އީސްޓާ ސަންޑޭގެ އިހުތިފާލުތަކާ ދިމާކޮށް، އެޕްރީލް 21، 2019 ގައި ދިން ބޮމުގެ ހަމަލާގައި 269 މީހުން މަރުވި. --ފޮޓޯ:އޭއެފްޕީ
13 ޖެނުއަރީ 2022 - 15:19
ކްރިސްޓިއަން ދީނުގެ ރަސްމީ ދީނީ އިހުތިފާލަކާ ދިމާކޮށް، 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ޝަރީއަތް އަނެއްކާވެސް ފަސްކޮށްފި އެވެ.
އީސްޓާ ސަންޑޭގެ އިހުތިފާލުތަކާ ދިމާކޮށް، އެޕްރީލް 21، 2019 ގައި ދިން ބޮމުގެ ހަމަލާތައް އަމާޒުކުރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ ކްރިސްޓިއަނުންގެ ތިން ފައްޅިއަކަށާއި ތިން ޓޫރިސްޓު ހޮޓަލަކަށެވެ. އެ ހާދިސާގައި 269 މީހަކު މަރުވި އިރު އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 46 މީހަކު ހިމެނެ އެވެ.
މި ހަމަލާތައް ދިނުމުގެ ތުހުމަތުގައި ލަންކާ ސަރުކާރުން ޝަރީއަތަށް ހުށަހަޅާފައިވަނީ 25 މީހެކެވެ. އެމީހުންގެ މައްޗަށް ލަންކާ ސަރުކާރުން 23،000 އަށް ވުރެ ގިނަ ދައުވާ އުފުލާފައިވެ އެވެ. އޭގެ ތެރޭގައި މީހުން މަރަން ރޭވުމާއި ހަތިޔާރާއި ވަޒަން އެއްކުރުމާއި ހަމަލާ ދިނުމުގައި އެހީތެރިވުމާއި މީހުން މެރުމުގެ ދައުވާ ވެސް ހިމެނެ އެވެ.
ބޮމުގެ ހަމަލާގައި ދައުވާ ކޮށްފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތްތަކުގެ ތެރެއިން ފުރަތަމަ ތިން ޝަރީއަތުގެ އަޑުއެހުންތައް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި މަހުގެ ތެރޭގައި އިތުރު އަޑުއެހުމެއް ބާއްވަން ތާވަލު ކުރުމަށް ފަހު، އަންނަ މާޗް މަހުގެ ތެރެއަށް އަޑުއެހުންތައް ފަސްކުރީ، އެމީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ލިޔުންތައް ތަރުޖަމާކުރަން ވަގުތު ދިނުމުގެ ގޮތުންނެވެ.
ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ގިނަ މީހުންނަކީ ތަމަޅަ ދަރިކޮޅުގެ މީހުން ކަމަށްވާތީ، ޝަރީއަތުގެ އަޑުއެހުންތައް އަލުން ފަށާނީ، ދައުވާތަކާ ގުޅޭ ލިޔުންތައް ތަމަޅަ ބަހަށް ތަރުޖަމާކޮށް ނިމުމުންނެވެ. އޭގެ އިތުރުން ޝަރީއަތަށް ހުށަހަޅާފައިވާ ބައެއް މީހުންނަށް އަދިވެސް ދިފާއީ ވަކީލުން ހަމަނުޖެހޭތީ، އެކަމަށް ވަގުތު ދިނުމަކީ ވެސް ޝަރީއަތް ފަސްކުރަން ޖެހުނު ސަބަބެކެވެ.
މި ހަމަލާއާ ގުޅިގެން ދައުވާ ކޮށްފައިވާ އެކަކީ، ފުލުހުންގެ ކުރީގެ ވެރިޔާ ޕުޖިތު ޖަޔަސުންދުރަ އެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ، ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތުތައް ތަކުރާރުކޮށް ލިބެމުން ދިޔައިރު ވެސް، އެފަދަ ހަމަލާއަކުން ރައްކާތެރިވުމަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅާފައި ނުވާތީ އެވެ.
އޭނާގެ އިތުރުން ކުރީގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯގެ މައްޗަށް ވެސް މި މައްސަލައިގައި ވަނީ ދައުވާ ކޮށްފަ އެވެ. އެއީ، ހަމަލާ ދިނުމުގެ ކުރިން ވެސް، އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތުތައް ލިބިފައިވާއިރު، އެފަދަ ހަމަލާއަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާފައި ނުވާތީ، ވާޖިބަށް އިހުމާލު ވުމުގެ ދައުވާ އެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކޮށް ދައުވާކޮށްފައި ވިޔަސް، ލަންކާގެ ކްރިސްޓިއަނުން އަންނަނީ ލަންކާ ސަރުކާރު އިހުމާލުވެފައިވާ ކަމަށް ބުނެ ފާޑު ކިޔަމުންނެވެ. ކްރިސްޓިއަނުން ބުނާ ގޮތުގައި މައްސަލައިގެ ތަހުގީގު ނިންމައި ބައެއްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އެކަން ރޭވުމުގެ އަޑީގައި ތިބި ބަޔަކު ފޮރުވުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވާކަމަކައް ހެދުން.
16 January 2022
ލައްކާ އެއްކަމަކު ފުރއސރަ ކުރުމަކީ ރަގަޅު ކަމެއް ނޫން. ތިވާކަ ނުދައްކާ! އީސްޓަރ ވެއްޓަރ މަތިއަޅާފަ އޮއްބާލަ ބަލަ.