22 ޖެނުއަރީ 2022 - 07:38
އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ގެހެރިޔާ" އަކީ އިންޑިއާ އިން ގެނެސްދޭ މުޅިން އާ ވައްތަރެއްގެ ފިލްމެއް ކަމަށާއި އޭގައި ކުޅެފައިވާ ކަހަލަ ރޯލެއް މީގެ ކުރިން އިންޑިއާގެ އެއްވެސް ބަތަލާ އަކު ވެސް މިހާތަނަނަށް ކުޅެފައި ނުވާނެ ކަމަށް ދީޕިކާ ޕަދުކޯން ބުނެފި އެވެ.
ޝަކުން ބަޓްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޑާކް ރިލޭޝަންޝިޕް ޑްރާމާއެކެވެ. "ގެހެރިޔާ" އިން ފެނިގެންދާނީ ކައިވެނީގެ ބޭރުން އަންހެނަކު އޭނާގެ ކަޒިންއެއްގެ ލޯބިވެރިއާ އެކު ބާއްވާ ސިއްރު ގުޅުންތަކެއްގެ ސަބަބުން ދިމާވާ މައްސަލަގަނޑެކެވެ. މީގައި ދީޕިކާ އާއި ސިދާންތު ޗަތުރަވެދީގެ ނިވާކަންކުޑަ ގައިގޯޅި ގިނަ މަންޒަރުތަކެއް ވެސް ހިމެނެ އެވެ. މިކަމާ ގުޅިގެން އޮތް ފާޑުކިޔުންތައް ވެސް ބޮޑެވެ.
ފިލްމުގެ ޓްރެއިލާ ލޯންޗްކުރަން ބުރާސްފަތި ދުވަހު ވާޗުއަލްކޮށް ބޭއްވި އިވެންޓްގައި ދީޕިކާ ބުނީ "ގެހެރިޔާ" ހުރިހާ ގޮތަކުން ވެސް އިންޑިއާގެ އާ ކަންތައްތަކެއް ގެނެސްދޭނެ، ދެކޭ ގޮތް ވެސް ބަދަލުކޮށްލާނެ ފިލްމެއް ކަމަށެވެ.
"އެއް ކަމަކީ މި ފިލްމަކީ މި ޒާތުގެ ފިލްމެއް ކެރެކްޓާއެއް އަހަރެން ކުޅުނު ފުރަތަމަ ފަހަރަށް ވުން. އަނެއް ކަމަކީ މި ޒާތުގެ ރޯލެއް މިހާތަނަށް އެއްވެސް ބަތަލާ އަކު މިހާތަނަށް ކުޅެފައި ނެތުން. އަނެއް ކަމަކީ މި ޒާތުގެ ފިލްމެއް އިންޑިއާ އިން ހަދާފައި ވެސް ނެތް ކަމަށް އަހަންނަށް ވަރަށް ޔަގީންކަމާ އެކު ބުނަން ވެސް ކެރޭނެތީ،" ދީޕިކާ ބުންޏެވެ.
"އެހެންވީމަ މިއީ އޯޑިއަންސަށް މުޅިން އާ ރަހައެއްގެ ފިލްމަކަށް ވާނެ."
ދީޕިކާ ބުނި ގޮތުގައި "ގެހެރިޔާ" ގައި އޭނާ ކުޅުނު ކެރެކްޓާ "ބޯލްޑް" ނަމަވެސް އެގޮތަށް ސިފަކުރާކަށް ބޭނުމެއް ނޫނެވެ.
"އެއަށް ވުރެ ބޮޑަށް މީތި އަހަރެން ސިފަކުރާނީ ރިއަލިސްޓިކްގެ އެއްޗެއްގެ ގޮތުގައި. އެންމެ ހިތްހަމެޖެހޭ ކަމަކީ ގުޅުންތަކާ ބެހޭ ފިލްމުތައް ހަދަން ޝަކުން ވަރަށް ކުޅަދާނަކަން. މި ފިލްމަކީ ހަމަ ޔަގީނުން ވެސް އޭނާގެ މޮޅުކަން ވަރަށް ބޮޑަށް ފާހަގަކުރެވޭނެ ފިލްމެއް،" ކަޕޫރް އެންޑް ސަންސް ވެސް ގެނެސްދިން ޑައިރެކްޓަރާ ބެހޭ ގޮތުން ދީޕިކާ ބުންޏެވެ. "މި ފިލްމުގެ ކޮންމެ ކެރެކްޓާއެއްގެ ޑައިނަމިކްސް ވަރަށް ތަފާތު ވާނެ. ކުރިން ވެސް އަހަރެން ބުނަމުން އައި ގޮތަށް ގެހެރިޔާ އަކީ ބެލުންތެރިން ވަރަށް އުންމީދުނުކުރާ ޒާތުގެ ފިލްމެއް."
އޭނާ ބުނީ ފިލްމަށް އެއްބަސްވެވުނީތީ އުފާ ވެސް ކުރާ ކަމަށާއި ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމަށް ގަބޫލު ވެސް ކުރާ ކަމަށެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާފައިވާ "ގެހެރިޔާ" އަންނަ މަހުގެ 11 ގައި ގެނެސްދޭނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. މީގެ ކާސްޓްގައި އަނަންޔާ ޕާންޑޭ އާއި ދައިރިއާ ކަރްވާ އާއި ނަސީރުއްދީން ޝާހާއި ރަޖަތު ކަޕޫރު ވެސް ހިމެނެ އެވެ. ފިލްމު ސިނަމާތަކަށް ނުގެނެސް ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމީ ވެސް ވާހަކަ "ބޯލްޑްކަމުންނެވެ."
"ގެހެރިޔާ" އަކީ ދަރުމާ އިން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަޒް
25 January 2022
ޜަަންވީރު ސިންގް ވަރަށް ދެރަަވާނެ މިި ފިލްމު ބަލާފަ.
ޟާނު
25 January 2022
ތީއިންޑިއާ ޑްރާމާތަކުން ފެންނައާންމު ކަމެއް ކޮންތަފާތެއްވާނީ