15 ޖެނުއަރީ 2022 - 06:59
އިންސްޓަގްރާމް ބޭނުންކުރާ އަންހެނުންގެ ތެރެއިން މިހާތަނަށް 300 މިލިއަން ފޮލޯވަރުން ހަމަކުރި ފުރަތަމަ މީހަކަށް އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ، ކައިލީ ޖެނާ ވެއްޖެ އެވެ.
މެޓަގެ ދަށުން ހިންގާ އިންސްޓަގްރާމަކީ މަޝްހޫރު ވަރަށް ގިނަ ސެލެބްރިޓީން އެންމެ ގިނައިން ބޭނުންކުރާ ޕްލެޓްފޯމެވެ. އޭގައި 300 ފޮލޯވަރުން ހަމަކުރި ފުރަތަމަ އަންހެނާގެ ޝަރަފު ވިޔަފާރިވެރިއެއްގެ ގޮތުގައި ވެސް ކާމިޔާބު ކައިލީ އަށް ލިބުނިއިރު މީގެ ކުރިން އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުންގެ ރިކޯޑް އޮތް އަންހެން ފަންނާނަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ/ބަތަލާ އަރިއަނާ ގްރަންޑޭ އެވެ. އޭނާގެ ފޮލޯވަރުންގެ އަދަދަކީ މިހާރު 289 މިލިއަނެވެ.
އިންސްޓަގްރާމުން އާ ރިކޯޑެއް ލިބުނުއިރު، 24 އަހަރުގެ ކައިލީ މިހާރު އިނީ ދެވަނަ ދަރިއަކަށް ބަލިވެ އެވެ. އޭނާ އަކީ މަޝްހޫރު ކަޑޭޝިއަން/ޖެނާ އާއިލާގެ އެންމެ މަޝްހޫރު އެކެކެވެ. ކައިލީ އަކީ ކުރިން ވެސް އިންސްޓަގްރާމްގައި ރިކޯޑެއް ހެދި މީހެކެވެ. އޭނާގެ ފުރަތަމަ ދަރިފުޅު ސްޓޯމީ ވެބްސްޓާ ފެބްރުއަރީ، 7، 2018 ގައި އުފަންވި ވާހަކަ ހިއްސާ ކުރި ޕޯސްޓަށް ރިކޯޑް އަދަދަކަށް ލައިކްސް ލިބުނެވެ. އެއީ 18 މިލިއަނެވެ.
އެ ރިކޯޑް "ވޯލްޑް ރިކޯޑް އެގް" ގެ ނަމުގައި އިންސްޓަގްރާމްގައި ހަދާފައިވާ އެކައުންޓަކުން ކުރި ބިހެއްގެ ފޮޓޯ މުގުރައިލީ 2019 ގަ އެވެ. އަދިވެސް އެންމެ ގިނަ ލައިކްސްގެ ރިކޯޑް އޮތް އެ ޕޯސްޓަށް 55 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ.
އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުންގެ ރިކޯޑް އޮތް މީހަކީ އެ ރިކޯޑް ދަމަހައްޓަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ޕޯޗުގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާގެ ފޮލޯވަރުންގެ އަދަދަކީ 389 މިލިއަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
16 January 2022
ތީގެންވެސް އެންގެނީ ދުނިޔޭގައި މޮޔައިން އުޅޭލެއް ގިނަކަން. މުޅި މިހާ ހުރިގޮތައް އެއި ޕްލާސްތީކުގަނޑެއް. އެކަމަކުވެސް އޭނަ ފޮލޯ ކުރޭ އެބަ.