20 ޖެނުއަރީ 2022 - 00:08
އިނގިރޭސި ވިލާތުގައި ކޮވިޑް ވައިރަހުގެ އާ ވެރިއަންޓް އޮމިކްރޮން ފެތުރެން ފެށުމާ އެކު އިއުލާނުކުރި "ޕްލޭން ބީ" ގެ ފިޔަވަޅުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އުވާލައި އޭގެ ފަހުން މާސް އެޅުމާއި ކޮވިޑް ޕާސް ބޭނުންކުރުން ލާޒިމް ނުވާނެކަން މިއަދު އިއުލާނުކޮށްފި އެވެ.
ބޮޑުވަޒީރު ބޮރިސް ޖޯންސަން މިކަން އިއުލާނުކުރައްވަމުން ވިދާޅުވީ ގޭގައި ތިބެގެން މަސައްކަތްކުރެވޭ މީހުން އެގޮތަށް މަސައްކަތް ކުރުމަށް ދިން ލަފާ ވެސް މި ވަގުތުން ފެށިގެން ނިމުމަކަށް އައީ ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވީ "ޕްލޭން ބީ" ދޫކޮށްލައި "ޕްލޭން އޭ" އަށް ދަނީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ވެސް ޖަހަމުން ދިއުމާއި އާންމުން "ޕްލޭން ބީ" އަށް އަމަލުކޮށްފައި ވާތީ ކަމަށެވެ.
ބޮރިސް ވިދާޅުވީ ޔޫކޭގައި އޮމިކްރޮން ވެރިއަންޓް ޕީކަށް ނުވަތަ އެންމެ މައްޗަށް ދާނެ މިންވަރަށް މިހާރު ގޮސްފައިވާ ކަމަށް ސައިންސްވެރިން ގަބޫލުކުރާ ކަމަށެވެ.
ޑައުނިން ސްޓްރީޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫކޭގެ ހެލްތު ސެކްރެޓަރީ ސާޖިދް ޖާވިދް ވިދާޅުވީ "މިއީ އެންމެންނަށް ފަހުރުވެރި ވެވޭނެ ވަގުތެއް" ކަމަށެވެ.
"މިއީ އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ މި ގައުމަށް ހޯދިދާނެ ކާމިޔާބީ އަންގައިދިން ކަމެއް."
އެކަމަކު އޭނާ ވިދާޅުވީ މިއީ ބަލިމަޑުކަމުގެ ނިމުން ކަމުގައި ދެކެގެން ނުވާނެ ކަމަށާއި ވައިރަސްގެ ވެރިއަންޓްތައް އަލަށް އުފެދުން ނުހުއްޓުވޭނެ ކަމަށެވެ. އަހަރެމެންނަށް ދެން އޮތީ ފްލޫ ފަދަ ރޯގާތަކާ އެކު އުޅޭ ގޮތަށް ކޮވިޑާ އެކު ވެސް އުޅެން ދަސްކުރުން ކަމަށް ހެލްތު ސެކްރެޓަރީ ވިދާޅުވި އެވެ.
މިއާ އެކު އޭނާ ވަނީ ކޮވިޑްގެ ވައިރަހުން ސަލާމަތްވެ ތިބެން އަތްދޮވުމާއި ބަންދު ތަންތަނުގައި ނޫޅުމާއި ބައްޔަށް ޕޮޒިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހުން ފަދަ ކަންކަމަށް ބާރުއަޅުއްވައިފަ އެވެ.
• ކްލަބްތަކާއި ބޮޑެތި އިވެންޓްތަކަށް ވަނުމަށް ކޯވިޑް ޕާސްޕޯޓް އޮތުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނާނެ. އެކަމަކު އިވެންޓްތައް އިންތިޒާމްކުރާ ފަރާތްތަކުން ބޭނުން ނަމަ އެން.އެޗް.އެސް.ގެ ކޮވިޑު ފާސް ބޭނުންކުރަން އެންގިދާނެ.
• ގޭގައި ތިބެން މަސައްކަތްކުރުމަށް އެންގި އެންގުން އުވާލައި އޮފީހަށް ގޮސްގެން މަސައްކަތް ފެށުން.
• ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރެއް ނުވާނެ. އެކަމަކު ބަންދު ތަންތަނަށް ވަންނައިރު އާއި މީހުން ގިނަ ތަންތަނުގައި އުޅޭއިރު އަދި ނުދަންނަ މީހުންނާ ދިމާވާއިރު މާސްކް އެޅުމަށް ލަފާ ދީފައިވޭ.
• ދަރިވަރުން ސްކޫލަށް ދާއިރު މާސްކް އަޅައިގެން ތިބުން ލާޒިމުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ.
މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެކަހެރިވުން ގާނޫނުން ލާޒިމްވާ ގޮތަށް މިހާރު އޮންނަ އޮތުން އުވާލައި އެއީ ދޭ ލަފައެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެކަހެރިވާން ޔޫކޭގައި އަންގާފައިވާ އެންގުން މާޗް 24 އަށް ހަމަވާނެ އެވެ. މި މުައްދަތު ހަމަވުމުން އެކަން އާ ނުކުރާނެ ކަމަށާއި އެކަމަކު މި ތާރީހަށް ވުރެ ކުރިން ވެސް އެކަން އުވާލަފާނެ ކަމަށް ބޮޑުވަޒީރު އިޝާރާތްކުރެއްވި އެވެ. -- ބީބީސީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމާސަރާ
23 January 2022
ދިވެހިރާއްޖޭގައިވެސް މިހާރު މިގޮތަށް އަމަލު ކުރަން ފަށަންވެއްޖެ ކަމަށް ފެނޭ. ދުނިޔެ އުމުރަށް ކޮވިޑަށް ތަބާވެގެން ނޫޅެވޭނެކަން ގަބޫލު ކުރަން ވެއްޖެނޫންތަ
ޓޭގްސް
20 January 2022
މިރާއްޖޭގައި އެބުނާ ޓީމްގެ ހުރިހާ މެމްބަރުންނަން ހިންހަމަޖެހޭވަރަށް ފައިދާވީމާ ލުޔެއްލިބޭނީ އެމީހުންނަށް ލިބޭ ލާރިކޮޅުމަދުވާނެ ޕީސީއާރު ޓެސްހަދަން ނުޖެހޭގޮތައްް ހެދީމާ. ބަލިމަޑުކަމެއްގެ ނާޖާއިޒް ފައިދާ މިރާއްޖޭ ނުފޫޒުގަދަ ބަޔަަކުނަގައިގެން ރައްޔިތުން ފެލަނީ.
ރަދީފްއޮފިޝިއަލް
20 January 2022
ރާއްޖޭގަ ވެސް ވެއްޖެއެއްނު މާސްކްދޫކޮށްލަން.މީހުންގެ ހިނތުންވުން ވެސް ނުފެނި މިދަނީ 3 އަހަރު.
ޝިމްހާދު
20 January 2022
މިއީ އެއްމެ ފުރަތަމަވެސް ރައީސް ނަޝީދު ބުނިގޮތް . އެމަނިކްފާނު ނޫނީ ގައުމުގެ ރައްޔަތުންނަށް ހެޔޮ އެދޭ ވެރިއެއް ނެތް.
ދެފ5ތ
20 January 2022
ކަމުދާ މީހެއް ނޫނެއްނު.
ފޮނިޓައްޕު ހަސަނު
20 January 2022
ބޮރިސްއެއް ކަމަކު ތި ކުރީ ވަރަށް މޮޅުކަމެއް. މަ ތިކަމަށް %100 ތާއީދު ކުރަން.
މުނާޒުބ
20 January 2022
ޔުކޭ އަށްވުރެ މާކުރިން ތިޔަ ފިޔަވަޅުތައް އުވާލި ގައުމަކީ ރާއްޖެ. އއ ގައި މިހާރު މާސްކެއްވެސް ނާޅާނެ. ? ކޮވިޑުފުރީ. ކރަންޓިނެއް ނުކުރާނެ. ޓެސްޓެއް ނުކުރާނެ