މީހަކު، ކޮވިޑު ވެކްސިން ޖެހުމަށް ސެންޓަރެއްގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ޖެނުއަރީ 2022 - 10:29
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ބޫސްޓަ ޑޯޒް ނުޖަހާ ނަމަ 14 ދުވަހަށް ކަރަންޓީން ވާން ޖެހޭ ގޮތަށް އުސޫލެއް ހަދަން ސަރުކާރުން މިއަދު މަޝްވަރާ ކުރަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސަރުކާރުން މި ގޮތަށް އުސޫލެއް ހަދަން މަޝްވަރާ ކުރަން ފެށީ މި ދުވަސްވަރު ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވުމާއި ބޫސްޓަ ޑޯޒް ޖަހަން ދާ މީހުންގެ އަދަދު ވެސް މަދުވުމުންނެވެ.
ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަ ޑޯޒް ޖަހަނީ ދެވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ވެފައިވާ ނަމަ އެވެ. ސަރުކާރުން ކަރަންޓީނުގައި ބައިތިއްބަން ބޭނުންވަނީ އެ މުއްދަތު ހަމަވުމުން ވެސް ބޫސްޓަ ޑޯޒް ނުޖަހާ ނުވާ މީހުންނެވެ.
އާންމު އުސޫލުގެ ދަށުން މިހާރު ކަރަންޓީންގައި މީހުން ބައިތިއްބަނީ ހަތް ދުވަހަށް ކަމަށް ވިޔަސް ބޫސްޓަ ޑޯޒް ޖަހަން ޖެހޭ މުއްދަތު ހަމަވެ ނުޖަހާ ނަމަ، ރަށްރަށަށް ދަތުރުކުރާއިރު 14 ދުވަހަށް ކަރަންޓީން ވާން ޖެހޭ ގޮތް ހަދަން ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ނަަމަވެސް، މި އުސޫލަށް އަމަލުކުރަން ފަށާނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.
ކުރިން ވެސް ސަރުކާރުން ވަނީ ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ދަތުރުކުރުމުގައި ލުއި ނުލިބޭ ގޮތަށް ފިޔަވަޅުތައް އަޅައިފަ އެވެ.
ރާއްޖޭގައި އުމުރުން 18 އަހަރު މަތީގެ އެންމެންނަށް ބޫސްޓަ ޑޯޒް ޖަހަން ފެށީ މި މަހު އެވެ. މިހާތަނަށް 50،000 އާ ގާތްކުރާ އަދަދަކަށް ވަނީ ބޫސްޓަ ޑޯޒް ޖަހައިފަ އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު އުޅެނީ 369،000 އިން މަތީގަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯ..ވޭ
25 January 2022
ކޮވިޑާއެކީ އުޅެން ދަސްކުރާއިރު ބޫސްޓަރު ޖަހާކަށް ނުޖެހޭނެ. ބޫސްޓަރު ޖެހުމަކީ ކޮވިޑާއެކު ނޫޅޭންވެގެން އެއާ ހަނގުރާމަކުރަން ކުރާ ކަމެއް. ބޫސްޓަރު ޖެހިއަސް ކޮވިޑްޖެހޭ. ބޫސްޓަރ ޖަހާފަ ހުރި މީހެކޭ ނުޖަހާ ހުރި މީހެކޭ މިހާރު ކޮވިޑް ޖެހުނީމަ ވަކި ތަފާތެއް ވާ ކަމަކަށް ނުދައްކާ.
އަލޭ
25 January 2022
ކުރިންވެސް ތިޔަ ކަހަލަ އެކި ބިރުތައް ދައްކައިގެން 2 ޑޯޒުޖެހީ. ދެން އެކަމު ބޫސްޓަރެއް ނުޖަހާނަން. ހެޔޮ އެއްތާކަށް ދަތުރުނުކުރެވުނަސް. ރޯގާޖެހި މިހާރު އޮމިކްރޯން ޖެހިއްޖެ ކަމަށް ބެލެވެނީ. އެހެންވީމަ ތިޔަ ބޫސްޓަރުގެ ބޭނުންޖެހޭނީ އެހެން ވޭރިއަންޓެއް ނިކުތީމަ.
???
25 January 2022
ރައްޔިތުންނަށް މަޖުބޫރު ކުރުވައިގެން ތި އެއްޗެއް ވެސް ޖަހުވާތި. ބާރު އޮތް ދުވަހު ބާރުގެ ބޭނުންކުރެވޭނީ.
ހަސަން23433
25 January 2022
ބޫސްޓަރ ޑޯޒް ޖެހުމުގެ މުހިންމު ކަން ކިހާ ވަރަކައް ހޭލުންތެރި ކުރުވާފަތޯ މީހުންނައް ފިޔަވަޅު އަޅަން ތި ނިންމަން އުޅެނީ .. ވަގުތު ނޫހުގަ ކުރިންދުވަހުވެސް އޮތީ ބޫސްޓަރ ޖަހައިގެން 3 ގަޑިއިރު ފަހުން މަރުވި ވާހަކަ .. ނޫސްތަކާމެދު ފުރަތަމަ ފިޔަވަޅު އަޅާ ބަލަ ސައްހަ ކަށަވަރު ނުވާ މައުލޫމާތު ދޭތީ ..
އިނާސް
25 January 2022
އިރާދަކުރެއްވިއްޔާ 3 ވަނަ ޑޯޒް ޖަހަން ޖެހޭނީ ޝަރީއަތުންް...
ށްކީ
25 January 2022
ޢެޗްޕީއޭ ގެ ސްކޭމް ގައި ދެން ނުޖެހޭނަން. ޢެޗްޕީއޭގެ ސިޔާސަތުތަކަކީ ސިޔާސީ މީހުން ބޭނުންވީމަ ބޭނުންގޮތްކަށް ނެރޭ ސިޔާސަތުތަކެއް. ށ.ފުނަދޫ އިހައްދުވަހު މޮނިޓަރިންގ އަށް ލީ އިދިކޮޅު މުޒާހަރާއެއް ބާއްވާން އުޅުނީމަ ހަމަ އެދުވަހަށް ދިމާކޮށްް ރަށް މޮނިޓަރިންގ އަށް. ޢިދިކޮޅުން މާލޭގަ މުޒާހަރާ ކުރާތީ އެކަން ހުއްޓުވަން ސަރުކާރުން އެެޗްޕީއޭ ބޭނުންކޮރަނީ. ތި ޕޮސިޓިވް ވާ އަދަދުވެސް އަހަރުމެން ގަބޫލެއް ނުކުރަން. ޢަދަދުތައް މަތިކުރީމާ ސަރުކާރަށް އަދި ޓެގްފައިދާ
އިސްލާހު
25 January 2022
އެހެންވީމާ ތިތައީ ސަރުކާރަށް ފެންނަ މުއްދަތަކަށް ޖަލަށް ލުން ކަހަލަ ކަމެކެވެ. ވަރަށް ދެކޮޅު ނުޖެހޭ ، ވަކި ކަމެއް ކުރުމަށް މަޖުބޫރު ކުރުމުގެ ގޮތުން ކުރާ ބައްޔަކާ ގުޅުމެއްވެސް ނެތް ކަމެކެވެ.
ކޮވިދު
24 January 2022
ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ތިއުޅެނީ. ރައްޔެތުން ހޭ އަރައިފި. މި ވާނުވާ އެނގިއްޖެ. މީކީ އުޅޭވެސް ބައްޔެއް ނޫން. މީ ހަމަ ވިޔަފާރި. ޕިޔޮލީ ބިސްނަސް. މެޑިކަލް މާފިޔާ އިން މުޅިދުނިޔެ މީޑިޔާ މެދުވެރިކޮށް ކުރާ ބޮޑު ވިޔަފާރިއެއް. ވެކްސިނާ ޕީސީއާރު ޓެސްޓު މަޖުބޫރުކޮށް ރައްޔެތުން ފެލަނީ. މީ ގުލޯބަލް ބޮޑު ވައްކަމެއް. ޖެހޭ މީހާ އަށް ޖެހުނުކަން ނޭނގޭ ބައްޔަކާ ހުރެ މިވަރު ވާކައް ނުޖެހޭ. މިޔައްވުރެ މާ ނުރައްކާ ބަލިތައް ވެސް ދުނިޔެ ދެކެފި. މި ގޮތަކައް އިންސާނުން ނޫޅެ. ޓެސްޓު ކުރުން ހުއްޓާލާ ބަލި ވެސް ނިމުނީ މިކަން ނިމުނީ. މި ވާހަކަ އަންނަން އޮތް ޖީލުތަކުން ދައްކާނީ ރަންނަމާރި ވާހަކަ ކަހަލަ ބޮޑު ޖޯކެއްގެ ގޮތުގަ ކަން ޔަގީން. އިންސާނުން މިދަރަޖަ އަށް ގަމާރު ވުމަކީ ވަރަށް ހިތާމަ ހުރިކަމެއް. އާދައިގެ އަރިދަފުސް ރޯގާ އަށްވުރެވެސް ބަލި ވައިރަސް އެއްދެކެ ބިރުން މުޅި ދުނިޔެ ބަންދުކޮއްގެން ދެ އަހަރުވަންދެން އުޅުނު ވާހަކަ ފަހުގެ ޖީލުތަކުން ދެކޭނީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި. ވަރައް ސަލާން އެދުވަަހަކުން ވެސް ބުނާނެ މިސޮރު ތިހިެން ކިޔޭ އޭރުވެސް.
ލަސްބެ
24 January 2022
ތިޔަކަން މާބޮޑަށް ލަސްވެސްވެއްޖެ. އުފެއްދިއެތިކޮޅު ހުސްނުވާނަމަ އުފައްދާމީހުނަށް ކިހާގެއްލުންވާނެ!
ސިކުނޑި
24 January 2022
މިހާރު ވަރަށް ރަނގަޅަށް ސާފުވެއްޖެ ބޫސްޓަރ ޑޯޒް ޖަހަނީ ބަލިން ދިފާޢު ވުމަށް ކޮންމެހެން ޖަހަން ޖެހިގެން ނޫންކަން! އެހެން ނޫންނަމަ 2 ޑޯޒް ފުރިހަމަ ކުރީމާ 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކޮށްފަ ބޫސްޓަރ ނުޖެހީމާ 14 ދުވަސް ކަރަންޓީނަށް ލާކަށް ނުޖެހޭނެ! މިކަހަލަ ދެ އުޅި އެއްނުވާ ސިޔާސަތުތައް ކަނޑައަޅާތީ ޝައްކުގެ ނަޒަރަކުން ބަލަން މަޖުބޫރުވަނީ!