީބުކަން ވެސް ކުރެއްވި، މިހާރު އުމުރުން 74 އަހަރުގެ ސައީދުބެ ވިދާޅުވީ، މުޅިން ވެސް އައްސަވަނީ ލިޔެލާޖެހުމާއި ދެފަށްލާ ޖެހުން އަދި ލާފެންކުރުމުގެ ވާހަކަ ކަމަށާއި ލާހިންގުމުގެ ވާހަކަ މިހާރު އެއްވެސް ވަރަކަށް އާންމުންގެ ތެރޭގައި ވެސް ނުދެކެވޭ ކަމަށެވެ.

"ރާއްޖޭގައި މިހާރު ދެން މިކަން މި ދަނީ. އަޅުގަނޑު ނެތުނީމަ މި ގާދޫކޮލުން ބޭރުވާނެ. އެހެން އެބަހުރި ރާއްޖޭގައި ކަންތައް ގޮސްފައި ވެސް،" އޭނާ ވިދާޅުވި އެވެ.

ސައީދުބެ ކުރައްވާފައިވާ ލާހިންގުމުގެ މަސައްކަތްތަކެއް: އަތުގައި އަޅާ ބޭންޑުތަކެއް.-- ފޮޓޯ: މިހާރު

ލާހިންގުން ތަފާތު ވަނީ ކިހިނެއް؟

ރާއްޖޭގެ އެންމެ ޒަމާންވީ އަތްތެރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ލާގެ މަސައްކަތް ބެހެނީ ހަތަރު ބަޔަކަށެވެ. އެއީ ލިޔެލާޖެހުމާއި ދެފަށްލާޖެހުމާއި ލާފެންކުރުމުގެ އިތުރުން ލާހިންގުމެވެ. މި ހުރިހާ ކަމެއް ކުރަން ވެސް ސައީދުބެ ދަނެ އެވެ. އެކަމަކު އޭނާ ހާއްސަ ވަނީ ލާހިންގުމަށެވެ.

ސައީދުބެ ކުރައްވާފައިވާ ލާހިންގުމުގެ ބައެއް މަސައްކަތައް: ބޮލިތަކެއްގައި ލާހިންގައިފައި.-- ފޮޓޯ: މިހާރު

ސައީދުބެ ކިޔައިދެއްވި ގޮތުގައި، ލާހިންގުމަކީ އަލިފާނުގެ ހޫނުކަމުން އެކި ކުލައިގެ ލާ ވިރުވައިގެން އެއްޗެއްގައި ލާގެ ފަށެއް ދުއްވުން ނުވަތަ ބޭނުން ޑިޒައިނަކަށް ކުރަހާލުމެވެ. އަދި އެ މީހަކު ބޭނުންވާ ބޯމިނެއްގައި މި ތޮށި ލެވިދާނެ އެވެ. ލާހިންގުމުގެ މަސައްކަތް ކުރުމަށް އޭނާ އެންމެ އާންމުކޮށް ބޭނުންކޮށްފައި ވަނީ ނާއްޓާއި ލަކުޑި އާއި ބޮއްޔާއި މަހުގެ ދަތް ކަހަލަ އެއްޗެއްސެވެ.

"ލާ އަޅުގަނޑު ގެންނަނީ އިންޑިއާއިން. ގެނެސްގެން ގޭގައި މިއަށް އެކި ކުލަ އަޅައިގެން ފަތިކޮށްގެން ލާ ހިންގުމަށް މި ބޭނުންކުރަނީ،" ސައީދުބެ ވިދާޅުވި އެވެ.

ލާހިންގުމަށް ބޭނުންވާ ލާގައި ކުލަ ޖެއްސުމުގެ މަސައްކަތް ކުރަނީ.

މި އެއްޗެހި ބޭނުންކޮށްގެން، ލާހިންގައިގެން ތަފާތު ޑިޒައިންތައް ކޮށްފައި ހުންނަ، އަތުގައި އަޅާ ތަނޑި އާއި ބޮލިރަވަ އާއި ގޭތެރޭގައި ރީތިކޮށް ބަހައްޓަލާން ތަފާތު އެއްޗެހި ހަދަ އެވެ. ސައީދުބެ މި އެއްޗެހި ވިއްކީ ރަށުގައި ގޭގައި ސުވެނިއާ ޝޮޕެއް ހަދައިގެންނެވެ. މިހާރު ވެސް އެ ފިހާރަ ހުރެ އެވެ.

ފުރާވަރުގައި އޭނާ މިކަން ދަސްކުރެއްވީ ބައްޕަގެ ފަރާތުންނެވެ. އޭނާގެ އެއްބަނޑުއެއްބަފާ އަށް ބެއިންނަށް ވެސް ބައްޕަ މި މަސައްކަތް ދަސްކޮށްދެއްވަން އުޅުއްވި ނަމަވެސް، މިކަމަށް ޝައުގުވެރިވީ އޭނާ އެކަންޏެވެ.

"ހުރިހާ ކުދިންނަށް ވެސް ބައްޕަ މި ފުރުސަތު ދެއްވި، މިކަން ކުރަން. އެކަމަކު ވީގޮތަކީ ކުއްޖަކަށް މިތަނުގައި މިކަން ކުރަން ނުތިބެވުނީ. އަޅުގަނޑަށް އެކަނި ބައްޕަ ބުނި ގޮތެއް ހަދައިގެން މިކަން ކުރަން ހުރެވުނީ،" އޭނާ ވިދާޅުވި އެވެ.

ސައީދުބެ ކުރައްވާފައިވާ ލާހިންގުމުގެ ބައެއް މަސައްކަތުގެ ފޮޓޯތަކެއް.-- ފޮޓޯ: މިހާރު

ލާހިންގުމުގެ މަސައްކަތް ކުރިން ވަރަށް ގިނައިން ކުރެއްވި ނަމަވެސް، މިހާރު ބަލިވެ އުޅުއްވާތީ އެކަން ކުރަން ގިނަ ވަގުތު އިންނަވަން ސައީދުބެ އަށް ފަސޭހައެއް ނޫނެވެ. އޭނާ އެންމެ ފޯރީގައި މި މަސައްކަތް ކުރެއްވި ދުވަސްވަރު، މާލޭގައި ބާއްވާ އެކި މައުރަޒުތަކުގައި ވެސް މި ހުނަރު ދައްކާލައްވާ ވަރަށް ގިނަ ކާމިޔާބީތައް ވެސް ހޯއްދެއްވި އެވެ.

ސަރުކާރުގެ ދިގު ހިދުމަތްތެރިއެއް

ސައީދުބެ ވަނީ 40 އަހަރު އެކި މަގާމުތަކުގައި ސަރުކާރަށް ހިދުމަތްކޮށްދެއްވައިފަ އެވެ. އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ 1967 ގައި ވ. އަތޮޅުގެ އަތޮޅު އޮފީހުގެ ބަނޑޭރިކަމުގެ މަގާމުންނެވެ. އެ ވަޒީފާގެ ގޮތުން އެންމެ ފުރަތަމަ އޭނާ އަށް ޖެހުނީ ވޯކީޓޯކީ އޮޕަރޭޓްކުރާށެވެ. އޭރު ރާއްޖެ އަށް ވޯކީޓޯކީ ތައާރަފު ވިތާ އަދި މާ ގިނަ ދުވަހެއް ވެސް ނުވެ އެވެ.

ލާހިންގުމުގެ މަސައްކަތް ކުރާ ގޮތް ދައްކާލަނީ.-- ފޮޓޯ: މިހާރު

"ކަންދިމާކުރި ގޮތުން އަޅުގަނޑުވީ އޭރު ރާއްޖޭގައި ތިބި ވޯކީޓޯކީ އޮޕަރޭޓްކުރަން ދަންނަ ވަރަށް މަދު މީހުންގެ ތެރެއިން އެކަކަށް،" ސައީދުބެ ވިދާޅުވި އެވެ.

ވ. އަތޮޅުގެ ކޯޓު 1969 ގައި އުފެއްދުމާ އެކު، އެ ކޯޓުގެ ކާތިބު ކަމަށް އޭނާ ބަދަލުކުރެއްވި އެވެ. އޭގެ ފަހުން އަނެއްކާ ވެސް އަތޮޅު އޮފީހުގެ ބަނޑޭރިއަކަށް ހުންނަވަނިކޮށް، 1991 ގައި ފެލިދޫގެ ކަތީބުކަން ލިބިވަޑައިގަތެވެ. ކަތީބުކަމުގައި ހުންނަވަނިކޮށް 2001 ވަނަ އަހަރު ރާއްޖެތެރޭގެ ހާއްސަ އެހީތެރިއާގެ މަގާމަށް އައްޔަންކުރެއްވި އެވެ. މަސައްކަތްކުރުމުގެ އުމުރު ހަމަވެ، އޭނާ ރިޓަޔާ ކުރެއްވީ 2008 ގަ އެވެ.

ދިވެހި ބޭސްވެރިކަމުގެ ތެރޭގައި ވެސް އުޅުއްވި ސައީދުބެ ވަނީ ކުދިން ހިތާނަކުރުމުގެ މަސައްކަތް ވެސް ކުރައްވައިފަ އެވެ. ބައްޕަގެ ފަރާތުން ބޭސްވެރިކަމުގެ ފަންޑިތަވެރިކަމާއި އަދި ނަކަތްތެރިކަން ވެސް ދަސްކުރެއްވި އެވެ.

"ބައްޕަގެ ފަރާތުން އަޅުގަނޑާ ހިސާބަށް މި ހުރިހާ ކަމެއް ވެސް އައީ. އެކަމަކު ދެރަވަނީ އަޅުގަނޑު ވަކިވެގެންދާ ފަހުން ދެން މި މަސައްކަތް ކުރިއަށް ގެންދާނެ ބަޔަކު ނެތީމަ. ދަސްކުރަން ބޭނުންވާ ކޮންމެ ކުއްޖެއް އަޔަސް އަޅުގަނޑު މި ހުރީ ކިޔައިދޭން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

4 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 53%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 27%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިބިރިންބެއްޔާގެ ކުޑަސޮރު

09 January 2022

ކިޔެވުމަކީ ހަމައެކަނި ފޮތުން އެއްޗެހިތަކެއް ހިތުދަސްކުރުމެއްނޫން. މަސައްކަތެއް ދަސްކުރުމަކީވެސް ހަމަ ކިޔެވުން. އެންމެން ޑެސްކުމަސައްކަތާދިމާއަށް ދިޔުމަކީ މޮޔަކަމެއް. އެކަމެއް އެހެންނުވެސްވާނެ.

The name is already taken The name is available. Register?

ޚާދިމް

09 January 2022

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ސަޢީދުބެއަށް މިއަަހަުރ ލިބުނު ވާހަކަ އިތުރުކޮށްލިނަމަ ވަރަށް ރަނގަޅުވީސް

The name is already taken The name is available. Register?

ލާހިންގާ

09 January 2022

ލާއަކީ ސޫތްޕެއް އުފައްދާ ފަންގަސްއެއް. މި ހުންނާނީ ގަސްގަހުގެ ތޮށީގެ ބޭރުގައި. ތޮށީގައި ހުންނަ އެއްޗެހި ކަހާ ނަގައިގެން ވިޔަފާރީގެ ގޮތުގައި މި ބޭނުންކުރަނީ. ގިނައިން މި ބޭނުންކުރަނީ ތުންފަތުގައި އުނގުޅާ ކުލަ އުފެއްދުމަށް. ތުންފަތުގައި ކުލަ އުނގުޅީމާ އޮފްކަމެއް އަންނީ މި އަޅާފައި ހުންނާތީ. ބައެއް ގައުމުތަކުގައި ލާޖަހައިގެން އެއްޗެހި ހަދާ. އެކި ގައުމުތަކުގައި މިކަން ކުރަނީ އެކިގޮތަށް. އަލިފާނުން ހޫނުކޮށްގެންވެސް ބައެއް ގައުމުތަކުގައި މިކަންކުރޭ.

The name is already taken The name is available. Register?

ކަކުނިބޯ

09 January 2022

ޢެހެންވީމާ ސައީދުބެ ނެތަސް ލާޖެހުން އޮންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454