ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސައުދީ އެއާލައިންގެ ބޯޓެއް ޖައްސާފައި: މާދަމާއިން ފެށިގެން އާ ރަންވޭ ބޭނުން ކުރާނީ ޓެކްސީވޭއެއްގެ ގޮތުގައި ކަމަށް އެމްއޭސީއެލުން ބުނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު
31 ޖެނުއަރީ 2022 - 10:35
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި މާދަމާއިން ފެށިގެން ބޭނުން ކުރަން ފަށާނެ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު "މިހާރު" އަށް ވިދާޅުވީ އާ ރަންވޭ، ޓެކްސީވޭއަކަށް ހަދަން ނިންމީ އަދި އެތަން ރަންވޭއެއްގެ ގޮތުގައި ބޭނުންކުރެވެން ނެތުމުން ކަމަށެވެ. ކުރީގެ ސީޕްލެން ޓާމިނަލް ހުންނަނީ އާ ރަންވޭއާ ކައިރީގައި ކަމަށް ވާތީ އެ ރަންވޭއަށް ފްލައިޓުތައް ޖެއްސުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ވެސް ހިލާފު ކަމެކެވެ. އާ ރަންވޭއަށް ފްލައިޓުތައް ޖެއްސެން ފެށޭނީ އާ ސީޕްލޭން ޓާމިނަލަށް ހުރިހާ ހިދުމަތެއް ބަދަލުކޮށް ކުރީގެ އިމާރާތް ތަޅާލުމަށް ފަހު ކަމަށް ޝަމްއާން ވިދާޅުވި އެވެ.
"މިހާރު ސީޕްލޭން ޓާމިނަލް އެ ހުންނަނީ އާ ރަންވޭއާ ވަރަށް ކައިރި ޑޭންޖާ ޒޯންގައި. އެތަނުން އަދިވެސް ސީޕްލޭންތަކަށް ހިދުމަތް ދޭތީ އާ ރަންވޭއަށް ފްލައިޓުތައް ނުޖެއްސޭނެ،" ޝަމްއާން ވިދާޅުވި އެވެ.
އާ ސީޕްލޭން ޓާމިނަލަށް ހުރިހާ ހިދުމަތެއް ބަދަލުކުރަން އެމްއޭސީއެލުން ވަނީ އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.
ޓެކްސީވޭ އަކީ މަތިންދާބޯޓު ޖެއްސުމަށް ފަހު ރަންވޭ އަށް އިން ނުކުމެ ޕާކު ކުރަން ދާ މަގަށް ކިޔާ ނަމެވެ. މިހާރު ވެސް ޓެކްސީވޭގެ ގޮތުގައި ބޭނުން ކުރަނީ ރަންވޭ އެވެ. މީގެ ސަބަބުން ފްލައިޓުތަކަށް ރަންވޭ ކްލައިއާ ކުރަން ގިނަ ވަގުތު ނަގަ އެވެ. ނަމަވެސް މާދަމާއިން ފެށިގެން ޓެކްސީވޭއެއްގެ ގޮތުގައި އާ ރަންވޭ ބޭނުން ކުރަން ފެށުމުން އެއާލައިންތަކާއި ފަސިންޖަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.
"ކުރިން ވައިޑް ބޮޑި އެއާކްރާފްޓެއް ވިއްޔާ އެބަނަގާ 15ވަރަކަށް މިނެޓު ރަންވޭ ކްލިއާ ކުރަން. ކުޑަ އެއްޗެއް ވިއްޔާ ހަތްވަރަކަށް މިނެޓް. އެކަމަކު މި ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފެށީމަ މިނެޓެއްގެ ތެރޭގައި ރަންވޭ ކްލިއާ އެބަކުރެވޭ. މިއާއެކު މަތީގައި ހޮލްޑުކޮށްގެން ތިބެން ޖެހޭ ވަގުތު މަދުވާނެ،" ޝަމްއާން ވިދާޅުވި އެވެ.
"ކުރިން ގަޑިއިރެއްގެ ތެރޭގައި އަށް އެއާކްރާފްޓަށް ޓޭކްއޮފް ލޭންޑިން ހިދުމަތް ރަންވޭއިން ލިބޭއިރު މި ބަދަލާއެކު ގަޑައިރަކު 16 އެއާކްރާފްޓަށް ހިދުމަތް ދެވޭނެ،"
މިދިޔަ މަހު ރާއްޖެއަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް އައުމުން ބައެއް ޖެޓުތައް ޕާކު ކުރުމަށް ވެސް އާ ރަންވޭ ބޭނުން ކުރި އެވެ.
އެމްއޭސީއެލުން ރާވާފައިވާ ގޮތުގައި އާ ރަންވޭގައި ފްލައިޓުތައް ޖައްސަން ފެށުމުން މިހާރު ބޭނުން ކުރާ ރަންވޭ، ޓެކްސީވޭއަކަށް ބަދަލުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންމޮހޮނު
01 February 2022
ސުލްޓާ މެންއަތަށް ރަނުން ހަދާފަ އޮތް ތައްޓެއް ދިއްކޮލިޔަސް އޭގެންވެސް ސަލާން ޖާހާނެތެވެ. މީހަކު ވަރުގަދަ ރަންވޭ އެއް ހަދާ ދިނީމަ މިވީ ޓެކްސީ ވޭއަކަށް. 2 މިނެޓަކު ފުލައިޓެއް 2 ގަޑިއިރުން ދަބަހެއް ބާލެވެންނާ ބޭނުމެއް ނެތް
ބޭކާރު ލާރި
31 January 2022
ތިހުރިހާ އެއްޗެއް ނުބަލާ ސީޓާމިނަލް އެޅީ؟ އަރާ ކޮންމެ ސަރުކާރެއްވެސް މިކަހަލަ ހަމަނުޖެހޭ ކޮންމެވެސް ކަމެއްކޮށްފަ ފައިބަނީ! ދެރަކަމެއްނު؟ ބޯ ހަލާކު
2222
31 January 2022
ޚަބަރު ރަނގަޅަށް ކިޔާލީނަމަ ވާނުވަ އެނގޭނެ. ޚަބަރުގައި ލިޔެފައިވަނީ ކުރީގެ ސީޓާމިނަލް ހުރީ ޑޭންޖަރ ޒޯންގައިކަމަށް. ދިވެހިން ލިޔެފައި ހުންނަ ތަކެތި ދިވެހިންނަށް ފަހުމްނުވާކަން ވަރަށް ދެރަ. ލަދުން ބޯ ހަލާކު.
ފެހުރިހި.
31 January 2022
ޓާމިނަލްވީ ފަޅިއަށަ ބޯޓު ޖައްސާފަ ޓެކްސީވޭ ދިމާ އިދިކޮޅުގަ … ޕަކާސް
ހާމިދު ޝާޙިދު
31 January 2022
ރައީސް ޔާމީން ބޮޑު ރަންވޭއެއް ހައްދަވާ ދެއްވާ ޓެސްޓް ފްލައިޓްވެސް ޖައްސާ ހަދާފައިވަނިކޮށް، 3 އަހަރު ވެގެން ދިޔައިރުވެސް އެ އޮޕަރޭޝަނަށް ނުގެނެވުނު ބައެއް ތިއީ. ސީޕްލޭން ޓަރމިނަލްވެސް ހައްދަވާ ދެއްވާފައި އެމަނިކުފާނު ޖަލަށް ވަޑައިގަތީ. އެކަމަކު އެތަންވެސް ޖީބަށް ބައި އެޅޭގޮތަށް ބަޔަކަށް މިސަރުކާރުން ދޭން ހަދައިގެން ލަސްވިގޮތަށް އެއޮތީ ލަސްވެފައި. ސީޕްލޭންގެ ކުރީގެ ޓަރމިނަލް މޫވްކުރާހާ ދުވަސް މިހާރު ފާއިތުވެއްޖެ.
ރާއްޖެ
31 January 2022
މިއީ އޮޕަރޭޝަން ތިއޭޓަރުގައި ސާޖަރީ ނަހަދާ ކޮންސަލްޓޭޝަން ރޫމް ހިންގުން ކަހަލަ ކަމެއް.
ހިލަބެ
31 January 2022
ސީޕްލޭންޓާމިނަލް އެހެރީނިމިފައި އާރަންވޭބޭނުންނުކިރެވިދާ ކޮށްމެދުވަހަކީ މުޅިރާއްޖެއަށް ލިބޭވަރަށްބޮޑުގެއްލުމެއް މީމުއްސަދިންގެނުފޫޒުންލިބެމުންދާ ގެއްލުން މިކަންބަލައެއްނުގަނެވޭނެ
ނަސޭހަތްތެރި
31 January 2022
ބޭނުންކުރާށޭ ބަެނުންކުރާށޭ ނަމަވެސް އިސްރާފު ނުކުރާށޭ
ޚިޔާލާތު
31 January 2022
އާ ރަންވޭ ހަދާ ނިމުން ފަހުން މިހާރު 3 އަހަރުވީ...އަދި ކިރިޔާ ދޯ ތިކަން އެނގުނީ؟
ފޮނިޓައްޕު ހަސަނު
31 January 2022
ދޫނިރާއްޖޭގެ މީހުން ބިލިއަނުން ހަރަދު ކޮށްގެން ހިންގާ ބޮޑެތި މަޝްރޫއުތައް ނިމިގެންދާނީ ތާކުންތާކު ނުޖެހި.
މުއަތަސިމް އަދްނާން
31 January 2022
ވ ރަގަޅު ކަމެއް. ހެޔޮ ދުއާ. ކޮންމެހެންވެސް ބިސްމި ކިޔާފަ ސައޫދީ ގެ އެއަރލައިން މިކަން ފަށަން ވާނީ!