ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ވިނަރެސް" ފްލެޓް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 ޖެނުއަރީ 2022 - 13:37
ސީލައިފް ގްލޯބަލްގެ ފްލެޓަށް ފައިސާ ދެއްކި މީހުންނާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓާ ހިލާފަށް "ވިނަރެސް" ފްލެޓު ވިއްކާތީ އެކަމުގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން މާޗު 13، 2014 ގައި ސީލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ހުށަހެޅި އެވެ.
އެ މައްސަލައިގައި އޭރު ސެޓްލްމަންޓް އެގްރީމެންޓް ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ. އެގޮތުން، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެގްރިމެންޓް ހަދައި އެޗްޑީސީން ކޯޓުން ބޭރުގައި މައްސަލަ ނިންމި އެވެ.
އޭގެ ފަހުން އެޗްޑީސީން ވަނީ ސީ ލައިފްގެ ފްލެޓަށް ފައިސާ ދެއްކި މީހުންނަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ "ވިނަރެސް" ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. ނަމަވެސް އެ މީހުންގެ ކަންބޮޑުވުމަކީ، ސީ ލައިފްގެ ފްލެޓަށް ވުރެ ވިނަރެސްގެ ފްލެޓުގެ އަގު ބޮޑުވުމެވެ.
އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް 122 މީހުން ސޮއިކޮށް މިިދިޔަ ނޮވެމްބަރު މަހު ފޮނުވި ސިޓީގައި ބުނީ އެޗްޑީސީން އަމަލުކުރަމުން ދަނީ ސެޓްލްމަންޓް އެގްރިމެންޓާ ހިލާފަށް ކަމަށެވެ. އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރަން ބޭނުންވާތީ އެޕޮއިންޓްމަންޓް ދެއްވުމަށް އެދިފައިވެ އެވެ.
ސީ ލައިފް ގްލޯބަލްގެ ފްލެޓުތަކަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބަޔަކު މިއަދު ރައީސް އޮފީސް ކައިރީގައި މަޑުކޮށްލައިގެން.
ނަމަވެސް އެ ސިޓީއަށް ޖަވާބެއް ނުލިބުމުން، ސީ ލައިފް ފްލެޓުތަކަށް ފައިސާ ދެއްކި ބައެއް މީހުން ވަނީ ރައީސް އޮފީސް ދޮށަށް އެއްވެފަ އެވެ.
ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ. އެ ތަންތަނުގައި މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެޕާޓްމަންޓް ހުރެ އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ކުރިން ވިދާޅުވީ ސީ ލައިފުން ފްލެޓް ގަތް މީހުންނަށް ވެސް ވިނަރެސް ފްލެޓް ދޫކުރާނީ އެ މަޝްރޫއު ހިންގި އަގުގައި ކަމަށާއި އެ ތަންތަނުގެ އަގު ހެޔޮ ކުރެވެން ނެތް ކަމަށެވެ.
"އެ ފުރުސަތު އެ މީހުން [ސީ ލައިފްގެ ފްލެޓް ލިބުނު މީހުން] ނުނަގާ ނަމަ، ދެން އަންނަ ޕްރޮޖެކްޓަކުން ވެސް އެ މީހުންނަށް ފުރުސަތު ލިބޭނެ. މި ޕްރޮޖެކްޓް [ވިނަރެސް ހައުސިން] ނެތް މިހާރު މި ވިއްކާ ވަރަށް ވުރެ އަގު ހެޔޮ ކުރެވޭކަށް. މިއީ އަޅުގަނޑުމެން ލޯނެއް ނަގައިގެން ހިންގި ޕްރޮޖެކްޓެއް،" ސުހައިލް ވިދާޅުވި އެވެ.
ސީ ލައިފުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް ގަންނަން ހުޅުވާލީ 2.2 މިލިއަން ރުފިޔާއަށެވެ. އެކަމަކު ވިނަރެސް އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. ނަމަވެސް އިންސްޓޯލްމަންޓް އުސޫލުން 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާ ނަމަ އެޕާޓްމަންޓްގެ އަގު ގާތްގަނޑަކަށް ދެގުނަ ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުޓީ
16 January 2022
ސީލައިފް މައްސަލައިގެ ތެރެއަށް ސަރުކާރުން ވަނުން ވެސް ގޯސް. ސީލައިފް މިހުންނާ އެމިހުންގެ ފްލެޓް ގަތް މީހުންނާއި ދޭތެރޭ އޮތް ކަމެއްގެ ތެރެއަށް ސަރުކާރުން ވަންނަން ޖެހުނު ސަބަބެއް ނުވިސްނޭ. މިވަރުން ދަންޏާ ފިހާރައަކުން މުދާ ގަންނަން މީހަކު ލާރި ދިނީމަ ފިހާރައިން އެމީހާއަށް މުދާ ނުދީފިއްޔާ ވެސް ސަރުކާރު އޭގެތެރެއަށް ވަދެ ބަދަލު ދޭން ޖެހިދާނެ ތޯއްޗެއް. ވިޔާފާރީގެ މުއާމަލާތްތަކުގަ ޖެހޭ މައްސަލަތައް ބަލަން މުއައްސަސާތަކާ ކޯޓުތައް ހުރުމުގެ ބޭނުމަކީ ކޮބާ
ކަތްދައްތަ
13 January 2022
ސީލައިފް މީ ނުނިމޭ ކުޅިއެއްތަ؟ ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާވެސް ދީފި. ދެން ފުލެޓް ގަންނަން ފުރުޞަތުވެސް ދީފި. ދެންވެސް ޑިމާންޑް ޑިމާންޑް. ހީވަނީ މިމީހުންނަށް ރަންވަޅަކަށް ފުންމާލެވިގެން އުޅޭހެން.
ހާސަރު
13 January 2022
ބަޔަކު ނުއަގުގައި ތަނެއް ވިއްކަން އިސްތިހާރުކޮސް އެޑްވާސްނެގީ . ދެން ކިހިނއް އެއަގުގައި ދެވޭނީ. މިސާލަކަށް މިހާރު ބަޔަކު އިސްތިހާަރުކޮށްފާނެ ރޯދައަށް ފިޔާ ބަސްތާއެއް 50 ރުފިޔާއަށް އެޑްވާސްކޮށް ދެއްކީމަ ރޯދަމަހު ދޭނަމޭ! ނުދީފިއްޔާ ދެން އެސްޓީއޯއިން ކިހިނެއް 50 ރުފިޔާއަށް އެމީހުނަށް ފިޔާ ބަސްތާއެއްދޭނީ!؟ ފްލެޓް ބޭނުން އެތައްބަޔަކު ތިއްބާ އެމީހުނަށް ތިތަނުން ފްލެޓްދޭތީ ޝުކުރުވެރި ވާންވީކީނޫންތަ.
މިމީހާ
13 January 2022
ފްލެޓްތައް ކުއްޔަށް ދޭތީ ކޯޓަށް ދާނެ މީހަކު ނެތީ؟
ވިނަރެސް
13 January 2022
ދެން ވިނަރެސް ފުލެޓު ދޫކޮށްލާފަ މަޑުކޮށްލަންވީނުދޯ އަގު ހެޔޮ ފުލެޓު އިއުލާންކުރަންދެން
ގެދޮރު ނެތް މާލޭމީހާ
13 January 2022
އަފީފް ދީދީ އަށް ދަންނަވަން. ހުރިހާ ކަމެއްވެސް އެނގޭނެ. އިޚްލާޞްތެރިކަމެއް ހުރި މީހަކު ނެތީމަ ރައްޔިތުންނަަށް ހުރިހާ ގެއްލުމެއް ލިބެމުން މި ދަނީ.
ކުލި ދައްކާ މީހެއް.
13 January 2022
މިއީ ހާދަހާ ވަރުގަދަ ބައެކޭދޯ. މިމީހުންގެ އުދަގޫ ތަންކޮޅެއް ބޮޑުވެއްޖެ. ނޫސް ހުޅުވާލާއިރަށް ކޮންމެވެސް ހައިޖާނެއް ހަދައިގެން އުޅޭ ވާހަކަ މިފެންނަނީ.
އޮންނަގޮތް
13 January 2022
އެބައެއްގެ ހައްގު ހޯދަން މަސައްކަތްކުރާނީ އެބަޔަކު.
000000
13 January 2022
މީ ލޯއެންޑް އޯޑަރެއް ހިނގާގައުމެއްނޫން.
އޮނަރަބްލް އަފީފު ދީދީ.
13 January 2022
ރާއްޖެއަށް ރިއަލްއެސްޓޭޓް ޤާނޫނަކާއި ސޯޝަލް ހައުސިންގ އާއި ބެހޭ ޒަމާނީޯ ފުރިހަމަ ޤާނޫނެއް ބޭނުންވާކަން ބަންޑާރަ ނައިބަށާއި ސަރުކާރު ހިންގާން ތިބި މީހުނަށާއި މަޖިލިސް މެންބަރުންނަށް އިހްސާސް ކުރެވޭނީ ކިހާ ހިސާބަކަށް މިކަން ދިއުމުންތޯ.
ހިތަދޫ ހުސެން 1
13 January 2022
އިތުރަށް އަޅާނެ ބިމެއް ރަށެއް ނެތްދުވަހަކުން
ތައަްކާނު
13 January 2022
ކިހިނެތް ވިސްނޭނީ ތީގެ ގާނޫނެއް ގެނެސްފިޔާ އެމީހުންނަށް މާ ގެއްލުން ވެއެވެ.
ށުވޭ
14 January 2022
ނުވިސްނެނީކީ ނޫން. ބޯހިޔާވަހިކޮށްދިނުމުގެ ނަމުގައި ސްކޭމް ކުރަނީ. ހިޔާފްލެޓާ ވިނަރެސްއާ ދެންވެސް އޮތް އެއްޗެއް. މައުމޫނު ވެރިކަމުގައިވެސް ފްލެޓް ދީފައި ހުރިމީހުން ބަލާބަލަ ނިކަން.