25 ޖެނުއަރީ 2022 - 12:13
ޔޫރަޕްގެ އެންމެ ކާރުބާރު ބޮޑު އެއް ވައިގެ ބަނދަރުގެ ގޮތުގައި ބެލެވޭ ތުރުކީ ވިލާތުގެ އިސްތަންބޯލްގެ ވައިގެ ބަނދަރަށް އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ފޭބުމާ ގުޅިގެން، އެ ވައިގެ ބަނދަރުގެ ދަތުރުތައް ހުއްޓާލައި ވައިގެ ބަނދަރު އިއްޔެ ގަޑިއިރުތަކަކަށް ބަންދުކުރަންޖެހިއްޖެ އެވެ.
އިރުމަތީ މެޑިޓެރޭނިއަން ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ގަދަ ފިނީގެ ސަބަބުން، އިރުމަތީ ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ވަނީ އާންމު ދިރިއުޅުމުގެ ހާލަތު ހުއްޓުމަކަށް އައިސްފަ އެވެ. އިޓަލީގެ އެތެންސަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ދަތުރު ނުކުރެވޭ ވަރު ވުމާ ގުޅިގެން، އިއްޔެ ވަނީ ސްކޫލްތައް ބަންދުކޮށް ކޮވިޑް ވެކްސިން ޖަހައިދޭ މަރުކަޒުތައް ވެސް ބަންދުކޮށްފަ އެވެ.
އިސްތަންބޯލްގެ ވައިގެ ބަނދަރުގެ ދަތުރުތައް ހުއްޓައިލާފައި އޮތް އިރު، އެ ސަރަހައްދަށް އިއްޔެ ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އެ ވައިގެ ބަނދަރުގެ ކާގޯ ޓާމިނަލެއްގެ ފުރާޅު ސްނޯއިން ބަރުވެގެން ވަނީ ވެއްޓިފަ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބުނަސް ބައެއް މުދަލަށް ގެއްލުން ލިބުނު ކަމަށް ތުރުކީ ސަރުކާރުން ބުނެ އެވެ.
އިސްތަންބޯލް ވައިގެ ބަނދަރު ބަންދުކުރުމާ ގުޅިގެން، އެ ގައުމުން އޭޝިޔާ އަށާއި މެދުއިރުމައްޗަށާއި އެފްރިކާގެ ގައުމުތަކަށް ކުރަން ހަމަޖެހިފައި އޮތް ހުރިހާ ދަތުރުތަކެއް ވަނީ ކެންސަލްކޮށްފަ އެވެ. މިއީ އިސްތަންބޫލްގައި ކުރިން އޮތް އަތާތުރްކު ވައިގެ ބަނދަރުގެ ބަދަލުގައި ފަހުން ބިނާކުރި ވައިގެ ބަނދަރު 2019 ވަނަ އަހަރު ބޭނުންކުރަން ފެށި ފަހުން، ބަންދުކުރި ފުރަތަމަ ފަހަރެވެ.
ތުރުކީގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި ވައިގެ ބަނދަރު ބަންދުކޮށް ފްލައިޓްތައް ކެންސަލް ކުރީ ދަތުރުވެރިންނާއި މަތިންދާބޯޓުތަކުގެ ރައްކާތެރިކަމަށް ބެލުމަށް ފަހު އެވެ. އިސްތަންބޯލްގެ ވައިގެ ބަނދަރުގެ ރަންވޭ އާއި އޭޕްރަން އައި ޓެކްސީވޭ ވެސް އިއްޔެ އޮތީ އެއްވެސް އުޅަނދެއް ނުދުއްވޭހާ ބޯކޮށް ސްނޯ ހެދިފަ އެވެ.
އެހެންކަމުން ވައިގެ ބަނދަރު ބަންދުކޮށްފައި އޮތް ވަގުތުގެ ތެރޭގައި، ހާއްސަ އުޅަނދުތަކާއި މެޝިންތައް ބޭނުންކޮށްގެން، ސްނޯތައް ކަހައި އެއްފަރާތް ކުރުމުގެ މަސައްކަތް ކުރުމުގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އިސްތަންބޯލަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން، ހައިވޭތަކާއި ބޮޑެތި މަގުތަކުގައި ވެސް އެއްގަމު އުޅަނދުތައް ނުދުއްވި އެތައް ގަޑިއިރެއް ވަންދެން މަގުމަތީގައި ހުއްޓައިގެން ތިބެން ޖެހުނެވެ. ޝޮޕިން މޯލްތަކަށް ވިޔަފާރި މުދާ ގެންދެވޭނެ ގޮތެއް ނެތުމުން، ބައެއް މޯލްތަކުން މިހާރު ވަނީ ވަރަށް ގިނަ މުދާ ހުސްވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫބަކުރުބެ
25 January 2022
އިސްލާމީގައުމުތަކަށް ސުނޯފޭބުމަކީ މަމެން ވަރަށް އުފާކުރާކަމެއް.
ކޮރަލް
25 January 2022
މޫސުމަށް އަންނަ ބޮޑެތި ބަދަލު ތަކުގެ ވާހަކަ އަކީ ބޮޑެތި އިގްތިސާދު ތަކުން ސިއްރު ކޮށްފަ އޮންނަ ވާހަކަ އެކެވެ.