މުނިފޫހިފިލުވުން

މަލައިކާއާ ރައްޓެހިގެން އުޅޭތީ މަލާމާތްކުރިޔަސް ފަރުވާލެއް ނެތް: އަރުޖުން

އަރުޖުން އާއި މަލައިކާ.

އުމުރުގައި ބޮޑު ފަރަގެއް ހުރި މަލައިކާ އަރޯރާއާ ރައްޓެހިވެގެން އުޅޭތީ ކުރާ މަލާމާތާއި، ރައްދުކުރާ ބަދުބަސްތަކަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް އަރުޖުން ކަޕީރް ބުނެފި އެވެ.

އޭނަ އަށް ވުރެ 12 އަހަރު ދޮށި އަދި އަލަތު ކައިވެނި ރޫޅައިލި އިރު ބޮޑު ދަރިޔަކު ވެސް ހުރި މަލައިކާއާ، އަރުޖުން ރައްޓެހިވީ 2018 ވަނަ އަހަރު އެވެ. އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާނާ އެވެ. އެ ކައިވެނި ރަސްމީކޮށް 2017 ގައި ރޫޅައިލި އިރު، ލިބިފައިވާ ފިރިހެން ދަރިފުޅު އަރުހާން ޚާނަށް މިހާރު 19 އަހަރެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަރުޖުން، 36، ބުނީ އޭނާ މަލައިކާ، 48، އާ ގުޅިގެން އުޅޭތީ އަމާޒުވާ ފާޑުކިޔުންތަކާއި ފުރައްސާރަތައް ވަރަށް ގިނަ ކަމަށެވެ. ސޯޝަލް މީޑިއާގައި ވަރަށް އާންމުކޮށް ބަދުބަސްތައް މީހުން ރައްދުކުރާ ކަމަށް ބުންޏެވެ. ވަކިން ހާއްސަކޮށް ދެ މީހުންގެ އުމުރުގެ ފަރަގު، ގިނަ ބަޔަކު މައްސަލައެއްގެ ގޮތުގައި ނަގާ ކަމަށް ބުންޏެވެ.

"އެއީކީ އެއް އިރެއްގައި ވެސް އަހަރެން ވިސްނާ ކަމެއް ނޫން. ވަކި އުމުރެއްގެ މީހަކާ ލޯބީގެ ގޮތުން ގުޅުމަކީ ހުތުރު ނުވަތަ ކުރަން ނުޖެހޭ ކަމެއްގެ ގޮތުގައި ބަޔަކު ދުށުމަކީ ވެސް ތާކުންތާކު ޖެހޭ ވިސްނުމެއް ނޫން،" އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަމައެކަނި ފިރިހެން ދަރިފުޅު ބުންޏެވެ.

އަރުޖުން ބުނި ގޮތުގައި އޭނަ އާއި މަލައިކާގެ އުމުރުގައި ހުރި ފަރަގަށް ފާޑުކިޔައި، ކިތަންމެ ވަރަކަށް ސޯޝަލް މީޑިއާގައި މަލާމާތްކޮށް ފުރައްސާރަކުރިޔަސް އެ ގުޅުމަކަށް ބުރުލެއް ނާރާނެ އެވެ. އަދި ސޯޝަލް މީޑިއާގައި މީހުން ކުރާހާ ކޮމެންޓްތައް ބަލައިނޫޅޭ ކަމަށް ވެސް ބުންޏެވެ.

"ސޯޝަލް މީޑިއާގައި ކުރާ ކޮމެންޓްތަކުގެ 90 ޕަސެންޓަކީ އަހަރެމެން ބަލާ އެއްޗިއްސެއް ވެސް ނޫން،" އަރުޖުން ބުންޏެވެ.

އޭނާ ބުނީ ފިލްމީ ތަރިއަކަށް ވާތީ އެ މީހެއްގެ ޒާތީ ދިރިއުޅުމާ މީހުން ބެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު މީހަކު ވަޒަންކުރަން ވާނީ އެ މީހެއްގެ ޒާތީ ކަންކަމާ ގުޅުވައިގެން ނޫން ކަމަށާއި ފާހަގަކުރަން ވާނީ އެ މީހަކު ކުރާ މަސައްކަތް ކަމަށް ބުންޏެވެ.

"އެކްޓަރެއްގެ ގޮތުގައި އަހަންނާ ދިމާ އަށް ބުނާ ކޮންމެ އެއްޗެއް އަޑު އަހާނަން. ބަލައިގަންނާނަން. އެކަމަކު ޒާތީ ކަންކަމާ ގުޅުވައިގެން ކިޔާ އެެއްޗަކަށް ދޭނީ ހަމަ ބީރު ކަންފަތެއް،" އަރުޖުން ބުންޏެވެ.

"ޅަ ކުއްޖަކާ" ހިތާވެގެން އުޅޭ ކަމަށް ބުނެ މަލައިކާ އަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން މީގެ ކުރިން ވެސް އޭނާ ދިފާއުކޮށް އަރުޖުން ވާހަކަ ދައްކާފައިވެ އެވެ. އޭނަ ބުނެފައިވާ ގޮތުގައި މަލައިކާ އަކީ އަމިއްލަ ބުރަ މަސައްކަތާއި ހުނަރުން ކުރިއެރި މީހެކެވެ. އަދި އެއީ ވަރަށް އިހުތުރާމުކުރާ ވަރަށް ކެތްތެރި ޒިންމާދާރު އަންހެނެކެވެ.

މި އަހަރު ބޮލީވުޑުން ފެންނާނެ ކަމަށް ބެލެވޭ ކައިވެނިތަކުގެ ތެރޭގައި މި ދެ މީހުންގެ ކައިވެނި ހިމެނޭ ކަމަށް މީޑިއާތަކުން ބުނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454