ދުވާރުން މަގަށް ނުކުމެވޭ ގޮތަށް ސިޓީ ކައުންސިލުން ހެދި ފުރަތަމަ ރޭމްޕް މަތީގައި ވެސް ސައިކަލް ޕާކްކުރަން ފެށުމުން އޭގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމައިފި އެވެ.
ދުވާރުން މަގުމައްޗަށް އަދި މަގުމަތިން ދުވާރަށް އަރާނެ ތަނެއް ނޯންނަ ގޮތަށް މާލޭގައި ވެހިކަލްތައް ޕާކްކުރުން ވަނީ އާންމުވެފަ އެވެ. އެހެންކަމުން ބައެއް ގޭގެއަށާއި ފިހާރަތަކަށް ވަދެނުކުމެވޭ ގޮތަށް، އެ މީހުން އަމިއްލައަށް މަގުމަތީގައި ލަކުޑި ޕެލެޓް ބަހައްޓަ އެވެ.
އެކަން ހުއްޓުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ނިންމީ މަގުގެ އެކި ހިސާބުތަކުގައި ސިމެންތިން ރޭމްޕް ހަދާށެވެ. އެގޮތުން ސިޓީ ކައުންސިލުން އިއްޔެ ވަނީ ނަމޫނާ ރޭމްޕެއް ޖަނަވަރީ މަގުގައި ހަދައިފަ އެވެ. ސޮނީ ހާޑްވެއާ ކުރިމައްޗަށް ވާ ގޮތަށް ހެދީ ފަސް ފޫޓް ފަސް އިންޗި ދިގު، ހަތް ފޫޓް 10 އިންޗި ފުޅާ ރޭމްޕެކެވެ. ރޭމްޕް ހަދާފައި ހުރީ މަގަށް ވުރެ އުސްކޮށެވެ. އޭގައި ރީނދުލާއި ކަޅު ކުލައިގެ ރޮނގުތައް ވެސް ދަމާފައިވެ އެވެ.
އެކަމަކު ސައިކަލް ޕާކްކުރާ މީހުންނަށް އެއީ ވެސް ހުރަހަކަށް ނުވި އެވެ. ރޭމްޕް ހެދިތާ 24 ގަޑިއިރު ނުވަނީސް އޭގެ މަތީގައި ވެސް މިހާރު ވަނީ ޕާކްކުރަން ފަށައިފަ އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފް "މިހާރު" އަށް ވިދާޅުވީ މި މައްސަލައަށް ހައްލެއް ލިބޭތޯ މިހާރު ނިންމާފައިވަނީ ޑިޒައިން ބަދަލުކޮށް، ރޭމްޕް އުސްކުރަން ކަމަށެވެ.
"އިއްޔެ އެ ރޭމްޕް ބޭނުންކުރަން ފެށުމުން ގިނަ ހިޔާލުތަކެއް ލިބުނު. އެގޮތްތަކާ މެދު މަޝްވަރާ ކުރަމުން މިއަންނަނީ. ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމައި އެ މަސައްކަތް އަލުން ފަށާނަން،" ހުސައިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ޑިޒައިންނަށް އަލަށް ގެންނަ ބަދަލުތަކާ އެކު މި ހަފުތާގައި އަލުން އެ މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ..
އަމިއްލަ މީހުން ބަހައްޓާފައި ހުރި ޕެލެޓްތައް ނަގާ ސާފުކުރުމުގެ މަސައްކަތް މިދިއަ ހޮނިހިރު ދުވަހު ސިޓީ ކައުންސިލުން ކުރި އެވެ. އެގޮތުން 600 އަށް ވުރެ ގިނަ ޕެލެޓް ނެގި އެވެ.
މަގު ހުރަސްކުރަން އޭގެ މައްޗަށް އެރިތަނުން ލަކުޑި ޕެލެޓެއްގައި ތާށިވެ، އަންހެނެއްގެ ފައި މި ފަހުން ވަނީ ބިނދިފަ އެވެ.