15 ޖެނުއަރީ 2022 - 07:27
ރަންވީރު ސިންގް ފުލުހެއްގެ ރޯލު ކުޅުނު ކާމިޔާބު ފިލްމު "ސިމްބާ" ގެ ސީކްއެލްއެއް ހަދާނެކަން ކަށަވަރުކޮށްދީ، ޑައިރެކްޓަރު ރޯހިތު ޝެޓީގެ އަމާޒަކީ އެ ވެސް ޕްރެންޗައިޒަކަށް ހެދުން ކަމަށް ރަންވީރު ބުނެފި އެވެ.
ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ 2018 ގައި "ސިމްބާ" ގެނެސްދިން އިރު ވެސް ރޯހިތުގެ ވިސްނުމަކީ އަޖޭ ދޭވްގަންގެ ކޮޕް ޑްރާމާ "ސިންގަމް" ގޮތަށް "ސިމްބާ" ވެސް ފްރެންޗައިޒަކަށް ހެދުން ކަމަށެވެ. ރަންވީރުގެ ސިމްބާ ކެރެކްޓާ އާއި އަޖޭގެ ސިމްގަމް ކެރެކްޓާ އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ދެ ކެރެކްޓާ އެވެ. މީގެ ތިން ވަނަ ކެރެކްޓާ އަކީ އަކްޝޭ ކުމާރާ އެކު މިދިޔަ ނޮވެމްބަރުގައި ގެނެސްދިން "ސޫރިޔަވަންޝީ" ގެ ސޫރިއާގެ ކެރެކްޓާ އެވެ.
"ސިމްބާ" ގެ ސީކްއެލްއެއް ހަދާނެކަން ރަންވީރުކޮށް ދިން އިރު، ފުރަތަމަ ބައި ރިލީޒްކުރުމާ ދިމާކޮށް ދީފައިވާ އިންޓަވިއުއެއްގައި ރޯހިތު ވެސް ވަނީ ބެލުންތެރިންނަށް ފިލްމު ކަމުގޮސްފި ނަމަ އެ ފްރެންޗައިޒަކަށްވުމުގެ ފުރުސުތު ބޮޑު ކަމަށް ބުނެފަ އެވެ.
ކަރަން ޖޯހަރް ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި އެ ފިލްމަކީ 80 ކްރޯޑް ރުޕީސް (10.8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 400.19 ކްރޯޑް ރުޕީސް (54 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ސާރާ އަލީ ޚާން ބަތަލާގެ ރޯލު ކުޅުނު "ސިމްބާ" އަކީ އޭގައި ހިމެނުނު ލަވަ "އާނކް މާރޭ" ވެސް ވަރަށް ބޮޑަށް ހިޓުވި އެއްޗެކެވެ.
ރަންވީރު ބުނީ ސިމްބާ ކެރެކްޓާ އަލުން ކުޅެން ވަރަށް ބޭނުންވާ ކަމަށާއި އެ ކެރެކްޓާ އަކީ އެންމެ ފެވަރިޓް އެއް ކެރެކްޓާ ކަމަށެވެ. އޭނާގެ އަތުގައި މިހާރު ވެސް ރޯހިތުގެ އިތުރު ފިލްމެއް އެބައޮތެވެ. އެއީ މި އަހަރު ރިލީޒްކުރާނެ ކޮމެޑީ ފިލްމު "ސާކަސް" އެވެ. އޭގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ އެވެ.
އަޖޭއާ އެކު ރޯހިތު ގެނެސްދޭ "ސިންގަމް" ގެ ތިން ވަނަ ފިލްމަށް މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ. "ސިމްގަމް" 2011 ގައި ގެނެސްދިނުމަށް ފަހު، "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހއ
15 January 2022
ތި މީހަކީ ބޮޑު ފޫއްސެއް.