ސުޕްރީމް ކޯޓު: އައިކޮމްގެ ނިންމުންތައް ނުބަލަން ހައި ކޯޓުން ނިންމީ ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
10 ފެބުރުއަރީ 2022 - 19:09
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމާ ނިންމުންތަކުގެ މައްސަލަތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިދިޔަ އަހަރު ނިންމީ ގާނޫނުގައި ސާފުކޮށް ބުނެފައިވާ ގޮތާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެފަދަ މައްސަލަތައް އެ ކޯޓުން ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް އެ ގާނޫނުގައި ބުނެފައި އޮތަސް، ހައި ކޯޓުން މިދިޔަ އަހަރު ނިންމީ އެފަދަ މައްސަލަތައް އެ ކޯޓަށް ނުބެލޭނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ މައުލޫމާތުތަކެއް ދޭން އިންފޮމޭޝަން ކޮމިޝަނަރު ނިންމި މައްސަލައެއްގައި ހައި ކޯޓުން އެގޮތަށް ނިންމީ ގާނޫނުގައި އިބާރާތް ކޮށްފައި އޮތްގޮތުން އިިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއަކަށް ނުވާތީ ކަމަށް ބުނެ އެވެ.
އެ ހުކުމަށް ފަހު، އައިކޮމްގެ ނިންމުންތަކުގެ މައްސަލަ ހައި ކޯޓުން ބަލައެއް ނުގަނެ އެވެ. އަދި ބަލައިގެންފައި ހުރި މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ފަހުން ނިންމި އެވެ. އެހެންވެ، އެ ހުކުމް އެމްޑަބްލިއުއެސްސީގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އައިކޮމްގެ ނިންމުންތައް އިސްތިއުނާފް ކުރެވޭނީ ހައި ކޯޓުގައި ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި އޮތުމުން އެފަދަ މައްސަލަތައް ހައި ކޯޓުން ބެލުމުގައި އައިކޮމްއަކީ އޮފީހެއް ނުވަތަ ޓްރައިބިއުނަލަކަށް ވުން ލާޒިމު ނުވާ ކަމަށެވެ. އަދި ކޯޓުތަކުގެ ގާނޫނު އޮތްގޮތުން ވެސް އެފަދަ މައްސަލަތައް ހައި ކޯޓުން ބެލުމަށް އެއްވެސް ހުރަހެއް ނެތުމުން އެއީ އިތުރު ބަހުސަކަށް ދިއުމެއް ނެތި ހައި ކޯޓުން ބަލަންޖެހޭ މައްސަލަތަކެއް ކަމަށް އެންމެ މަތީ ކޯޓުގެ ހުކުމުގައިވެ އެވެ.
"ހައި ކޯޓުގެ އިސްތިއުނާފީ އިހްތިސާސް ދެނެގަންނަނީ ނިންމުން ނިންމާ މުއައްސަސާގެ ތަބީއަތާއި ސިފައަކުން ނޫނެވެ. ހައި ކޯޓުގެ އިސްތިއުނާފީ ނުވަތަ އެ ނޫން ވެސް އިހްތިސާސެއް ފާޅުވަނީ ގާނޫނުގައި ކަޅާއި ހުދުން ލިޔެފައިވާ އިބާރާތްތަަކުންނެވެ." ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ އައިކޮމްގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނީ ހަމައެކަނި ހައި ކޯޓުގައި ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި އޮއްވައި ހައި ކޯޓުން ވެސް އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ނިންމުމުން އައިކޮމްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް ދިއުމުގެ ދޮރު އެއްކޮށް ބަންދުވާ ކަމަށެވެ. އެހެންވެ، ހައި ކޯޓުގެ ނިންމުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ސާފުކޮޮށް ބަޔާން ކޮށްފައިވާ ކަންކަމާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އެހެންވެ، އެ ހުކުމް ބާތިލް ކުރުމާއެކު، އެމްޑަބްލިއުއެސްސީން ހުށަހެޅި މައްސަލަ ހައި ކޯޓުން އަލުން ބަލަންޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ސުޕްރީމް ކޯޓުން މިއަދު އެގޮތަށް ހުކުމް ކުރުމުގެ ކުރިން، މިދިޔަ ހަފުތާގައި ވެސް މިފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމި އެވެ. މިފްކޯގެ މައުލޫމާތުތަކެއް ހާމަކުރަން އައިކޮމުން އެންގި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން އެ މައްސަލަ، އެ ކުންފުނިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެންގީ ހައި ކޯޓުގެ ކުރީގެ ހުކުމް ދެމިއޮތަސް، އެ މައްސަލަ ހައި ކޯޓުން ބެލުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އމނ ފއސލ
10 February 2022
ތިޔަ ނިންމުން ނިންމި ބަޔަކު ވަކި ކުރާކައްނު ޖެހޭނީ؟
ނައިކީ
10 February 2022
ތި ހައިކޯޓުގެ ރަޖުސްޓްރަރއާ ފަނޑިޔާރުން އިސްތިއުނާފަށް ހުށަހަޅާ ގިނަ މައްސަލަތައް ބަލައި ނުގަނެ ބޯދަމައިގަންނަ ކަން ފާހަގަކުރެވޭ.. ރަޖިސްޓްރުރާ ނިންމާ ނިނއމުމްތަކަށް ފަނޑިޔާރުން އަބަދުވެސް ތާއީދުކޮށްފަ މައްސަލަތައް ބޭރުކޮށް މައްސަލަ މަދުކުރުމުގެ ސިޔާސަތު ގެމްގުޅޭ.. މީގެ ސަބަބުން އިސްތިޢުނާފުކުރުމުގެ ހައްޤުހަނިވޭ..
އަލީވަގު
11 February 2022
ގިނަ ފަނޑިޔާރުން ލާބަލަ އެތަނަށް. އޭރުން ސްޕީޑް ނެގޭނީ. 11 މީހުން ވެގެން ކިހިނެއް ހަދާނީ....
ރީމީ
10 February 2022
ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު. އެވެސް ޑރ އެއް
އަޒުމިރައްދާ
10 February 2022
ހޫން ހާދަ ފަހަތެއްގަ ކޮއްކޮ ތިއުޅެނީ.. އެއީ ރާއްޖޭގަ އިންޓަރލެކްޗުއަލަ ޕުރޮޕަޓީ ލޯ އަށް ހާއްސަވެ ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ އަދި ހަމައެކަނި އިންސާނާ.. އިނގެރޭސިވިލާތިގެ ލަންޑަންގަ ކިޔެވުން ފުރިހަމަކުރެއްވީ..
ހަހަހަހަހަ
11 February 2022
އެހެންވިއްޔާ، ދެނޯ؟ ތިޔަ ކަހަލަ ބައިވަރު.... ހަމައެކަނި މިވެނި އެއްޗަކުން ކިޔަވައިގެން އުޅޭ.
ދެރޮނގު
15 February 2022
ޑރ އެއް އެކަމަކު މި ލިޔުންތެރިޔާއަށް ތިޔަކަން ފާހަގައެއް ނުވޭ. ޕީ.އެޗް.ޑީ ނެންގެވި ފިރިހެން ބޭފުޅާ ފެންނަނީ. ކީއްކުރާނީ!