އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރާ މަރުކަޒުގައި 50 އެއްހާ މުވައްޒަފުން މަސައްކަތް ކުރޭ. އޭގެ ތެރެއިން އެންމެ އިސް މަގާމުތަކުގައި މި ވަގުތު ހަތް ދިވެހިން އެބަތިބި.
ފުޖޭރާ އެއާ ނެވިގޭޝަން ސާވިސަސް (ފޭންސް) ގައި ހިންގި ކޯހަކުން ދަސްވެނިވި ދަރިވަރުންނާއި އެ ތަނުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިލައިގެން: ފޭންސްގެ އިސްވެރިންގެ ގޮތުގައި ގިނަ ދިވެހިން އެބަތިބި.
13 ޖެނުއަރީ 2022 - 06:26
ޔޫއޭއީގެ ފުޖެއިރާގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ހާއްސަ، ފުޖެއިރާ އެއާ ނެވިގޭޝަން ސާވިސަސް (ފޭންސް)ގެ އިސް މަގާމުތަކުގައި ގިނަ ދިވެހިން ހިމެނިއްޖެ އެވެ.
އޭވިއޭޝަންގެ ތަމްރީނުތައް ވެސް ހިންގާ މަރުކަޒުގައި 50 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން އެންމެ އިސް މަގާމުތަކުގައި މި ވަގުތު ހަތް ދިވެހިން އެބަތިއްބެވެ.
އެތަނުން އެއް ބޭފުޅަކީ ފޭންސްގެ ހެޑް އޮފް ޓްރެއިނިންގައި ހުންނެވި އަހުމަދު އިސާމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ އެކި މަގާމުތަކުގައި 14 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އިސާމް ޔޫއޭއީ އަށް ބަދަލުވެވަޑައިގަތީ ކުރިއަށް ދިއުމަށް ރަނުގެ ފުރުސަތެއް ފަހިވުމުން، 2015 ވަނަ އަހަރު އެވެ.
ތަފާތު ތަމްރީނުތައް ހިންގުމުގެ ތަޖުރިބާ ހުންނެވި އިސާމް ފުޖެއިރާ އަށް ބަދަލުވެ، އޭރު ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުންނެވި ހަސަން އިބްރާހިމާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު އެޕްރޫޑް ޓްރެއިނިން އޯގަނިޒޭޝަން (އޯޓީއޯ) އެއް އުފެއްދުމުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.
ވެލާނާ އެއާޕޯޓުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ހަސަން މި ވަގުތު ހުންނެވީ އެސެސާ، އިންސްޓްރަކްޓާގެ ސީނިއާ އޮފިސާގެ މަގާމުގަ އެވެ.
"ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ [ޖީސީއޭއޭ] އެޕްރޫވްޑް ކޮމްޕްލަޔަންސް މެނޭޖަރަކަށް އޭރު ހަމަޖެއްސީ. ފަހުން ފުޖޭރާ އެއާ ނެވިގޭޝަން ސާވިސަސް ޕްރޮވައިޑާ [އޭއެންއެސްޕީ] އުފައްދައި މި ތަން ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން ލިބުނީ މުޅި އޯގަނިޒޭޝަންގެ ޓްރެއިނިންތައް ލީޑްކުރުމަށް،" އޭ ލެވެލް ނިންމުމަށް ފަހު އެއާޕޯޓަށް ގުޅިވަޑައިގެން، އެއާ ޓްރެފިކްގެ ދާއިރާ އިން އެކި ތަމްރީންތައް ފުރިހަމަ ކުރައްވާފައިވާ އިސާމް ވިދާޅުވި އެވެ.
ފުޖެއިރާ އެއާ ނެވިގޭޝަން ސާވިސަސްގެ އިސް މަގާމުގައި ހުންނެވި އިސާމް (ވ)
ފުޖެއިރާ އެއާ ނެވިގޭޝަން އުފެއްދީ 2019 ވަނަ އަހަރެވެ. އޭގެ ކުރިން އެ މަސައްކަތްކުރީ ފުޖެއިރާ އެއާޕޯޓުގެ ދަށުންނެވެ. އެކަމަކު މިހާރު އެ ތަން ހިންގަމުން އަންނަނީ ފުޖެއިރާގެ ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަންގެ ދަށުން، މިނިވަން ބޮޑީއެއްގެ ގޮތުގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އޭޓީސީގެ ދާއިރާ ކުރިއަރައިގެންދާ ތަން ފެނިވަޑައިގަންނަވަ އެވެ. ނަމަވެސް ހަރުދަނާ ގޮތެއްގައި އެކަން ކުރިއެރުވުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.
"ރާއްޖޭގައި އޭޓީސީ އަށް އިތުރު ރިކޮގްނިޝަނާއި ސްޓެންޑަޑައިޒޭޝަން އަދި ރެގިއުލޭޝަން އެބަ ބޭނުންވޭ،" އިސާމް ވިދާޅުވި އެވެ.
އިސާމާއި ހަސަންގެ އިތުރުން ފޭންސްގެ އިސް ސަފުގައި މި ވަގުތު މަސައްކަތްކުރައްވާ ދިވެހިންނަކީ؛
- މުހައްމަދު ސަބާހު: ސީނިއާ އެސެސާ އިންވެސްޓިގޭޓާ އޮޑިޓާ
- އަލީ ސަލީމާއި ހަސަން އަލީމާއި ހާމިދު އަލީ: ސީނިއާ ކޮންޓްރޯލާސް ވިތު އިންސްޓްރަކްޓާ
- އަބްދުﷲ ޒަކަރިއްޔާ: ހެޑް އޮފް އޮޕަރޭޝަންސް
އެ ހުރިހާ ބޭފުޅުން ވެސް މީގެ ކުރިން މަސައްކަތް ކުރެއްވީ ވެލާނާ އެއާޕޯޓުގެ އެކި މަގާމުތަކުގަ އެވެ.
ދިވެހިން ވެސް އިސް ދައުރެއް އަދާކުރާ ފޭންސް އިން، އޭވިއޭޝަން ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ސަވަޔަލަންސް ސާވިސް އާއި އެޕްރޫޑްޓް ޓްރެއިނިން އޯގަނިޒޭޝަނެއް އުފެއްދުން ހިމެނެ އެވެ.
"މިހާރު ކުރިމަތިވެފައިވާ އެންމެ ޗެލެންޖިން ކަމަކީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަދި އޭޓީސީ ހިދުމަތް އާ ސާވިސް އަކަށް ބަދަލުކުރުން،" އިސާމް ވިދާޅުވި އެވެ.
އާއިލާއެކު މި ވަގުތު ޔޫއޭއީގައި ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް އަނބުރާ ރާއްޖެ ވަޑައިގެން، ދަސްވި އެއްޗެހީގެ ބޭނުން ހިފައި ގައުމަށް ހިދުމަތް ކުރައްވަން އިސާމް ބޭނުންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިދުރީސް
13 January 2022
ތީދެން އެހާވަރަށް ފާހަގަ ކުރަން ޖެހޭވަރުގެ ކަމެއް ބާ! ތިތާ ނޫނަސް ދުނިޔޭގެ އެތައްތަނެއްގަ ޒިންމާދާރު މަގާމުތަކުގަ ސައިންސްވެރިންނާ، ޑަކްޓަރުންނާ، އިންޖިނޭރުންނާ މިނުންވެސް ޕްރޮފެޝަނަލް މީހުން އެބަތިބި. އެހެންނޫނަސް ދައުލަތުން ބޮޑުޙަރަދެއް ކޮށްގެން އެޓީސީ ކޯސްތައް ހެދުވީމަ ގައުމު ދޫކޮށްލާފަ ދުވާލަކު ހައެއްކަ ފުލައިޓް ޖައްސާތަނެއްގަ ތި ތިބެނީ ގިނަފައިސާ ހޯދުމުގެ ބޭނުމުގަ އެކަނި
ޢިސްމަ
14 January 2022
? ގެ ވާހަކަ އެެއް
ަލިބެޔ
13 January 2022
ދީވެހިންނަކީ ގަދަ ބައެއް ، ކޮރަޕްޓްވެރިނާހުރެ ކުރިއައް ނުދެވިފައި އެތައް ޒުވާނުންނެއް އެބަތިބި
ފުޖޭ
13 January 2022
އިސާމް ކީއްވެ ފޮޓޯގަ ތިބި އެހެން މީހުންނާ ތަފާތު ގޮތަކަށް ހެދުން އަޅާފަ މިހުންނަނީ؟
މައްކުބޭ
13 January 2022
މިގައުމަކީ މާލޭގެ ގަބީލާތަކުގެ ޤައުމެއް. އަގުބޮޑު ބިން ހޯދާ ވަޒީފާ އަދާނުކޮށް ބޭރުގަ ދިރިއުޅެނީ ރެންޓް ފައިސާއިން. ރަށްރަށު މީހުން ތައުލީމް ހޯދާ ޤައުމުން ބޭރުގަ ވަޒީފާ އަދާކުރީމަ ހަަމަ މުސާރަ ލިބޭ ދިރިއުޅެވޭ ވަރު އެއްޗެއް ލިބޭ. މާލޭގަ ބޮޑު ރެންޓް ދަށް މުސާރަ.
ގުގު
13 January 2022
މާލޭމީހުން ބޮލަށް ހުރިހާ ކަމެއް ތިޖަހަނީއޯ؟ ވެރިޔަކީ މާލެ މީހެއް ނޫން، މަޖުލީހުގައި ތިބި ގިނަ މެންބަރުންނަކީ މާލޭ މެންބަރުންނެއް ނޫން. ރަަށުގަ ގެސްޓް ހައުސް އަޅާފަ، ސޯޝަލް ހައުސިން ސްކީމުން ފްލެޓު ހޯދާފަ، މާލެ މާލެ ކިޔަ ކިޔާ ހުރޭ.
ރަދީފް ހުސެން
13 January 2022
ލާރި ހުރެގެން ގައުމުގެ އެކިދާއިރާތަކުން ދުނިޔޭގެ މަތީފެންވަރުގެހިދުމަތެއް ދިނުމައް އެގައުމުތަކުން މިގެންދަނީ ދިވެހިން. ލިބޭ ފައިސާއައް ވާނުވާނޭގޭ ހަވަޔައް އަރައިގެންދާ މި ދުނިޔޭގެ ފަތުރުވެރިކަމުގެ ލާމަސީލު ދިވެހިރާއްޖޭގެ އެއަރޕޯޓް ހިނގުމަށާ ސިވިލްއޭވިއޭސަން ދާއިރާފަދަ ހައްސާސް ތަންތަނައް ގާބިލުދިވެހިން ނެތޭކިޔާފަ މިދެނީ ކޮންމެވެސް ބޭރުމީހަކައް.؟؟؟؟ މިވާނުވާ ވިސްނައިފި މީހަކައް ގައުމުގެ މިސްރާބު ހުރިދިމާ ހާމަވާނެ
ވެލާނާ އެއާޕޯޓް
13 January 2022
ތީކީ މޮޅު ކާން ގޮސްސަ ހުރި ބައެއް. ރާއްޖޭން ވަޒީފާ ހަރާމް ތި މީހުންނަން
ނނ..
13 January 2022
ތި ގޮތަށް ޔޫއެއީގެ ހޯޓެލް ތަކުގައި މަސަކަތް ކުރާ މަތީ ފަންތީގެ މުވަޒިފުންގެ ވާހަކަ ދައްކާބަލަ. ދިވެހިން ނަށް ކަމެއް ނުވާނީ މިޤައުމުގަ. އިއްޔެ މެންދުރު ފުންމާލާ އިންޑިޔާ މީހާ މިތާގައި ފަސް އަހަރު ނުވެ މެނޭޖަރަށް ވެފައި ހަވަނަ އަހަރު މެދުއިރުމައްޗަށް ދަނީ ކިތައް މީހުންތޯ ހޯދަބަލަ. އެހެން ކަހަލެ ޤައުމެއް މިއީ. ދިވެހިން ކަންނެތޭ ދެން ކިޔާ.. ސިޔާ މީހުން ނަށް ހލކ ހުރި. އެއިއްޗެހިންގެ އަމިއްލެ ފައިދާއަށް ޤައުމު ހަލާކު
އަލިމަނިކުދޮންބޭ
13 January 2022
އެކޮޅުން ނުގޮވާތަ މޯލްޑިވްސް އައުޓް އޭ؟ ބޭރު މީހަކު މި ތަނުން ވަޒީފާއެއްދޭއިރަށް ބޭރު މީހުންނަށް ދެނީއޭ ބުނާއިރު ބޭރުގައިވެސް ނިސްބަތުން ދިވެހިން ވަޒީފާތަކުގައި ބައިވަރު.
ޜަދީފް ހުސެން
13 January 2022
ޢިނޑިޔާ އައުޓް
ޭޑެބީ
13 January 2022
ބޮޑު މުސާރައަށް ދިޔައީ. އެވަރުގެ މުސާރައެއް ރާއްޖޭން ނުދޭނެ.
ޓުއްޓު
13 January 2022
ދިވެހިންނަށް އިސް މަގާމުތަށް ނުލިބެނީ ރާއްޖޭގައި ދިވެހިން ހިންގާ ވިޔަފާރިތަކުގަ، ނޫނީ ސަރުކާރު ކުންފުނިތަކުގައި. ދިވެހިންނަކީ މަސައްކަތް ދަންނަ ހުނަރުވެރި ބައެއް، އަމިއްލަ ޤައުމުން ބަލައިނުގަތަަސް ދުނިޔޭގެ އެހެން ދިމަދިމާލުން ފުރުޞަތު ލިބޭ.