މުނިފޫހިފިލުވުން / ބޮލީވުޑް

"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން

ޝާހްރުކާއި އާނަންދު.

ޝާހްރުކް ޚާނާ އެކު ޑައިރެކްޓަރު އާނަންދު އެލް ރާއީ މިހާތަނަށް މަސައްކަތްކުރި ފުރަތަމަ ފިލްމު "ޒީރޯ" ބޮކްސް އޮފީހުގައި ބޮޑުތަނުން ސުމަކުން ދިޔަޔަސް އަދިވެސް ދެ މީހުން އެކީގައި މަސައްކަތްކުރަން ވަރަށް ބޭނުންވާ ކަމަށް އާނަންދު ބުނެފި އެވެ.

މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ކާމިޔާބު ފިލްމު "އަތުރަންގީ ރޭ" ގެ ޑައިރެކްޓަރު އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއްގައި ބުނީ 2018 ގައި ގެނެސްދިން "ޒީރޯ" އަކީ މުޅި ޓީމު ހިތާއި ރޫހުން މަސައްކަތްކުރި ފިލްމެއް ކަމަށެވެ. އެކަމަކު އެފިލްމު ބެލުންތެރިންނަށް ކަމުނުދިޔުމަކީ ދެން އަލުން މަސައްކަތް ނުކުރަން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ.

ޝާހު ޑްވާފެއްގެ ރޯލު ކުޅުނު އެ ފިލްމަކީ އޭނާ އެންމެ ފަހުން ފެނުނު ފިލްމު ވެސް މެ އެވެ. އުންމީދުކުރި ގޮތާ ހިލާފަށް ފްލޮޕް ބޯޑު ފިލްމުގައި އަޅުވަން ޖެހުމުން ލިބުނު ހިތްދަތިކަމަށް ފަހު، ޝާހު ހުރީ ތިން އަހަރެއްހާ ދުވަސްވަންދެން އެއްވެސް ފިލްމަކަށް ސޮއި ވެސް ނުކޮށް އެކްޓިންއާ ދުރުގަ އެވެ. އަދި އޭގެ ފަހުން އޭނާ ސޮއިކުރި ފުރަތަމަ ފިލްމަކީ 2020 ގެ ފަހުކޮޅު ޝޫޓިން ފެށި "ޕަތާން" އެވެ.

އަނުޝްކާ ޝަރުމާ އާއި ކެޓްރީނާ ކައިފް ބަތަލާގެ ރޯލު ކުޅުނު "ޒީރޯ" އިން ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނަސް އާނަންދު ބުނީ ޝާހުއާ އެކީ ކުރި ތަޖުރިބާ ވަރަށް ވެސް ހާއްސަ ކަމަށެވެ. އެހެންވެ އަދިވެސް އޭނާއާ އެކީ ފިލްމު ހަދަން ބޭނުންވާ ކަމަށާއި ޝާހުގެ ފަރާތުން އިޝާރާތެއް ލިބޭ އިރަށް މިހާރު ވެސް އެފަދަ ކަމަކަށް ތައްޔާރަށް ހުރި ކަމަށް ބުންޏެވެ.

"އެކަމަކު އަހަންނަށް ހީވަނީ އަހަރެމެން ދެ މީހުން އެކީގައި މަސައްކަތްކުރަން އަދި ވަގުތުތަކެއް ނަގާނެހެން. އެހެން ވިޔަސް ޝާހުއާ އެކީ ފިލްމެއް ހަދަން އަހަންނަށް ކަމުދާ ކަހަލަ ވާހަކައާ އެކު އަހަރެން މިހާރު ވެސް އޭނަ ގާތަށް ދިޔަޔަސް އެކަމަކަށް އޭނަ ހުންނާނީ ތައްޔާރަށް،" އާނަންދު ބުންޏެވެ.

އޭނާ ބުނީ ފިލްމެއް ފެއިލުވުމަކީ މާ ބޮޑަށް އެކަމާ ފިކުރުކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ޝާހަކީ އަބަދު ވެސް ކާމިޔާބީ އާއި ނާކާމިޔާބީ ވަޒަންކުރަން އެނގޭ ތަރިއެއް ކަމަށް ބުންޏެވެ.

"ޒީރޯ ޕްލޮޕްވީމަ އަހަންނަށް ވެސް އެންމެ ބޮޑު ހިތްވަރެއް ދިން މީހަކީ އޭނަ. އެހެންވީމަ ޝާހަކީ ހަމަ ޖާދޫއެއް ކަހަލަ މީހެއް،" އާނަންދު ބުންޏެވެ. "އެ ޖާދުލަކަށް ނިމުމެއް ވެސް ނާންނާނެ."

އަކްޝޭ ކުމާރާއި ސާރާ އަލީ ޚާނާއި ދަނޫޝްއާ އެކު ގެނެސްދިން "އަތުރަންގީ ރޭ" އަށް ފަހު، ރިލީޒްކުރަން އޮތް އާނަންދުގެ އާ ފިލްމަކީ އަކްޝޭ ކުޅެފައިވާ "ރަކްޝާ ބަންދަން" އެވެ. މި އަހަރު އެ ފިލްމު ރިލީޒްކުރާނެ އެވެ.

އާނަންދަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އިންޑިއާގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރެވެ. އޭނާގެ އެންމެ ކާމިޔާބު ފިލްމުތަކަކީ ކަންގަނާ ރަނާވަތު ކުޅުނު "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމާއި ސޯނަމް ކަޕޫރާއި ދަނޫޝްގެ "ރާންޖަނާ" އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454