13 ޖެނުއަރީ 2022 - 06:25
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު އަހަރެއްހާ ދުވަސްވެފައިވާ އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ރުޅިވެއްޖެ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި އަރުޖުން އަކީ އާންމުކޮށް މަސައްކަތުގައި ބިޒީކޮށް ނޫޅޭ ވަގުތުތަކުގައި މަލައިކާގެ ގެއަށް ވަރަށް ގިނައިން ގޮސް އުޅޭ މީހެކެވެ. އެކަމަކު ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އޭނާ އާއި މަލައިކާ ބައްދަލުނުވާ ކަމަށާއި އަރުޖުންގެ ޚަބަރެއް ނުވެގެން މަލައިކާ ކަންބޮޑުވެގެން ގެއިން ބޭރަށް ވެސް ނުދާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އެކަމަަކު ފާހަގަކޮށްލެވޭ ކަމަކީ މީގެ ދުވަސްކޮޅެއް ކުރިން އަރުޖުންގެ އާއިލާގެ ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ މީހުން ކަރަންޓީންގައި ތިބި ކަމެވެ.
މީޑިއާތަކުން ބުނި ގޮތުގައި އަރުޖުން އަކީ ވަރަށް ގިނައިން އޭނާގެ ކަޒިން ރިއާ ކަޕޫރް (ބަތަލާ ސޯނަމް ކަޕޫރްގެ ކޮއްކޮ) ގެއަށް ރޭގަނޑުގެ ކެއުންތަކަށް ވެސް ދާ މީހެކެވެ. އަދި އަރުޖުންއާ އެކު މަލައިކާ ވެސް ބައިވެރިވެ އެވެ. އެކަމަކު މި ފަހުން ރިއާގެ ގެއަށް އަރުޖުން މުޅިން ވެސް ދަނީ މަލައިކާއާ ނުލައި އެކަންޏެވެ. އެހެންވެ ދެ މީހުންގެ ދޭތެރޭގައި މިހާރު ކޮންމެ ވެސް މައްސަލައެއް ޖެހިގެން އުޅޭ ކަމަށް ބެލެވެ އެވެ.
މަލައިކާ ދިރިއުޅޭ ގެއަކީ ރިއާގެ ގެއާ ވެސް މާ ދުރު ނޫން ހިސާބެއްގައި ހުންނަ ގެއެކެވެ.
އަރުޖުން އާއި މަލައިކާ ރުޅިވެއްޖެ ކަމުގެ އަޑުތަކެއް ފެތުރި، އެ ވާހަކަ މިހާ ހޫނުކޮށް ދެކެވެމުން އަންނަ އިރު އެ ދެ މީހުން މިދިޔަ މަހު ޗުއްޓީ އަށް ރާއްޖެ އަށް ވެސް އަ އެވެ.
އަރުޖުން، 36، އާއި މަލައިކާ، 48، ރައްޓެހިވީ 2018 ގަ އެވެ. މަލައިކާ އަކީ ސަލްމާންގެ ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅާލި އިރު ދަރިޔަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު 19 އަހަރުގެ އަރުހާން ޚާނެވެ.
މަލައިކާ އެންމެ ފަހުން ފެނިފައި ވަނީ ސޮނީ ޓީވީން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ނިންމާލި "އިންޑިއާސް ބެސްޓް ޑާންސާ" ސީޒަން ދޭކުންނެވެ. އާދީއްތަ ދުވަހުގެ ރޭ ބޭއްވި އޭގެ ފިނާލޭ އިން ވެސް މަލައިކާ ނުފެނެ އެވެ.
އަރުޖުން އާއި މަލައިކާ ރުޅިވެއްޖެ ކަމުގެ ވާހަކަތައް ދެކެވެން ފެށި އިރު، މި އަހަރު ކައިވެނިކުރާނެ ކަމަށް ބުނާ ސެލެބްރިޓީންގެ ތެރޭގައި ވެސް އެ ދެ މީހުން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy