13 ޖެނުއަރީ 2022 - 06:21
މިހާރު ވަރަށް މަދުން ނޫނީ ފިލްމަކުން ނުފެންނަ ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ އަށް ނެޓްފްލިކްސްގެ ވަރުގަދަ ވެބް ސީރީޒެއް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެކަމާ ބެހޭ މަޝްވަރާތައް ކުރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި މި ސީރީޒަކީ 1960-1980 އާ ދޭތެރޭ މުމްބާއީގެ އަންޑަވޯލްޑްގައި އަޑީގައި އުޅުނު ގޭންގްސްޓާރުންތަކެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. އެގޮތުން ސުނިލް ސީރީޒްގައި ކުޅޭނީ ކުރިން މީޑިއާތަކުގައި ވަރަށް ހޫނުކޮށް ދެކެވުނު މާފިއާގެ ބޮޑެއް ކަމަށްވާ ވަރަދަރަންޖަން މުޑަލިއަރް (ވަރުދަބާއީ/ވަރުދާ) ކަމަށް އެ ނޫހުން ބުންޏެވެ.
މި ސީރީޒަކީ އިންޑިއާ އިން ނެޓްފްލިކްސް އަށް ހަދާ އެންމެ ވަރުގަދަ ސީރީޒަށް ވާނެ ކަމަށާއި މިއީ ބޮޑު ބަޖެޓަކުން، ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ އެއްޗެއް ކަމަށްވެ އެވެ. އެކަމަކު މި ސީރީޒާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އެހެންވެ އޭގެ ޑައިރެކްޓަރަކީ ވެސް ކާކުކަމެއް އަދި ނޭނގެ އެވެ.
ނަމަވެސް އޭގެ ޓީމުން މިހާރު ސުނިލްއާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ހުރިހާ ކަމެއް ފައިނަލްވުމުން ރަސްމީކޮށް އެ އިއުލާންކުރާނެ ކަމަށް ބޮލީވުޑް ލައިފުން ބުންޏެވެ.
"ބޯޑާ" އާއި "ދަޅުކަން" އަދި "ހީރާ ޕޭރީ" ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސުނިލް، 60، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ފިރިހެން ދަރިފުޅު އަހާން ޝެޓީގެ އަލަތު ފިލްމު "ތަޅަޕް" ގެ ރޯލަކުންނެވެ.
ނެޓްފްލިކްސްގެ ސީރީޒަކަށް އޭނާ ގެންނަން މަސައްކަތްކުރާ އިރު، މިދިޔަ އޮކްޓޯބަރު މަހު ސުނިލް ވަނީ "އިންވިޒިބަލް ވުމަން" ކިޔާ ވެބް ސީރީޒަކަށް ވެސް ސޮއިކޮށްފަ އެވެ. މިއީ ސާރޭގާމާ އިންޑިއާގެ ދަށުން ހިންގާ ޔޫޑްލީ ފިލްމްގެ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
13 January 2022
ޝެޓީ މިއީ މޭންއެއް.މަގޭ ފެވަރިޓް އެކްޓަރުންގެ ތެރެއިން އެކަކު.އަޖޭ އެއީ ނަމްބަރ 1. މިކަހަލަ އާޓިކަލް ގެނެސްދޭތީވެ އަލް އަޙް އަދްޝަނަށް ތޭންކްސް.ވ.ވެދުން
ޑަނޑޫ
13 January 2022
ސުނިލްސެޓީއާ ވަރަށް ގުޅޭނެ.