02 އޮކްޓޯބަރ 2021 - 08:32
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ވެބް ސީރީކަށް ސޮއިކޮށްފި އެވެ.
"ދަޅުކަން" އާއި "މޮހްރާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެކްޓަރުގެ ފުރަތަނަ ވެބް ސީރީޒަކީ ސާރޭގާމާ އިންޑިއާގެ ދަށުން ހިންގާ ޔޫޑްލީ ފިލްމްސްގެ ފުރަތަމަ ވެބް ސީރީޒް "އިންވިޒިބަލް ވުމަން" އެވެ. މިއީ އެކްޝަން ތުރިލާއެކެވެ.
ތަމަޅަ ޑައިރެކްޓަރު ރާޖޭޝް އެމް ސެލްވާ ޑައިރެކްޓްކުރާ ސީރީޒްގެ ބަތަލާ އަކީ "ޖަންނަތު 2" އާއި "ރާޒް 3" އަދި "ރުސްތުމް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އީޝާ ގުޕްތާ އެވެ. "އިންވިޒިބަލް ވުމަން" އަކީ ސުނިލްއާ އެކު އޭނާ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ.
ސުނިލް ބުނި ގޮތުގައި ވެބް ސީރީޒަކަށް ސޮއިކުރީ ޑިޖިޓަލް ކޮންޓެންޓަކީ މިހާރު ގިނަ ބައެއްގެ މުނިފޫހި ފިލުވުމުގެ ވަރަށް މުހިއްމު ބަޔަކަށްވެފައި ކުޅެން ލިބުނު ފުރަތަމަ ސީރީޒްގެ ވާހަކަ ކަމުދިޔަލެއް ބޮޑުކަމުންނެވެ.
"ވަރަށް ވެސް ތަފާތު އެއްޗަކަށް މީތި ވާނެ. ވަރަށް އުފާކުރަން ޔޫޑްލީއާ އެކު މަސައްކަތްކުރަން ފުރުސަތު ލިބުނީމަ،" އޭނާ ބުންޏެވެ.
"އިންވިޒިބަލް ވުމަން" ގެ ޝޫޓިން ވެސް މި ހަފުތާގެ ތެރޭގައި ފަށާނެ އެވެ. ނަމަވެސް ސީރީޒާ ބެހޭ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
ސުނިލް، 60، އެންމެ ފަހުގެ ހިންދީ ފިލްމަކީ މާޗްގައި ރިލީޒްކުރި "މުމްބާއީ ސާގާ" އެވެ. އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި މަލަޔާޅަމް ފިލްމު "މަރަކައްރު: ލަޔަން އޮފް ދި އަރޭބިއަންސީ" އާއި ތެލެގޫ ފިލްމު "ގަނީ" ގެ އިތުރުން ފިރިހެން ދަރިފުޅު ބޮލީވުޑަަށް ނެރޭ ފިލްމު "ތަޅަޕް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޒނ
02 October 2021
މޮހްރާ ވަރުގެ ފުރިހަމަ ފިލްމެއް ނުދެކެން. އެއީ ހުރިހާ ގޮތަކުން. އެކްޝަން މިއުޒިކް ރިއަލް ލައިފްގަ ހިނގާ ހާދިސާ ތަކާއި ގުޅޭ މިންވަރު. މިއީ ހިންދީ ފިލްމް ތާރީހުގައި ނެރުނު އެންމެ މޮޅު ބަލާހިތްވާ ފިލްމް. ސުނިލް ޝެޓީގެ އެކްޝަން ސަތޭކަ.
ރަދީފްއޮފިޝިއަލް
02 October 2021
ސާބަހޭ ސުނިލް.60 އަހަރުގަ ވެސް ހީވަނީ 40 އަހަރުގެ މީހެއްހެން.