ވީއައިއޭގެ އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން މިއަދު ފެށުމާއެކު، އެ ރަންވޭ އަށް ފުރަތަމަ ޖެއްސި އެމިރޭޓްސްގެ މަތިންދާބޯޓަށް ވޯޓަ ސެލިއުޓެއް ދެނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
06 އޮކްޓޯބަރ 2022 - 12:54
މިއަދު އެ ކަނޑާލީ މުޅި ރާއްޖޭގެ އިގްތިސޯދާ ގުޅިފައިވާ އެންމެ ބިޔަ އެއް މަޝްރޫއުގެ ރިބަންފަށެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރަށް ޒަމާނީ އާ ރަންވޭއެއް ލިބުނީ އެވެ. އެންމެ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭނެ އެވެ. ރަންވޭއިން ޖާގަ ނުލިބިގެން، މަތިންދާބޯޓުތައް މަތީގައި އުދުހެން ޖެހުނު ދުވަސްތައް މިއަދާ އެކު ނިމުމަކަށް އައީ އެވެ. މިހާރު ކޮންމެ ތިން މިނިޓަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މަތިންދާބޯޓު ޖެއްސޭނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްނަގައިގެން ހަދަން ފެށި ރަންވޭގެ ފޮނިމޭވާ މިއަދު ލިބެން ފެށުމަކީ ހަގީގަތުގައި މުޅި އެއާޕޯޓުގެ ބޮޑު ބަދަލާ ގުޅިފައިވާ ކަމެކެވެ. މަތިންދާބޯޓަށް ތެޔޮ އަޅަން ޒަމާނުއްސުރެ ގެންގުޅެމުން އައި ތެޔޮ ބައުޒަރުތައް ދުވަސްގަނޑެއް ފަހުން ދޫކޮށްލާނެ އެވެ. އޭގެ ފަހުން ބޯޓުތަކަށް ތެޔޮ އަޅާނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާޕޯޓުތަކެކޭ އެއްގޮތަށް ހައިޑްރަންޓް ޑިސްޕެންސަ ބޭނުންކޮށްގެންނެވެ.
އާ ތިން ފިއުލް ފާމު ހަދާފައިވާއިރު، ޖެޓް ފިއުލްގެ ސްޓޯރޭޖު ދެން މަތިވާނެ އެވެ. ކޮންމެ 10 ދުވަކުން ކަހަލަ ގޮތަކަށް ތެޔޮ ގެނެސް ރައްކާކުރަން ޖެހޭ މުއްދަތު މާ ބޮޑަށް އިތުރުވާނެ އެވެ. ފިއުލް ފާމުތައް ބޭނުންކުރަން ފަށަން އަންނަ މަހު ތައްޔާރުވާއިރު، ތެޔޮ ހުސްވެދާނެ ކަމުގެ ބިރު ދެން ވަރަށް ބޮޑުތަކުން ކުޑަވާނެ އެވެ.
އެ ބަދަލުތައް އެންމެ ގާތުން ފެނިވަޑައިގެންނެވި އެއް ބޭފުޅަކަށް ވާނީ ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެޓަރު އިބްރާހިމް ތޯހާ އެވެ.
"އަލުގަނޑުގެ ހަޔާތުގައި މި އެއާޕޯޓަށް އައި އެންމެ ބޮޑު ޓްރާންސްފޯމޭޝަން މި ފެންނަނީ. އެންމެ ޒަމާނީ ގޮތަށް އެއާޕޯޓު ބަދަލުވުމުގެ ފެށުން މިއީ،" އެމްއޭސީއެލްގައި 35 އަހަރު ގުނަމުން ގެންދަވާ ތޯހާ ވިދާޅުވި އެވެ.
ވީއައިއޭ ތަރައްގީ ކުރުމަށް މިދިޔަ ދުވަސްތަކުގައި އެތައް ޕްރޮޖެކްޓެއް ހިންގައިފި އެވެ. ކުވައިތު ފަންޑުންނާއި އެހެން ބައެއް ތަންތަނުން ވެސް ލޯނު ނަގައިގެން އެކި ދައުރުތަކުގައި އެތައް މަސައްކަތެއް ކޮށްފި އެވެ. އެކަމަކު، އާ ރަންވޭއާއެކު، މިހާރު މި ފެންނަ ބޮޑު ބަދަލު ދުވަހަކު ވެސް ބަޔަކަށް ނުފެނެ އެވެ. ތޯހާ ވެސް އެ ވިދާޅުވަނީ އެ ވާހަކަ އެވެ.
އެމްއޭސީއެލްގެ ޑީއެމްޑީ ތޯހާ: އޭނާގެ ހަޔާތުގައި އައި އެންމެ ބޮޑު ބަދަލަކީ އާ ރަންވޭ ބޭނުންކުރަން ފެށުން ކަމަށް ވިދާޅުވި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އާ ރަންވޭއާ އެކު ކުރިއަށް ވުރެ މާ ބޮޑަށް ވެސް ސްޕީޑް އަވަސް ވާނެ. އާ ރަންވޭ އަށް ޖައްސާ އަދި ފުރާ ބޯޑުތައް ރަންވޭ އިން ވެކޭޓް ކުރުން މާ ބޮޑަށް ވެސް އަވަސް ވާނެ. އެންމެ ފަހުން އަޅުގަނޑުމެން ބޭނުންކުރި ރަންވޭގައި ކޮންމެ އެއް ގަޑިއިރަކު މި ކޭޓަ ކުރެވެނީ އެއްފަހަރާ އަށް ބޯޓަށް. އެކަމަކު، އާ ރަންވޭގައި އެއްފަހަރާ އެއް ގަޑިއިރު 21 ބޯޓަށް ޖާގަ ދެވޭނެ. އެ އަދަދު 30 އަށް އިތުރު ކުރުމުގެ ފުރުސަތު ވެސް އެބައޮތް،" ތޯހާ ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން 452 މިލިއަން ޑޮލަރު ހަރަދުކުރި އާ ރަންވޭ ބޭނުންކުރަން ފެށުމުން، ކުރީގެ ރަންވޭ ދެން ބަދަލުވާނީ ޓެކްސީވޭއަކަށެވެ.
އެއާއެކު ދެން ފެންނާނެ ބަދަލަކީ ޖެޓް މަތިންދާބޯޓުތަކަށް ޕާކިން ސްލޮޓް ދޫކުރުމުގައި ގެންގުޅުނު ރެސްޓްރިކްޝަން އެއްކޮށް ދޫކޮށްލުމެވެ.
"ޖެޓް ބޯޓުތައް އޮޕަރޭޓްކުރާ މީހުން ކުރިއަށް އޮތް ވިންޓަ ސީޒަންގައި ދެން ހާސްވާކަށް ނުޖެހޭނެ. ކުރިން ނަމަ ޕީކް ދުވަސްތަކުގައި އަޅުގަނޑުމެން ޖެޓް ބޯޓުތައް [ޕާކިން އަށް] ރެސްޓްރިކްޓް ކުރަން. އެކަމަކު ދެން އެކަން އެއްކޮށް ދިޔައީ،" ތޯހާ ވިދާޅުވި އެވެ.
އާ ރަންވޭއާއެކު، ފިއުލް ފާމުތަކުގެ އިތުރުން އާ ޕެސެންޖަ ޓާމިނަލަކާއި އާ ކާގޯ ކޮމްޕްލެކްސްއެއް ދުވަސްކޮޅަކުން ފެންނާނެ އެވެ. އޭގެ އިތުރުން މިއަދު ވަނީ އާ ސީ ޕްލޭން ޓާމިނަލު ވެސް ހުޅުވައިފަ އެެވެ.
އާ ރަންވޭ ހުޅުވަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ވިދާޅުވި ފަދައިން ވީއައިއޭ އިން ފެންނަނީ މުސްތަގުބަލު އޮތް ތަނެވެ. އެންމެ މި ޒަމާނުގެ އާ ކާގޯ ކޮމްޕްލެކްސްގެ އިމާރާތާއެކު، މި ސަރަހައްދުގައި ކާގޯގެ ހިދުމަތް ދިނުމުގެ ހަބަކަށް ރާއްޖެ ވާނެ ކަމުގެ އުންމީދު އޭނާގެ ބޮޑެވެ.
"އެހެންވީމާ މިތާނގެ މުސްތަގުބަލް ވަރަށް ވެސް އުޖާލާ،" ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، "އެއްޗެއް ހަދާފައި ހަމަ ބޯޓު ޖެއްސީކީ ނޫން" ކަމަށާއި އެއީ ސެޓިފައިޑް ރަންވޭއެއް ކަމަށެވެ.
އާ ރަންވޭ ބޭނުންކުރަން ފެށުމަށް މިއަދު ހެނދުނު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމަށް އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ރަމްޒީ ހަދިޔާއެއް އަރުވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު
..."ހުރިހާ މޮޑަން އެއާޕޯޓެއްގައި ހުންނަ ހުރިހާ އެއްޗެއް އޮންނާނީ މިތާނގައި. މި އެއާޕޯޓު ވާނެ އިނގޭތީ މި ހިސާބުގަނޑުގައި އޮންނަ އެންމެ ރަނގަޅު އެއާޕޯޓެއް ކަމަށް،" އެމްޔޫ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވީ، އާ ރަންވޭއަކީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓު ޖެއްސޭނެ ފެންވަރުގެ ތަނެއް ކަމަށެވެ.
"މި ރަންވޭގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރަންވޭއަކާއި ޓެކްސީވޭއެއް އެކުއެކުގައި ބޭނުންކުރަން ފެށޭނެ. މީގެ ސަބަބުން އެއާޕޯޓުގެ ތްރޫޕުޓް 8 އިން 21 އަށް ދާނެ. ކުރިން ދެ ބޯޓުގެ ދެމެދުގައި 10 މިނިޓުގެ ދިގުމިނެއް ބަހައްޓައިގެން ގެންނައިރު، މިހާރު ދެ ބޯޓު ޖައްސާ ދުރުމިން ތިން މިނިޓަށް ކުޑަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
"އަދި މިހާރު އެންމެ ގިނަވެގެން މިނިޓެއްގެ ތެރޭގައި ރަންވޭ ކްލިއާ ކުރެވިގެން ދާނެ. މީގެ ސަބަބުން ފްލައިޓް ފުރުމާއި ޖެއްސުމުގައި ކުރިން ދިމާވި ޑިލޭތައް މުޅިން ހެން ހައްލު ވެގެން ދާނެ."
އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޔާމީންގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިން އެއް މަޝްރޫއަކީ ވެލާނާ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ. އެ ޕްރޮޖެކްޓްގެ އެއްބައި ކަމަށްވާ އާ ރަންވޭގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ބީޔޫސީޖީންނެވެ. އެ ސަރުކާރުގައި 2015 އަހަރު ހަވާލުކުރި އެ މަސައްކަތް ޔާމީންގެ ފަސް އަހަރުގެ ދައުރުގެ ފަހުކޮޅު ނިންމައި އެ މަނިކުފާނު އެ ތަން ރަސްމީކޮށް ހުޅުއްވައި ދެއްވި ވެސް މެ އެވެ. އެކަމަކު، އެ ރަންވޭއާ ކައިރީގައި ހުރި ބައެއް އިމާރާތްތައް ނެގުމަށް ވަގުތު ދިއުމުން ރަސްމީކޮށް ބޭނުންކުރަން ފެށުން ދިގުލައިގެން ދިޔައީ އެވެ. އެއާއެކު، ކޮވިޑްގެ ބަލިމަޑުކަން ވެސް އެ މަޝްރޫއަށް ހުރަސްއެޅި ކަމަށް މި ސަރުކާރުން ބުނެ އެވެ.
އާ ރަންވޭއާކު ދެން ވީއައިއޭ އަށް އިތުރުކުރާ ގިނަ ބައިތައް އަންނަ އަހަރު ނިމޭނެ އެވެ. އެންމެ ޒަމާނީ އެއާޕޯޓެއް ފެންނަން ފަށާނީ އަދި އޭރުންނެވެ. އާ ރަންވޭއަކީ އޭގެ ފެށުންކަން ޔަގީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
08 October 2022
އާރަންވޭއެއް، އާ އެއާޕޯޓެއް؟ މުވައްޒަފުންނަށްވެސް މުޅިން އާބައެއް، ދިވެހިންގެ ބަދަލުގަ ހުސް ބިދޭސީން؟ ދިވެހިންގެ އެއާޕޯޓް ދިވެހިންނަށްވުމަކީ އެއާޕޯޓްގެ ވަޒީފާތައް ދިވެހިންނަށް ޚާއްސަވުން!
ކުޑަކަތީބު
07 October 2022
ޗާންސްގެ ބޭނުން ހިއްޕަވައިގެން ޖީ އެމް ޢާރު އާއި ހަވާލުކޮށްދެއްވާ! އޭރުން ބާލިދީއާއެކު ގުޜޫޕެއް އަޅާލާނެ!
ކާލީކަޓް
06 October 2022
މަ ބަލަން މިހިރީ އެންޓޮނޯވް 225 ތި ރަންވޭއަށް ޖައްސާތޯ. އެކަމަކު އަދިއެއް ނުފެނޭ
އެމްސް
08 October 2022
90 ގެ ކުރީކޮޅު، 5 ހެލިކޮޕްޓަރު ހިފައިގެން ރާއްޖެ އައީ އެންޓަނޯވް މަރުކާގެ ބޯޓެއް!
ށަވިޔަނި
06 October 2022
ކޮން މަންޒަރެއް ބަދަލުވަނީ؟ ހުޅުލޭ ފެންނަނީ ބޮޑު ކުނިގޮނޑެއްހެން. ދަބަރުޖަހާފަވާ ވެހިކަލްތައް ދަބަރު ދަނގަނޑު. ޓަޔަރުތައް މިހެންގޮސް ބޮޑު ލިސްޓެއް ހެދިދާނެ. ޑަބަލްޑެކަރު ބަހުން ދާއިރު އަދި ފްލައިޓް ލޭންޑްކުރާއިރާއި ޓޭކްއޮފް ކުރާއިރު މިތަކެތީގެ މަންޒަރުން މުޅިރަށް ރީތިވޭ. ބަގީޗާއެއްގޮތަށް ފެންނަން ޖެހޭތަނެއް. މަގޭ ބޮލުގަ ރިއްސާ. މަށަކީ މަހުޖަނެއްނަމަ އަމިއްލަ ޚަރަދުގަ ނަމަވެސް މިތަކެތި ނައްތަން މަސައްކަތް ކުރާނަން. ބަގީޗާއަކަށް ހަދާނަން.
އެމްސް
08 October 2022
މިރާއްޖޭގެ ވެރިރަށަކީ އެންމެ ބޮޑު ކުނިގޮނޑު، ދެނޯ؟
ސަސ
06 October 2022
ގަބޫލު ކުރަން ކިތަންމެ ބޭނުން ނުވިޔަސް މިއީ ދުރުވިސްނޭ ބަޔަކު ވާނުވާ އެނގިގެން ކުރަން ފަށާފައޮތް ކަމެއް. އެއާޕޯރޓަށް ހަދާނެ ގޮތެއް ނޭންގިގެން ޖީއެމްއާރަށް ދިން ބަޔަލަށް ހަޖަމް ނުވެދާނެ
ދިއްދޫމީހާ
06 October 2022
ކަމަކަށް ވާކަހަލަ ކަމެއް ކުރީ ޔާމީން ދެން މިހުރީ ފިނިހަކައަކަށް ވުރެން ސްލޯ މީހެއް ރައީސްއަކަށް މިހާރު މޮޔަ ހިތައް އަރާ މިބައިގަނޑުގެ ބަހަށް ހެއްލިގެން ވޯޓް ދެވުނީތީ..
އެމްސް
08 October 2022
އެނެމެންވެސް އިސްކުރީ ބޮންދުން، އެހެންކަމުން ވަޒީފާގެ ބާޒާރުގެ %90 ބިދޭސީންނަށްވެ އަމިއްލަ ޤައުމުގައި ދިވެހިން ބިކަވެއްޖެ!
ޢަލަންގިރި
06 October 2022
ސާބަހޭ ތަރައްގީ ގެ ބާނީ ޔާންޓޭ، ތިޔައީ ޒަޢީމެ ގައުމު ފަހުރުވެރިވާ، 2023 ޔަގީން
ޑެބީ
06 October 2022
2023 ވޯޓުލާއިރު ޖަލުގަ އޮންނާނެހެން ހީވަނީ
މަގޭޚިޔާލޭ
06 October 2022
ފެންޖަހާތަން ފެނުނީމާ މަގޭ ޚިޔާލަށް އަންނަނީ އަދި ފެންނަނީ ބާލިދީ އެއަރޕޯޓުގައި ބާލިދީން ފެންޖަހާ މަންޒަރު އިނގޭތޯ؟
ޅަބޭ ދަނޑި
06 October 2022
ލަދެއް ހަޔާތެއް ނެތަސް ތަންފުކެއް ބޮޑުވަރުތީ. ސްލޯ ވިއަސް ބޮޑުވަރުތީ މިކަހަލަ ވިޝަން އެއް މި ދަނޑިދަމާ ގުރޫޕްގަ ނުހުންނާނެ
މަންޒަރެއް
06 October 2022
ބަދަލުވާނެ މަންޒަރަކީ އިރުއިރުކޮޅާ ބޯޓުފަހަރު ޖެއްސުމާއި ފުރުން. ބޭރުގެ ކުންފުނިތަކުގެ އެކައުންޓްތައް ބަރާވަމުން ފުރެމުންދިޔުން. ބަދަލުނުވާނެ މަންޒަރަކީ ދިވެހިރައްޔިތުންގެ އެކައުންޓަކަށް ރިޒޯޓް ފައިދާއާއި އާމްދަނީގެ ޑޮލަރެއް ނުވަނުން. އަދި ރައްޔިތުމީހާ ޑޮލަރު ފަހަތުން ސަލާންޖަހަމުން ދުވުން.
އެމްސް
08 October 2022
ދެމެހެއްޓޭނެ މަންޒަރަކީ މިޤައުމުގަ އުޅޭ ބައިމިލިޔަނެއްހާ ބިދޭސީންގެ މައްޗަށް، މަހަކު 200 މިލިޔަން ޑޮލަރަށްވުރެ ގިނައިން މިޤައުމުން ބޭރުވަމުންދާ ދިއުން! އޭގެ އަނެއް މަންޒަރަކީ ޑޮލަރުގެ ކަޅުބާޒާރަށް ރިސޯޓް ވެރިން ޑޮލަރު ސަޕްލައިކުރަމުންދާ ދިއުން!