ސިމެންތި ބަސްތާތަކެއް ކޮންސްޓްރަކްޝަން ސައިޓެއްގައި ހުއްޓާ. ސިމެންތި ލިބުމުގައި އުނދަގޫވެ، ލިމިޓްކޮށްގެން ވިއްކަން ވެސް ޖެހުނު--ފޮޓޯ:މިހާރު
20 ޖެނުއަރީ 2022 - 11:56
ރާއްޖެއިން ސިމެންތި ލިބުން ދަތިވެ، ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިވެފައިވާ ކަމަށް ގިނަ ކުންފުނިތަކަކުން ބުނެފި އެވެ.
އެސްޓީއޯއިން ވެސް މި ވަގުތު ސިމެންތި ވިއްކަނީ ލިމިޓްކޮށްގެންނެވެ. އެސްޓީއޯއިން ބުނީ ސިމެންތި ލިމިޓްކޮށް ވިއްކަން ޖެހުނީ ސިމެންތި ގެނައުމުގައި ބައެއް އަމިއްލަ ކުންފުނިތަކަށް ޑިލޭ އައިސް، ޕްރޮޖެކްޓަށް ހިންގާ ކޮންޓްރެކްޓަރުންނަށް ސިމެންތި ނުލިބި އާދަޔާ ހިލާފަށް ޑިމާންޑް އިތުރުވެފައިވާތީ ކަމަށެވެ. އެސްޓީއޯއިން ބުނީ، އެ ކުންފުނި މެދުވެރިކޮށް އާންމުކޮށް ސިމެންތި ގަންނަ ފަރާތްތަކަށް އެއްވެސް އުނދަގުލެއް ނެތި ސިމެންތި ލިބޭނެ ކަމަށެވެ. ހަމައެކަނި ލިމިޓް ކުރަން ޖެހުނީ އާންމުކޮށް ސިމެންތި ނުގަންނަ ކޮންޓްރެކްޓަރުންނަށް އެކަނި ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސިމެންތި ވިއްކާ ނަލަހިޔާ ކުންފުނިން ބުނީ މިހާ ބޮޑަށް ތާށިވީ، ޝިޕިންގައި ޑިލޭތަކެއް އުޅޭތީ ކަމަށެވެ. މި ދުވަސްވަރު ތަކެތި ގެނައުމުގައި ލަސްވަމުން ދާ ކަމަށާއި އެހެންވެ ސިމެންތި ވިއްކަނީ ވަރަށް ބޮޑަށް ލިމިޓް ކޮށްގެން ކަމަށް އެތަނުން ބުންޏެވެ.
"ވަރަށް ބޮޑު ޝޯޓޭޖެއް އެބައުޅޭ. މިހާ ބޮޑަށް އުނދަގޫވެގެން އުޅެނީ ޔޫރަޕް ސަރަހައްދުން ބޯޓުފަހަރުން ޖާގަ ހޯދުމުގައި،" ނަލަހިޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމަކު ރާއްޖެ އަށް ސިމެންތި ގެންނަ ވިލާ ހަކަތައިގެ ސޭލްސް މެނޭޖަރު ބާސިލް ނަފީސް ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހު ސިމެންތި ގެނައުމުގައި ޑިލޭތަކެއް އުޅުނު ނަމަވެސް މިހާރު އެކަން ހައްލުވެފައިވާ ކަމަށެވެ. މި މަހުގެ ދެ ވަނަ ދުވަހު ބޮޑު ސިމެންތީގެ ބޮޑު ޝިޕްމެންޓެއް ގެނައި އިރު މިއަދު ވެސް އާ ޝިޕްމެންޓެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސްޓޯރޭޖްތައް މި ވަގުތު ވެސް ހުރީ ފުރިފައި. އެއްވެސް ޝޯޓޭޖެއް ނޫޅޭނެ. ކަސްޓަމަރުންނަށް ބޭނުންވާ ވަރަށް އެބަ ފޯރުކޮށްދެން،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ކޮންސްޓްރަކްޝަން ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ އާރްސީސީގެ ޑިރެކްޓަރަކު ވިދާޅުވީ ސިމެންތި ލިބުމުގައި ބޮޑެތި ދަތިތައް ދިމާވެ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ވެސް ބޮޑެތި ދަތިތައް ކުރިމަތިވި ކަމަށެވެ.
"މިހާރު އަނެއްކާ ވެސް ސިމެންތި އެބަ ލިބޭ. އެކަމަކު ލިބެނީ ވަރަށް ލިމިޓްކޮށްގެން. ބޭނުންވާ ވަރަށް ސިމެންތި ހޯދަން އުނދަގޫ،" އޭނާ ވިދާޅުވި އެވެ.
ސިމެންތި ގެނައުމުގައި އުނދަގޫތައް ކުރިމަތިވި އިރު ދާދި ފަހުން ތެޔޮ ގެނައުމުގައި ވެސް އަމިއްލަ ކުންފުނިތަކަށް ދަތިވެ، ތެޔޮ ލިމިޓްކޮށްގެން ވިއްކަން ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލިބޯ
20 January 2022
ދެން މިކަމަށްވެސް މި އުޅޭ ކޮންމެސް ސައިކަލު ވިއްކާ ކުންފުންޏަކުން ހަދާފާނެ ޕްރޮމޯޝަނެއް "މި އަހަރުން ފެށިގެން އިވުނު ވާހަކައަކީ ސިމެންތި ލިބުން ދަތި ވާހަކަޔާ އަގުބޮޑު ވާހަކައޭ" ކިޔާފަ. ކޮބާހޭ ސައިކަލު ރަޖިސްޓަރީ..؟؟
ދޮން
20 January 2022
ކުރިން 115 އަށް ލިބޭ ސިމެންތި ބަސްތާ 150 ނޫނީ 200އަށް އެރީމަ ޕްރޮޖެކްޓް މެނޭޖް ނުކުރެވޭނެ.. އެސްޓީއޯގެ ހާލަތު އެގޭނެ އެތަނުގެ ފިހާރަތަކަށްވަނީމަ..