ރިޕޯޓް / ޕާކިން

ހަސަން ހަމީދުގެ ހައްލު، މާލޭގެ ޕާކިން މައްސަލައަށް

މާލޭގެ މަގެއް ތޮއްޖެހިފައި: ވެހިކަލްގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ އިރު ޕާކުކުރާނެ ޖާގައެއް ނެތް-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރު މި އަށް ވުރެ ވަކިން ބޮޑު އުނދަގުލެއް އެބަ އޮތް ހެއްޔެވެ؟ މާލެ އަށް ނުކަތާ ވަރަށް ވެހިކަލްތައް ގިނަވެ ޕާކްކުރާނެ ޖާގަ ނެތިގެން ރެ އާއި ދުވާލު އުޅެން ޖެހެނީ ބޯގޮވައިގެންނެވެ. ދުއްވާ މީހުން އެކަންޏެއް ނޫނެވެ. ހިނގާ މީހުންނަށް ވެސް މަގުމަތިން ތަންކޮޅެއް ނުލިބެ އެވެ. އެއްވެސް ސަރުކާރަކުން އަޅާނުލާ އޮވެ މައްސަލަ ބޮއްސުންލައިގެން ދިޔަ ފަހުން މިހާރު ފިޔަވަޅުތަކެއް އެބަ އަޅަ އެވެ. އެ ކަންކަމުން ހަގީގީ އަދި ދާއިމީ ހައްލެއް ލިބިދާނެ ހެއްޔެވެ؟

މިފަދަ މައުލޫތަކަށް ދިރާސާ ރިޕޯޓްތައް ލިޔުއްވަމުން ގެންދަވާ ޑރ. ހަސަން ހަމީދު އެ ގޮތަކަށް ދެކެވަޑައެއް ނުގަންނަވަ އެވެ. ގައުމީ ޔުނިވާސިޓީގެ ކުރީގެ ރެކްޓާ ހަސަން މިދިޔަ މަހު އޭނާގެ ވެބްސައިޓުގައި ޝާއިއުކުރެއްވި ލިޔުމެއްގައި މާލޭގެ ޕާކިން މައްސަލައަށް އޮތް އެންމެ މޮޅު ހައްލު ކިޔައިދެއްވާފައިވެ އެވެ. އެއީ، އޭނާގެ ނަޒަރުގައި، މިހާރު ސަރުކާރުން ތައާރަފްކުރަން އުޅޭ މެކޭނިކަލް ޕާކިން ނިޒާމެއް ނޫނެވެ.

ޓްރެފިކް ޕޮލިހުން ސައިކަލުތަކެއްގައި ސްޓިކާ ޖަހަނީ: ތޮއްޖެހިފައިވާ މާލޭގައި ވެހިކަލް ޕާކު ކުރާނެ ތަނެއް ހޯދުމަކީ ފަސޭހަކަމެއް ނޫން-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުންދާ އިރު ޕާކްކުރާނެ ޖާގަ ސަރުކާރުން ނުދައްކާތީ އާއްމުން ރުޅިގަދަވެފައި ތިއްބާ ހައުސިން މިނިސްޓްރީން ވަނީ މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް މާލެ އަށް ތައާރަފްކުރަން މަސައްކަތް ފަށައިފަ އެވެ. ރާއްޖެ އިން ބޭރުން ގެނެސް، ތޮއްޖެހުން ބޮޑު ސަރަހައްދުތަކުގައި ބަހައްޓަން އެސްޓީއޯއާ ހަވާލުކޮށްފައިވާ ނިޒާމްތައް މާޗް މަހުގެ ނިޔަލަށް އިންސްޓޯލްކޮށް ނިންމާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ވެލާނާގޭ ކައިރީގައި މެކޭނިކަލް ޕާކިން ސިސްޓަމެއް ހަރުކުރަނީ. އަންނަ ހަފްތާގައި މި ސިސްޓަމް ޓެސްޓް ކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނޭ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މާލޭގެ ޕާކިން މައްސަލަ ހައްލުވާނެ ފަދަ ފިޔަވަޅެއް ނޫނެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގައި، ޕާކުކުރާ ހަރުތަކާއި ޕާކިން މީޓަރު ހަރުކޮށްގެން، މާލޭގައި ޕާކު ކުރުމަށް ދިމާވެފައިވާ މައްސަލަ އަށް ފާހަގަވާ ފަދަ އެއްވެސް ލުޔެއް ނުލިބޭނެ އެވެ. އެއީ، ޕާކިންގެ މައްސަލަ އުޅެނީ ވަކި ސަރަޙައްދެއްގައި ކަމަށް ނުވާތީ އެވެ. މުޅި މާލެއަށް މި މައްސަލަ އާއްމު ވެފައި ވާތީ އެވެ،" އޭނާ ލިޔުއްވާފައިވެ އެވެ.

އެހެންވިއްޔާ މި ކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކޮބާ ހެއްޔެވެ؟

ހަސަން ހުށަހަޅުއްވަނީ ދެ ކަމެކެވެ؛ އެއީ ދުއްވާ އެއްޗެހި ގޭތެރޭގައި ޕާކުކުރުމާއި ދުއްވާއެއްޗެހި މަދުކުރުމެވެ.

ގޭތެރެއިން ޖާގަ ހަދާނީ ކިހިނެއް؟

ހަސަން ފާހަގަކުރައްވާ ގޮތުގައި މީހުން ގެންގުޅޭ ސައިކަލާއި ކާރު ފަދަ ތަކެއްޗަކީ އެމީހުންގެ އަމިއްލަ މުދަލެވެ. އެއާޚިލާފަށް، އެންމެން ހިނގަން އޮންނަ މަގުގެ މިލްކުވެރި ފަރާތަކީ ގައުމުގެ އެންމެންނެވެ. އެހެންކަމުން، މަގުމަތީގެ ސަރަހައްދެއް ވަކި މީހަކަށް 24 ގަޑިއިރު ނުވަތަ ދާއިމީކޮށް ބޭނުން ކުރެވޭ ގޮތަށް އޮތުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ހަސަން ވިދާޅުވާ ގޮތުގައި މާލޭގެ ޕާކިން މައްސަލަ ހައްލުކުރެވޭނީ އެ ގެއެއްގެ މީހުން ޕާކު ކުރާނެ ޖާގަ ގޭގެ ގޯޯތި ތެރެއިން ހަމަޖައްސައިގެންނެވެ.

އެކަމަކު މާލޭގައި މިހާތަނަށް އިމާރާތްތައް ހަދަމުން އައީ ޕާކުކުރާނެ ޖާގަ ބާއްވައިގެނެއް ނޫނެވެ. ސަރުކާރުން މަޖުބޫރުކޮށްގެން ނޫނީ އެކަމެއް ނުވެސް ނުވާނެ އެވެ.

މިދިޔަ އަހަރު ތައާރަފްކުރި މާލޭ ޕްލޭނިން ގަވާއިދުގައި އެ ބައި ވަނީ ހިމަނާފަ އެވެ. އެއީ ހައްލެއް ކަމަށް ހަސަން ގަބޫލުކުރައްވަ އެވެ. އެކަމަކު އޭނާ ވިދާޅުވަނީ އެ ގަވާއިދު އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. ސަބަބަކީ އިމާރާތުގެ ފުޓްޕްރިންޓް ނުވަތަ "ފިޔަވަޅު"ގެ ނިސްބަތުން ޕާކިން އަށް ޖާގަ ކަނޑައަޅާފައި އޮތުމެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގައި ޕާކުކުރަން ދޫކުރަން ޖެހޭ ޖާގަ ގުޅުވަން ޖެހޭނީ ގޭގައި ދިރިއުޅޭ މީހުންގެ އަދަދާ އެވެ. އެހެންކަމުން، ޕާކިން ޖާގަ ގުޅޭނީ ނިދާ ކޮޓަރީގެ އަދަދާ އެވެ. އިމާރާތުގެ ފިޔަވަޅަކާ ނޫނެވެ،" ހަސަން ފާހަގަކުރެއްވި އެވެ.

"މިހާރު މި އޮތް ގަވާއިދުން ދޫކުރަން ޖެހޭ %20ގައި ނުވަތަ 200 އަކަ ފޫޓުގައި، އެ ގޭގައި ދިރިއުޅޭނޭ ކަމަށް ލަފާކުރާ މީހުންގެ ސައިކަލެއް ނުބެހެއްޓޭނެ އެވެ. އޭގެ ތެރެއިން މީހަކު ކާރެއް ގެންގުޅޭ ނަމަ، މައްސަލަ ސަފުން ބޮޑުވާނެ އެވެ." އޭނާ ލިއުއްވި އެވެ.

މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ދުއްވާތަކެތީގެ އަދަދަށް ބަލާއިރު، ކޮންމެ ދެ މީހަކަށް ގާތްގަނޑަކަށް ސައިކަލެއް ޖެހެ އެވެ. އަދި، އެންމެ އާއްމުކޮށް ދުއްވާ ހޮންޑާ ވޭވް ސައިކަލެއްގެ ބޮޑުމިނަށް ބައްލަވައި ހިސާބު ޖައްސަވައިގެން ހަސަން ވިދާޅުވަނީ ސައިކަލަކަށް 1.3 އަކަ މީޓަރު ނުވަތަ 14 އަކަ ފޫޓު ބޭނުންވާނެ ކަމަށެވެ.

"ގެއެއް އަލަށް ހަދާ ނަމަ، އެ ގެއެއްގައިވާ ކޮންމެ ނިދާ ކޮޓަރިއަކަށް 1.3 އަކަ މީޓަރުގެ ހުސްތަން ޕާކުކުރަން ބާއްވަން ޖެހޭ ގޮތަށް ގަވާއިދު ހަމަޖައްސަނިކޮށް މާލޭގެ މަގުތައް ބޭނުން ކުރެވޭ ވަރަށް (ޕާކިން މައްސަލަ) ލުއިކުރެވޭނެ އެވެ،" ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވި ގޮތަށް ގެދޮރު އެޅުމުގެ ގަވާއިދު ހަމަޖައްސައިފި ނަމަ، 1000 އަކަ ފޫޓުގެ ގޯއްޗެއްގައި 9 ބުރިއަށް އިމާރާތެއް ކުރާ ނަމަ، އަދި ކޮންމެ ބުރިއެއްގައި ތިން ނިދާކޮޓަރި ހުންނަ ނަމަ، 350 އަކަ ފޫޓު ޕާކުކުރަން ހުސްކޮން ބާއްވަން ޖެހޭނެ އެވެ."

ގޯތި ތެރޭގައި ޕާކުކުރާނެ ޖާގަ ދޫކޮށްފައި އިމާރާތްކުރަން ޖެހޭ ގޮތަށް މީގެ ވިއްސަކަށް އަހަރު ކުރިން ގަވާއިދެއް ހަދާފައި އޮތް ނަމަ، މިހާރު މި ދިމާވާ މައްސަލަތަކުން ސަލާމަތްވެވުނީސް ކަމަށް ހަސަން ދެކެވަޑައިގަންނަވަ އެވެ.

އަހަރީ ފީ ބޮޑުކޮށްގެން ވެހިކަލް މަދުކުރެވޭނެ

ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި ދުއްވަން ކުޅަދާނަ ނުވާ ވަރަށް އަގު ބޮޑުކުރުމަކީ ވެހިކަލް މަދުވާނެ ފިޔަވަޅެކެވެ. އެކަމަކު ކެޕިޓަލް ޚަރަދު ނުވަތަ އިމްޕޯޓް ޑިއުޓީ ބޮޑުކުރިޔަސް އެ ނަތީޖާއެއް ނުފެންނާނެ އެވެ. ބޮޑުކުރަން ޖެހޭނީ ރިކަރަންޓް ޚަރަދެވެ.

"ގެއެއް އަލަށް ހަދާ ނަމަ، އެ ގެއެއްގައިވާ ކޮންމެ ނިދާ ކޮޓަރިއަކަށް 1.3 އަކަ މީޓަރުގެ ހުސްތަން ޕާކުކުރަން ބާއްވަން ޖެހޭ ގޮތަށް ގަވާއިދު ހަމަޖައްސަނިކޮށް މާލޭގެ މަގުތައް ބޭނުން ކުރެވޭ ވަރަށް (ޕާކިން މައްސަލަ) ލުއިކުރެވޭނެ"

ޓްރާންސްޕޯޓް އޮތޯރިޓީގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި ހަސަން ފާހަގަކުރައްވާ ގޮތުގައި އުޅަނދުގެ އަގާ އެއްވަރަށް އިމްޕޯޓް ޑިއުޓީ ބޮޑުކުރިޔަސް، ވެހިކަލް އެތެރެކުރުން ކޮންޓްރޯލެއް ނުވެ އެވެ. އޭގެ ހެއްކަކީ 2014 ވަނަ އަހަރު ރާއްޖޭގައި ރަޖިސްޓްރީކުރި ސައިކަލުގެ އަދަދު 2013 ވަނަ އަހަރަށް ވުރެ 10،000 އިތުރުވުމެވެ.

"މި ރޭޓްގައި ސައިކަލް އެތެރެކުރާ ވަރު އިތުރުވަމުންދާ ނަމަ، ކޮންމެ ހަ އަހަރަކުން މިހާރު ހުރި ހުރިހާ ސައިކަލެއް 'އައު' ވާނެ އެވެ. ނުވަތަ ސައިކަލްތައް އިތުރުވަމުންދާނީ ވަރަށް މަތީ ރޭޓެއްގަ އެވެ،" ހަސަން ލިޔުއްވާފައިވެ އެވެ.

އެހެންވެ އޭނާ ހުށަހަޅުއްވަނީ އުޅަނދުތަކުގެ "ދުވަހީ ޚަރަދުތައް" ބޮޑުކުރުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕެޓްރޯލްގެ އަގާއި އަހަރީ ފީ އެވެ.

"ޕެޓްރޯލް އަގުބޮޑު ވުމުން ކަނޑު ދަތުރުތަކަށް ވެސް އަސަރު ކުރާނެ އެވެ. އަދި، ކޮންމެހެން ކާރާއި ސައިކަލް ބޭނުންވާ އަތޮޅުތަކަށް ވެސް އަސަރުކުރާނެ އެވެ. އެހެންކަމުން އެންމެ ރަނގަޅުވާނީ އަހަރީ ފީއާ ދޭތެރޭ ވިސްނުމެވެ،" ހަސަން ވިދާޅުވި އެވެ.

އޭނާ ފާހަގަކުރައްވާ ގޮތުގައި އެއްގަމު އުޅަނދުތަކުން މިހާރު ނަގާ ފީއަކީ ސައިކަލެއް ނުވަތަ ކާރެއް ގެންގުޅެން މީހުން "ނުރުހުންވާނޭ" ފީތަކެއް ނޫނެވެ؛ އާދައިގެ ސައިކަލެއްގެ ފީއަކީ ދުވާލަކު 1.77 ރުފިޔާ އެވެ. ކާރެއް ނަމަ، ދުވާލަކަށް ޖެހެނީ 10 ރުފިޔާ އެވެ.

މާލޭގެ މަގުމަތި ދުއްވާ އުޅަނދުތަކުން ތޮއްޖެހިފައި: ހައްލެއް ނުލިބުނު މައްސަލައެއް-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

އަހަރީ ފީ ބޮޑުކުރުމުގެ ބަދަލުގައި، ނުވަތަ ފީ އަށް ބަދަލު ގެނައުމާ އެކު، އެހެން ބައެއް ފިޔަވަޅުތައް ވެސް އަޅަން ހަސަން ލަފާދެއްވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ހިނގޭ ގޮތަށް މާލޭގެ މަގުތައް ހެދުމާއި ބައިސްކަލް ދުއްވުން އާއްމުކުރުމާއި ޕަބްލިކް ޓްރާންސްޕޯޓްގެ "ލުއި" ނިޒާމެއް ގާއިމްކުރުމާއި ތިން ފުރޮޅުލީ އުޅަނދުތައް ތައާރަފްކުރުމެވެ. މިއީ ވެސް، މީހުން ސައިކަލާއި ކާރު ބޭނުން ނުވާނެ ގޮތް ހަދަން އޭނާ ހުށަހަޅުއްވާ ކަންކަމެވެ.

ހަސަން ވިދާޅުވަނީ ދުއްވާއެއްޗެހި ގޭތެރޭގައި ޕާކުކުރެވޭނެ ގޮތާއި ދުއްވާއެއްޗެހި މަދުވާނެ ގޮތް ނަހަދައި މާލޭގެ ޕާކިން މައްސަލަ ހައްލު ނުވާނެ ކަމަށެވެ.

"އެހެން ހުރިހާ ހައްލަކީ މައްސަލައަށް ފާހަގަކުރެވޭ ފަދަ ލުއިކަމެއް އަންނާނެ ހައްލެއް ނޫނެވެ،" ނިންމާލައްވަމުން އޭނާ ލިޔުއްވާފައިވެ އެވެ.

137 ކޮމެންޓް, 145 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 1%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒުއްނަވާރު

15 January 2019

މީގައި ނެތް މުހިއްމު ދެކަމަކީ އިންސްޓޯލްމެންޓަށް ވެހިކަލް ވިއްކުން ހުއްޓުވައި ވަކި މުއްދަތެއްވީމާާ ނައްތާލާން ގާނޫނެއް ހެދުން

The name is already taken The name is available. Register?

nazeel

14 January 2019

މާލެއަށް އެކިއެކި ބޭބުން ތަކަށް މީހުން އަންނަންޖެހޭ މިންވަރު މަދުވާނެ ގޮތަކަށް ސަރުކާރުން ކަންކަން އަތޮޅުތަކުގައި ކޮށްދީފަ ހުރިނަމަ މިއަދު މިހެންވާކަށް ނުޖެހޭނެ. ކޮންމެ ވެރިކަމެއްގައިވެސް ބަލަނީ ރަށްރަށު މީހުންތައް މާލެ އަންނާނެ ގޮތްތައް ހަދައިގެން އެބައިމީހުން ބުރަމަސައްކަތުން ހޯދާ ފައިސާކޮޅު މާލޭގެ މީހުންނަށް ގޭގަ ރީއްޗަށްތިބެގެން މަސައްކަތެއްނުކޮށް ފައިސާ ލިބޭނެގޮތް ފަހިކޮށްދެވޭތޯ.

The name is already taken The name is available. Register?

ޙާޒް

24 December 2016

މި ލިއުމަށް ކޮމެންޓެއް ކޮއްލުމުން ފަރުދީ ޒިންމާ އަދާ ކުރެވުނީ އެވެ. މީ ދިވެހިންނެވެ.

The name is already taken The name is available. Register?

ބޮންދު

22 December 2016

މިހާރު ބިދޭސީ މީހުން ސައިކަލް ދުއްވާ. %50 އަކީ ބިދޭސީން. ޑޫދިމެތް!

The name is already taken The name is available. Register?

ޖުހާ

19 December 2016

ކޮންމެ ނިދާކޮޓަރިއެއްގާ ނިދަންވާ މީހުންގެ އަދަދު ކަނޑަނާޅާ ހުސްތަން ކަނޑައެޅިކަމީ ހަސަނުގެ ދެއުޅި އެއްނުވާކަން. އެއްކޮޓަރީގައި ފަސް ހަމީހުންވެސް އެބަނިދާ . މިކޮންމެމީހެއްގެ ސައިކަލެއްހުރޭ. 1.3 އަކަމީޓަރުގައި މިއެންމެންގެ ސައިކަލް ޕާކު ކުރެވޭނެބާ؟ މިލިޔުމުގައި މިވަނީ މުޅިންވެސް މުސްތަޙީލް ކަންތައް. ނުކުރެވޭނެހާ ކަންތައް . މަވެސް މިކަހަލަ ޚިޔާލު ލިޔެފާނަށް.

The name is already taken The name is available. Register?

އަލިފް

19 December 2016

ޕާކިން ގޭތެރޭންވެސް ދެވިދާނެ .... އުޅަނދަށް ނަގާ ދުވަހީ ފީތަކާ ޕެޓްރޯލްވެސް އަގުބޮޑުކުރެވިދާނެ ..... އާންމުރައްޔިތުން އެއްގަމުއުޅަންދު ބޭނުންކުރަނީ އަވަހައް އެއްތަނުން އަނެއްތަނަށްދާން ....އެކަމަށް ހައްލެއް އޮތްތޯ ހަސަންގެ ސައިޓްގައި ހިއްސާކޮއްލާނަމަދޯ.....އެކަމަށް ހައްލެއް ހޯދައިދިނުމަކީ އެއްގަމުއުޅދު މަދުކުރުމުގެ ފެށުމަސްވެދާނެ .... މިސާލަކަށް މީހުންނަށް ފޯރުންތެރިކަން ހުންނަމިންވަރަކަށް ޕަބްލިކް ޓްރާންސްޕޯޓްގެ އަގުހެޔޮވެ އެފިސަންޓް ޕަބްލިކްޓްރާންޕޯޓް ސިސްޓަމްއެއް ގާއިމް ކުރެވިޖެނަމަ.... ބޮޑުއަގުދީގެން ނުވަތަ ލިބޭހުރިހާ އާމްދަނީއެއް އިންސްޓޯލްމަންޓް އަށް ދީގެން ސައިކަލް ފަދަ އެއްގަމުއުޅަނދު ގަތުން މަދުވާނެކަމަށް ފެނޭ ......... މިކަމަށް ވެސް ވިސްނާލުން ހަމަރަނގަޅު

The name is already taken The name is available. Register?

އަމީން

19 December 2016

ޕާކިން ކުރާނެ ތަންތަން ފުޅާ ކުރިއަސް، ދެންވެސް އިތުރުވާނީ އުޅަނދުތަކެއް ނޫންތަ. މިކަމަށް ސަރުކާރުން ދޭނި ކޮން ހައްލެއް. އިތުރު ސިސްޓަމް ހަރުކުރަނީ؟

The name is already taken The name is available. Register?

ހޯވަރބޯޑު

19 December 2016

އަސްލު އެންމެ މޮޅު ގޮތަކީ ކާރާއި ސައިކަލު މަނާކޮށްފައި އެންމެން ހޯވަރބޯޑު ބޭނުންކުރާ ގޮތަށް ހަދަންވީ. އޭރުން ގެޔާއި ބަދިގެޔާ ދޭތެރޭވެސް، ރަށުތެރޭވެސް، އިސްކޫލާއި އޮފީސް ތެރޭ ވެސް، މިސްކިތުގައި ސަފުހަދާއިރުވެސް، ބުރިޖުމަތީވެސް އެ ބޭނުންކުރެވޭނެ. މާ ބޮޑު ޖާގައެއް ބޭނުމެއް ނުވާނެ. ހަވީރު ބިޓުން ގޮވައިގެން ފިނިބުރުޖަހަންވީމަ މިހާރު ސައިކަލުގަ ތިބޭއިރު ބައްދައިގެން ތިބޭހެން ކަރުގަ އެލިގެން އޮވެވިދާނެ ދޯ!

The name is already taken The name is available. Register?

ނަސޭޙަތެއް

19 December 2016

އާސިޔަތު މުހައްމަދު ސައީދު މި ލިޔުން ލިޔުއްވި އިރު ޙަސަންގެ ލިޔުމުގައި ހުރި ހުރިހާ ޕޮއިންޓުތައް ހިމެނޭގޮތަށް ޚުލާސާކުރެއްވި ނަމަ ވަރަށް ރަނގަޅުވީސް. މިއަށް ކޮމްނެޓުކުރައްވާ ގިނަ ބޭފުޅުންގެ ވާހަކަފުޅުތަކުން ދޭހަވަނީ އެ ބޭފުޅުން ޙަސަންގެ އަސްލު ލިޔުން ވިދާޅުނުވާކަން. މީގައި މިހިރީ ޙަސަން ފާޅުކުރެއްވި ގިނަ ޚިޔާލުފުޅުތަކެއްގެ ތެރެއިން ހަމައެކަނި ޢާންމު ގިނަމީހުނަށް ބަލައިގަންނަން ތަދިވާނޭ ފަހަ ޚިޔާލުފުޅުތައް އެކަނި. މި ލިޔުމަށް ކޮމެންޓުކުރައްވާ ބޭފުޅުންނަށް އަޅުގަނޑު ނަސޭޙަތްތެރި ވަނީ އެބޭފުޅާގެ ލިޔުން ވިދާޅުވަން. އެންމެ ޢަދުލުވެރި ގޮތަކީ އެއީ.

The name is already taken The name is available. Register?

އަލިބެގެއަލީ

19 December 2016

ޕާކިން މައްސަލަ ހައްލުކުރުމަށް އަޅުގަނޑުގެ ލަފާވަކިން ދެރައެއް ނުވާނެ. އިސާހިތަކު ޓްރެފިކް މައްސަލަ ހައްލުވެ މަގުތައް އުޖާލާ ވެދާނެ. އަޅުގަނޑުގެ ލަފާއަކީ " މާލޭގެ ހަތަރުކަނުގައި ހިފައި ބާރުލާފަ ދަމާދަމާ މާލެ މިއަށްވުރެ ބޮޑުކޮށްލާނީ" އޭރުން ޕާކުކުރާނެ ތަންތަނާއި ދުއްވާނެ ތަންތަން އިތުރުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454