ރިޕޯޓް

ޝިމްހާގެ ފެންކުލައިން "މާލޭގެ ކިއްލާ"

"މީޓްކުރަން ދިޔަތަނުން އެނގުނީ މިއީ ރައީސް ނަޝީދުގެ ފޮތަކަށް ކުރަހާ އެއްޗެހިތަކެއް ކަން. ފުރަތަމަ ކުޑަކޮށް ހާސް ވެސް ވި، ރައީސްގެ ޕްރޮޖެކްޓެއް ވީމަ."

މީގެ ގަރުނުތަކެއް ކުރިން މާލެ އޮތް ގޮތް އަހަރެމެންގެ ސިކުނޑިތަކަށް ސިފަ ވެސް ނުކުރެވެ އެވެ. އޭރުގެ ފޮޓޯގަނޑެއްހާ ހިސާބު ވެސް މާ ފަސޭހައިން ފެންނާކަށް ނެތެވެ. އޮތީ ވެސް ވަރަށް މަދު، ހައެއްކަ ފޮޓޯ އެވެ. -- ފެންކުލައިގެ ކުރެހުންތަކަށް ރާއްޖޭގައި އެންމެ މަޝްހޫރު އަދި ކުޅަދާނަ އާޓިސްޓް އައިމިނަތު ޝިމްހާ ޝަކީބަށް ވެސް އެންމެ ޗެލެންޖިން ކަމަކަށް ވީ ފެންނަ ނެތް އެ މަންޒަރުތައް ހިތުގައި ސިފަކޮށް، ކުރަހާށެވެ.

ނަމަވެސް، ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ޝިމްހާ މިހާރު އެ މަންޒަރުތައް ވަރަށް ފުރިހަމަ އަށް، އޭނާގެ ފެންކުލައިގެ މޮޅު އުކުޅުތައް ބޭނުންކޮށްގެން ކުރަހައިފި އެވެ. އަދި އިހުޒަމާނުގައި "މާލޭގެ ކިއްލާ" އޮތް ގޮތް މުޅި ދުނިޔެ އަށް ވެސް ދައްކާލައިފި އެވެ.

ރާއްޖޭގެ ސަގާފަތާއި ތަރިކަ ފެންނަ ކުރެހުންތައް، ދުބާއީ އެކްސްޕޯ2020 ގައި ދައްކާލަން ބޭނުންވާ ދިވެހި އާޓިސްޓުންނަށް، އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ބައިވެރިވެ، "މާލޭގެ ކިއްލާ" ހިފައިގެން އޭނާ މިހާރު އެހުރީ އެ ގައުމަށް ގޮހެވެ. މީގެ ދެ ގަރުނު ކުރިން މާލެ އޮތް ގޮތް ދައްކައިދޭ 25 ކުރެހުން ޝިމްހާ ވަނީ އެ އެކްސްޕޯގައި އެގްޒިބިޓް ކޮށްފަ އެވެ.

އާޓްގެ ދާއިރާގައި އުޅޭތާ ގިނަ ދުވަސްތަކެއް ވިޔަސް، މިއީ އޭނާގެ އާޓްވޯކްތަކެއް އެގްޒިބިޓް ކުރި ފުރަތަމަ ފަހަރެވެ.

ދުބާއީ އެކްސްޕޯ 2020 ގައި ބޭއްވި އައިމިނަތު ޝިމްހާ ޝަކީބްގެ "މާލޭގެ ކިއްލާ" އާޓް އެގްޒިބިޝަނަށް ދިޔަ މީހަކު އާޓްވޯކްތައް ބަލައިލަނީ.-- ފޮޓޯ: ޝިމްހާ

މި ދައްކައިދެނީ ކޮން ތަންތަނެއް؟

މި ކަލެކްޝަންގައި ހިމެނޭ 25 ކުރެހުމުން ދައްކައިދެނީ 1800ގެ އަހަރުތަކުގައި މާލެ އޮތް ގޮތެވެ. އޭރުގެ މަޝްހޫރު ތަންތަނެވެ. އަދި އޭރުގެ މީހުންގެ ދިރިއުޅުމެވެ. މިއީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވަމުން އަންނަ ފޮތަކަށް ޝިމްހާ ކުރެހި ކުރެހުންތަކެކެވެ. އެ ފޮތާ ގުޅޭ މާ ބޮޑު ތަފުސީލެއް އަދި ނޭނގުނަސް، ވަރަށް އަވަހަށް އެ ފޮތް ނެރުމުގެ މަސައްކަތް އެބަ ކުރެ އެވެ.

"ގަބޫލުކުރެވޭތަ 1800 ގައި މާލޭގެ މަލަމަތި ވަށާ އެއްކޮށް ބޮޑު ފާރެއް ހުރިކަން؟ ކުޑަ މާލެއެއް އޮތް ކަން؟ ރާއްޖޭގެ އެންމެ ބޮޑު ފެންވަރާ ވެޔޮ ވެސް ހުރީ މާލޭގައި ކަން؟ މިހާރު މާލެ މި އޮތް ގޮތް ބަލާފައި އެ މަންޒަރު ހިތަށް ސިފަކުރެވޭތަ؟"

"ގަބޫލުކުރެވޭތަ 1800 ގައި މާލޭގެ މަލަމަތި ވަށާ އެއްކޮށް ބޮޑު ފާރެއް ހުރިކަން؟ ކުޑަ މާލެއެއް އޮތް ކަން؟ ރާއްޖޭގެ އެންމެ ބޮޑު ފެންވަރާ ވެޔޮ ވެސް ހުރީ މާލޭގައި ކަން؟ މިހާރު މާލެ މި އޮތް ގޮތް ބަލާފައި އެ މަންޒަރު ހިތަށް ސިފަކުރެވޭތަ؟" މި އިންޓަވިއު ފަށަމުން ޝިމްހާ ސުވާލުކުރި އެވެ.

މުޅިން ވެސް އެއީ މާލޭގައި ހުރި ތަންތަނެވެ. މިހާރު ފެންނަން ނެތީ އެވެ.

މި ކުރެހުންތަކުގެ މަސައްކަތް އޭނާ ކުރަމުން އަންނަތާ މިހާރު ދެ އަހަރު ވެއްޖެ އެވެ.

ޝިމްހާ އަށް މި ފުރުސަތު ލިބުނީ، އާޓްގެ ދާއިރާގައި އުޅޭ ރައްޓެއްސެއްގެ ފަރާތުންނެވެ. އެކަމަކު އޭރު މިއީ ނަޝީދުގެ ފޮތަކަށް ކުރަހާ ތަސްވީރުތަކެއް ކަމެއް އޭނާ އަށް ނޭނގެ އެވެ. އެކަން އެނގުނީ ވެސް، ނަޝީދުއާ ބައްދަލުވި ފަހުންނެވެ.

"މީޓްކުރަން ދިޔަތަނުން އެނގުނީ މިއީ ރައީސް ނަޝީދުގެ ފޮތަކަށް ކުރަހާ އެއްޗެހިތަކެއް ކަން. ފުރަތަމަ ކުޑަކޮށް ހާސް ވެސް ވި، ރައީސްގެ ޕްރޮޖެކްޓެއް ވީމަ. އެކަމަކު އެ ދުވަހު ރައީސް ނަޝީދާ ވާހަކަދެކެވުމުން ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ވެސް ދިޔައީ،" ޝިމްހާ ބުންޏެވެ.

ޝިމްހާ އެންމެ ފުރަތަމަ ހީކުރީ އޭނާ އަށް ޖެހޭނީ ފޮޓޯތަކެއް ބަލައިގެން، އެ މަންޒުތައް ކުރަހަން ކަމަށެވެ. އެކަމަކު، ފަހުން އެނގުނީ މީގެ ތެރެއިން ގިނަ ތަންތަނަކީ ފޮޓޯގަނޑެއް ވެސް ނެތް ތަންތަނަށް ވުމުން، އޭނާ އަށް ޖެހޭނީ "ސިކުނޑި ތެރޭގައި ތަސްވީރު ކުރަހާލައިގެން"، ގަނޑެއްގައި އެ މަންޒަރު އަސްލެއްގެ ގޮތުގައި ދައްކައިދޭން ކަމެވެ.

ޝިމްހާ މި ޕްރޮޖެކްޓާ ހަވާލުވި އިރު، ނަޝީދާއި އޭނާގެ ޓީމުން ވަނީ ދިރާސާތައް ކޮށް، އެ ޒަމާނުގައި މާލޭގެ ބައެއް ތަންތަން ހުރި ގޮތް ބަލައިފަ އެވެ. ފޮޓޯތަކުން އެ ތަންތަން ފެންނަން ނެތް ނަމަވެސް، އިހު ޒަމާނުގައި ފޮނުވާ އުޅުނު ފަތްކޮޅުތަކުގައި މާލެ އޮންނަ ގޮތް ވަރަށް ރީއްޗަށް ސިފަކޮށްދީފައިވެ އެވެ. އޭގެންނާއި އަދި ބައެއް ތާރީހީ ފޮތްތަކުން ވެސް އެ މައުލޫމާތު އެ މީހުން އެއްކުރި އެވެ.

ދުބާއީ އެކްސްޕޯ 2020 ގައި ބޭއްވި އައިމިނަތު ޝިމްހާ ޝަކީބްގެ "މާލޭގެ ކިއްލާ" އާޓް އެގްޒިބިޝަންގައި ޝިމްހާ އޭނާގެ އާޓްވޯކްތައް ކައިރީގައި ހުއްޓިލައިގެން.-- ފޮޓޯ: ޝިމްހާ

ޝިމްހާ އަށް ޖެހުނީ މި މައުލޫމާތުތައް ކިޔައިގެން އޭގެން ސިފަވާ އެއްޗެއް މި ތަސްވީރުތަކުން ދައްކައިދޭށެވެ.

"ފުރަތަމަ ކުރެހި އެއްޗެހީގައި ގާތްގަނޑަކަށް އެހުރީ ހަމަ ރީ-ކްރިއޭޓްކޮށްފައި ނެތް އެއްޗެއް. ވަރަށް ކުރީ ޒަމާނުގެ މެޕެއް އޮތް، އެއީ ޕޯޗުގީޒުން ރާއްޖޭގައި އުޅުނުއިރު ހެދި މެޕެއް، ދެން އެއަށް ވެސް ކުޑަކޮށް ބަލައިގެން، އެއް ތަންކޮޅު ކުރާހައި، އަނެއްކާ ވެސް އިތުރުކުރަމުން ދިޔައީ،" ޝިމްހާ ބުންޏެވެ.

"ރައީސް ދިން ވަރަށް ބައިވަރު ފޮތްތައް ވެސް ކިޔަން. އަދި ރައީސް އަކީ ވެސް އެހާ މައުލޫމާތު މުއްސަނދި ބޭފުޅެއް ވީމަ، ކޮންމެ ގަޑިއަކު ގުޅިޔަސް މެސެޖެއް ކުރިޔަސް ވަރަށް ކިޔައިދޭނެ، އެހެންނޭ މިހެންނޭ މި ތަންތަން ހުރީ."

މާލޭގެ ކިއްލާއިން ބައެއް ތަންތަން

މި އާޓްކަލެކްޝަންގެ ތެރެއިން ޝިމްހާ އެންމެ ފުރަތަމަ ކުރެހީ، މިހާރު މަސްވެރިންގެ ޕާކު ހުރި ތަނުގައި 1630 ގެ އަހަރުތަކުގައި އިމާރާތް ކުރި، ނާނޭ ބުރުޒެވެ. މަލާބާރީން ރާއްޖެ ހިފައިގެން އުޅުނު ދުވަސްވަރު، ރާއްޖެ އަށް އެހީވުމަށް ސުލްތާން ހަސަން އިޒުއްދީންގެ ދައުވަތަކަށް ރާއްޖެ އައި ފްރާންސުގެ ސިފައިން އަސްކަރީ ބޭސްއެއްގެ ގޮތުގައި ނާނޭ ބުރުޒު ބޭނުންކުރި ކަމަށްވެ އެވެ.

މި ތަސްވީރުގައި ނާނޭ ބުރުޒުގެ ފަހަތުގައި، 1651 ގައި އިމާރާތްކުރި ދޮޅިދާން މިސްކިތް ވެސް ފެނެ އެވެ. އެ މިސްކިތް 1977 ގައި ރޫޅާލުމަށް ފަހު އެތަނުގައި މިހާރު ހުންނަ އިސްކަންދަރު މިސްކިތް އިމާރާތް ކުރި އެވެ.

ދުބާއީ އެކްސްޕޯ 2020 ގައި ބޭއްވި އައިމިނަތު ޝިމްހާ ޝަކީބްގެ "މާލޭގެ ކިއްލާ" އާޓް އެގްޒިބިޝަން ބަލާލަން ދިޔަ މީހަކު އާޓްވޯކްތައް ކައިރީގައި ހުއްޓިލައިގެން.-- ފޮޓޯ: ޝިމްހާ

މި ތަސްވީރުތަކުން ފެންނަ އިތުރު ތަންތަނަކީ؛

• 1585 ކުރިން އިމާރާތް ކުރި ބިހުރޯޒު ކަމަނާ މިސްކިތް

• "ބަނދަރު މަތި މަގު" ނުވަތަ މިހާރުގެ އަމީރު އަހުމަދު މަގު

• އަލިރަސްގެފާނު ޒިޔާރަތް

• 1630 ގައި އިމާރާތްކުރި އާ ކޮއްޓޭ

• ބޮޑު ގަނޑުވަރާއި އެތެރެ ކޮއިލު މިސްކިތް

• މާލޭގެ އެންމެ ބޮޑު ފެންވަރާ ވެޔޮ "މާ ވެޔޮ"

• ބިން ހިއްކުމުގެ ކުރިން މާލެއާ އެއް ފަޅެއްގެ ތެރޭގައި އޮތް "ކުޑަ މާލެ"

• ލޮނު ޒިޔާރަތާއި ހެންވޭރު މައިޒާނާއި އަދި ލޮނދި މަގު މައިޒާން

• މާލޭގެ އުތުރު ފަރާތުގައި ހުރި ބޮޑު ކޮއްޓޭ ބުރުޒު

• ގަލޮޅު ބަކަރި ކޮއްޓާއި މާފަންނު ބަކަރި ކޮށި

މީގެ ތެރެއިން ގިނަ ތަންތަން މިހާރު ފެންނަން ނެތެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ފެށުމާ އެކު ބޮޑު ގަނޑުވަރު ވެސް ތަޅާލި އެވެ. މިހާރު އެތަނުން ފެންނަން އެ ހުރީ ސަލްޓަން ޕާކެވެ. ނާނޭ ބުރުޒާއި މާ ވެޔޮ އާއި ބޮޑު ކޮއްޓޭ ބުރުޒު ކަހަލަ ތަންތަނަކީ ވެސް މާ ކުރިން ގެއްލިފައިވާ ތަންތަނެވެ.

"އެއް ޕެއިންޓިން އިދެދާނެ ފަސް ހަތަރު ފަހަރު ވެސް ކުރަހާފައި،" ޝިމްހާ ބުންޏެވެ.

"ބައެއް ތަންތަން ހުންނާނެ ފޮޓޯއިން ވެސް ރީކްރިއޭޓްކޮށްފައި. އެކަމަކު ބޮޑަށް ބެލީ އެ ފޮޓޯގައި ފެންނަން އިންނަ އެންގަލް ނޫން އެހެން އެންގަލް އަކުން އެ މަންޒަރު ދައްކައިދެވޭތޯ."

ދުބާއީ އެކްސްޕޯ 2020 ގައި ބޭއްވި އައިމިނަތު ޝިމްހާ ޝަކީބްގެ "މާލޭގެ ކިއްލާ" އާޓް އެގްޒިބިޝަންގައި ޝިމްހާ އޭނާގެ އާޓްވޯކްތައް ކައިރީގައި ހުއްޓިލައިގެން.-- ފޮޓޯ: ޝިމްހާ

އޭގެން އެއް ތަސްވީރަކީ އަލިރަސްގެފާނު ޒިޔާރަތެވެ. މާލެ މާފަންނު ކޮޅު ނުހިއްކާ އިރު، އެއްގަމުގައި ހުރެ ނަގާފައިވާ އަލިރަސްގެފާނު ޒިޔާރަތުގެ ވަރަށް ކުރީގެ ފޮޓޯއެއް ވަރަށް ގިނައިން ފެނެ އެވެ. އެކަމަކު ޝިމްހާ ކުރެހި ތަސްވީރުގައި ފެންނަނީ އޭގެ އަނެއް ކޮޅު ނުވަތަ ކަނޑުމަތިން ބަލާއިރު އަލިރަސްގެފާނު ޒިޔާރަތް ފެންނާނެ ގޮތެވެ.

ތަންތަނުގެ އިތުރުން މި ތަސްވީރުތަކުގައި އޭރުގެ މީހުންގެ ދިރިއުޅުން ވެސް ފެނެ އެވެ. އޭގެން އެއް ތަސްވީރެއްގައި މާލޭގެ އިރުއުތުރު ފަރާތުގެ ގޮނޑުދޮށުގައި އުޅުނު ކުދިންތަކެއް ފެނެ އެވެ. ބޮޑު ގަނޑުވަރުގެ އެތެރޭގެ ފާރު މަތީގައި ލިބާހުގައި ތިބި ގަނޑުވަރުގައި ދިރިއުޅުނު އަންހެނުންތަކެއް ވެސް ފެންނަ ތަސްވީރެއް ވެސް ކުރެހި އެވެ. އެމީހުންގެ ބޮލުގައި ގަދަ ނޫކުލައިގެ ބޮލުފޭއްޔެއް ވެސް އޮޅާފައިވެ އެވެ.

"މިކަމުގައި އުޅުނީމަ ވަރަށް ގިނަ އެއްޗެހި ދަސްވި. އެއަށް ވުރެ ބޮޑަށް ހައިރާން ވެސް ވި. ގަބޫލުކުރަން ވެސް އުނދަގޫވި މާލޭގައި ހަމަ މި ތަންތަން ހުރި ބާއޭ،" ޝިމްހާ ބުންޏެވެ.

"މީގެ އަސްލު ކްރެޑިޓްސް ހަމަ ލިބެނީ ރައީސް ނަޝީދަށް. އެއީ ވަރަށް ބޮޑަށް ޝީމްހާ އަށް ކިޔައިދީގެން، ބިޒީކޮށް އުޅުއްވަމުން ވަރަށް ޓައިމް ވެސް ދީގެން މި މަސައްކަތް ނިމިފައި މިއޮތީ. ދިސް އިޒް ހީޒް ވޯކް."

ދުބާއީ އެކްސްޕޯ އަށް ފަހު މާލެ އާއި ރިސޯޓުތަކުގައި ވެސް ޝިމްހާގެ މި އާޓް ކަލެކްޝަން އެގްޒިބިޓް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

11 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަރޫޑާ

27 January 2022

ކޮބާތަ މާލޭ އިރުމަތީ ފަރާތުގަ ހުންނަ މޫން ބޭ މެރިނާ

The name is already taken The name is available. Register?

އެމީލް

27 January 2022

މާލެއަކީ ކުރިން ވަރަށްވެސް މުޑުދާރު ރަށެއްކަމަށް މަގޭ މައިންބަފައިން ކިޔާއަޑުއިވޭ. މުޅިތާ ހަޑަހަޖަހަ، މަގުތަކުގައި ބަކަރިއާއި ގުއި.. އިންޑިއާގެ ސްލަމްއެއްހެންނޯ ކުރިން މާލެ އޮންނަނީ.

The name is already taken The name is available. Register?

އަލީ1

27 January 2022

މިހާރު ވަކިރީތިތަ؟ މުޅިމާލެއޮންނަނީ ކުނިކޮތަޅުން ފުރިފައި. މީހުން ކުނިއަޅަނީވެސް މަގުމައްޗަށް.

The name is already taken The name is available. Register?

ސެސް

27 January 2022

މިހާރުވެސް މާލެ އޮންނަނީ ބްރެޒިލް ކަހަލަ ގައުމެއްގެ ފަވެލާ އެއް ހެން. ހުޅުމާލޭގައި މީހުންނަށް ގޯތި ދޫކޮށްފައި ހުރި ހިސާބުވެސް، އެއްވެސް ކަހަލަ ރޭވެންތެރިކަމެއް ނެތި އުކާލާފައި ހުންނަ ކޮންކުރީޓަކުން އަދި މާ ތާހިރުވީކަމަކަށް ނުވާނެ.

The name is already taken The name is available. Register?

އ

27 January 2022

މާލެ މީ މާ މޮޅުތަނެއްތަ ގޮތް ގޮތައް ކުރާހާ ބަލަން. ވަކި ރަށެއް ކިޔާނެ ކަމެއްނެތް . މީ ދިވެހިރާއްޖެ.

The name is already taken The name is available. Register?

ބުރުގާ

27 January 2022

ކުރެހުންތައް ރީތި. އެކަމު ސައިޒު މާކުޑަކޮއް ހުރީމަ ބަލަން އުދަގޫ.

The name is already taken The name is available. Register?

ދޮންބބޭ

27 January 2022

މީ މިހާރު ބަންގާޅު ޕަރަޑައިސް. މިތަނަކީ މާލެގެ ކަމެއް ހެނެއް ހިޔެއް ނުވޭ.. އަދި ޕާރޓޭ ޕަރަޑައިސް

The name is already taken The name is available. Register?

އިންސާފެއްނެތް ގައުމެއް

27 January 2022

ސިޔާސީ އެހީތެރިކަމެއް ނެތިފަތިބި އާއިލާތައް ބިކަވެ ނިމެނީ. ސިޔާސީ މީހުން އުދުހެނީ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

27 January 2022

އިމްޕްރެސްޑް.

The name is already taken The name is available. Register?

އޯކޭ

27 January 2022

އޭނަ މިހާރު އެ އުޅޭ ފާޑަށް، ވެރިކަމާ ނޫޅެ، ތިކަހަލަ ކަންކަމާ އުޅުނީމަ މާ ރަގަޅުވާނެ. އޭނައަކީ ޤައުމުގެ ވެރިކަމަށް ކުފޫ ހަމަވާމީހެއް ނޫން!! ރަގަޅު ވިޒަން އެއްނެތް. ޤައުމު އެބަޖެހޭ، 5ވަނަ ގިއަރުގާ، ބާރަށް ކުރިއަރާދާން. ބަލަހައްޓާގެން ތިބެވޭކަށްނެތް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

27 January 2022

ގުޑް ޖޮބް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454