އަންޑްރޭ ޝެވްޗެންކޯ: ކްލަބް ކޯޗެއްގެ ގޮތުގައި ތިން މަހު ވެސް ހިފަހައްޓާނުލެވުނު --- ފޮޓޯ: ރެކްސް
16 ޖެނުއަރީ 2022 - 12:03
ޖެނޯއާ، އިޓަލީ (ޖެނުއަރީ 16) - ފުރަތަމަ ފަހަރަށް ކްލަބް ކޯޗެއްގެ ގޮތުގައި، ޖެނޯއާގައި މަސައްކަތް ފެށި، އެންޑްރީ ޝެވްޗެންކޯ، އެ ކްލަބްގައި ތިން މަސް ނުވަނީސް ވަޒީފާއިން ވަކިކޮށްފި އެވެ.
ނޮވެމްބަރުގައި ޖެނޯއާގެ ކޯޗުކަމާ ހަވާލުވި، ޔޫކްރޭންގެ ގައުމީ ޓީމުގެ ކުރީގެ ކޯޗުގެ ބެލުމުގެ ދަށުން ސެރީ އާގައި ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުވެ އެެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ލީގުގައި ކުޅުނީ ނުވަ މެޗެވެ. އިޓާލިއަން ކަޕްގައި ކުޅުނު މެޗުތަކާ އެކު ޖުމުލަ 11 މެޗުގެ ތެރެއިން އޭނާ އަށް ޖެނޯއާ މޮޅުކޮށް ދެވުނީ އެންމެ މެޗަކުންނެވެ.
އިޓާލިއަން ކަޕްގައި ސެލަރިނަޓާނާ އާ ދެކޮޅަށް ކުޅުނު މެޗުން ޖެނޯއާ މޮޅުވީ 1-0 އިންނެވެ. ޝެވްޗެންކޯގެ ކޯޗުކަމުގައި އެ ޓީމަށް ޖެހުނީ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭށެވެ. އޭގެ ތެރޭގައި ޔުވެންޓަސް، އެޓަލާންޓާ އަދި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުތައް ވެސް ހިމެނެ އެވެ.
ޝެވްޗެންކޯ ހަވާލުވިއިރަށް ވުރެ، އޭނާގެ ކޯޗުކަމުގެ ދަށުން ޖެނޯއާގެ ހާލަތުވީ ގޯހެވެ. އޭނާ ހަވާލުވިއިރު އެ ޓީމު އޮތީ 17 ވަނައިގަ އެވެ. މިހާރު އޮތީ 19 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy