ސުޕްރީމް ކޯޓު: އައިކޮމްގެ ނިންމުންތައް ނުބަލަން ހައި ކޯޓުން ނިންމާފައި އޮތަސް، އެފަދަ މައްސަލައެއް ބަލައިގަތުމަށް ހައި ކޯޓަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
04 ފެބުރުއަރީ 2022 - 12:05
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމާފައި އޮތަސް، އެފަދަ މައްސަލައެއް އެ ކޯޓުން ބެލުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
މައުލޫމާތު ހޯދައި ލިިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅޭނެ އެވެ. އެކަމަކު އެމްޑަބްލިއުއެސްސީގެ މައުލޫމާތުތަކެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލައެއްގައި ހައި ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ އެފަދަ މައްސަލަތައް އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައި އޮތަސް، އެ މައްސަލައިގެ ހުކުމެއް އަދި ނީއްވަ އެވެ.
އެހެންވެ، މިފްކޯގެ މައުލޫމާތުތަކެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު މިދިޔަ އަހަރު އެންގި އެންގުމެއް އިސްތިއުނާފް ކުރަން އެ ކުންފުނިން ހައި ކޯޓަށް ހުށަހެޅުމުން ވެސް ހައި ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ ނުބެލުމަށެވެ. ސަބަބެއްގެ ގޮތުގައި އެ ކޯޓުން ދެއްކީ އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މައްސަލައިގައި އެ ކޯޓުން ނިންމާފައި އޮތުމެވެ.
ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން މިފްކޯއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ނިންމި ނިންމުމުގައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެފަދަ މައްސަލަތައް ހައި ކޯޓަށް ހުށަހެޅޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެންވެ، މިފްކޯއިން ހުށަހެޅި މައްސަލަ 10 ދުވަސް ތެރޭގައި އަލުން ހުށަހަޅައިފި ނަމަ އެ މައްސަލައެއް ހައި ކޯޓުން ބަލަން ޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެގޮތަށް ނިންމެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިއްތިފާގުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
04 February 2022
ލިޔެފައި އޮންނަ ގާނޫނާއި ޤަވާއިދު ބާއްވާފައި، ވެރިންނަށް ތިބޭ މީހުންނަށް ފެންނަ ގޮތަކަށް ކަންކަން ކުރަން އުޅޭތީ މިފަދަ ފުށޫއެރުންތައް އަރަނީ.
އުދުހޭ
04 February 2022
ގާނޫނުގައި ލިޔެފަ އޮންނައިރު ހައިކޯޓުން އެމައްސަލަ ފުރަތަމަވެސް ބަލަންޖެހޭނެނޫންތަ؟ ކީއްވެބާ ނުބެލީ؟ ގާނޫނަށް ތަބާވާން ކޮންމެ ފަހަރަކު ސުޕްރީމްކޯޓުން އަނގަންޖެހޭތަ؟